"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑު އުފެއްދެވީމާ ކަމަކުނުދެއެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިރާއްޖޭގައި ޒުވާނުންނާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ދިވެހި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑެއް އުފެއްދެވުމުގެ ބޭނުމެއް އަޅުގަނޑަކަށް އުޅެއުޅެ ވެސް ނުވިސްނުނެވެ. މިއީ އޮޅިގެން ދެންނެވި ވާހަކައެއް ނޫނެވެ. މިއީ ތިޔަ ބޭފުޅުން އަޅުގަނޑަށް ފާޑުވިދާޅުވާނެކަން އެނގި ހުރެ، އިޚުލާޞްތެރިކަމާއެކު ފާޅުކުރާ ޚިޔާލެކެވެ.
އަޅުގަނޑުގެ ހިތުގައި ޖަހަނީ ވަޠަނީ ވިންދެވެ. މީހަކު ރުއްސާކަށް ނުވަތަ ރުޅިއަރުވާކަށް އަޅުގަނޑު ޚިޔާލު ފާޅެއްނުކުރާނަމެވެ. އަޅުގަނޑު ފާޅުކުރާ ކޮންމެ ޚިޔާލެއް ފާޅުކުރަނީ އަދި ކުރާނީ ވެސް، އަޅުގަނޑުގެ އަމިއްލަ ނަޒަރުންނެވެ. ގައުމީ މަޞްލަހަތަށް އިސްކަންދީގެންނެވެ. ވަޠަނީ ލޯބީގައެވެ. މި ޚިޔާލު ފާޅުކޮށްލާން އަޅުގަނޑުގެ ޒަމީރު މަޖުބޫރުކުރީ ވެސް މި ސަބަބާ ހުރެއެވެ.
އާދޭހެވެ! ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ދިވެހި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށް ޓަކައި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑެއް އުފައްދަވައިފިއެވެ. ކޮންމެއަކަސް މި އުފެއްދެވި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑުގައި ތިއްބަވާނީ 15 މެންބަރުންކަމަށާއި އެ މެންބަރުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރުކަމުގައި ކަނޑައަޅުއްވައިފައި ވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފައިވެއެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވައިލައްވާން ނިންމަވައިފައި ވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މަތީ ޡާނަވީ (ރަދީފުގައި އޮންނަނީ ސާނަވީ) ސްކޫލެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ މެންބަރުންކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ. އަދި މި "ބޯޑަކީ" ރައިސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ޓަކއި އެކުލަވައިލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް (އިދާރިއްޔަތެއް ނޫން) ބަލަހައްޓާނީ "ޔޫތު މިނިސްޓްރީ"އިންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފައިވެއެވެ.
މިއީ ވަޠަނީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އަޅުގަނޑު ވެސް ހިތުގެ އަޑީން ގަބޫލުކުރަމެވެ. މި ކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވަމެވެ. ހަމަ މި ފަދައިން މި ފަދަ ކަމެއްގައި އިސްނަންގަވައި ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް (މި ތާނގައި ޕޭޕަރޭ ނުލިޔުއްވީތީ އުފާކުރަން) ހުށަހެޅުއްވީތީ ޒުވާނުންނާ ބެހޭ ވަޒީރަށް ވެސް ޝުކުރުދަންނަވަމެވެ.
މި ކަން މިހެން އޮތުމާ އެކު ވެސް އަޅުގަނޑު ހިތަށް އަރަނީ މިހެންނެވެ. "ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޒުވާނުންގެ މަޖިލީހެއް" ނޫފެއްދެވީ ކީއްވެބާވައެވެ. މި ފަދަ މަޖިލީހެއް އުފެއްދެވުމަށް ފަހު، ސަރުކާރުން ބޭނުންފުޅު ނަމަ، އެ މަޖިލީހުގެ ނަން، އިނގިރޭސިބަހުންނާއި ހިންދީބަހުންނާއި ބަންގާޅީބަހުންނާއި ޢަރަބިބަހުންނާއި މި ނޫން ވެސް ބަސްބަހުން ކިޔާނެ ގޮތް ކަނޑައެޅުއްވިދާނެތާއެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފައި މިވަނީ 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް'ގެ ނަމުގައި "ބޯޑެއް" އުފައްދަވާށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް"އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފައިވެއެވެ. ޕޭޕަރެއް ހުށަނާޅުއްވައި "ކަރުދާހެއް" ހުށަހެޅުއްވީ ކީއްވަބާވައޭ އަޅުގަނޑު ހިތަށްއެރިއެވެ.
އަޅުގަނޑުގެ ވިސްނުން މާ ކަޓީކަމަށް ވެދާނެއެވެ. މިއަދުގެ ޖީލާ އަޅުގަނޑުގެ ވިސްނުމާ ދިމާނުވަނީކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ކަންކަމާ މެދު، ވިސްނައި ޚިޔާލުކޮށް އެ ޚިޔާލުތައް ގަލަމުން ބަޔާންކުރުމަކީ އަޅުގަނޑުގެ ހޮބީއެއްކަމަށް ވާތީ، އަދި އެ ޤާބިލުކަން ﷲގެ ފަޟުލުވަންތަވެރިކަމުން އަޅުގަނޑަށް ދެއްވައިފައިވާތީ ދިވެހި ޤައުމިއްޔަތާއި ދިވެހިބަސް ދެކެ ވެވިފައިވާ ލޯތްބެއްގެ ސަބަބުން ލިޔެވެނީއެވެ. ބަޔަކު ރުހުނަސް ނުރުހުނަސް މި ކަން ނުކޮށެއް އަޅުގަނޑަކަށް ހަމަ ނިންޖެއް ނުނިދެއެވެ. އަޅުގަނޑުގެ ބަލިފަޔަކީ މިއީކަމަށް ވެދާނެއެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަދި ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތަށާއި ގައުމީ ބަހަށް އިސްކަންދެވޭކަން ސާބިތުކޮށްދޭން ބޭންވަނީ ހަމައެކަނި ދުލެއް ނޫނެވެ. ދުލުން ބުނާ ބަސްތަކެއް ނޫނެވެ. މީހުންގެ ހިތްތަކުގައި އިސްލާމީ ސިފަތަކާއި ޤައުމީ ރޫޙު އާލާކުރުމަށް ޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ޢަމަލާއި ތަރުބިއްޔަތެވެ. ސަމާލުކަން ދޭކަން ޖެހޭނީ ޢަމަލީ ގޮތުން ސާބިތުކޮށްދޭށެވެ. ތަރުބިއްޔަތުގެ އެންމެ ރަނގަޅު ތަރީގާއަކީ ނަމޫނާއެވެ.
އިސްލާމް ދީނާއި ގައުމިއްޔަތަށް ސަމާލުކަން ދެއްވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ކަމަށް ޓަކައި ދިވެހިބަހާ ބެހޭ ވުޒާރާއެއް ވެސް އުފައްދަވައިފިއެވެ. ނަމަވެސް އާންމު ނަމެއްގެ ގޮތުން އެ ތަނަށް "ދިވެހިބަހާ ބެހޭ ވުޒާރާ"އޭ ކީމާ މާ ހުތުރު ގޮތަކަށް ވެދާނެތީ، ކިޔައި އުޅޭ އަޑު އިވެނީ "ޤައުމިއްޔަތުގެ ވުޒާރާ"އެވެ. އެހެން ކިޔާ ވުޒާރާއެއް އުފައްދަވައިފައި ނެތްނަމަވެހެވެ. ދެން އިވެނީ "ގައުމިއްޔަތު" ކިޔަވައިދޭ ވާހަކައެވެ.
ވަރަށް ރަނގަޅު ކަމެކެވެ. ވަތަނިއްޔަތާއި ގައުމިއްޔަތަކީ ކޮބައިކަމާއި ޤައުމިއްޔަތުގެ އަސާސްތަކާއި އޭގެ ބަހާތަކާއި ޢުންޞުރުތަކާއި ވަޠަނިއްޔަތުގެ ނުވަތަ ޤައުމިއްޔަތުގެ ބޭނުމާއި މުހިންމުކަމާއި މަގުސަދާއި މި ހުރިހައި މަޢުލޫމާތެއް ދަރިވަރުންނަށް އަދި ހުރިހާ ދިވެހީންނަށް ވެސް އޮޅުންފިލުވައިދޭންވާނެއެވެ. ނަމަވެސް މި ކަމުގެ ރޫޙު ހިތްތަކުގައި ބިންވަޅު ނެގި ގައުމިއްޔަތަށް އިސްކަން ދޭ ޖީލެއް ބިނާކުރުމަށް ޓަކައި، ތަރުބިއްޔަތު އަދާކުރާ ދައުރު ވަރަށް މުހިންމެވެ.
ދިވެހިބަހުގެ މުހިންމުކަމާއި ދިވެހިބަހަށް އިސްކަން ދޭން ޖެހޭނެކަމަށް ބުނެދޭން ވެސް ޖެހޭނެއެވެ. ނަމަވެސް ދަރިވަރުންގެ ހިތްތަކުގައި އެ ކަން ހަރުލާނީ ދިވެހިބަހަށް އިސްކަންދޭކަން ޢަމަލީ ގޮތުން ދައްކުވައިދެވިގެންނެވެ. އެންމެ ކުޑަމިނުން ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު އަކުރުންއަކުރަށް ތަންފީޒުކުރާ ތަން ދިވެހީންނަށް ދައްކައިދެވިގެން ނޫނީ ސަރުކާރުން ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް އިސްކަންދެއްވާކަމަކަށް ރައްޔިތުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ.
'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' މި ނަމުގެ ކޮންމެ ލަފުޒެއްގެ ބަދަލުގައި ބޭނުންކުރެވޭނެ ކިތަންމެ ލަފުޒެއް ދިވެހިބަހުގެ ބަސްކޮށާރުގައި އެބަހުއްޓެވެ. ރިޔާސީ، ޒުވާނުން، ޒުވާން، މުޝީރު، މުރުޝިދު ފަދަ ލަފުޒުތައް އެހެރީ ރަދީފުގައި ފެންނާށެވެ. އަދި މަޖިލީސް ވެސް ރަދީފުން އެބަ ފެނެއެވެ. ބޯޑު ވެސް ދިވެހިބަހުގެ ރަދީފުގައި އެބަ އޮތެވެ. ނަމަވެސް "ބޯޑު" އެއީ ދިވެހި ލަފުޒެއް ނަމަވެސް "ބޯޑް" އެއީ ދިވެހިބަހުގެ ރަދީފު ދަންނަ ލަފުޒެއް ނޫނެވެ.
މި ކަން މިހެން އޮތް އިރު، ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް އިސްކަންދޭ ސަރުކާރަކުން ދިވެހިބަހަށް އިސްކަން ނުދެއްވުމަކީ މުޖުތަމަޢަށް ދެވޭ ނުރަނގަޅު މެސެޖަކަށް ވާނެއެވެ. ސަރުކާރުން ޒުވާނުންނަށް ޓަކައި އުފެއްދެވި ބޯޑަކީ ދިވެހި ގައުމަށް ޚިދުމަތްކުރައްވާން އުފެއްދެވި ބޯޑަކަށް ވާ އިރު، 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް'ގެ ނަމުގައި ބޯޑެއް އުފެއްދެވުމުގެ ބޭނުމެއް ހަމަ އުޅެއުޅެ ވެސް ނުވިސްނުނެވެ. ކުރީން ވެސް ދެންނެވި ފަދައިން "ޒުވާނުންގެ ރިޔާސީ ބޯޑު" ނުވަތަ "ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޒުވާނުންގެ މަޖިލީސް" އުފެއްދެވުމުން އޮތީ ކޮން ގެއްލުމެއްތޯއެވެ! އިނގިރޭސިބަހުން ނަންތައް ދެއްވުމަށް ފަހު އެ ނަމަށް ދިވެހިބަހުން ކިޔާނީ ކީކޭތޯ ވިސްނެވުމުގެ ބަދަލުގައި ދިވެހީންނަށް ޚިދުމަތްކުރާން ދިވެހި މުއައްސަސާތައް އުފައްދަވާންވީ ނޫންތޯއެވެ! އެ ފަދަ މުއައްސަސާތަކަށް އިނގިރޭސިބަހުން ނުވަތަ އެހެން ބަހަކުން ކިޔާނީ ކީކޭތޯ ބައްލަވާން ޖެހޭނީ ފަހުން ނޫންތޯއެވެ! ދިވެހީން އިސްކަން ދޭންޖެހޭނީ ދިވެހިބަހަށް ނޫންތޯއެވެ! ދެވަނަ ދަރަޖަ ދޭން ޖެހޭނީ ދިވެހިބަސް ފިޔަވައި އެހެން ބަހަކަށް ނޫންތޯއެވެ! މިއީ "ދިވެހީންގެ ރާއްޖެއޭ" ވިދާޅުވަނީ ވެސް އަޅުގަނޑުމެން އެންމެން ނޫންތޯއެވެ! އެހެންވީ އިރު، ދިވެހި ޤައުމިއްޔަތު ކުރިއަރުވައި ގައުމީ ރޫޙު އާލާކުރެއްވުމުގެ ބޭނުންފުޅެއް ސަރުކާރުގެ އޮތް އިރު، ދިވެހިބަހަށް ދެވަނަ ދަރަޖަ ދެއްވާން ޖެހޭ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ. އަދި ދިވެހިބަހާ ބެހޭ (ތުކި! ގައުމިއްޔަތުގެ) ވުޒާރާއެއް އުފައްދަވައިފައި ވާ އިރު، މި ބާވަތުގެ ބަހަވީ އަދި ޤައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެ ވުޒާރާއިން ލަފާނާރުވަނީ ކީއްވެކަމެއް ވެސް ނޭނގެއެވެ. އަދި މި ނަން ފާސްކުރެއްވީ ވަޒީރުންގެ މަޖިލީހުގައި ކަމަށް ވީ އިރު، މި ނުކުތާ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ނުގެންނެީ ކީއްވެގެންކަމެއް ވެސް ނުވިސްނުނެވެ.
އާދޭހެވެ! ތިޔަ ވިދާޅުވީ ރަނގަޅަށެވެ. މި ކަމުގައި އަޅުގަނޑަށް ކުރެވޭނީ މި ކަމެވެ. ލިޔުމެވެ. ޚިޔާލު ފާޅުކުރުމެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ކަން ކުރާނަމެވެ. ދިވެހިބަހާއި ދިވެހި ވަޠަނަށް ޓަކައި އަޑު އުފުލާނަމެވެ!
__________________________________
ބައެއް ލަފުޒުގެ މާނަ:
ތަރީގާ ނ. (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.
ކަޓު ނއ. ޒަމާނުގެ ތަހުޒީބާއި އިދިކޮޅު.
ހޮބީ ނ. އަދާކުރަން ޖެހިފައިވާ ވަޒީފާ ނުވަތަ ވާޖިބުގެ އިތުރަށް ކުރާހިތުން ޝައުޤުވެރިކަމާއެކު ކުރާ ކަންތައް.
ބަލިފައި ނ. (1) މީހެއްގެ ކިބައިގައި އަށަގެންފައި ހުންނަ، އެ މީހަކު ލަދުގަންނާން ޖެހޭ ސިފަ. (2) މީހެއްގެ ފުށުން ވެފައި ހުންނަ ދެރަކަންކަން.
ރިޔާސީ ނއ. ރައީސަށް ނުވަތަ ރައީސްކަމަށް ނިސްބަތްވާ.
ޒުވާނުން ނ. ޒުވާން ފުރާގެ މީހުން
ޒުވާން ނއ. (1) ޅަފުރައިގެ އުމުރާއި ހަރު މީހުންގެ އުމުރާ ދެމެދުގެ އުމުރުފުރާގެ. (2) މުސްކުޅި މި ބަހުގެ އިދިކޮޅު.
މުޝީރު ނ. ކަމަކާ މެދު ލަފާދޭ މީހާ ނުވަތަ ފަރާތް، ނުވަތަ ކަމަކާ މެދު ލަފާއެއް ހޯދަން މަޝްވަރާކުރެވޭ މީހާ ނުވަތަ ފަރާތް.
މުރުޝިދު ނ. (1) ކަންކުރުމުގެ ރީތި ރަނގަޅު ގޮތް ދައްކާ މީހާ. (2) އިރުޝާދު ދޭ މީހާ.
ބޯޑު ނ. (1) ވަކި ކަމަކަށް ޚާއްޞަކޮށްގެން ކަމަށް އައްޔަނުކޮށްފައިވާ ރިޔާސަތާކާއި އުސޫލުތަކެއްގެ ދަށުން ހިންގާ ބައެއް ކަހަލަ ކޮމެޓީ ނުވަތަ އިދާރާ. (2) އެކި ބާވަތުގެ ލިޔުމާއި ނިޝާނާއި، އިޢުލާން ފަދަ އެއްޗެހި ލިޔެ ހިއްޕާން ނުވަތަ އެ ނޫން ވެސް ގޮތަކުން ހަރުކުރާން ހަދައިފައި ހުންނަ ފިލާ.
މަޖިލީސް ނ. (1) ޢައްޔަނުކުރެވިފައިވާ ނުވަތަ އިންތިޚާބުކުރެވިފައިވާ ޖަމާޢަތެއް. (2) އައްޔަނުކުރެވިފައިވާ ނުވަތަ އިންތިޚާބުކުރެވިފައިވާ ކޮމިޓީއެއް. (3) ކަމަކާބެހޭގޮތުން ވާހަކަ ދެއްކުމަށް ނުވަތަ ބަޙުސް ކުރުމަށް ނުވަތަ މަޝްވަރާ ކުރުމަށް އެއްވާ ބައެއް.