Advertisement

އަލުން މަރުކާކުރުން: މާރުކޭޓުކުރުމުގެ މުހިންމު އިސްތިރާޖެއް

ދަހޮޓްސްކިލް

ވިޔަފާރިމަރުކާ ބަދަލުކުރުމަކީ ނުވަތަ ރީބްރޭންޑިންގއަކީ (އަލުން މަރކާކުރުމަކީ) ވިޔަފާރި ދާއިރާގައި، ކުންފުނީގެ މަގުބޫލުކަން އިތުރުކުރުމަށް ޓަކައި، ކުންފުނި އިޝްތިހާރުކުރުމަށް ޓަކައި، ކުންފުންޏެއްގެ ތަޞައްވުރު ބަދަލުކުރުމަށްޓަކައި، ކުރާ ކަމެކެވެ. ވިޔަފާރީގެ އުކުޅެކެވެ. އޭރަކު ގާއިމުވެފައި އޮތް ނަމެއް، ނިޝާނެއް، ބަދަލުކޮށް އާ މަރުކާއަކާއި އާ ނަމެއް ދިނުމަކީ އެ މުދަލެއް ނުވަތަ ކުންފުންޏެއް އަލުން މާރުކޭޓުކުރުމަށް ޓަކައި ގެންގުޅޭ މުހިންމު އިޝްތިރާޖެކެވެ. އިޝްތިހާރުކުރުމަށް ޓަކައި ބޭނުންކުރާ ކާމިޔާބު ހުނަރެކެވެ. އެހާމެ މޮޅު އިސްތިރާޖީ އުކުޅެކެވެ. ފަހަރެއްގައި ވެސް މިއީ އޮޅުވައިލުމަށް ޓަކައި ކުރެވޭ ކަމެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އަޅުގަނޑު ދަންނަވާނީ މިއީ ވިޔަފާރި އުކުޅެއް ކަމުގައެވެ.

ރާއްޖޭގައި ވަރަށް މަޝްހޫރުވި ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ޝިޕިންގ ލިމިޓެޑް (އެމްއެސްއެލް)، މޯލްޑިވްސް ޝިޕް މެނޭޖްމެންޓް ސަރވިސަސް ލިމިޓެޑް ފަދަ ނަންނަމަށް ބަދަލުވުމާއި، މޯލްޑިވްސް އެއަރވޭޒް އާއި އެއަރމޯލްޑިވްސް ފަދަ ނަންނަމަކީ އަދި އައިލެންޑް އޭވިއޭޝަން ސަރވިސްފަދަ ނަންނަމަކީ ވެސް މި ދެންނެވި އުޞޫލުން ހިނގައި ދިޔަ ކަންކަމެވެ. އާދޭހެވެ! ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި އެޅުނު އިސްތިރާޖީ ފިޔަވަޅުތަކެކެވެ. ދާދި ފަހުން ހައުސިންގ ޑިވެލޮޕމެންޓް ކޯޕަރޭޝަންގެ ނަމަކީ "އަރބަންކޯ"ކަމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެކަމަކު އެއީ ވެސް އަލުން މަރުކާކުރުމެކެވެ. ރީބްރޭންޑްކުރުމެކެވެ.

ރާއްޖޭގެ މާޙައުލުން ބައެއް އެހެން މިސާލުތައް ވެސް ދަންވައިލާނަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ޕިޔޯނުންނާއި މަސައްކަތު މީހުންނާއި ކާތިބުންނަކީ ސަރުކާރުގެ އޮފީސްތަކުގައި ތަންކޮޅެއް ކުރީން ވަރަށް އާންމު މަގާމުތަކެވެ. އެކަމަކު އެއީ ވަރަށް ޝަރަފުވެރި މަގާމުތަކެއް ވެސް މެއެވެ. ޕިޔޯނުކަމަކީ ވެސް ލިޔެކިޔާން ދަތުމާއި ދައުލަތުގެ ވެރީންނާ ގުޅޭ އެކިއެކި މަޢުލޫމާތުތައް ފަދަ ކިތަންމެ މަޢުލޫމާތެއް ދަސްކޮށްގެން ނަގާ ސަނަދެއްގެ މައްޗަށް ލިބޭ ވަޒީފާއެކެވެ. އެ ވަޒީފާގައި ހުންނަ މީހަކަށް ދިވެހި ސަރުކާރު (ދސ) ޖަހައިފައިވާ ބައިސިކަލެއް ވެސް ލިބޭ މަގާމެކެވެ. ބައިސިކަލަކީ އޭރު ކޮންމެ ކޮންމެ މީހަކަށް ގަނެވޭ ވަރަށް ވުރެ އަގު ބޮޑު ވެސް އެއްޗެކެވެ. ލިބޭ މުސާރައާ އަޅައި ބަލާއިރުއެވެ. އެހެންކަމުން އެ ވަޒީފާއަކީ ވެސް ހަމަ ވަރަށް ގަދަރުވެރި ވަޒީފާއެއް ކަމަށް އޭރު ދިވެހީން ދުށްޓެވެ. ފަހުންފަހުން އައިސް ޕިޔޯނުކަމުގެ ސަނަދުގެ ބަދަލުގައި އެ ވަޒީފާގެ ޝަރުޠަކީ ގްރޭޑް 5 ނިންމައިފައިވުން ކަމަށް ހަމަޖެހުނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ތަޢުލީމީ ޙާލަތު ކުރިއަރައިގެން އައި އައުމުގައި އެ މަގާމާ މެދު މީހުން ދެކޭ ގޮތް ބަދަލުވިއެވެ. ނަތީޖާއެއްގެ ގޮތުން ޕީޔޯނުކަމުގެ މަގާމަށް ނުވަތަ މަސައްކަތު މީހެއްގެ މަގާމަށް ނުވަތަ ކާތިބުކަމުގެ މަގާމަށް އިޢުލާނުކުރިޔަސް އެ ކަމަށް އެދޭން، މީހުން ފަސްޖެހުނެވެ. "މަސައްކަތު މީހެއް"، "ޕިޔޯނެއް"، "ކާތިބެއް" މި ނަންނަމަކީ ބާ ނަންތަކެއްކަމަށް ވީ ތަން ފެނުނެވެ. އެހެންކަމުން މި މަގާމުތައް ރީބްރޭންޑްކުރެވުނެވެ.

ޕިޔޯނުކަމުގެ ބަދަލުގައި އަލުން ތަޢާރަފުކުރެވުނު ނަމަކީ "މެސެންޖަރ"އެވެ. "މަސައްކަތުމީހާ"ގެ ބަދަލުގައި "ޢާމިލު" ނުވަތަ "ސަޕޯޓް ސްޓާފް" ނުވަތަ "އެޓެންޑެންޓް" ފަދަ އެކި ނަންތައް ތަޢާރުފުކުރެވުނެވެ. "ކާތިބު"ގެ ބަދަލުގައި ކޮންމެވެސް "އޮފިސަރ"އެއްގެ ނަމެވެ. އަލުން މަރުކާކުރެވުނީއެވެ. އާދޭހެވެ! ރީބްރޭންޑް ކުރެވުނީއެވެ.  ނަތީޖާއެއްގެ ގޮތުން މި މަގާމުތަކަށް މީހުން ހޯދާން ދިމާވި ދަތިތައް ޙައްލުވިއެވެ.

ކަވާޖެހުމަކީ ވަރަށް ގިނަ ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ގަދީމީ ޒަމާނުއްސުރެ ދުނިޔޭގައި ބޭނުންކުރަމުން އައި ފަރުވާއެކެވެ. މީލާދީ ސަނަތުގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ވެސް ކަވާޖެހުމަކީ ސީނުކަރައިގައި ކުރަމުން އައި ކަމެކެވެ. ސީނު ކަރައިގެ ކީމިޔާވެރިއެއް ކަމަށްވާ އަދި ހަކީމީ ބޭސްވެރިއެއް ކަމުގައިވާ "ގެހޮންގ" ލިޔުއްވައިފައިވާ ލިޔުމަކުން މި ކަން އެނގެއެވެ. ކަވާޖެހުމަކީ ދިވެހިރާއްޖޭގައި ވެސް ވަރަށް ގަދީމީ ޒަމާނުއްސުރެ ކުރަމުން އައި ކަމެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް މި ފަރުވާ އައީ ކޮން ސަގާފަތެއްގެ ތެރެއިން ކަމެއް އަޅުގަނޑަށް ހޯދިފައެއް ނެތެވެ. (މި ކަމަށް ޓަކައި މަޢާފަށް އެދެމެވެ.) ކަވާޖެހުމަކީ ނަބަވީ ފަރުވާއެއް ވެސް މެއެވެ. ސުންނަތުން ސާބިތުވާ އިތުބާރު ހުރި ފަރުވާއެކެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކަވާޖެހުމަށް ސީނުކަރައިގެ ބަހުން ކިޔައި އުޅެނީ "ބާގޮއުން" (拔罐) އެވެ.  ޢަރަބި ބަހުން ކިޔަނީ "އަލްޙިޖާމާ" (الحجامة) އެވެ. ފާރިސީ ބަހުން ކިޔަނީ "ޙިޖާމަތު" (حجامت) އެވެ. އުރުދޫ ބަހުން ކިޔަނީ "ޕަކަޅުނާ" (پکڑنا) އެވެ. ހިންދީ ބަހުން ވަކި ޚާއްޞަ ނަމެއް ކިޔާކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. (ނޯވެޔެކޭ ނުދަންނަވަމެވެ. އަޅުގަނޑަށް ނޭނގެނީއެވެ.) އެ މީހުން އާންމުކޮށް ކިޔަނީ އިނގިރޭސިބަހުގެ ނުފޫޒުގައި ހަމަ "ކަޕިންގ"އެވެ. މެލޭ ބަހުން ކިޔަނީ "ބްކަމް" (Bekam) އެވެ. ސިންގަޅަ ބަހުން ކިޔަނީ "ކަޕްކިރީމަ" (කප් කිරීම) އެވެ. ތިޔަ ބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން އިނގިރޭސިބަހުން ކިޔަނީ "ކަޕިންގ" (Cupping)  އެވެ. މި ހުރިހާ ބަސްބަހަށް ވިސްނައިލުމުން ވެސް "ކަވާޖެހުން" ނުވަތަ "ކަވާ" މި ލަފުޒާ ކައިރިކުރާ އެއްވެސް ނަމެއް ނެތެވެ. އެހެންވީމާ މި ލަފުޒު ދިވެހިބަހަށް އައީ ކިހިނެއްބާވައެވެ! މިއިން ބަހަކުން ކިޔާ ގޮތާ އެއް ގޮތް ކަމެއް "ކަވާޖެހުން" މި ލަފުޒުގައި ވީ ނަމަ، ދިވެހީންނަށް ކަވާޖެހުން ތަޢާރުފުވީ ކޮން ދިމާއަކުންކަން ލަފާކުރާން ފަސޭހަވީހެވެ.

މިހާރަކަށް އައިސް ކަވާޖެހުމަށް "ޙިޖާމާޖެހުން" ކިޔާ އަޑު އިވެއެވެ. ނަމަވެސް ޢަބަބި ބަހުން އޮންނަ "الحجامة" މި މަޞްދަރަށް ދިވެހިބަހުން ކިޔަނީ "ކަވާޖެހުން" މިހެންނެވެ. ވީމާ ޙިޖާމާ ޖެހުމޭ ބުނީމާ އެ ބުނެވެނީ "ކަވާޖެހުން ޖެހުން" ނޫންތޯއެވެ! މާ ކުރީއްސުރެ ދިވެހިބަހުގައި އޮތް ލަފުޒެއް ދޫކޮށް އެހެން ލަފުޒެއް މި ބޭނުންކުރާނީ ކީއްވެބާވައެވެ. މި ފަރުވާގެ އެންމެ ކުރީގެ ތާރީޚު ގުޅިފައިވަނީ ސީނުކަރަޔާ ކަމަށް ވާއިރު އެ މީހުން ކިޔާ ނަން "ބާގޮއުން" (拔罐) ނުކިޔަނީ ކީއްވެބާވައެވެ! ނުވަތަ އެންމެން އެންމެ ގަޔާވާ އިނގިރޭސިބަހުން ކިޔާ ގޮތަށް "ކަޕިންގ" (Cupping)  ނުކިޔަނީ ކީއްވެބާވައެވެ. ދިވެހިބަހުގައި މިވެނި ލަފުޒަކަށް ލަފުޒެއް ނޯވެޔޭ ކިޔައި އެތައް ބަޔަކު ޝަކުވާކުރާ އިރު، އެންމެ އިހު ޒަމާނުއްސުރެ، ދިވެހިބަހުގައި ހުންނަ ލަފުޒުތައް ދޫކޮށް، ބޭރު ލަފުޒެއް ބޭނުންކޮށްފައި ދިވެހިބަހުގައި މިވެނި ލަފުޒަކަކަށް ކިޔާނެ ލަފުޒެއް ނެތޭ ކިޔައި ޝަކުވާ ކުރަނީ ކީއްވެބާވައެވެ! ތެދުފުޅެކެވެ. ކަވާޖެހުމަކީ ނަބަވީ ފަރުވާއެއް ކަމަށް ވިޔަސް، "ކަވާޖެހުން" މިއީ "މުސްކުޅި" ނަމެއް ކަމުގައިވާތީ "ޙިޖާމާޖެހުން"  މި ނަމުގައި ރިބްރޭންޑްކޮށްލެވުނީއެވެ. ނަން ޒަމާނީ ކޮށްލެވުނީއެވެ. ނަތީޖާއެއްގެ ގޮތުން (އެހެން ނަމެއްގައި) މިއަދު އެއީ ވަރަށް "ހިނގާ" ފަރުވާއެއްކަމަށް ވެއްޖެއެވެ.

ފަންޑިތަހެދުމަކީ ވެސް ދިވެހި ސަގާފަތުގައި އޮތް ކަމެކެވެ. ފަންޑިތަ ހަދާން ދިވެހީން ފަށައިގެން އެ ކަން ކުރިއަށް ގެންދިޔައީ އިސްލާމީ އުޞޫލުގެ މަތީންނެވެ. "ޝަމްސުލްމަޢާރިފުލްކުބްރާ" ފަދަ މުޢުތަބަރު ފޮތްފޮތުން ނަގުލުކޮށްގެންނެވެ. ނަމަވެސް ދިވެހި ރައިވަރު "ބެރެކި"ވީ ފަދައިން "ފަންޑިތަހެދުން ވެސް އެއް ޖީލުން އަނެއް ޖީލަށް ނަގުލުވެގެން އައި އައުމުގައި އެ ކަން ޖާހިލުންގެ އަތްމައްޗަށް އަރައި، އޭގެ އަސްލު ގެއްލި ސިހުރާއި ހާހޫރައިގެ ތެރެއަށް ވަދެ ސިހުރަށް އެ ކަން ބަދަލުވިއެވެ. ސިހުރު ހާހޫރައާ މަސްހުނިވީއެވެ. ނަތީޖާއެއްގެ ގޮތުން އެއީ އަދުގެ ތައުލީމީ ޖީލުން ބަލައިގަންނަ ކަމަކަށް ނުވިއެވެ. މި ޒަމާނަށް އައި އިރު، ޢިލްމުވެރީން ގިނަވެ، ހުއްދަ މަގުން އެ ކަން ކުރާން ބަޔަކު މަސައްކަތްކުރިޔަސް އެއީ އެ ނަމުގައި މިއަދުގެ ޖީލުން ބަލައިގަންނަ ކަމަކަށް ނުވިއެވެ. އެހެންކަމުން "ރުޤުޔާކުރުމުގެ" ނަމަށް "ފަންޑިތަހެދުން" ބަދަލުކޮށްލެވުނެވެ. އާދޭހެވެ!  ރިބްރޭންޑްކޮށްލެވުނެވެ. ކަމަކީ ހަމަ އެއް ކަމެކެވެ. ތަފާތުވީ ނަމެވެ. އިސްލާމީ އުސޫލުން އެކަން ކުރުމާއި ނުކުރުމަކީ ނަމާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ އެ ކަން ކުރާ މީހަކާއި އެ ކަން ކުރާ ގޮތާ ގުޅިފައި އޮންނަ ކަމެކެވެ.

އެހެން މިސާލެކެވެ! ސޫދުކެއުމަކީ ވަރަށް ބޮޑު ޙަރާމްކަމެކެވެ. އެ ނަން ނުވަތަ ޢަރަބިބަހުން ކިޔާ ރިބާގެ ނަން އަޑުއިވުމުން މުސްލިމުންގެ ހިތަށް ވެރިވާނީ ވަރަށް ނައްސި ޝުޢޫރެކެވެ. އެހެންކަމުން އެ ނަން ވެސް ވަނީ ރިބްރޭންޑްކޮށްލެވިފައެވެ. މިހާރު ރިބާއެއް ނޯވޭޔޯލައެވެ. މިހާރު އެއީ "އިންޓަރެސްޓެވެ." "ރިޝްވަތު" ވެސް "ސަޔަކަށް" ނުވަތަ "ހަދިޔާއަކަށް" ރީބްރޭންޑް ކޮށްލެވުނު ފަދައިންނެވެ. ނަމަވެސް ނަން ބަދަލުކުރިޔަސް އޭގެ އަޞްލު ބަދަލު ނުވާނެކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އެކަމުގެ ޙުމުމް ވެސް ދެމި އޮންނާނެކަން ވެސް ދަންނާންޖެހޭނެއެވެ.

"ކައްކާ" ނުވަތަ "ބޮޑުކައްކާ"އަކީ ކިތަންމެ މުހިންމު މަގާމެއްކަމުގައި ވިޔަސް ރައިވަރު "ބެރެކި"ވީ ފަދައިން ކޮންމެވެސް ސަބަބަކާހުރެ، އެއީ "ބެރެކި" މަގާމެއް ކަމުގައި ދިވެހީންނަށް އިޙުސާސްކުރެވޭން ފެށިއެވެ. އެހެންވެ އެ ނަން ބަދަލުކޮށްލެވުނީ، ނޫން ރިބްރޭންޑްކޮށްލެވުނީ، މާ ބޮޑަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކާ އެއްޗެހި ތައްޔާރުކުރާ މީހާ އަށް އިނގިރޭސި ބަހުން ކިޔަނީ "ކުކް" (cook) އެވެ. އެހެންވެ ފަރަންސޭސިބަހަށް ޖެހިލައި އެއީ "ޝެފް" (chef) ގެ ގޮތުގައި ރީބްރޭންޑްކޮށްލެވުނީއެވެ. ފަރަންސޭސިބަހުގެ މި ލަފުޒަކީ މިއަދު އެއީ އިނގިރޭސި ރަދީފުން ވެސް ޖާގަ ހޯދައިފައިވާ ލަފުޒެކެވެ. މާނައަކީ "އިސް ކައްކާ"އެވެ.

އިސްވެ ދެންނެވުނު މިސާލުތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ ވިޔަފާރިތަކާއި ކުންފުނިތައް އަލުން މަރުކާކުރާ ފަދައިން މަގާމުތަކާއި ޢަމަލުތައް ވެސް އަލުން މަރުކާކުރެވޭކަމެކެވެ. ރީބްރޭންޑް ކުރެވޭކަމެވެ. މިއީ އެ ކަމެއް، އެ ނަމެއް، މީހުންގެ މެދުގައި މަޤުބޫލުކުރުމަށް ޓަކައި އަޅާ މުހިންމު އިސްތިރާޖީ ފިޔަވަޅެއްކަމެވެ. ވިޔަފާރީގެ ހުނަރުވެރި އުކުޅެއް ކަމެވެ. އާދޭހެވެ! އިޝްތިހާރުކުރުމުގެ މޮޅު ހުނަރެކެވެ. މަކަރެކޭ ދަންނަވާކަށް ބޭނުމެއް ނޫނެވެ. އެއީ މޮޅު އުކުޅެއް ނޫންތޯއެވެ!

___________________

ބައެއް ލަފުޒުގެ މާނަ:

މަރުކާ:          ކުންފުންޏަކުން ނުވަތަ ކާރުޚާނާއަކުން ވިޔަފާރީގެ ދާއިރާގައި ގެންގުޅޭ ޚާއްޞަ ނިޝާން

ބެރެކި:          އަވަގުރާނަ

އިސްތިރާޖު:ސްޓްރެޓެޖީ (މި ލަފުޒު ދިވެހި އިސްތިއުމާލުގައި ބޭޏުންކުރިޔަސް އަދި ރަދީފަކު ނެތެވެ.)

Advertisement

ކޮމެންޓް