Advertisement

ކަނީރުގެ ވިސްނުމުގައި (1): އަދުގެ ޙާލަތު

22 Dec 2023 | 06:18
މަތީންދާބޯޓުގެ ފަޅުވެރިއެއް ބޯޓުގައި ޚިދުމަތުގައި.. (ފޮޓޯ: ދަ ޕްރެސް)

ކަނީރު ޢަބްދުއްރަޙީމް

އަލުން އަނެއްކާ ވެސް މި ވިސްނުން މި ގޮތަށް އައީއެވެ. ރާއްޖޭން ފުރައިގެން އުތުރުކަރައަށް އިހަކަށް ދުވަހު ކުރި ދަތުރެއްގެ ދަތުރުމަތީގައެވެ. މަތީންދާބޯޓަށް އަރާން ދިޔަ އިރު ވެސް އުޅެވުނީ ވިސްނުމެއްގެ ތެރޭގައެވެ. "މޯލްޑިވިއަން"އަށް އަރާން ޖެހުނީތީއެވެ. ފިކުރުކުރެވުނީ އަހަރެމެން ދިވެހީންނަށް ދިވެހި ބޯޓެއް އޮތް ނަމަ، ކުރެވޭނެ ފޮނި އިހުސާސްތަކާ މެދުގައެވެ. ތާނަ އަކުރުގެ ދެތިން އަކުރެއް ނަމަ ވެސް، ޖައްވު ތެރޭގައި އުދުހިލާނެ ފުރުސަތު އޮވެމެ އެ ކަން ނުވާތީ ދެރަވެވުނެވެ.

ސިޑީން އަރަމުން ގޮސް ބޯޓުގެ ދޮރާ ހަމައަށް ދެވުނެވެ. "ބޯފުޅަށް ބަލައްވާތި!" ހިތްހެޔޮކަމާ އެކު ބުނެލި ޖުމްލަ އިވުމުން ހިނިތުންކޮށްލެވުނެވެ.

ގޮނޑީ ނަންބަރު ފެނުމުން އެ ބަރިއަށް ވަދެ  އިށީނީއެވެ. ކުރިމަތީގައި ހުރި ގޮޑީގެ ފުރަގަހުގައި ތާނައިން ލިއެފައިއޮތެވެ. "އިށީދެ ވަޑައިގެން...." ފެނުނީމާ ހިތަށްއެރިއެވެ. ހުސްނޫނު ޗުއްޓީގައި ތޯއްޗެކެވެ.

އިވުނު ދަތުރު ދުޢާގެ އަޑުން ހިތަށް ފުން އަސަރުތަކެއް ވެރިކުރުވިއެވެ. ހިތުގެ އަޑީން ބައިވެރިވެވި އާމީން ކިއުނެވެ. ދެން ވިސްނައިލެވުނީ ބޯޓުގައި ކަންކަން ހުރިނެތް ގޮތާއި ކަމެއް ދިމާވެއްޖެ ނަމަ، ދެން  ހަދާން ވާނެ ގޮތް ދައްކައި ކިޔައިދޭން ފެށުމުންނެވެ. އަސްތާ، އަނހާއެވެ. ދިވެހިބަހަކުން ކިޔައެއްނުދެއެވެ. ބޭރު މީހުނަށް ނޭނގުނަސް ދިވެހީންނަށް އެނގޭނެތީއޭ ގަބޫލުކުރާކަށް ނުކެރޭނެއެވެ. ދިވެހިބަހުން ކިޔައިނުދިނަސް އެ ކަންކަން ދިވެހީންނަށް އެނގޭނެތީ ދިވެހިބަހުން ނުކީއްޔޭ ބުނެވޭކަށްނެތެވެ. ކޮންމެއަކަސް މިއީ ދިވެހިރާއްޖޭގައި ދުއްވާ (މޯލްޑީވިއަނުންގެ) ބޯޓު މޯލްޑީވިއަން ވީމާ ވާންޖެހޭ ގޮތްކަމަށް ވެސް ވެދާނެ ތާދޯއެވެ. ހިތްކުޑައިވިއެވެ.

ބޯޓު ރަންވޭ (ނުވަތަ ދިގުމަގު) ކޮޅަށް ގޮސް ފުރާން ތައްޔާރުވަނީއެވެ. ކެޕުޓަނާ ފަޅުވެރީންގެ ތައާރަފު ދެ ބަހުން ދީ ނިންމައިލިތާ ކުޑަ އިރުކޮޅަކުން އިނގިރޭސިބަހުން އެއްޗެކޭ ގޮވައިލިއެވެ. މި ފަހަރަކު ދިވެހިބަހަކުން ނުގޮވިއެވެ. ގޮވައިލިކަމަށް ވަނީ ބޯޓުގެ ފަޅުވެރީން ތަންތާ އިށީނދެ ހަމަޖެހޭށޭ ޔޯލައެވެ. ހިތަށް އެރިއެވެ. ދުއްވާން އިނީ ވެސް ދިވެއްސަކަށް ވެފައި ފަޅުވެރީންނަކީ ވެސް ދިވެހީންކަމުގައި ވީ ނަމަ މި ވާހަކަ ބުނީހީ ދިވެހިބަހުންތާއެވެ. "ކެބިން ކުރޫސް، ބީ ސީޓެޑް"އޭ އެ ބުނީ، އެ ވާނީ ދިވެހީން ހަމަނުވެގެން ބޭރު މީހުން ވަޒީފާއަށް ގެނައީކަމަށެވެ.  

ދަތުރުގެ އެއް ގަޑި އިރު ހަމަވެ ބޯޓުޖައްސައި ފައިބާން ދިޔައީމެވެ. ހިނިތުންކޮށްލައިފައި ދޮރު ތެރޭގައި ތިބި ދެ ފަޅުވެރިޔަކު ހެޔޮ އެދުން ފައުޅުކުރިއެވެ. އެޔާ އެކު "ބައްލައްވައިގެން ފައިބައިލައްވާތި"އޭ ބުނެލިއެވެ.   އެއީ ފައި އަޅާން ޖެހޭ ތަން ދެ ފަށަކަށް އޮތީމާ ސަމާލުކުރުވުމުގެ ގޮތުންކަން، ބޭރަށް ފައި އެޅީމާ އެނގުނެވެ. ހިތަށް އެރިއެވެ. ބައްލައްވައިގެން ފައިބައިލައްވާން ޖެހުނީތީ ހައިރާންވެވުނެވެ.

މިއީ އިހައްދުވަހުގެ އިހުސާސްތަކެކެވެ. ވިސްނައިލެވުނު ކަންތައްތަކެކެވެ. ހިއްސާކޮށްލީމާ ރަނގަޅެއް ވެދާނެއޭ ހީވާތީ ލިއެލީއެވެ.

އެޑިޓަރުގެ ނޯޓް
ކަނީރު އަބްދުއްރަޙީމަކީ ދިވެހިބަހާމެދު ފިކުރު ހިންގަވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެކެވެ. ޚިދުމަތުގެ ޚާއްޞަ ދަންނަކީ ޞިއްޙީ ދާއިރާކަމަށް ވިޔަސް ލިޔުންތެރިކަމަށް ލޯބިކުރައްވައެވެ. އުރުދޫބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ "ކަނީރު" ދިވެހިބަހުން ލިޔުއްވައި އުޅުއްވައެވެ. ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ޅެންވެރިއެއް ވެސްމެއެވެ.

Advertisement

ކޮމެންޓް