Advertisement

ސިއްހީ ނުރައްކަލުގެ ޑަނޑޫރާތައް: ދިވެހީން މިހާރަށް ވުރެ ޒިންމާދާރުވާން ވެއްޖެ.

25 Dec 2023 | 08:15
.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ޞިއްޙީ ކާމިޔާބުތަކެއް ޙާޞިލުކޮށްފައިވާ ގައުމެކެވެ. އުފަންވެނި ޞިއްޙަތު ރަނގަޅުކޮށްގެންނެވެ. ޅަފަރުގައި މަރުވާ ކުޑަކުދީންގެ ޢަދަދު ދަށްކޮށްގެންނެވެ. އާބާދީގެ ބޮޑު ތައުސީލަކަށް ވަނީ ވެކުސިން ދެވިފައެވެ. ގައިންގަޔަށް އަރާ ބައެއް ބަލިތައް ރާއްޖެއިން ފިލުވައިލައިގެންނެވެ. މި ގޮތުން އެންމެ ފަހުން ފިލުވައިލެވިފައިވަނީ ފައިފަލަބައްޔެވެ.

ރާއްޖޭގައި ފައިފަލަބަލި އެއް ގޮތަކަށް ވެސް ނެތްކަމަށް ކަނޑައަޅައި އެ ކަމުގެ ޝަރަފު ޑަބްލިއުއެޗްއޯއިން ދީފައިވަނީ 2016 ވަނަ އަހަރުއެވެ. މި ސަރަހައްދުން ދެން މި ކާމިޔާބީ ހޯދީ ސްރީ ލަންކާއެވެ.

ނަމަވެސް ދާދި ފަހުން ހދ. ކުޅުދުއްފުށީން ވަނީ ފައިފަލަބަލީގެ 25 ބިދޭސީން ފެނިފައެވެ. އޭގެ ފަހުން މާލެ ސަރަހައްދުންގައި ކުރިޔަށްގެންދިޔަ، ފައިފަލަބަލި ހުރިތޯ ބަލާން ޓެސްޓުކުރުމުގެ ޕުރޮގުރާމެއްގެ ތެރެއިން ހުޅުމާލެއިން ފަސް މީހަކާއި މާލެއިން އެކަކާއި ގުޅިފަޅުން އެކަކު ފައިފަލަބައްޔަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މަޢުލޫމާތުދެއްވައެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން ފެނުނު ފައިފަލަބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 32އަށް އިތުރުވެފައެވެ. މިހާ ތަނަށް ފައިފަލަބައްޔަށް ފައްސިވި އެންމެންނަކީ ވެސް ބިދޭސީންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އާންމު ގޮތެއްގައި ފައިފަލަބަލި ޖެހެނީ ކިއުލެކްސް ނަމަކަށް މަދިރިއެއްގެ ސަބަބުންނެވެ. ބައި ހުރި މީހެއްގެ ގައިން ލޭ ބުއިމަށްފަހު އެހެން މީހެއްގެ ގައިން ލޭ ބުއިމުގައި އެ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާސިލުވަނީއެވެ. ފައިފަލަބަލި ޖައްސާ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހުގައި ބަލީގެ އަލާމާތްތައް ފެންނަން ފެށުމާ ދެމެދު ހަ އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާކަމަށް ޞިއްޙީ ޚިދުމަތްތެރީން ވިދާޅުވެއެވެ. ފައިފަލަބަލި ޖެހިފައިވާ ދިވެއްސަކު އެންމެ ފަހުން ފެނިފައި ވަނީ 2004ވަނަ އަހަރު، ހައްދުންމަތީ ފޮނަދޫންކަމަށް ރެކޯޑުތަކުން ދައްކައެވެ. ފޮނަދުވަކީ އިހު ޒަމާނުގައި ފައިފަލަބަލި ގިނަ ރަށެއްކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް 2004ގެ ފަހުން ދިވެއްސެއްގެ ގައިން ފައިފަލަބަލީގެ ޢަލާމާތެއް އަދި ފެނިފައެއް ނެތެވެ. މާތް ﷲއަށް ޙަމްދުކުރަމެވެ.

އަނެއްކޮޅުން އެއިޑްސް ބަލީގެ ނުރައްކާ ވެސް ކުޑައެއް ނުވެއެވެ. ދިވެހީން ވަރަށް ބޮޑަށް މި ކަމަށް ވެސް ސަމާލުވާން އެބަ ޖެހެއެވެ. "ފަރަގު" ނޫހަށް، ނަން ހާމަނުކުރުން ޝަރުތުކޮށް، މީހަކު މަޢުލޫމާތު ދީފައިވާ ގޮތުގައި އެމްޓީސީސީއަށް ދާދި ފަހުން ގެނައި ބިދޭސީ މަސައްކަތްތެރިގެއްގެ ގައިން އެއިޑްސް ފެނިގެން އޭނާ ރާއްޖެ އައިތާ އެއް ހަފުތާ ފަހުން މިހާރު ވަނީ ފުރުވައިލައިފައެވެ. ބައެއް ދިވެހީންގެ ޢަމަލުތައް ހުންނަ ގޮތުން އެ ފަދަ މީހެއްގެ ގައިން ދިވެއްސެއްގެ ގަޔަށް ވެސް އެ ބަލި ވާސިލުވުމުގެ ފުރުސަތަކީ ނެތް ފުރުސަތެއް ނޫނެވެ. މި ފަދަ ކަންކަމަށް ވެސް ހުރިހާ ދިވެހީން ސަމާލުވާން އެބަ ޖެހޭނެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑުގެ އާ ތަފާތަރެއް ފެނި ފެތުރޭކަމަށް އެނގިފައިވާތީ ޗުއްޓީ ދުވަސްވަރު މި ކަމަށް އިތުރަށް ސަމާލުވާން އެޗްޕީއޭއިން ވަނީ އިލްތިމާސް ވެސް ކުރައްވައިފައެވެ. އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން ކޮވިޑުގެ އާ ތަފާތަރެއްކަމަށްވާJN.1 ފެނިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ރާއްޖެއިން ނައްތައިލެވިފައިވާ ބައިލިތައް ރާއްޖެއަށް އަލުން އެތެރެވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް ވަރުގަދަކުރުމަކީ ދައުލަތުގެ ކޮންމެވެސް އިދާރާއަކުން އުފުއްލާންޖެހޭ މަސްއޫލިއްޔަތެއްކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީންނާ މެދު މިހާރު ޝައްކު އުފެދިފައިވާ ދުވަސްވަރެއްގައި ދުނިޔޭގައި ލެއްވިހައި ބަލިތަކެއް އުޅޭ ބައެއް ގައުމުތަކުން އެއްވެސް އުސޫލެއް ނެތި މީހުން އެތެރެވާކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ. މި ގޮތަށް އަންނަ ބިދޭސީންނާ ކައިވެނިކުރަން ބޭނުންވާ ދިވެހީން ވަރަށް ގިނައިން އުޅޭތީ މި ފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މިއަށް ވުރެ މާ ނުރައްކާތެރި މަޢުލޫމާތެއް ވެސް ފަރަގަށް އިއްޔެ ވަނީ ލިބިފައެވެ. އެއީ މި ފަދަ ބަލިތަކަށް ޓެސްޓުކުރުމަށް ޓަކައި ރާއްޖޭގެ ބޮޑު ކުންފުންޏަކުން ބިދޭސީން ފޮނުވާ ކުލިނިކަކުން ލޭނެގުމަށް ފަހު އެ ނަގާ ލޭ (ޓެންޓު ނުކޮށް) އުކައިލުމަށް ފަހު، ބައްޔަށް ނައްސިކަމަށް ނަތީޖާ ޕުރިންޓުކޮށްފައި ދޭކަމުގެ ތުހުމަތެވެ. އެ ކުލިނިކަކަށް ފޮނުވަނީ އެ ތަނުން އަގުހެޔޮކޮށް ޓެސްޓު ހައްދާތީކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ ތެދެއްކަމަށް ވާ ނަމަ، މިއީ ވަރަށް ބޮޑު ކޮރަޕްޝަނެކެވެ. ވަރަށް ނުރައްކާތެރި ޒިންމާދާރުކަމެއް ނެތް ޢަމަލެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މިއީ ތެދު މަޢުލޫމާތަކަށް ނުވުމެވެ. ނަމަވެސް މި ބާވަތުގެ ޓެސްޓުތައް ސަރުކާރުގެ އިދާރާއަކުން ނޫނީ ނުކުރުމަށް ވިސްނެވުމަކީ ރަނގަޅުކަމަކަށް ވެދާނެއެވެ. އަދި ޓެސްޓުކުރުމުގެ ކަންކަން ވަރަށް ހަރުކަށިކުރާން ވެއްޖެކަމަށާއި، ޓެސްޓުކުރުމުގެ ކަންކަން ދައުލަތުން މޮނީޓާރުކުރާން ޖެހޭކަމަށް ވެސް އަޅުގަނޑުމެންނަށް ފެންނަ ވާހަކަ ވެސް ދަންނަވައިލާން ބޭނުމެވެ.

މި އިވެނީ ހިތްހަމަ ޖެހޭ ފަދަ އަޑުތަކެއް ނޫނެވެ. އެންމެން މިހާރު މި ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގައި ހިސާބަކަށް މަދިރި ނޫޅޭ އެއްވެސް ރަށެއް ނޫޅޭތީ މަދިރީގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ބިދޭސީންގެ ގައިން ނަމަވެސް ރާއްޖެހިން ފެނުމަކީ ނުރައްކާތެރި ސިގުނަލެކެވެ. އަޅުގަނޑުމެންނަށް ދަސްވެފައި މިވަނީ ކަމެއް ދިމާވީމާ ފިޔަވަޅުއަޅާށެވެ. ނަމަވެސް ނުރައްކާތެރި ކަމެއް ދިމާވުމުގެ ކުރީން އެކަމަށް ސަމާލުވާން އެބަޖެހެއެވެ. ދިވެހީން ކަންކަމުގެ މަސްއޫލުވެރީން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން އެބަޖެހެއެވެ. ބަލިޖެހުމުން ފަރުވާކުރުމަށް ވުރެ، ބަލީން ރައްކާތެރިވެ ތިބުމަށް ޓަކައި ދުރާލައި ފިޔަވަޅުއެޅުމަކީ މުހިންމުކަމެއްކަން ކަށަވަރެވެ.

____________________________

ބައެއް ލަފުޒުގެ މާނަ:

ތައުސީލު      ނ.      (1) ޚިދުމަތެއް ލިބިދެވޭ އާބާދީ ނުވަތަ ސަރަހައްދު. (2) ޚިދުމަތެއްގައި ހިމެނޭ ކަންކަން ނުވަތަ އޭގެ މިންވަރު.

ފައިފަލަބަލި     ނ.      މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް. މި ބަލި އެންމެ ގިނައީ ދުނިޔޭގެ އެންމެ ހޫނު ގަދަ ތަންތާނގައެވެ. މި ބަލި ގިނައިން ޖެހެނީ ކަކުލުހުޅުން ތިރިއަށެވެ. ބައެއް ފަހަރަށް ފިރިހެނުންގެ ކުރިމަތި ފަރާތަށާއި އަންހެނުންގެ އުރަމައްޗަށާއި އަތަށް މި ބަލި ޖެހެއެވެ. މި ބަލީގައި ނުރައްކާވަނީ ބޭރަށް އެއްވެސް އަސަރެއް ނުފެނި އެތެރެހަށީގައި ފަނީގެ އަސަރު ބޮޑުވީމައެވެ. މިއީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ޖެހޭ ގުނަވަނެއްގެ ނާރުތައް ބެދި އެ ގުނަވަނެއް ފަލަވެއެވެ.

ފައްސިވުން      މ.     (1) އެއްޗެއްގައި ނުވަތަ މީހެއްގެ ގައިގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ދެއްކުން. (2) ކަމެއް ބަލައިގަނެވުން ނުވަތަ ކަމަކާ ރުހެވުން. (3) ސުމަކަށް ވުރެ މަތިވުން.

ނައްސި      ނއ.      (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (2) ނޭދެވޭ ނުވަތަ ނުރުހެވޭ.  (3) ސުމަކަށްވުރެ ދަށް. (4) ބެޓެރީގައި ކަނޑާ ފާހަގަ (-) ޖަހައިފައި ހުންނަ ތަން ނުވަތަ ކޮޅު.

ޑަނޑޫރާ      ނ.      އެލުވައިފައި ހުންނަ ބޮޑެތި ރަނގަބީލު

Advertisement

ކޮމެންޓް