'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމުގެ މައްޗަށް އަވަސް ކަޅިއެއް (1)
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ދީނީ ހަރުކަށި ފިކުރު' މިއީ މިހާރު ވަރަށް ގިނައިން އިވޭ އިބާރާތެކެވެ. 'ދީނީ ހަރުކަށި ފިކުރު' މުޖުތަމައުގައި ފެތުރޭ ވާހަކައެވެ. 'ދީނީ ހަރުކަށި ފިކުރު'ގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. ރާއްޖެއިން ބޭރުގައި، ބައެއް މުސްލިމު ގައުމުތަކުގައި، ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓަކައި، 'ދީނީ ހަރުކަށި ފިކުރު'ގެ މީހުން ދާކަމުގެ ވާހަކައެވެ. ރާއްޖޭގައްޔާއި އަދި ރާއްޖޭން ބޭރުގައި ވެސް، މީހުން މެރުމާއި ފޭރުމާއި ވައްކަންކުރުމާއި މިފަދަ އަމަލުތައް، 'ދީނީ ހަރުކަށި ފިކުރު'ގައި ޖެހިފައި ތިބި މީހުން ހިންގާ ވާހަކައެވެ.
'ދީނީ ހަރުކަށި ފިކުރު'ގެ މީހުންގެ ވާހަކަތައް ދެކެވޭއިރު، އަޑުއަހަން ވަރަށް ވެސް ބޭނުން، އެހެން ނަމަވެސް، އަޑު ނީވޭ، އެކަމާ ބެހޭ ބައެއް ވާހަކަތައް ވެސް އެބަ ހުއްޓެވެ. 'ދީނީ ހަރުކަށި ފިކުރާ' ގުޅޭ ގޮތުން އެންމެ ފުރަތަމަ އަޑުއަހަން ބޭނުންވާ ވާހަކައަކީ 'ދީނީ ހަރުކަށި ފިކުރަކީ' ކޮބައިތޯ ސާފުކޮށް ބަޔާންކޮށްދިނުމުގެ ވާހަކައެވެ. 'ދީނީ ހަރުކަށި ފިކުރާ' ކުރިމަތިލުމުގެ އެދުން ފާޅުކުރެވޭއިރު، އެފިކުރަކީ ކޮބައިކަން ކަނޑަނޭޅޭ ނަމަ، އެފަދަ ފިކުރަކާ ކުރިމަތިލެވިދާނެތޯއެވެ؟ ހަމަ އެހެންމެ 'ދީނީ ހަރުކަށި ފިކުރަށް' ޖާގައެއް ނެތްކަން ބުނާ އިރު، އެ ފިކުރަކީ ކޮބައިކަން ބުނެނުދީ އެ ފިކުރަށް ޖާގަ ނުދޭނީ ކިހިނެއްތޯއެވެ؟ ހަމަ އެހެންމެ، 'ދީނީ ހަރުކަށި ފިކުރާ' ކުރިމަތިލައި އެ ކަމަށް ހައްލެއް ހޯދާން އުޅެވޭނީ ވެސް، އެ ފިކުރަކީ ކޮބައިކަން ބަޔާންކޮށްދެވިގެން ނޫންތޯއެވެ؟ މީގެ އިތުރަށް، އެ ކަމުގެ ހައްލެއް ހޯދާން މަސައްކަތްކުރާން ގަސްތުކުރާ އިރު، އެ ކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނީ، އެންމެ ފުރަތަމަ، އެ ފަދަ ހަރުކަށި ފިކުރު ފެތުރޭން ދިމާވާ ސަބަބަކީ ކޮބައިކަން ވެސް ދެނެގަނެ، މި ސަބަބުތައް ނައްތައިލެވިގެން ނޫންތޯއެވެ؟ ދީނީ 'ހަރުކަށި ފިކުރާ' ބެހޭ ގޮތުން އަޑުއަހާން ގިނަބަޔަކު ބޭނުންވާނެކަމަށް ފެންނަ، މި ދެންނެވި ވާހަކަތަކެއް ނީވެއެވެ. އެހެންވެ، މި ކަންކަމުގެ މައްޗަށް އަލިއަޅުވައިލުމުގެ ބޭނުމުގައި، މި ލިޔުން ލިޔަމެވެ. ތިން ނުކުތާއެއްގެ މައްޗަށް އަމާޒުކޮށެވެ. 'ދީނީ ހަރުކަށި ފިކުރަ'ކީ ކޮބައިކަމާއި އެ ފަދަ ފިކުރެއް އުފެދޭން ދިމާވާ ސަބަބާއި އަދި އެ ކަން ހައްލުކުރާނީ ކިހިނެއްތޯއާއި، މި ތިން ނުކުތާގެ މައްޗަށެވެ.
ދީނުގެ މާނަ
'ދީނީ ހަރުކަށި ފިކުރަކީ' ކޮބައިކަން ކަނޑައަޅައިލުމަށް ޓަކައި، އެންމެ ފުރަތަމަ، ދީނުގެ މާނައަކީ ކޮބައިކަން އެނގޭންޖެހެއެވެ. ދީނީ ފިކުރު 'ހަރުކަށިވަނީ' ކިހިނެއްކަން އެނގޭނީ ދީނަކީ ކޮބައިކަން އެނގިގެން ކަމަށްވާތީއެވެ. އެހެންވެ، އިސްލާމް ދީނުގައި 'ދީނު'ގެ މާނައަކީ ކޮބައިތޯ ބަލައިލާން ޖެހެއެވެ.
އިސްލާމް ދީނުގައި 'ދީނު'ގެ މަފުހޫމު ދެނެގަތުމަށް ޓަކައި ހަތަރު ލަފުޒެއްގެ މާނައިގެ މައްޗަށް ބަލައިލާން ޖެހެއެވެ. ދީން، 'އިސްލާމް'، ޝަރީޢަތް އަދި ފިގުހު، މި ހަތަރު ލަފުޒެވެ. އެހެންވެ، ކުރު ގޮތަކަށް ނަމަވެސް، މި ލަފުޒުތަކުގެ މާނައިގެ މައްޗަށް ބަލައިލާނަމެވެ. ދީނުގެ މަފުހޫމު ފަހުމްކޮށް ދެނެގަތުމަށްޓަކައެވެ.
'ދީން' މިލަފުޒުގެ އަސާސީ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. މީގެ އިތުރުން، މި ބޯލަނބައި ކިޔަމަންތެރިވުމުގެ ނަތީޖާކަމަށްވާ 'ޖަޒާދިނުން' މިމާނައިގަ ވެސް 'ދީން'، މި ލަފުޒު، ބޭނުންކުރެވެއެވެ. ދީނީ އިސްތިލާހުގައި 'ދީން'، މި ލަފުޒު، އިޝާރަތްކުރަނީ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. އެކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރަނީ އެކަލާނގެ ހަޟްރަތުން އެކަމުގެ ހެޔޮޖަޒާ ލިބުން އަދައިގެންނެވެ.
'އިސްލާމް' މި ލަފުޒުގެ އަސާސީ މާނައަކީ އިސްތިސްލާމުވުމެވެ. ނަފުސު ދީލާލައި އަމާންދިނުމެވެ. މި ކަން ހިތަށް ގެނެސްގަތުމަށް ޓަކައި މި ދެންނެވި މަންޒަރު ހިތްޕުޅަށް ގެންނަވާށެވެ. ދެ ބަޔެއްގެ ދެމެދުގައި ހަނގުރާމައެއް ކުރެވި، އެއް ބަޔަކު ގަދަވެ، އަނެއް ބަޔަކު ބަލިވާ މަންޒަރެވެ. ބަލިވާ ބަޔަކަށް ޖެހޭނީ ގަދަވާ ބަޔެއްގެ ކުރިމަތީ އިސްތިސްލާމުވުމަށެވެ. އަމާންދީ ދީލައިލާށެވެ. ދީނީ އިސްތިލާހީ މާނައިގައި މި އިސްތިސްލާމުވަނީ، ނުވަތަ އަމާންދީ ދީލައިލަނީ މާތްކަލާނގެ ކިބަފުޅަށެވެ. މި ކަން ކުރަނީ މުއުމިނާގެ ނަފުސު ހިފަހައްޓައި ކޮންޓުރޯލުކޮށްގެންނެވެ. ނުބައި ކަންތައް ކުރުމުން ނަފުސު ދުރުހެލިކުރުވައި، ހެޔޮކަންތައްތައް ކުރުމަށް ނަފުސު ހާނުވައި އެ ކަން ކުރުން މަތީ ދަމަހައްޓާން މަސައްކަތްކޮށްގެންނެވެ. ދީނީ ބަހުރުވައިގައި މިއަށް ތަގުވާވެރިވުމޭ ވެސް ކިޔެއެވެ.
މިހިސާބުން ކީރިތި ގުރުއާނުގެ ތިން އާޔަތަކާއި އެ ތިން އާޔަތުގެ މާނަ ލިޔެލާން ގަސްތުކުރަމެވެ. ދީނާއި އިސްލާމް މި ދެ ލަފުޒު، މަތީގައި ބަޔާންކުރެވި ދިޔަ، މާނައިގައި ބޭނުންކުރެވިފައިވާ ގޮތުގެ މިސާލެއް ގެނެސްދިނުމަށް ޓަކައެވެ. ފުރަތަމަ އާޔަތަކީ އާލު އިމްރާނު ސޫރަތުގެ 19 ވަނަ އާޔަތެވެ. إن الدين عند الله الإسلام މި އާޔަތެވެ. މާނައަކީ ހަމަކަށަވަރުން (މާތްކަލާނގެއަށް) ބޯލަނބައި ކިޔަމަންތެރިކަން އަދާކުރެވެނީ، އަމާންދީ (ނަފުސު) ދީލައިލައިގެންނެވެ. ދެވަނަ އާޔަތަކީ ވެސް އާލު އިމްރާނު ސޫރަތުގެ އާޔަތެކެވެ. އެ ސޫރަތުގެ 85 ވަނަ އާޔަތެވެ. ومن يبتغ غير الإسلام دينا فلن يقبل منه މިއާޔަތެވެ. މާނައަކީ '(މާތްކަލާނގެއަށް) ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި، އަމާންދީ (ނަފުސު) ދީލާލުން ނޫން އެހެން ގޮތަކަށް، އެކަން ކުރުމަށް، މީހަކު އެދެފި ނަމަ، އެގޮތެއް ބަލައެއް ނުގަނެވޭނެއެވެ.' މި ދެއާޔަތުން 'ދީން'، މި ލަފުޒު، ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ މާނާއިގައި ބޭނުންކުރެވިފައިވާތަން ފެނެއެވެ. އަދި 'އިސްލާމް' މި ލަފުޒު، އިސްތިސްލާމުވެ، ނަފުސު ދީލާލުމުގެ މާނައިގައި ބޭނުންކުރެވިފައިވާ ތަން ވެސް ފެނެއެވެ. ތިންވަނަ އާޔަތަކީ ފާތިހާ ސޫރަތުގެ ހަތަރު ވަނަ އާޔަތެވެ. مالك يوم الدين މި އާޔަތެވެ. މާނައަކީ (މާތްކަލާނގެއީ) ޖަޒާދެއްވާ ދުވަހުގެ ވެރި (އާދެ، ގިޔާމަތް ދުވަހުގެވެރި) ރަސްކަލާނގެއެވެ. މިއާޔަތުގައި 'ދީން'، މި ލަފުޒު، ބޭނުންކުރެވިފައިވަނީ ޖަޒާދިނުމުގެ މާނައިގައެވެ. އާދެ، މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވުމުގެ ނުވަތަ ނުވުމުގެ ނަތީޖާލިބުމުގެ މާނާއިގައެވެ. ކިޔަމަންތެރިވި މީހުންނަށް ހެޔޮޖަޒާއެވެ. އެނޫން މީހުންނަށް، އެމީހުންގެ އަމަލުތަކާ އެކަށީގެންވާ ޖަޒާއެކެވެ.
މައުޟޫޢާއިގެން ކުރިއަށް ދިޔުމުގެ ކުރީން، މި ތަނުގައި، މުހިންމު ނުކުތާއެއް ފާހަގަކޮށްލާން ބޭނުމެވެ. ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ 'އިސްލާމް' މި ލަފުޒާއި އަދި މިލަފުޒުން ނެގިފައިވާ 'އަސްލަމަ'އާއި 'މުސްލިމު' ފަދަ ލަފުޒުތައް ބޭނުންކުރެވިފައިވާ ގޮތުގެ މައްޗަށް އެއްޗެއް ބުނެއެވެ. އާންމު ގޮތެއްގައި، މިހާރު، 'އިސްލާމް' ނުވަތަ 'މުސްލިމު' މިހެން ބުނުމުން ވިސްނެނީ އެ ލަފުޒު އިޝާރާތްކުރަނީ ވަކި ދީނަކަށާއި އެ ދީނަށް ތަބާވާ މީހުންނަށްކަމަށެވެ. ސަލާމާއި ސަލަވާތްލެއްވި މުޙަންމަދުގެފާނު ގެންނެވި ދީނަށާއި އެ ދީނަށް ތަބާވާ މީހުންނަށްކަމަށެވެ. އާދޭހެވެ! 'އިސްލާމް' މިލަފުޒާއި އަދި 'މުސްލިމު' ފަދަ ލަފުޒުތައް މިހާރު ބޭނުންކުރެވެނީ މި ދެންނެވި 'މުއައްސަސީ' މާނައިގައެވެ. ވަކި އަގީދާއަކާއި – ގަބޫލުކުރާކުރުންތަކަކާއި – ގާނޫނުތަކެއް އެކުލެވޭ ވަކި ދީނެއްގެ މާނައިގައެވެ. މިހާރު، މި ގޮތަށް މި ލަފުޒުތައް ބޭނުންކުރެވުނު ކަމުގައި ވިޔަސް، ކީރިތި ގުރުއާނުގައި 'އިސްލާމް' މި ލަފުޒާއި އަދި މި ލަފުޒުން ނެގިފައިވާ 'މުސްލިމް' ފަދަ ލަފުޒުތައް ބޭނުންކުރެވިފައިވަނި ދެންމެ މި ދެންނެވި ފަދަ މުއައްސަސީ މާނައެއްގައެއް ނޫނެވެ. މި ލަފުޒުތައް ބޭނުންކުރެވިފައިވަނީ އަރަބި ބަހުގައި އެލަފުޒުތަކުގައި އެކުލެވޭ ލަފުޒީ މާނައިގައެވެ. އާދެ، އިސްތިސްލާމުވެ، އަމާންދީ ދީލައިލުމުގެ މާނައިގައެވެ. ނަފުސު ހިފަހައްޓައި ކޮންޓުރޯލުކޮށް ނަފުސު އިސްލާހުކޮށް ރަނގަޅުކުރުމުގެ މާނައިގައެވެ.
މި ކަން، އިހުގެ ބައެއް ތަފުސީރު ފޮތްތަކުންނާއި އަދި މިހާރުގެ ބައެއް ތަފުސީރު ފޮތްތަކުން ވެސް ސާފުވެއެވެ. މިސާލަކަށް، އަޅުނގަނޑުމެންގެ އަތުގައި އޮތް އެންމެ އިހުގެ ތަފުސީރުކަމުގައިވާ ތަބަރީގެ (އަވަހާރަވީ ހިޖުރައިން 310 ވަނަ އަހަރު) ޖާމިއުއޭ ކިޔޭ ތަފުސީރަށް ބައްލަވައިލައްވާށެވެ. މަތީގައި ދެންނެވުނު އާލު އިމްރާނުގެ 19 ވަނަ އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' މި ލަފުޒު ތަބަރީ މާނަކުރައްވަނީ ދެންމެ މި ދެންނެވި، އެ ލަފުޒުގެ ލަފުޒީ މާނައިގައެވެ. މުއައްސަސީ މާނައެއްގައެއް ނޫނެވެ. (ތަބަރީގެ އަލްޖާމިއުގެ 212/.3) އެހެން ނަމަވެސް، މިއާ ޚިލާފަށް، އާލު އިމްރާނުގެ 85 ވަނަ އާޔަތުގައި ވާރިދުވެފައިވާ އިސްލާމް، މި ލަފުޒަށް، ޖާމިއުގައި މުއައްސަސީ މާނައެއް ދޭން މަސައްކަތްކުރެވިފައިވެއެވެ. މި އާޔަތް ބާވާލެއްވުމުން، ތަފާތު ދީންތަކުގެ މީހުން ތިމަންމެންނަކީ 'މުސްލިމުން' ކަމުގައި ދައުވާކުރުމުން، ހައްޖުވުމުގެ އާޔަތް ބާވައިލެއްވުނު ކަމުގައި ވާރިދުވެފައިވާ ބައެއް ރިވާޔަތްތައް ގެނެވިފައިވެއެވެ. ދެން، އެ އާޔަތުގައިވާ ހައްޖުވުމުގެ އަމުރަށް ކިޔަމަންވެ، ހައްޖުވީ ހަމައެކަނި މުހައްމަދުގެފާނަށް ތަބާވި މުސްލިމުން ކަމުގައިވުމުން، 'އިސްލާމް' އެ އާޔަތުގައި ބޭނުންކުރެވިފައިވަނީ މި މީހުންގެ ދީނަށްކަމަށް ދޭހަވާގޮތަށް ޖާމިއުގައި ލިޔެވިފައިވެއެވެ. (ތަބަރީގެ ޖާމިއުގެ 339/3 ބައްލަވާ.)
ނަމަވެސް، އާލު އިމުރާނުގެ 85 ވަނަ އާޔަތުގެ ދާޚިލީ ސިޔާގަށް ބަލައިލުމުން، ބާރުލިބެނީ މި އާޔަތުގައި ވެސް 'އިސްލާމު' މި ލަފުޒު، ބޭނުންކުރެވިފައިވަނީ މުއައްސަސީ މާނައެއްގައި ނޫންކަމުގައެވެ. މާތްކަލާނގެއަށް ނަފުސު ދީލައިލައި ނުބައި މަގަށް ނަފުސު ދިޔަނުދީ ހިފެހެއްޓުމުގެ ލަފުޒީ މާނައިގައިކަމެވެ. މި އާޔަތުގެ ކުރިން އޮތް 83 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ އުޑާއި ބިމުގައިވާ ހުރިހާ އެންމެން ވެސް މާތްކަލާނގެއަށް 'އިސްލާމް'ވާކަމުގެ ވާހަކައެވެ. އާދޭހެވެ! އިސްތިސްލާމުވެ، އެބައި މީހުންގެ ނަފުސު ދީލައިލާ ވާހަކައެވެ. ދެން އޮތް 84ވަނަ އާޔަތުގައި މުޚާތަބުކުރެވިފައިވަނީ ސަލާމާ ސަލަވާތްލެއްވި މުހައްމަދުގެފާނާއެވެ. މި އާޔަތުގައި އެކަލޭގެފާނަށް އަމުރުކުރެވިފައިވަނީ އެކަލޭގެފާނަކީ މާތްކަލާނގެއަށާއި، އަދި އެކަލާގެފާނުގެ މައްޗަށް ބާވައިލެއްވުނު ފޮތަށާއި، އެބަހީ ކީރިތި ގުރުއާނަށާއި، އެ ބޭކަލުންގެ މައްޗަށް ސަލާމްލެއްވުނު އިބުރާހީމުގެފާނާއި އިސްމާއީލުގެފާނާއި އިސްހާގުގެފާނާއި ޔައުގޫބުގެފާނާއި އެކަލޭގެފާނުންގެ ދަރިކޮޅާއި އަދި މޫސާގެފާނާއި އީސާގެފާނާއި މި އެންމެހައި ރަސޫލު ބޭކަލުންގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ވެސް އީމާންވެ ހުންނެވި ބޭކަލެއްކަމުގައި، މީސްތަކުންގެ ކުރިމަތީގައި، އިއުލާނުކުރެއްވުމަށެވެ. އަދި އެއީ މާތްކަލާނގެ ކިބަފުޅަށް 'އިސްލާމް'ވުން ނިޔާކުރާކަމެއް ކަމުގެ ވާހަކަ ވެސް ވިދާޅުވުމަށް މިއާޔަތުގައި އެކަލޭގެފާނަށް އަމުރުކުރެވިފައިވެއެވެ. މި އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' މި ލަފުޒު، ތަބަރީ މާނަކުރައްވަނީ މާތްކަލާނގެއަށް އިސްތިސްލާމުވެ ނަފުސު ދީލައިލުމުގެ ލަފުޒީ މާނައިގައެވެ. (ތަބަރީގެ ޖާމިއުގެ 338/3) އެހެން ކަމަށްވާއިރު، ދެން އޮތް 85ވަނަ އާޔަތަކީ މި އާޔަތުގެ މާނައާ ގުޅިގެން އައިސްފައިވާ އާޔަތެއްކަމުން، އެ އާޔަތުގައި އޮތް 'އިސްލާމް ނޫން އެހެން ދީނެއް' މާނަކުރެވެން ވާނީ މި ދެންނެވި ދާޚިލީ ސިޔާގާ އެއްގޮތަށް، އެ ލަފުޒުގެ ލަފުޒީ މާނައިގައެވެ. މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެވެނީ ނަފުސު ދީލައިލައި ހިފެހެއްޓިގެންކަމުގެ މާނައިގައެވެ. ވަކި ދީނަކަށް އިޝާރަތްކުރާ މުއައްސަސީ މާނައެއްގައެއް ނޫނެވެ.
މިކަން އެންމެ ސަރީހަ ގޮތެއްގައި ބަޔާންކުރެއްވި އެއް ބޭކަލަކީ މިޒަމާނުގެ މުއުތަބަރު ތަފުސީރެއް ލިޔުއްވުމުގެ މަސައްކަތްކުރެއްވި މުހައްމަދު އަބްދުހޫއެވެ. (މީލާދީން 1905 އަހަރު އޭނާ އަވަހާރަވި އިރު، 'ތަފުސީރު އަލްމަނާރި'ގެ ނަމުން މަޝްހޫރުވެފައިވާ، އޭނާގެ ތަފުސީރު ފޮތުން ލިޔެވިފައިވަނީ ޔޫސުފު ސޫރަތުގެ ނިޔަލަށެވެ. އެ ހިސާބަށް ލިޔެވުނު ތަފުސީރު ފޮތުގައި 13 ޖިލްދު އެކުލެވިގެން ވެއެވެ.) މަތީގައި ދެންނެވުނު އާލު އިމްރާނުގެ 19ވަނަ އާޔަތާއި 85ވަނަ އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް'، މި ލަފުޒު، މުހައްމަދު އަބްދުހޫ ވެސް މާނަކުރައްވަނީ އޭގެ ލަފުޒީ މާނަކަމުގައިވާ 'އިސްތިސްލާމުވެ، ނަފުސު ދީލައިލައި ހިފެހެއްޓުމު'ގެ މާނައިގައެވެ. މުއައްސަސީ މާނައެއްގައި، އާދެ، ވަކި ބަޔަކަށް އިޝާރަތްކޮށް، އެ ބައެއްގެ ޖިންސިއްޔަތު އަންގައިދޭ ލަފުޒެއްގެ ގޮތުގައި، މި ދެންނެވި ދެ އާޔަތުގައި، މި ލަފުޒު ބޭނުން ނުކުރެވޭކަން އޭނާ ފާހަގަކުރައްވައެވެ. (އަލްމަނާރުގެ 258-257/3 އަދި 361-356/3 ބައްލަވާ.)
ކީރިތި ގުރުއާނުގައި 'އިސްލާމް'އާއި މި ލަފުޒުން ނެގިފައިވާ 'މުސްލިމު' ފަދަ އެހެން ލަފުޒުތައް ވެސް ބޭނުންކުރެވިފައިވަނީ މި ލަފުޒުތަކުގެ ލަފުޒީ މާނައިގައިކަން ދޭހަވާ އަނެއް ހެތްކަކީ އިހުގެ ނަބީ ބޭކަލުންނާއި އެ ބޭކަލުންނަށް ތަބާވީ މީހުންނަކީ ވެސް އިސްލާމް ދީން ގަބޫލުކުރި މުސްލިމުންކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކޮށްފައި އޮތުމެވެ. އެ ބޭބޭކަލުންގެ މައްޗަށް ސަލާމްލެއްވުނު އިބުރާހީމުގެފާނާއި ޔައުގޫބުގެފާނާއި މޫސާގެފާނާއި އީސާގެފާނާއި އަދި މި ނޫން ވެސް ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނާއި އަދި މި ބޭބޭކަލުންނަށް ތަބާވި މީހުންނަކީ ވެސް އިސްލާމްދީން ގަބޫލުކުރެއްވި މުސްލިމުންކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. (ކީރތި ގުރުއާނުގެ 2:131، 2:132، 3:52، 3:67، 5:54، 7:126، 10:84، 27:44 28:35، މި އާޔަތްތައް ބައްލަވާށެވެ!) މީގެ މާނައަކީ މި ބޭބޭކަލުންނަކީ މާތްކަލާނގެ ކިބަފުޅަށް، އެ ބޭކަލުންގެ ނަފުސު ދީލައިލައި، ހެޔޮކަންތައްކޮށް، ނުބައިކަންތައްތައް ކުރުމުން ދުރުހެލި ވެވަޑައިގެން އުޅުއްވައި އެ ގޮތުގައި މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގައި ދެމިތިއްބެވި ބޭކަލުންނަށް، އެ ބޭބޭކަލުން ވެވަޑައިގަތުމެވެ.
ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ލަފުޒުތައް މާނަކުރުމުގައި އެ ލަފުޒުތައް ކީރިތި ގުރުއާނުގައި ބޭނުންކުރެވިފައިވާ ގޮތަށް މާނަކުރާން ޖެހެއެވެ. އިސްލާމީ އިލްމީ ތާރީޚުގައި އުފެދުނު ތަފާތު އިލްމީ އޮއިވަރުތަކުގެ ސަބަބުން – އަގީދާގެ މަޒުހަބުތަކާއި ފިގުހީ މަޒުހަބުތަކާއި މިލަލީ ބަހުސްތަކުގެ (ތަފާތު ފިރުގާތަކާއި އަދި ދީންތަކާއި ކުރެވުނު ބަހުސުތަކާ ގުޅޭ) އިލްމީ އޮއިވަރުތަކުގެ ސަބަބުން - ބައެއް ލަފުޒުތަކުގެ މާނަ ފަހުން ބަދަލުވެ، އެ ލަފުޒުތަކަށް ލިބުނު އާ މާނައިގެ އަލީގައި ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ލަފުޒުތައް މާނަކުރުމަކީ ކީރިތި ގުރުއާނުގެ މާނަ ފަހުމުކޮށް ދެނެގަތުމަށް ހުރަސްއެޅޭނޭ ކަމެކެވެ. މި ޒަމާނުގައި ކީރިތި ގުރުއާން އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި ތަފުސީރުކުރެއްވި ބޭކަލެއްކަމުގައިވާ މުހައްމަދު އަސަދު، (އަވަހާރަވީ މީލާދީން 1992ވަނަ އަހަރު) އޭނާގެ ދަ މެސެޖްގެ އިސްބަހުގައި މި މުހިއްމު މައްސަލަ ފާހަގަކުރައްވައިފައިވެއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި 'އިސްލާމް' މި ލަފުޒާއި މިލަފުޒުން ނެގިފައިވާ 'އަސްލަމަ' އާއި އަދި 'މުސްލިމު' ފަދަ ލަފުޒުތައް ކީރިތި ގުރުއާނުގައި ވާރިދުވެފައިވަނީ އޭގެ ލަފުޒީ މާނައިގައެވެ. އަދި ކީރިތި ގުރުއާން ފަހުމްކޮށް ދެނެގަތުމުގައި މިކަމަށް ސަމާލުވެ، މިފަދަ ލަފުޒުތައް ވާރިދުވެފައިވާ އަސްލުމާނައިގައި އެލަފުޒުތައް މާނަކޮށް އެ ގޮތުގައި ކީރިތި ގުރުއާން ފަހުމްކުރުމަށް އޭނާ ބާރުއަޅުއްވައެވެ. (ދަ މެސެޖު'ގެ ސަފުހާ ނަމްބަރު iv ބައްލަވާ!)
މަތީގައި ދެންނެވުނު އާލު އިމްރާނުގެ إن الدين عند الله الإسلام މިއާޔަތާއި އަދި ومن يبتغ غير الإسلام دينا فلن يقبل منه މި ދެއާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' މި ލަފުޒު ބޭނުންކުރެވިފައިވަނީ އެލަފުޒުގެ ލަފުޒީ މާނައިގައިކަމަށް އަޅުގަނޑު ބާރުއަޅައި އެ ކަން ސާބިތުކޮށްދޭން ގިނަގުނަ ވާހަކަތަކެއް ދައްކަނީ ކީއްވެގެންކަމާ މެދު ބައެއް ބޭފުޅުން ސުއާލުކުރައްވައިފާނެއެވެ. އެ ސުއާލުގެ ޖަވާބުގައި ދަންނަވަމެވެ. މި ދެއާޔަތަކީ ބައެއްފަހަރު 'ދީނީ ހަރުކަށި ފިކުރުގެ' މީހުން އެމީހުންގެ އަމަލުތައް ތަބުރީރުކުރުމުގެ ގޮތުން – އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެއްކުމުގެ ގޮތުން – ބޭނުންކުރެވޭ ދެ އާޔަތެވެ. 'ދީނީ ހަރުކަށި ފިކުރު'ގެ މާނަ ސާފުކޮށްދެވޭއިރު މިކަމުގެ އިތުރު ތަފުސީލު ބަޔާންކޮށްދެވޭނެއެވެ.
މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ ދެ އާޔަތަށް ނަޒަރު ހިންގާލުމުން، ދީނުގެ މަފުހޫމުގައި ހިމެނޭ އަސާސީ މާނަ ސާފުވެގެންދެއެވެ. އެއީ މާތްކަލާނގެއަށް އީމާންވެ، އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމެވެ. މި ކިޔަމަންގަތުން ފެނިގެންދަނީ ހެޔޮކަންތައްތައްކޮށް ނުބައިކަންތައްކުރުމުން ދުރުހެލިވެ ހުންނަ ހުރުމުންނެވެ. އިސްލާމް ދީނުގެ 'ދީނީ މާނަ'އަކީ މިއެވެ. އާދެ، ދީނުގެ ޖައުހަރު، އެސެންސް، ގުޅެނީ މިމާނައާއެވެ. މުއުމިނާގެ، އާދެ، މާތްކަލާނގެއަށް އީމާންވެ، ދީން ގަބޫލުކުރާ މީހާގެ، ނަފުސު އިސްލާހުކުރުމާއެވެ.
އިސްލާމް ދީނުގެ ދީނީ މާނަ ގުޅެނީ ހެޔޮކަންތައް ކުރުމާއި ނުބައި ކަންތައްކުރުމުން ދުރުހެލިވެ، މުއުމިނާގެ ނަފުސު އިސްލާހުކުރުމާ ކަމަށްވާއިރު، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ކަނޑައަޅާލެވެން ޖެހެއެވެ. އެހެނީ، ހެވާއި ނުބަޔާއި، ރަނގަޅާއި ނުރަނގަޅަކީ ކޮބައިކަން ސާފުކޮށް އެނގިގެން މެނުވީ ނަފުސު އިސްލާހުކޮށް މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ނުކުރެވޭނެތީއެވެ. މިކަން ކަނޑައަޅައި ބަޔާންކުރެވިފައިވަނީ ޝަރީއަތާއި އޭގެ ތަފުސީލު ބަޔާންކުރެވޭ ފިގުހު އިލްމުގައެވެ. އެހެންވެ، މިހިސާބުން ދެން ބަލާލަން ޖެހެނީ އިސްލާމް ދީނުގައި ދީނުގެ މަފުހޫމާ ގުޅޭ އަނެއް ދެ ލަފުޒުކަމުގައިވާ 'ޝަރީއަތާއި' 'ފިގުހުގެ' މާނައިގެ މައްޗަށެވެ.
ޝަރީއަތުގެ ލަފުޒީ މާނައަކީ މަގެވެ. ފެންއޮތް ދިމާއަކަށް ދާން އޮންނަ މަގެވެ. މިމާނަ ހިތަށް ގެނައުމަށްޓަކައި ރާއްޖޭގެ ރަށެއްގެ ވަލުތެރެ ހިތަށް ގެންނަވާށެވެ. އަދި ވަލުތެރޭގައި ހިނގުމަށްޓަކައި ހެދިފައިވާ މަގެއްގެ ސޫރަ ލޮލު ކުރިމައްޗަށް ގެންނަވާށެވެ. މިފަދަ މަގެއް ނިމެނީ ކުޅިއަކަށްކަން ނުވަތަ ޚިޔާލީ ކޯރެއްގެ އައްސޭރި ފަށަށްކަން ޚިޔާލަށް ގެންނަވާށެވެ. އެފަދަ މަގަކީ 'ޝަރީއަތެ'ކެވެ. އެފަދަ ފެންގަނޑެއް ކައިރިއަށް ދިއުމަށް މަގެއް ކޮށާ ނަމަ، ބުނެވޭނީ 'ޝަރުއު'ކުރާކަމަށެވެ. އެފަދަ މަގެއް 'ކޮށާ'ކަމަށެވެ. ދީނީ އިސްތިލާހީ މާނައިގައި 'ޝަރީއަތް' މި ލަފުޒު އިޝާރަތްކުރަނީ 'އިލާހީ ހިދާޔަތުގެ މަގަށެ'ވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ކަނޑައަޅުއްވައި ބަޔާންކުރައްވައި، މީސްތަކުން އުޅުމަށްޓަކައި، މާތްކަލާނގެ ދައްކަވާފައިވާ އިލާހީ 'ތެދުމަގަ'ށެވެ.
ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތް، އިލާހީ ތެދުމަގު، ގުޅެނީ އެފޮތުގައި ވާރިދުވެފައިވާ ހުކުމްތަކާއެވެ. ކީރިތި ގުރުއާނުގައި ހިމެނޭ ހަހާސް ދުއިސައްތައެއްހާ އާޔަތްތަކުގެ ތެރެއިން ގާތްގަނޑަކަށް އަށްސަތޭކަ އާޔަތުގައި މިހުކުމްތައް ވާރިދުވެފައިވެއެވެ. މި އާޔަތްތަކަށް 'ހުކުމުގެ އާޔަތްތަކޭ' ކިޔެއެވެ. އާދެ، 'ޝަރީއަތް' މި ލަފުޒު އިޝާރަތްކުރަނީ މި ދެންނެވި ހުކުމްގެ އާޔަތްތަކަށެވެ. ޝަރީއަތުގެ މާނަ ބަޔާންކޮށް، މި ލަފުޒު އިޝާރަތްކުރާ ހުކުމްގެ އާޔަތްތައް ޖުމްލަ ގޮތެއްގައި ސިފަކޮށް، ތައާރަފުކޮށްދޭ އެންމެ އިހުގެ ތައާރުފުކަމުގައި ބެލެވޭ ގަތާދާގެ (މިތާބިއީ ކަލޭގެފާނު އަވަހާރަވީ ހިޖުރައިން 110ވަނަ އަހަރު) ތައާރުފުގައި މިހެން ބަޔާންކުރެވިފައިވެއެވެ. "الفرائض والحدود والأمر والنهي". ޝަރީއަތަކީ "(ކުރުން) ފަރުޟުކުރެވިފައިވާ ކަންތައްތަކާއި (އެ އިންތައް ފަހަނައަޅައި ނުދިޔުމަށް ކަނޑައެޅިފައިވާ) އިންތަކެވެ. (ކުރުން ފަރުޟުކުރެވިފައިވާ ކަންތައްތަކަކީ އެކަންކަން ކުރުމަށް މާތްކަލާނގެ) އަމުރުކުރައްވާފައިވާ ކަންތައްތަކެވެ. (އޭގެ އިން ފަހަނައަޅައި ނުދިޔުމަށް ކަނޑައެޅިފައިވާ ކަންތައްތަކަކީ މާތްކަލާނގެ) ނަހީކުރައްވާފައިވާ ކަންތައްތަކެވެ." (ތަބަރީގެ ޖާމިއުގެ 147/25.)
ފަރުޟުކުރެވިފައިވާ ކަންތައްތަކާއި ނަހީކުރެވިފައިވާ ކަންތައްތަކަށް އިޝާރަތްކޮށް، ހިޖުރައިން ފުރަތަމަ ދެ ގަރުނުގައި، 'ޝަރާއިއުއޭ' ކިޔުނެވެ. މި ޝަރާއިއުތައް ކީރިތި ގުރުއާނުގައި ވާރިދުވެފައިވަނީ ޖުމްލަ ގޮތެއްގައެވެ. އޭގެ ތަފުސީލުތަކެއް ނުހިމަނައެވެ. މި ޝަރާއިއުތަކުގެ ތަފުސީލު ބަޔާންކޮށްދެއްވީ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުންނެވެ. އާދެ، އެކަލޭގެފާނުގެ ސުންނަތުންނެވެ. މިކަންކަން ފޮތްފޮތުގައި ލިޔެވި ތަދުވީނުކުރެވުމުން އެއަށް އެކަލޭގެފާނުގެ ހަދީސްފުޅުތަކޭ ކިޔުނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، އިޖުތިހާދާއި ގިޔާސުގެ އަލީގައި ޝަރީއަތުގެ ދާއިރާ ފުޅާވެ، އަދި އިޖުމާއު މެދުވެރިކޮށް މި ފުޅާކުރިކުރުމަށް ޝަރުއީ ސިފަ ލިބިގެންދިޔައެވެ. ދެން، ކީރިތި ގުރުއާނާއި ސުންނަތް ފަދަ ޝަރީއަތުގެ މަސްދަރުތަކާއި އަދި މި މަސްދަރުތައް މާނަކޮށްދޭ އިޖުތިހާދާއި ގިޔާސް ފަދަ ވަސީލަތްތަކާއި މި މާނަކުރުން ނެރެދޭ ނަތީޖާއަށް ޝަރުއީ ސިފަ ގެނެސްދޭ އިޖުމާއު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، ހިޖުރައިން ދެވަނަ ގަރުނު ނިމޭ ހިސާބަށް އާދެވުނުއިރު، ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ހުކުމްތަކުގެ ތަފުސީލު ބަޔާންކޮށް، ފޮތް ފޮތުގައި ލިޔެވި، ތަދުވީނުކުރެވެން ފެށުނެވެ. މި ތަދުވީނުކުރެވުމުން އިސްލާމީ ފިގުހުގެ އިލްމު އުފެދި ފުރިހަމަވިއެވެ. ފިގުހުގެ އިލްމު މައިގަނޑު ގޮތެއްގައި ދެތިންބަޔަކަށް ބަހާލެވެއެވެ. އިބާދާތު ނުވަތަ އަޅުކަމުގެ ބަޔާއި މުއާމަލާތުގެ ބަޔެވެ. ކައިވެންޏާ ވަރީގެ ބަޔާއި އަދި އުގޫބާތްތަކުގެ ބަޔެވެ. މިފަދައިން ޝަރީއަތުގެ ހުކުމްތައް ތަފުސީލު ގޮތެއްގައި ބަޔާންކުރެވުމުން، ކީރިތި ގުރުއާނުގައި އައިސްފައިވާ ޝަރީއަތް، އަމަލީ ސިފައެއްގައި، ހިންގާލެވޭނޭ ގޮތް ހަމަޖެހިގެން ދިޔައެވެ. ފިގުހު އިލްމު އުފެދި ފުރިހަމަވުމުން، ޖުމްލަ ގޮތެއްގައި، މި އިލްމަށް ޝަރީއަތުގެ އިލްމޭ ކިޔުނެވެ. އަދި ޝަރީއަތާއި ފިގުހު އެއްމާނައެއްގައި ބޭނުންކުރަން ފެށި، އިސްލާމީ ޝަރީއަތުގެ ހުކުމަތައް ދެނެގަތުމުގައި ރުޖޫއަވާން ޖެހޭ މަސްދަރަކީ ފިގުހުކަމުގައި ވެގެންދިޔައެވެ.
ދީނުގެ މަފުހޫމު ސާފުކޮށްދިނުމުގެ ގޮތުން މިހާތަނަށް ލިޔެވުނު ވާހަކަތަކުގެ ޚުލާސާ ލިޔެލާނަމެވެ. އިސްލާމް ދީނުގައި ދީނުގެ މަފުހޫމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މުހިއްމު ހަތަރު ލަފުޒެއްގެ މާނަ ދެނެގަންނަންޖެހެއެވެ. އެންމެ ފުރަތަމަ ދީނުގެ މާނައެވެ. އެއީ މާތްކަލާނގެއަށް ކިޔަމަންގަތުމެވެ. ދެވަނައަށް އިސްލާމް މި ލަފުޒުގެ މާނައެވެ. އެއީ މާތްކަލާނގެއަށް ތިމާގެ ނަފުސު ދީލާލުމެވެ. އާދެ، މާތްކަލާނގެއަށް ކިޔަމަންގަނެވެނީ އެކަލާނގެއަށް ތިމާގެ ނަފުސު ދީލާލައިގެންނެވެ. މިކަން ކުރެވެނީ، ނުރަނގަޅު ކަންތައްތައް ކުރުމުން ތިމާގެ ނަފުސު ދުރުހެލިކޮށް، ރަނގަޅު ކަންތައްތައް ކުރުން މަތީ ތިމާގެ ނަފުސު ދެމެހެއްޓިގެންނެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން، މިއީ، އާދެ، މާތްކަލާނގެއަށް އީމާންވެ، ނަފުސު އިސްލާހުކުރުމަކީ، އިސްލާމް ދީނުގެ ދީނީ މާނައެވެ. ދެންމެ މި ދެންނެވި ގޮތުގައި ތިމާގެ ނަފުސު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި 'ރަނގަޅަ'ކީ ކޮބައިކަމާއި 'ނުރަނގަޅަ'ކީ ކޮބައިކަން އެނގެންޖެހެއެވެ. މުސްލިމުންނަށް، މިކަން ބަޔާން ކުރެވިފައި އޮތީ ކީރިތި ގުރުއާނުގައި ގެނެސްދެވިފައިވާ ޝަރީއަތުގައެވެ. އިލާހީ ތެދުމަގުގައެވެ. މި ޝަރީއަތް އިޝާރަތްކުރަނީ ކީރިތި ގުރުއާނުގެ ހުކުމްތަކާ ބެހޭ އާޔަތްތަކުގައި ފަރުޟުކުރެވިފައިވާ ކަންތައްތަކަށާއި ނަހީކުރެވިފައިވާ ކަންތައްތަކަށެވެ. މިކަމުގެ ތަފުސީލު ބަޔާންކުރެވިފައިވަނީ ފިގުހު އިލްމުގައެވެ.
ދެން އޮތް ބައިގައި، އެންމެ ފުރަތަމަ، ޝަރީއަތުގެ އިލްމު، އާދެ، ފިގުހު އިލްމުގެ އިތުރު ތަފުސީލު ގެނެސްދެވޭނެއެވެ. ދީނީ ހަރުކަށި ފިކުރަކީ ކޮބައިކަން ވިސްނައި ދެނެގަތުމަށްޓަކައި ޝަރީއަތުގެ އިލްމަކީ ކޮބައިކަމާ އަދި މިއިލްމުގެ ބައިތަކާ މި ބައިތައް ގުޅެނީ ކޮންކަމަކާކަމާއި އަދި، ޝަރީއަތުގެ ހުކުމްތައް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ކޮންފަރާތަކަށްކަން ދެނެގަންނަން ޖެހެއެވެ. ދީނީ ހަރުކަށި ފިކުރު ގުޅެނީ، ޝަރީއަތުގެ ހުކުމްތައް މާނަކުރުމާއި އަދި މިކަން ހިންގާލުމުގެ ބާރު ލިބިގެންވަނީ ކޮންފަރާތަކަށް ކަމާމެދު އަރާ އޮޅުންތަކާ ކަމަށްވާތީއެވެ. އެއަށް ފަހު، ދީނީ ފިކުރު ހަރުކަށިވުމުގެ ސަބަބުތަކާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވެސް ބަލައިލެވޭނެއެވެ .(ނުނިމޭ)