Advertisement

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވިގެންނެއް ނުވާނެއެވެ.

23 Dec 2023 | 13:24
.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެނެސްދިނީ ކޮން ބަޔެއްހެއްޔެވެ؟ ހުޅަނގުންހެއްޔެވެ؟ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީހެއްޔެވެ؟ ނޫނެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމް ދީން ގެނެސްދިން ޙައްގެކެވެ. ބަޔަކު ހީކުރާ ގޮތަށް އެއީ މާ ފަހުން ހުޅަނގުން ތަޢާރަފުކުރި މިނިވަންކަމެއް ނޫނެވެ. އަދި އެއީ، މަޝްހޫރު ފެހި ޤާނޫނުއަސާސީ ގެނެސްދިން ޙައްގެއް ވެސް ނޫނެވެ. މިއީ ހުރިހާ އެއްޗެއް ހައްދަވައި ބަލަހައްޓަވާ ޚާލިޤުލްކައުނައިނި، ﷲ ޖައްލަ ވަޢާލާ ދެއްވައިފައިވާ މިނިވަންކަމެކެވެ.

މި ކަން އެންމެ ރަނގަޅަށް ސާބިތުވަނީ އިސްލާމީ ޝަރީޢަތުންނެވެ. ކީރިތި ޤުރުއާނާއި ސުންނަތުންނެވެ. سورة البقرةގެ 30ވަނަ އާޔަތުން އެނގޭ ގޮތުގައި މާތް ﷲ އިންސާނާ ޚަލްޤުކުރައްވައި ބިމުގައި ޚާލީފާވެރިކުރައްވާން ނިންމަވައިފައިވާކަމުގެ މަޢުލޫމާތު މަލާއިކަތުންނަށް އެންގެވުމުން ﷲގެ އެ ނިންމެވުމާ މެދު، މަލާއިކަތުން ޚިޔާލުފާޅުކުރެއްވިއެވެ. މަލާއިކަތުން ޚިޔާލު ފާޅުކުރައްވައި ދެންނެވީ ކީކޭކަމަށްތޯއެވެ! މަލާއިކަތުން ދެންނެވިއެވެ. "އަޅަމެން އިނބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ކިޔައި، އިނބަރަސްކަލާނގެއަށް ތަޤުދީސުކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިނބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟" މަލާއިކަތުން އެ ގޮތަށް ޚިޔާލުފާޅުކުރެއްވީ ﷲ ނިންމަވައިފައިވާ ކަންކަމާއި ވާން ހުންނަ ކަންކަމުގެ މަޢުލޫމާތު އެނގިވަޑައިނުގަންނަވާތީ، އެ ބޭކަލުންގެ ޚިޔާލުފުޅު ފޯރާ މިންވަރުންނެވެ. ހުރިހައިކަމެއް ތަޤުދީރުކުރައްވާ ޤަދީރުވަން ﷲގެ ނިންމެވުމާމެދު (ސުވާލު އުފައްދަވައި) މަލާއިކަތުން ޚިޔާލު ފާޅުކުރެއްވުމުން ﷲ ކޯފާވެވޮޑިއެއް ނުގަންނަވައެވެ. މަލާއިކަތުންނަށް ވިސްނަވައިދެއްވުމަށް ޓަކައި ވަރަށް ކުރު ވަޙީބަސްފުޅަކުން ކަމެއް ހަނދުމަފުޅުކޮށްދެއްވީއެވެ. މާތް ﷲ މަލާއިކަތުންނަށް ދެއްވި ޖަވާބަކީ "ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." މިއެވެ. މިހައި ހިސާބުން، މި ކަމުގައި ވަރަށް މަތިވެރި ޙިކުމަތަކާއި ސިއްރަކާއި މުހިންމު ސަބަބެއް އޮންނާނެކަން މަލާއިކަތުންނަށް ވިސްނިވަޑައިގަތެވެ. ޚިޔާލު ފާޅުކުރުމުގެ މިއަށް ވުރެ ވަކި ފުރިހަމަ މިސާލެއް އަޅުގަނޑުމެންނަށް ފެންނާނެތޯއެވެ!

ކީރިތި ރަސޫލާ(ﷺ)ގެ ސީރަތުން ވެސް، ޚުދު ރަސޫލާގެ އަރިހުގައި ވެސް، މީހުން ޚިޔާލުފާލުކުރުމުގެ ކިތަންމެ މިސާލެއް ފެނެއެވެ. މި ފަދަ އެތައް މިސާލުތަކެއް ކޮންމެ ރަމަޟާން މަހެއްގައި އަޅުގަނޑުމެން އަޑުއަހަމުއެވެ. މީގެ އިތުރަށް ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ވެސް ޚިޔާލުފާޅުކުރުމުގެ ބައިވަރު މިސާލުތައް ފެންނާން އެބަހުއްޓެވެ.

އެނގިވަޑައިގަންނަވާނޭ ފަދައި ސައްޔިދުނާ ޢުމަރުބްނިލްޚައްޠާބު (ރަޟިޔަﷲ ޢަންހު)އަކީ ވަރަށް ޖެހިލުން ކުޑަ، ސީދާ ސާދާ، ޞަރީޙަ ޝަޚުޞިއްޔަތެކެވެ. ދީނުގެ ކަމެއްގައި މީހެއްގެ މޫނަކަށްތޫނަކަށް ނުބައްލަވާނެއެވެ. މި ވަރުގަދަ ޝަޚުޞިއްޔަތުގެ ކުރިފުޅުމަތީގައި، އަދި ޚާއްޞަކޮށް އެކަލޭގެފާނުގެ ވެރިކަމުގައި، (އަމީރުލްމުއުމިނީންގެ މަޤާމުގައި ހުންނަވަނިކޮށް) އެ ކަލޭގެފާނާ އިދިކޮޅަށް ޚިޔާލުފާޅުކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރާން ކެރޭނެ ކަމެއް ނޫނެވެ. ނަމަވެސް އެ ކަލޭގެފާނުގެ ނިންމެވުމަކަށް ގޮންޖަހައި އަންހެނަކު ޚިޔާލު ފާޅުކުރިއެވެ.

މިހާދިސާއަކީ ވަރަށް މަޝްހޫރު ހާދިސާއެކެވެ. އެ ކަލޭގެފާނުގެ ޚަލީފާކަމުގައި އެއް ދުވަހަކު ދެއްވި ޚުޠުބާއެއްގައި ވިދާޅުވިއެވެ. ކާވެނިކުރާ އެއްވެސް މީހެއްގެ ރަނަށް 400 ދިރުހަމަށް ވުރެ އިތުރުކޮށްފި ނަމަ، ތިމަންކަމޭގެފާނު އެކަން ބައްލަވައި ފިޔަވަޅުއަޅުއްވާހުށީމެވެ. އަދި އެ މިންވަރަށް ވުރެ އިތުރުވާ އަދަދު އަތުލައްވައި ބައިތުލަމާލަށް ޖަމާކުރައްވާހުށީމެވެ.

މި ޚުޠުބާ އަޑުއަހާން ހާޒިރީންގެ ތެރޭގައި އިން އަންހެނަކު ތެދުވެފައި ޖެހިލުމެއް ނެތި ދެންނެވިއެވެ. "އޭ ޢުމަރުގެފާނެވެ! ކަލޭގެފާނު ތިޔަ ވިދާޅުވަނީ މާތް ﷲގެ އެންގެވުމަށް ވުރެ ބޮޑަށް ކަލޭގެފާނުގެ ވިދާޅުވުން ގަބޫލުކުރާންޖެހޭނެ ވާހަކަފުޅުތޯއެވެ؟ މާތް ﷲ ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 20ވަނަ އާޔަތުގައި މި ފަދައިން ވަޙީކުރައްވައިފައި ނެތްތޯއެވެ؟ "وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلاَ تَأْخُذُواْ مِنْهُ شَيْئًا أَتَأْخُذُونَهُ بُهْتَاناً وَإِثْماً مُّبِيناً" ["ތިޔަބައިމީހުން އެއް އަނތްބެއްގެ ޖާގަޔަށް އެހެން އަނތްބަކު ބަދަލުކުރަން އެދޭނަމަ، (އެބަހީ: އެކަކު ވަރިކޮށްފައި އަނެކަކާ އިންނާން ގަސްތުކޮށްފި ނަމަ) އަދި، އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާހުށިކަމެވެ! ބާޠިލުގޮތުގައި، އަދި، ފާޅުވެގެންވާ ފާފައެއްކުރުމުގެ ގޮތުގައި، ތިޔަބައިމީހުން އެ ތަކެތި އަތުލަނީހެއްޔެވެ؟"] (سورة النساء:20)

ނިކަމެތި އަންހެނެއްގެ މި ސުވާލު އަޑުއައްސަވައިފައި ވިދާޅުވިއެވެ. ފިޤުހީ މައްސަލަތަކުގައި ތިޔަ އެންމެންގެ އަދި ގޭގައި އެކަހެރިވެގެން ތިބޭ އަންހެނުންގެ މަޢުލޫމާތު ވެސް މި ޢުމަރުގެ މަޢުލޫމާތަށް ވުރެ މާ މުއްސަންޖެވެ.

ދެން ޢުމަރުގެފާނު އަލުން މިންބަރަށް އަރައިވަޑައިގެން ވިދާޅުވިއެވެ. "ތިޔަބައިމީހުގެ އަނބީންނަށް 400 ދިރުހަމަށް ވުރެ ބޮޑު ޢަދަދެއް ރަނުގެ ގޮތުގައި ދޭން ތިމަންކަލޭގެފާނު މަނާކުރައްވައިފައި ވިޔަސް، މިހާރު މި ހުއްދަދެއްވަނީ އެއްވެސް ހައްދެއް ޙުދޫދެއް ނެތި އެ މީހަކު ބޭނުން މިންވަރަކަށް ރަން ކިޔައި ރަން ދޭށެވެ. އެ ކަމުގައި އެއްވެސް ގެއްލުމެއް ނެތެވެ."

ވީމާ، ޚިޔާލު ފާޅުކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ތަރުހީބު ދޭ ކަމެއްކަން މި ފަދަ ކިތަންމެ ހާދިސާއަކުން ސާބިތުވެއެވެ. ނަމަވެސް މި ފަދަ ކޮންމެ ހާދިސާއަކުން ސާބިތުވާ އެހެން ކަމެއް ވެސް އެބަ އޮތެވެ. ޚިޔާލުފާޅުކުރާން ޖެހޭނީ އިޚުލާޞްތެރިކަމާއެކު ހައްގު ހާމަކުރުމަށް ޓަކައިކަމެވެ. ހެޔޮ ކަމާއި އިސްލާހަށް އެދިގެންކަމެވެ. ކަން އޮތް ގޮތް ބަޔާންކުރުމަށް ޓަކައިކަމެވެ. މި ފަދަ ޚިޔާލުފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ބިރުގަންނާން ޖެހޭ ޖާގައެއް ނެތެވެ. ގެއްލުން ލިބުމުގެ ފުރުސަތެއް ނެތެވެ.

މި ދެންނެވި ފަދަ އިޚުލާޞްތެރި ޚިޔާލު ފާޅުކުރުމަކީ ކޮންމެ ތާކު ކޮންމެ ވަގުތަކު، ކޮންމެ މީހެއްގެ ގާތުގައި ވެސް ފާޅުކުރާން ކެރޭނެ ޚިޔާލަކަށް ވާން ޖެހޭނެއެވެ. ކާކުކަން ނޭނގި ވަންހަނާގައި ތިބެގެން ހިތަށް އެރިހައި ދޮގުތަކެއް ހެދުމަކީ އެއްވެސް ޙާލެއްގައި ޚިޔާލު ފާޅުކުރުމެއް ނޫނެވެ. އެއީ އިސްލާހަށް ޓަކައި ކުރެވޭ ޢަމަލެއް ވެސް ނޫނެވެ. އެއީ ދޮގު ޚަބަރު ފެތުރުމެވެ. ފިތުނަ ފަސާދަ އުފެއްދުމެވެ. އެއީ ފަސާދައަށް ހުންނަ ދޮރުތައް ތައްމިނަށް ހުޅުވުމެވެ. މިއީ އިސްލާމް ދީން ދަންނަ ޚިޔާލު ފާޅުކުރުމެއް ނޫނެވެ. ދޮގުހެދުމާއި ފިތުނަފަސާދަ އުފެއްދުމާއި މުޖުތަމަޢު ފަސާދަކުރުމަކީ އިސްލާމް ދީން ވަރަށް ވަރުގަދައަށް މަނާކުރައްވައިފައިވާ ކަމެކެވެ. އެ ފަދަ ދޮގުތައް ހަދާ މީހުންނަކީ މުއުމިނުން ނޫންކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ. އަދި އެފަ މީހުންނަކީ ދޮގުވެރީންކަމުގައި ވަނީ ކަނޑައަޅުއްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ" ("ދޮގުހަދާކަން ކަށަވަރީ، اللَّهގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރީންނެވެ.") (سورة النحل:105)

 ހެޔޮ ވެރިކަމެއްގައި ނަމަ، މި ފަދަ ކަންކަން މަނާކޮށް ހުއްޓުވާން ޖެހެއެވެ. ރައްޔިތުންނަށް ބާއްޖަވެރިކަމާއި ފަލާޙުގެ މަގު ދަސްކޮށްދޭން އެބަ ޖެހެއެވެ. އެއީ ވެރިކަމުގެ ފަރާތުން އަދާކުރާންޖެހޭ ވާޖިބެކެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތަށް ވެސް އޮތް ފަރުޟެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ" ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (سورة آل عمران:104)

އަދި އަޅުގަނޑުމެން މުސްލިމު އުންމަތަކީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ އުންމަތެއްކަމުގައި ލެއްވުމުގެ ޝަރުޠަކީ ވެސް ހަމަ މިއީއެވެ. ހެޔޮ ކަންކަމަށް އަމުރުކުރުމެވެ. ނުބައިކަންކަން މަނާކުރުމެވެ. މާތް ﷲއަށް ފުރިހަމައަށް އީމަންވުމެވެ. މި ޝަރުޠުތައް ފުރިހަމަ ނުވާ ނަމަ، މި އުންމަތަކީ ހެޔޮ އުންމަތެއްކަމުގައެއް ނުވާނެއެވެ. މި ކަން سورة آل عمرانގެ 110ވަނަ އާޔަތުން ވަރަށް ސާފުކޮށް އެނގެއެވެ.

ނޫސްވެރިކަމުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފައިގެން ޚިޔާލު ފާޅުކުރާން ބޭނުން ނަމަ، އަޅުގަނޑުމެން ނޫހެއް އުފައްދަމާ ހިންގަވާށެވެ! ރަޖިސްޓަރީކުރާން ޖެހޭ އެއްޗެއް ނަމަ، ރަޖިސްޓަރީކޮށްލަމާ ހިންގަވާށެވެ! އޮންލައިން ނޫހެއް ރަޖިސްޓަރީކުރާކަށް މިހާރަކު އިސްޓޭމެއް ގަންނާކަށް، ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. އެ މިނިވަންކަން ތަން މިނަށް އޮތީ ހުޅުވިފައެވެ. "ފަރަގު" ނޫހުން މި ކުރަނީ އެ މަސައްކަތެވެ. އަޅުގަނޑުމެން މި ތިބީ އެ ކަން ކޮށްގެންނެވެ. ޤައުމުގެ އިޞްލާހަށް ޓަކައި އިޚުލާޞްތެރިކަމާ އެކު ޚިޔާލު ފާޅުކުރަނީއެވެ. މިނިވަންކަމާއެކުގައެވެ. ޖެހިލުމެއް ފަސްޖެހުމެއް ނެތިއެވެ. އަޅުގަނޑުމެން ލިޔުމުން ފާޅުކުރާ ޚިޔާލެއް ނަމަ ދުލުން ވެސް ކެރިގެން ފާޅުކުރާން ކެރޭނެއެވެ. އެ ޚިޔާލަކީ އެންމެންނަށް ކަމުދާ ޚިޔާލަކަށް ވާނެތީއެއް ނޫނެވެ. ފެންނަ ގޮތް ދަންނަވައިލުމަށް ޓަކައެވެ. ވަކި މީހަކު ނުވަތަ ބަޔަކު ރުޅިއަރުވާކަށް ނުވަތަ އެއްވެސް ބަޔަކު ރުއްސާކަށް އަޅުގަނޑުމެން ޚިޔާލެއް ފާޅެއް ނުކުރާނެއެވެ. އަޅުގަނޑުމެން ހާމަކުރާނީ އަޅުގަނޑުމެންގެ ނަޒަރެވެ. ކަން އޮތް ގޮތްކަމަށް ނުވަތަ އޮންނާން ޖެހޭ ގޮތް ކަމަށް އަޅުގަނޑުމެންނަށް ފެންނަ ގޮތެވެ. ކަމެއް ގޯސް ވާހަކަ ލިޔާ ނަމަ، އެ ކަމުގެ ރަނގަޅު ގޮތްކަމަށް އަޅުގަނޑުމެން ދެކޭ ގޮތް ހާމަކުރުމާއެކީގައެވެ. މި ގޮތުގައި އަޅުގަނޑުމެން ޚިޔާލުފާޅުކުރަމުން ގެންދަނިކޮށް އެ ކަމަށް ހުރަސް އަޅައިފި ނަމަ، އެއީ މައްސަލައެކެވެ. ޚިޔާލުފާޅުކުރުމަށް ހުރަސްއަޅަނީކަމަށް ވާނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް މީހަކު ޢަމަލު ނުކުރިޔަސް މި ކަމަށް ހުރަސް ނާޅާހާ ހިނދަކު، އެއީ ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ފުޅާކޮށް އޮތީކަމަށް ހަމަ ގައިމު ވެސް "ފަރަގު" ދެކޭނެއެވެ. "ފަރަގު" ރަޖިސްޓަރީކުރި ފަހުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަމަ ގައިމު ވެސް އަދި އޮތީ އަޅުގަނޑުމެންނަށް ފުޅާކޮށް ހުޅުވިފައެވެ. އެއްވެސް މިންވަރަކަށް ހަނިކުރެވިފައެއް ނެތެވެ.

________________________________

Advertisement

ކޮމެންޓް