Advertisement

އޮޓޯކިޔޫ ބޭނުންކޮށްގެން ދޭ ތަގުރީރެއްގައި ފަންނީ މައްސަލައެއް ދިމާވީމާ ހަދާނީ ކިހިނެއް؟

20 Dec 2023 | 22:17
ޖަލްސާއެއްގައި ވަހަކަދައްކަނީ

ބައިނަލްއަގުވާމީ އަދި ގައުމީ އިސް ބޭފުޅުން ބޮޑެތި ރަސްމީ އިހުތިފާލުތަކުގައި އޮޓޯކިޔޫ ބޭނުންފުޅުކުރައްވައިގެން ތަގުރީރުދެއްވުމަކީ އެ ކަމުގައި އޮންނަ ސަގާފަތެވެ. ނަމަވެސް އެ ފަދަ ޖަލްސާތައް އިންތިޒާމުކުރައްވާ ބޭފުޅުންނާއި އިއްޒަތްތެރީންގެ ތަގުރީރުތައް ލިޔެދެއްވައި އެ ކަމުގެ އިންތިޒާމު ހަމަޖައްސަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާންޖެހޭ ކަމެއް އޮވެއެވެ. ފަންނިއްޔާތަކީ ސައްތައިންސައްތަ އިތުބާރުކޮށްގެން ވާނެ އެއްޗެއް ނޫންކަމެވެ. މި ކަން ހަނދުމަފުޅު ނައްތައިލައްވައިފި ނަމަ، ވަރަށް އައިބު ކަންކަން މެދުވެރިވަދާނެއެވެ. ވަގުތުން މުޅި ދުނިޔެއަށް ފޮނުވާ އިޙުތިފާލެއްގައި މި ފަދަ ކަމެއް ދިމާވުމަކީ، އިންތިޒާމުކުރައްވާ ބޭފުޅުންގެ ތަޖުރިބާ މަދުކަން ރަމްޒުކޮށްދޭ ކަމެކެވެ.

މި ކަމަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން އިންތިޒާމުކުރައްވާ ބޭފުޅުން ސަމާލުކަންދެއްވާން ޖެހޭ ކަންތައްތަކެއް ހުރެއެވެ. ފުރަތަމަ ކަމަކީ ކުރީން ވެސް ދެންނެވި ފަދައިން ފަންނިއްޔާތު ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކަށް ސައްތައިންސައްތަ އިތުބާރު ނުކުރެއްވުމެވެ. އެހެންވީމާ، އޮޓޯކިޔޫގައި އޮންނަ ތަގުރީރު، ތަންކޮޅެއް ފަލަ އަކުރަކުން ލިޔުއްވައި ވާހަގަދައްކާ ޕޯޑިއަމްގައި ބާއްވަވާންވާނެއެވެ. މި ފަދަ އިންތިޒާމެއް ކޮންމެވެސް ސަބަބަކާ ހުރެ ނުކުރެއްވި އޮވެއްޖެ ނަމަ، ކަންކުރައްވާނެ ގޮތް ވެސް ތަގުރީރުދެއްވާ ބޭފުޅަކު ވެސް ތަދުބީރެއް ކުރައްވައިފައި އޮންނާންވާނެއެވެ.

އޮޓޯކިޔޫއަށް މައްސަލަޖެހުމުން ތަގުރީރު މެދުކެނޑުނަ ނުދެއްވައި ކުރިފުޅުމަތީގައި ލިޔެފައި އޮތް ތަގުރީރު ބައްލަވައިގެން މެދުކަނޑުއްވައިނުލައްވައި ކުރިއަށް ގެންދެވުމަކީ އެ އިޙުތިފާލު އައިބު ނުވެ ކުރިއަށް ގެންދެވޭނެ ފުރިހަމަ ގޮތެކެވެ.  ކޮންމެވެސް ސަބަބަކާ ހުރެ ފަންނިއްޔާތަށް މައްސަލަ ޖެހުނު އިރު ޕޯޑިއަމް މަތީގައި ލިޔެވިފައިވާ ތަގުރީރު ނެތް ނަމަ، ހިތްޕުޅުގައި ހުރި މުހިންމު ނުކުރާތައް ހުށަހަޅުއްވައިލުމަށް ފަހު ރީތިކޮށް ނިންމަވައިލައްވާނީއެވެ. މި ގޮތަށް ވެސް ކުރިއަށް ގެންދަވާން އުނދަގޫފުޅުވެއްޖެ ނަމަ، މިހާ ހިސާބުން އަޅުގަނޑުގެ ވާހަކަ ނިންމައިލައްވަނީކަމަށް ވިދާޅުވުމަށް ފަހު، އައިބު ނުވާ ކަހަލަ ގޮތަކަށް ބާރުގަދަ އިލްތިމާސަކުން، ނުވަތަ ރީތި ދުޢާއަކުން ނިންމައިލައްވާނީއެވެ. އޭރުން ފަންނިއްޔާތަށް ދިމާވާ މައްސަލައަކާ ގުޅިގެން އައިބެއް ނެތި، އިޙުތިފާލު ކުރިއަށް ގެންދެވޭނެއެވެ.

ބައިނަލްއަޤުވާމީ ނުވަތަ ޤައުމީ ގޮތުން މަތީ ފެންވަރުގެ ބޭފުޅަކަށް މި ބާވަތުގެ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމުގައި ޒިންމާވާން ޖެހޭނެ އަދި ޒިންމާދާރުކޮށް ފިޔަވަޅުއަޅަން ޖެހޭ އެކަކަށް ވުރެ ގިނަ މީހުން ތިބޭންޖެހޭނެއެވެ. މި ބާވަތުގެ ކަންކަމުގައި ފިޔަވަޅު ނޭޅޭ ނަމަ، ޒިންމާދާރުވާކަށް މުވައްޒަފުންނަކަށް ދަހެއްނުވާނެއެވެ.

"ފަރަގު" އުންމީދުކުރާނީ މި ދަންނަވައިލި ކުރުކުރު އިރުޝާދުގެ ބޭނުންފުޅުކުރައްވައިގެން މުހިންމު އިޙުތިފާލުތަކަށް މި ގޮތަށް ތައްޔާރުވެވަޑައިގަންނަވާނޭކަމަށެވެ. އަދި ފަންނިއްޔާތަށް ސައްތައިންސައްތަ އިތުބާރު ނުކުރައްވާނެކަމަށެވެ. އަބަދު ވެސް ތަދުބީރު (ހ)އާއި، ތަދުބީރު (ށ)އަކާއި ތަދުބީރު (ނ)އެއް ބާއްވަވާނެކަމަށެވެ.

________________________________

ބައެއް ލަފުޒުގެ މާނަ:

ފަންނިއްޔާތު   ނ.   (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ސަގާފަތް     ނ.   އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނަ އިރު، އެ ބަޔެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ.

ތަދުބީރު     ނ.    (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް

Advertisement

ކޮމެންޓް
މަރީ
މި ފަދަ ކަމެއް ދާދި މިދާކަށް ދުވަހަކު ފެނިއްޖެ. ހިތަށްއެރި. އިންތިޒާމުކުރާން ކިތަންމެ މިނިސްޓަރުންނެއް ތިއްބެވިޔަސް އިސްވެ ބަސްކިޔާކަށް ނެތޭ ތަޖުރިބާކާރު ބޭފުޅަކު.
25 Dec 2023