Advertisement

ސަލާމަތީ މަޖިލީހުގައި އިމާރާތަށް ކުރެވުނީ ކޮންކަމެއް؟

24 Dec 2023 | 16:43
އެކުވެރި ޢަރަބި އިމާރާތުން އދ.އަށް ކަނޑައަޅުއްވައިފައިވާ ސަފީރު އައްސައްޔިދާ ލާނާ ނުސައިބާ (މ) ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ: ދަ ނޭޝަނަލް)

އެކުވެރި ޢަރަބި އިމާރާތުން އދ.ގެ ސަލާމަތީ މަޖިލީހުގައި މެންބަރުކަން އަދާކުރާ ދެ އަހަރު ދުވަހުގެ ދައުރު އަންނަ ހަފުތާގައި ނިމުމަކަށް އަންނަނީއެވެ. ވޭތުވެ ދިޔަ ދެ އަހަރު ދުވަހަކީ ދުނިޔެއޭ މި ކިޔާ ބިމުގައި ދިރިއުޅޭ އެކި ގައުމުތަކުގެ މެދުގައި ކޯޅުންތަކާއި ބައިބައިވުންތައް އިތުރުވި ދައުރެއްކަމަށް ދެންނެވިދާނެއެވެ.

މި ހަލަބޮލި ދުވަސްވަރު މި އޮޅުންބޮޅުން ބޮޑު ދުނިޔޭގައި އެކުވެރި ދައުލަތްތަކޭ މި ކިޔާ، ދީމުޤްރާޠިއްޔަތާ ބީރައްޓެހި ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމުއިއްޔާގެ ސަލާމަތީ މަޖިލީހުގައި އެކުވެރި އިމާރާތް ތަމްސީލުކުރިއެވެ. މެންބަރުންގެ ވޯޓުން ހޮވާ، ދާއިމީ-ނޫން މެންބަރެއްގެ ގޮތުގައެވެ. ކުރީން މި ދެންނެވި ހުރިހާ ކަންތައްގަނަޑެއްގެ ތެރެއިން ވެސް އެކުވެރި އިމާރާތުން ވަނީ އެ މީހުންނަކީ ދީބުލުމަސީއަށް ބާރުއަޅާ އަދި ގުޅުންތައް ގާއިމުވެފައި އޮންނާން ގައުމުތައް މުހުތާދުވާ އެއްބައިތަވަންތަކުރުވަނިވި ބާރެއްގެ ގޮތުގައި ތަމްސީލުކޮށްފައެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަން 2022 ޖަނަވަރީގައި އިމާރާތަށް ލިބުނު އިރު ވެސް ހުޅަނގުގެ ގައުމުތަކާއި ރޫސީންނާއި ޗައިނާގެ މެދުގައި އުފެދިފައި އޮތް ދުރުކަމެއްގެ ސަބަބުން ސަލާމަތީ މަޖިލީސް މިސްރާބުޖަހައިފައި އޮތީ ދުނިޔޭގެ ބިމުގެ ބައިނަލްއަގުވާމީ ބިނާވެށްޓަށް، ދުނިޔޭގެ ޗާޓަށް، ބަދަލު އަތުވެދާނެ ފަދަ ހާލަތަކާ ދިމާއަށެވެ.

މި ވޭތުވަމުންދާ ދެ އަހަރުގެ ތެރޭގައި އެމެރިކާ އަޑީގައި އޮވެގެން ނޭޓޯއިން ރޫސީންނަށް ޖެއްސުންކުރިއެވެ. ނަތީޖާއެއްގެ ގޮތުން  ރޫސީން ޔޫކްރޭނަށް އަރައިގަތެވެ. އެމެރިކާއިން އަފުޣާނީންތައް ދަމައިގަތެވެ. ޔަމަނުގައި ހިނގާ ހަނގުރާމަ އެތައް ގުނައަކަށް އޮޅުންބޮޅުންވިއެވެ. ސޫދާންގެ އަހުލީ ހަނގުރާމަ ބޮޑު އޮޅުންސުވާއްޔަކަށް ވެއްޖެއެވެ. އިސްރާއީލުން ޣައްޒާ ތަޅައި ސުންނާފަތިކޮށް އެތައް ހާސް ބަޔަކު ޝަހީދުކޮށްލައިފިއެވެ. މިއީ މިއަދުގެ ހަގީގަތެވެ.

ވީޓޯކުރުމުގެ ލާދީމުޤުރާތީ ބާރު އޮންނަ ފަސް ގައުމުކަމަށްވާ ރޫސީވިލާތާއި ޗައިނާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އެމެރިކާއަކަށް ގިނަ ކަންކަމުގައި އެއްބަސްވުމަކަށް ނާދެވެއެވެ. އެކި މައްސަލަތަކުގެ ފިއްތުންތަކާ ހުރެއެވެ. އެއްބަސް ނުވެވޭ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ މަޖިލީސް އިސްލާޙުކުރުމަށް ޓަކައި ކުރެވޭ މަސައްކަތް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މި ފަސްމަންޒަރާއެކު، އަލްއިމާރާތުލްޢަރަބިއްޔަތުލްމުއްތަޙިދާ (އެކުވެރި އިމާރާތް)އަށް ފުރިހަމަކުރެވިފައިވަނީ ނުވަތަ ޙާޞިލުކުރެވުނީ ކޮން ކަންތައްތަކެއްތޯ ބަލައިލަމާތޯއެވެ!

ޣައްޒާއާއި އިންސާނީ އެހެން ކާރިސާތައް:

ޢަރަބީން އެދޭ ގޮތާއި އެ މީހުންގެ ޝައުޤު ތަމްސީލުކުރަމުން އިމާރާތް ވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމަށާއި ޙިޞާރުކުރެވިފައިވާ ފަލަސްތީނު ސަރަހައްދަށް އެހީ ފޯރުކޮށްދިނުން އިތުރުކުރުމުގައި ދިބުލުމާސީ ގޮތުން އިސް ސަފުގައި މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގެ ކޮންމެވެސް ވަރެއްގެ ހެޔޮ ނަތީޖާ ވެސް ވަނީ ފެނިފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ހަމަނުޖެހުން މަދުކޮށް އަމާން ޙާލަތެއް ގާއިމުކުރުމަށް ގޮވައިލައި، އިއްޔެ ނޫން އިހައްދުވަހު، ހުކުރު ދުވަހު، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރީ އިމާރާތުން އިސްނަގައިގެން ހުށަހެޅި ގަރާރެކެވެ. މިއީ އިމާރާތުން ހޯދި ކާމިޔާބީއެކެވެ.

ވީޓޯކުރުމުގެ ބާރު ބޭނުންނުކުރާން އެމެރިކާއަށް ބާރުއެޅުމުގެ ގޮތުން އެމެރިކާ ބުނާ ގޮތްގޮތަށް ގަރާރަށް ބަދަލު ގެނައުމުގައި އިމާރާތުން ބުރަ މަސައްކަތްތަކެއްކުރިއެވެ. މި މަސައްކަތްތައްކުރުމަށް ޓަކައި ހަތަރު ފަހަރެއްގެ މަތީން ވަނީ ޤަރާރަށް ވޯޓަށް އެހުން ފަސްކޮށްފައެވެ. ބައެއް ޢިބާރާތްތަކުގެ ބަސްމަގަށް ބަދަލު ގެނައުމަށް ފަހު، އެންމެ ފަހުން ގަރާރު ފާސްކުރީ 13 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. ރޫސީވިލާތުންނާއި އެމެރިކާއިން ވޯޓުދިނީ ވަކި ގޮތަކަށް ނުފެންނަކަމަށެވެ. މިއީ ވެސް އިމާރާތުގެ މަސައްކަތުގެ ކާމިޔާބީއެއްކަމަށް ގުނޭނެއެވެ. އެންމެ ކުޑަމިނުން އެމެރިކާ ހިމޭނުން އޮތަދިނީތީއެވެ. ވީޓޯގެ ބާރު ބޭނުންނުކުރީތީއެވެ.

މި ދައުރުގައި އެކުވެރި އިމާރާތުން ވަނީ ކާރިސާތަކާ ގުޅޭ ގޮތުން އިޖާބަދޭ ސުމޭކު މަންސައެއް ވެސް އިޢުލާނުކޮށްފައެވެ. ބައިނަލްއަގުވާމީ އިންސާނީ އެހީތެރިކަމަށް މި މަންސައިން އެދެވޭނެއެވެ.

މި މަންސައިގެ ބޭނުމަކީ މުޞީބާތުގެ ވަގުތުގައި ގައުމުތަކަށް ބޭނުންވާ އިންސާނީ އެހީ ފޯރިކޮށްދިނުމާއި އެހީތެރިވެދިނުމުގައި މެދުވެރިވާ ހުސްކަން ނައްތައިލައި ގައުމުތަކަށް މުހުތާދުވާ ފަދައިން ވީހައި އަވަހަކަށް އެހީ ފޯރުކޮށްދޭން އެހީތެރިވެދިނުމެވެ.

ނަފުރަތު އުފެއްދުމުގެ ވާހަކަ ހުއްޓުވުން:

ހަމަނުޖެހުންތަކަށް "ދަރުއަޅައި ހުޅުގަނޑު ބޮޑުކޮށްގެން" ނަސްލީ ތަފާތުކުރުންތަކާއި ނަފުރަތު އުފެއްދުމަށް ޓައި ހިންގާ އަމަލުތައް ހުއްޓުވުމަށް ޓަކައި އދ.އަށް ހުށަހަޅައިގެން އެ މަޖިލީހުގެ އިއްތިފާގުން މި ދިޔަ ޖޫންމަހު ފާސްކުރި ގަރާރު އިނގިރޭސިވިލާތާ ގުޅިގެން އެކުލަވައިލީ ވެސް އެކުވެރި އިމާރާތުންނެވެ. މި ގަރާރުގައި ޖިންސީ ތަފާތުކުރުންތަކާއި ހައްދުފަހަނަޅައިދިޔުމާއި ބައިނަލްއަގުވާނީ ސުލްހައާއި ހަމަޖެހުމަށް ހުރަސްއެޅޭ ހުރިހާ ކަމެއް ހައްލުކުރާން ބާރުއަޅާއި އެ ކަން ފާހަގަކޮށްފައިވެއެވެ.

"މިއީ 1945 ވަނަ އަހަރަށް ފަހު ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު ބޭނުންކޮށްގެން ހިންގާ ހަމަނުޖެހުންތައް ހިނގަމުންދާ ދުވަސްވަރެވެ. އަދި މުޅި ދުނިޔޭގައި އަޅުގަނޑުމެންނަށް މި ފެންނަނީ ތަޙައްމަލުނުކުރުމާއި، ނަފުރަތު އުފެދޭ ވާހަކަތަކާއި، ނަސްލީ ތަފާތުކުރުންތަކާއި، ހަރުކަށި ފިކުރުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ތަނެވެ. މި ހުރިހާ ކަމެއް، އެއްވެސް ޝައްކެއް ވެސް ނެތް ގޮތުގައި އަނިޔާވެރިކަމަށް އިތުރަށް ހިތްވަރުދީ މުޖުތަމަޢުތައް ބައިބައިކޮށްލައެވެ." އިމާރާތުގެ ސަފީރު ލާނާ ނޫސެއިބާ ވިދާޅުވިއެވެ. "މިއީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ހުރި ނުރައްކާތަކެކެވެ. އަދި މިއީ ހަމައެކަނި އެއް ގައުމަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތްވާ ކަމެއް ނޫނެވެ."

މޫސުމަށް އަންނަ ބަދަލު

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ސަލާމަތަށް ޓަކައި ވަރުބަލިކަމެއް ނެތި ވަކާލާތުކޮށް، މޫސުމާ ބެހޭ ގޮތުން ބެލުންތައް ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި ހިމަނާން އިމާރާތުން ބާރުއަޅާފައިވެއެވެ. އެކުވެރި އިމާރާތް ފާހަގަކުރި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަމަނުޖެހުންތަކުގެ އަސްލު ސަބަބުތައް އިތުރަށް ގޯސްވަމުންދާ ގޮތުގެ މައްޗަށް އަލިއަޅުވައިލާން ޖެހޭނެއެވެ. އެކުވެރި އިމާރާތުގައި މިއަހަރު ބޭއްވި ކޮޕް28 މޫސުމީ މަހާސިންތާ (ކްލައިމެޓް ކޮންފަރެންސް)ގައި ގެއްލުމާއި ހަލާކުވުމަށް (ލޮސް އެންޑް ޑެމޭޖް) އެހީވާ ފަންޑެއް ގާއިމްކުރުމުގެ އިތުރަށް ފޮސިލް ފިއުލް އުފެއްދުމާއި ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމެއް ވެސް ވަނީ އެކުލަވައިލައިފައެވެ.

ކަނބަލުންގެ ހައްގު

އިމާރާތުން ސަލާމަތީ މަޖިލީހުގައި އަދާކުރި ޚިދުމަތްތަކުގެ ތެރޭގައި ސުލްހަ ގާއިމްކުރުމާއި ދޭދޭ ގައުމުތަކުގެ ކޯޅުންތައް ހައްލުކުރުމުގައި އަންހެނުން ބާރުވެރިކުރުމަށާއި މިންތީގެ ހަމަހަމަކަމަށް ވަރަށް ބޮޑަށް ބާރުއެޅުން ހިމެނިފައިވެއެވެ. އަންހެނުންނާއި ސުލްހައާއި ސަލާމަތާ ބެހޭ ގޮތުން "ހިއްސާދާރު ކަށަވެތިކަމުގެ ބަޔާން (ޝެއަރޑް ކޮމިޓްމަންޓްސް ސްޓޭޓްމަންޓް)ގައި ސޮއިކުރި ގައުމެއްގެ ގޮތުގައި އެކުވެރި އިމާރާތުން ވަނީ ޚިޔާލު ފާޅުކުރި ހުރިހައި ފަރާތެއްގެ ހުރިހާ ޚިޔާލުތަކުގައި ގުޅުންހުރި މިންތީގެ ދިރާސާ ހިމަނާން ބާރުއަޅައި ހިތްވަރުދީފައެވެ. އަދި ސުލްހައިގެ މަޝްވަރާތަކާއި ސުލްހަ ގާއިމްކުރުމުގެ މަސައްކަތްތަކުގައި އަންހެނުން ބައިވެރިކުރުން އިތުރުކުރުމަށް ވެސް ވަކާލާތުކޮށްފައިވެއެވެ. މީގެ އިތުރަށް އަފްޣާނިސްތާނާ ގުޅޭ ގޮތުން ޖަޕާނާ އެކު އެ މަޝްވަރާތަކުގެ ރިޔާސަތުގައި އިމާރާތުން ބައިވެރިވިއެވެ. ފަގީރު ގައުމާ ގުޅޭ ގަރާރުތަކާއި މައްސަލަތަކުގެ ދެލިކޮޕީ، ގުޅިފައިވާ އެ ރިޔާސަތުން އެކުލަވައިލިއެވެ.

އޭޕްރީލް މަހު ސަލާމަތީ މަޖިލީހުން ވަނީ އަފްޣާނިސްތާނުގެ އަންހެނުން އެގައުމުގައި މަސައްކަތް ކުރުން މަނާކުރުމަށް ތާލިބާނުން ނިންމި ނިންމުން ކުށްވެރިކޮށް އިމާރާތާއި ޖަޕާނުން އެކުލަވާލި ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައެވެ. މި ގަރާރަކީ 90އަށް ވުރެ ގިނަ މެމްބަރު ގައުމުން ތާއިދުކުރި ގަރާރެއްކަމަށާއި އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 28އަށް ވުރެ ގިނަ މެންބަރު ގައުމު ހިމެނޭކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެކުވެރި އިމާރާތުން އދ.އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު އައްސައްޔިދާ ލާނާ ނުސައިބާ ވިދާޅުވީ "މި ގަރާރުން އެ ބައްދަލުވުމަށް ފޮނުވަނީ ސާފު ސިގްނަލެއްކަމަށާއި އެއީ ބައިނަލްއަގްވާމީ މުޖުތަމައުގެ މަގާމާއި ބައިނަލްއަގްވާމީ ގާނޫނާއި ސަލާމަތީ މަޖިލީހުގެ މަގާމާއި އަންހެނުންނާއި އަންހެން ކުދިންގެ މުހިންމު ދައުރާއި އަފްޣާނިސްތާން ވެސް ހިމެނޭ ގޮތުން ކޮންމެ މުޖުތަމައެއްގައި ވެސް ހިމެނޭ ދައުރާ ބެހޭ ގޮތުން ދިން މުހިންމު ސިގްނަލެކެވެ."

އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، ދާއިމީ ނޫން މެންބަރެއްގެ ހައިސިއްޔަތުން ވޭތުވަމުން މިދާ ދެ އަހަރުގެ ދައުރުގައި އިމާރާތުން ގިނަ ޚިދުމަތްތަކެއް ސަލާމަތީ މަޖިލީހުގައި އަދާކޮށްފައިވާކަމަށް ދެންނެވިދާނެއެވެ. އެހެންކަމުން އެކުވެރި ޢަރަބި އިމާރާތަށް "ފަރަގު"ން ދޭނީ "އޭ" ރިޕޯޓެކެވެ.

_______________________________

ބައެއް ލަފުޒުގެ މާނަ:

ސުމޭކު      ނއ.      (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި، ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކައުކޮށް ބޭނުންކުރާ. (4) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހައި މަޢުލޫމާތެއް ރައްކާކުރާ. (5) ކޮންޕިއުޓަރު މެދުވެރިކޮށް މަޢުލޫމާތަށް ބަދަލުގެނެވޭ. (6) ކޮންޕިއުޓަރާ ނުވަތަ ކޮންޕިއުޓަރާއި ފަންނިއްޔާތާ ގުޅުން ހުރި.

މަންސަ      ނ.    (1) ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު.   (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބޭން ހަދާ އިސްޓޭޖު ނުވަތަ އަށި. (3) ބަޔަކާ މުޚާޠަބުކުރާން މީހާ އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސް މޭޒެއް ފަދަ އެތި.

ކާރިސާ      ނ.    ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ.

Advertisement

ކޮމެންޓް