Advertisement

ފަލަސްޠީނަށް ޣައްދާރުވުމަކީ ރަތް ރޮނގު ހުރަސްކުރުން (3)

26 Dec 2023 | 21:51
ފަލަސްތީނުގެ ޙާލަތް ރަމްޒުކޮށްދޭ ކުރެހުމެއް.

އަލްއުސްތާޒު އަޙުމަދު މާޖިދު

(15.12.2023ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަނިޔާގެ ކަޅު ޞަފުޙާތައް

ޒައިނިސްޓުންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާގެ މައްޗަށް އަނިޔާ ލިބެމުން ދާތާ ސަތޭކަ ސާޅީހަކަށް އަހަރު ވަނީއެވެ. 1948ވަނަ އަހަރު އެމީހުންގެ ދައުލަތް އުފެދުމަށް ފަހު، އަނިޔާގެ ބަރު އުޑީގެ އެނބުރުން ވަނީ ކުރިޔަށް ވުރެ އެތައް ގުނައެއް އަވަސްވެފައެވެ. އެ އަނިޔާތަކުގެ ވާހަކަ ފުރިހަމަޔަށް ލިޔެވޭނީ އެތައް ހާސް ޞަފުޙާއެއްގައެވެ. މި ފަދަ މަޤާމެއްގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، އެ އަނިޔާތަކުގެ މައްޗަށް އަވަސް ކަޅިޔެއް ހިންގައިލުމެވެ.

ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓް ދައުލަތެއް އުފެއްދުމުގެ މަސައްކަތް، ޔޫރަޕުގެ އަޝްކެނާޒީ ޒައިނިސްޓުން ރަސްމީ ސިފައެއްގައި ފެށީ މީލާދީން 1880ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ދުވަސްވަރު، މައިގަނޑު ގޮތެއްގައި ރޫސީ ވިލާތާއި ޔޫރަޕުގެ އަޝްކެނާޒީ ޒައިނިސްޓް ޔަހޫދީންގެ ޖަމާޢަތްތައް ފަލަސްޠީނަށް މަޑުމަޑުން ހިޖުރަކުރާން ފެށިއެވެ. ޒައިނިސްޓް ދައުލަތް އުފެއްދުމުގެ މަޝްރޫޢު ބާރު ދުވެލީގައި ކުރިޔަށް ދާންފެށީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޢުޘްމާނީ ތުރުކީން ބަލިވެ، އިނގިރޭސީންގެ ބާރުގެ ދަށަށް ފަލަސްޠީނުގެ ބިން 1917ވަނަ އަހަރު ދިޔުމުންނެވެ. އެ ދުވަސްވަރު، ޒައިނިސްޓުންގެ ތެރޭގައި ހަތިޔާރު އެޅި ޖަމާޢަތްތަކެއް ނުވަތަ ގޭންގުތަކެއް އުފެދިގެން އައެވެ. މި ޖަމާޢަތްތަކުގެ މަޤުޞަދަކީ ފަލަސްޠީނުގެ ރައްޔިތުންގެ އަވަށްތައް ހަލާކުކޮށް، ފަލަސްޠީނީން މަރައި، އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން، އެ މީހުންގެ ބިންތަކުން ބޭރުވެ ހިޖުރަކުރުމަށް މަޖުބޫރުކުރުމެވެ. އަދި ފަލަސްޠީނީން އެ މީހުންގެ ގެދޮރާއި އަމިއްލަ ވަޒަނުގެ ޙިމާޔަތުގައި ކުރަމުން ގެންދިޔަ އިޙުތިޖާޖުތަކާއި ހިންގަމުން ދިޔަ ޙަރަކާތްތައް ފުނޑުފުނޑުކޮށްލުމެވެ. އިސްލާމީ ދުނިޔެއަށް "ޓެރަރިޒަމް" ތަޢާރަފުކުރީ މި ދެންނެވި ޒައިނިސްޓް ޖަމާޢަތްތަކުންނެވެ. މޯލްޑިވިޔަން ޑިމޮކްރެޓިކް ނެޓްވޯރކް ފަދަ ޖަމްޢިއްޔާތަކުގެ "އެކްސްޕާޓުންނަށް" ހީވެފައި އޮންނަ ގޮތާ ޚިލާފަށް، "ޓެރަރިޒަމް"އަކީ ޤުރްއާނުގެ ޞަފުޙާތަކާއި މުޙައްމަދު ނަބީކަލޭގެފާނުގެ ސުންނަތުގެ ތެރެއިން މުސްލިމުންނަށް ފެނުނު ކަމެއް ނޫނެވެ. އެއީ މުސްލިމުންގެ އުފެއްދުމެއް ނޫނެވެ. 20ވަނަ ޤަރުނު ފެށިގެން އައި އިރު، "ދަ ރަޝިޔަން މެތަޑް" ނުވަތަ "އެސެސިނޭޝަނިޒަމް"ގެ ނަމުން މަޝްހޫރު ވެފައި އޮތް މި ނުބައި އުކުޅު އިސްލާމީ ދުނިޔެއަށް ތަޢާރަފުކުރީ ޒައިނިސްޓުންނެވެ. ޒައިނިސްޓުން ފަލަސްޠީނުގައި އުފެއްދި ފުރަތަމަ ޓެރަރިސްޓް ޖަމާޢަތަކީ 1907ގައި އުފެއްދި "ބާރް ގިއޯރާ" ޖަމާޢަތެވެ. ދެވަނަ ޖަމާޢަތަކީ 1917ވަނަ އަހަރު އުފެއްދި "ޖުވިޝް ލީޖިއަން" ޖަމާޢަތެވެ. ތިންވަނަ ޖަމާޢަތަކީ 1920ގައި އުފެއްދި "ހަގާނާ"އެވެ. ހަތަރުވަނަ ޖަމާޢަތަކީ 1930 ހައި ތަނުގައި އުފެއްދި "އިރްގުން ޒްވާއީ" ޖަމާޢަތެވެ. ފަސްވަނަ ޖަމާޢަތަކީ 1940ގައި އުފެއްދި "ލާހީ" ނުވަތަ "ސްޓަރން ގޭންގް"އެވެ ކިޔުނު ޖަމާޢަތެވެ. މި ގޭންގުތަކުން، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރި، ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމުގެ މަޤްޞަދުގައި، ފަލަސްޠީނީންގެ އަވަށްތަކަށް ޓެރަރިސްޓް ޙަމަލާތައް ދެމުން ދިޔައެވެ. މި ޙަމަލަތަކުގައި އެތައް އަވަށެއް ސުންނާފަތިކުރެވި ލޫޓުވައިލެވުނެވެ. އެތައް ހާސް ބަޔެއްގެ ގެދޮރު ސުންނާފަތިކުރެވުނެވެ. އެތައް ހާސް ބަޔަކު ޝަހީދުކުރެވުނެވެ. މި ފަދަ އެއް ހާދިސާޔަކީ، އިސްރާއީލުގެ ދައުލަތް އިޢުލާނުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރީން، 1948ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި "އިރްގުން ޒްވާއީ"އާއި "ލާހީ"ގެ ޓެރަރިސްޓުން ހިންގި "ދައިރް ޔާސީން" ޤަތުލުޢާއްމެވެ. މި ޤަތުލުޢާއްމުގައި، ޓެރަރިސްޓުންގެ 130 ވަރަކަށް މީހުން ހަތިޔާރާ އެކު، އެއް ރެއެއްގެ ދަންވަރު، 600 ވަރަކަށް ފަލަސްޠީނީން ދިރިއުޅެމުން ދިޔަ ދައިރް ޔާސީން އަވަށަށް އަރައި، ގޭގެޔަށް ވަކިވަކީން ވަދެ، ބަޑިޔާއި ވަޅި ފަދަ ހަތިޔާރުތަކުން މީހުންނަށް ޙަމަލަދީ 250 ވަރަކަށް މީހުން ޝަހީދުކުރިއެވެ. މަދަރުސާޔަށް ދާ ޢުމުރުން ފެށިގެން ގޮސް މުސްކުޅި ޢުމުރުގެ އެތައް އަންހެނުންނާއި އަންހެން ކުދީން ރޭޕުކުރިއެވެ. އެތައް ބަޔަކުގެ އަތްފައި ތޫނު ހަތިޔާރުތަކުން ބުރިކޮށް ހެދިއެވެ. މީހުންގެ ގައިގައި ބަޑިޔާއި ދަނޑިބުރި ފަދަ ހަތިޔާރުތަކުން ތަޅައި، ގުނަވަންތައް ބިންދައި ހެދިއެވެ. ގޭގޭގައި ހުރި ފައިސާޔާއ، މުދަލާއި، އަންހެނުންގެ އަތްފަޔާއި ކަރާއި ކަންފަތުގައި ހުރި ގަހަނާތަކަށް ދާނދެން ފޭރުނެވެ. ބައެއް އަންހެނުންގެ ކަންފަތުގައި ހުރި މުދި ފަދަ ގަހަނާތައް ފޭރިގެންފައި ވަނީ ކަންފަތާ އެކު، ވީދައިގެންނެވެ. މި ދެންނެވީ ހަމަ އެންމެ މިސާލެކެވެ. ތާރީޚުގެ ފޮތްތަކުން، މި ފަދަ އެތައް ޤަތުލުޢާއްމެއްގެ ބިރުވެރި ތަފުޞީލުތައް ފެނިވަޑައިގަންނަވާނެއެވެ.

1948ގެ ކުރީންނާއި އެއިގެ ފަހުން ޒައިނިސްޓުން ހިންގި ޓެރަރިޒަމާއި ގަތުލުއާންމުތަކުގެ ވަސީލަތުން، އަދި 1967ވަނަ އަހަރުގެ ހަނގުރާމައިގައި ބާރުގެ ބޭނުންކޮށްގެން، ފަލަސްޠީނުގެ ރައްޔިތުންގެ 400އަށް ވުރެ ގިނަ އަވަށް ހުސްކުރެވުނެވެ. އަދި އެ އަވަށްތަކުގައި ދިރިއުޅެމުން ދިޔަ އެއް މިލިޔަނަށް ވުރެ ގިނަ ފަލަސްޠީނީން އެ މީހުންގެ ގެދޮރުން ބޭރުކުރެވި، ވަޒަނުން ފައްސައިލެވުނެވެ. އެ ހުރިހައި ބިންތަކެއް ޒައިނިސްޓް އިސްރާއީލުން ބާރުގެ ބޭނުންކޮށްގެން އަމިއްލަކުރީއެވެ. މިހާރު އެ ބިންތަކުގައި ހުރީ ޒައިނިސްޓް އިސްރާއީލުގެ އަވަށްތަކާއި ޝަހަރުތަކާއި ދަނޑުބިންތަކާއި މަދަރުސާތަކާއި ހަސްފަތާލުތަކާއި ފެކުޓަރީތަކާއި ވިޔަފާރި މޯލުތަކާއި ޕާކުތަކާއި މައިޒާންތަކާއި ޑިސްކޯތަކާއި ސިނަމާތަކާއި ނައިޓު ކުލަބުތަކާއި ބަނގުރާފިހާރަތަކެވެ. އެ ތަންތަނުގެ މިލްކުވެރި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ގެންދަނީ، ހުރިހައި އެއްޗެއް ލޫޓުވައިލެވިފައި ވާ ބަޔެއްގެ ގޮތުގައި ރެފިޔުޖީ ކޭންޕުތަކުގައެވެ. އާބާދީ ހެދިފޯދުމުގެ ތެރެއިން އެ މީހުންގެ ޖުމުލަ ޢަދަދު މިއަދު ވަނީ ފަސް މިލިޔަނަށް އަރައިފައެވެ. އެ މީހުންނަށް އެ މީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދެވޭން ޖެހޭނެކަމަށް ބައިނަލްއަޤްވާމީ ޤާނޫނު ވަރަށް ސާފުކޮށް ބުނެއެވެ. އަލިފުދާލުގެ އާންމު މަޖިލިހުގެ 194ވަނަ ޤަރާރާއި، އެ ޤަރާރަށް ބާރު ދޭ އެތައް ނިންމުންތަކަކާއި ޤަރާރުތަކަކުން ވެސް ފިސާރި ހަރު އަޑުން އެ ވާހަކަ އިއްވައެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެއިގެ ތެރެއިން ހަމަ އެކަކަށް ވެސް، އެ މީހެއްގެ އަމިއްލަ ވަޒަނަށް ނުވަތަ ގެދޮރަށް އެނބުރިއައުމުގެ ފުރުޞަތު އިސްރާއީލުން ދީފައެއް ނުވެއެވެ. ގަދަބަދަވިކަމާއި ޖައްބާރުކަމުގެ ބޭނުން ކޮށްގެން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި ޔޫރަޕުގެ ތާއީދާ އެކު، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ރެފިޔުޖީންގެ ކުރިމަތީގައި އެ މީހުންގެ އަމިއްލަ ވަޒަނުގެ ދޮރު ވަރުގަދަޔަށް ތަޅުލައި ބަންދުކޮށްފައެވެ.

ފަލަސްޠީނުގެ ރައްޔިތުން މަރައި އެ މީހުންގެ ލެއި އޮހޮރުވުމަކީ އިސްރާއީލުގެ ގާތުގައި ކުޅިވަރެކެވެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ހަވީރު ޢަޞުރު ނަމާދުކޮށްގެން ފުޓުބޯޅަ ނުވަތަ ވޮލީ ނުވަތަ ބެޑްމިންޓަން ކުޅޭ ފަދައިން، އެ މީހުން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި އިސްރާއީލުގެ ސިފައިންނާއި ޒައިނިސްޓް އާބާދީތަކުގައި ޙަރަކާތްތެރިވާ ކަނާތު ފިޔައިގެ ޙައްދުފަހަނައެޅި ޓެރަރިސްޓް ގޭންގުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ އަމާޒުކޮށް ހަތިޔާރު އުފުލާ އިރު، މުސްކުޅިއެއް، ޒުވާނެއް، ކުޑަކުއްޖެއް، އަންހެނެއް، ފިރިހެނެއް، ކުޅެދޭ މީހެއް، ނުކުޅެދޭ މީހެއް ވަތްކެއް ނުކުރެއެވެ. އެންމެ ހާދިސާއެއްގެ މަތީން ހަނދާން ކޮށްލަމާ ހިންގަވާށެވެ! 2014ވަނަ އަހަރު  ޖުލައި މަހު 16ވަނަ ދުވަހުގެ ހަވީރު 4 ޖަހާކަށްހައި އިރު، ޣައްޒާގެ އައްސޭރީގައި އަތިރިމަތީގައި ފަލަސްޠީނުގެ ހަތަރު ކުޑަކުދީން މަޖަލަށް ފުޓުބޯޅަ ކުޅޭން ތިއްބައި، އެ ދިމާއިން ބޭރުގައި އޮތް އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އުޅަނދަކުން އެ ކުދީން ތިބި ހިސާބަށް ބޮޑުބަޑީގެ ޙަމަލާތަކެއްދިނެވެ. އެއިން ޙަމަލައެއްގައި އެ ހަތަރު ކުދީން ވެސް ޝަހީދުވީއެވެ. އެއިގެ ތެރެއިން އެންމެ ހަގު ކުއްޖާގެ ޢުމުރަކީ 9 އަހަރެވެ. އެންމެ ދޮށީ ކުއްޖާގެ ޢުމުރަކީ 11 އަހަރެވެ. ދުވާލުގެ އަލިކަމުގެ ތެރޭގައެވެ. ދުރުމި ފަދަ އެންމެހައި އާލަތްތައް ހުރި "ސްޓޭޓް-އޮފް-ދި-އާރޓް" ނޭވީ އުޅަނދަކުންނެވެ. "ޕްރިސިޝަން ހަތިޔާރު" ބޭނުން ކޮށްގެންނެވެ. ހާމަޔަށް ހުރިހައި ތަނެއް ފެންނާން އޮތް އަތިރިމަތީގައެވެ. އެ ދުވަހަކީ ބުދަ ދުވަހެކެވެ. އެ ހަފުތާ ފެށުނީ 12 ޖުލައި ވީ ހޮނިހިރު ދުވަހުއެވެ. ހަފުތާ ނިމުނީ 18 ޖުލައި ވީ ހުކުރު ދުވަހުއެވެ. މި ދެ ތާރީޚުގެ ދެމެދުގައި ފާއިތު ވި ހަފުތާގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ 213 ރައްޔިތުން ޝަހީދު ކުރިއެވެ. އެއިގެ ތެރޭގައި 43 ކުޑަކުދީން ހިމެނުނެވެ.

މީހަކު އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟

                                    (އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު އަޙުމަދު މާޖިދަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ހުނަރުވެރި ބަސްވާރެކެވެ. ޤާނޫނީ ވަކީލެކެވެ. ދިވެހިބަހުގެ ބަސްކޮމިޓީގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދީބެކެވެ. ދިވެހިރައްޖޭގެ ޖުޑިޝަލް އިންސްޓިޓިޔުޓްގެ ފުރަތަމަ ޗާންސެލަރެވެ. އިސްލާމީ ތާރީޚާއި ބައިނަލްއަޤުވާމީ ދުނިޔެއަށް ލޯހުޅުވިފައިވާ ޢިލްމީ ޒުވާނެކެވެ. މިހާރު އޭނާ ގެންދަވަނީ މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް