Advertisement

ފަލަސްޠީނަށް ޣައްދާރު ވުމަކީ ރަތް ރޮނގު ހުރަސް ކުރުން (2)

15 Dec 2023 | 12:01
.

އަލްއުސްތާޒު އަޙުމަދު މާޖިދު

(2023 ޑިސެންބަރު 8ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

އިސްރާއީލް – ޣައިރުޤާނޫނީ ދައުލަތެއް

ﷲ ސުބުޙާނަހޫ ވަ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދެއްވި ކަމަށް ޔަހޫދީ ދީނުގެ މުޤައްދަސް ފޮތް ކަމުގައި ވާ "ތަނާޚް" – އޯލްޑް ޓެސްޓަމެންޓް – ގައި ވެސް، އަދި ކީރިތި ޤުރްއާނުގައި ވެސް އޮވެއެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި، މިއީ ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓުންނަށް ދައުލަތެއް އުފެއްދުމުގެ ޙައްޤު ލިބޭ ސަބަބެކެވެ. ނަމަވެސް ހަތަރު ނުކުތާޔަކަށް ބަލައިލުމުން، އެއީ ރަނގަޅު ވާހަކައެއް ނޫންކަން ސާބިތު ވެއެވެ. ފުރަތަމަ ނުކުތާޔަކީ، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދެއްވެވީ، އެއުރެން އެކަލާނގެ ދީނުގެ ދިދަ އުފުލުން ޝަރުޠު ކުރައްވައިފައި ކަމުގައި ވާ އިރު، އެއުރެން އެ ޝަރުޠު އަދާ ނުކޮށް، އެއުރެންގެ ތެރެއިން ފޮނުއްވުނު ނަބީންނަށް އުރެދި، ބައެއް ނަބީން ޝަހީދު ކޮށް، އެންމެ ފަހުން އެއުރެންގެ ތެރެއިން ފޮނުއްވެވުނު ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމަށް ޣައްދާރު ވެ އެކަލޭގެފާނު ވެސް ޝަހީދު ކުރާން މަސައްކަތް ކޮށް، އެއިގެ ފަހުން ފޮނުއްވެވުނު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ވެސް އުރެދުމުގެ ސަބަބުން އެ ބިމަށް އެއުރެންނަށް އޮތް ޙައްޤު ގެއްލިފައި ވާ ކަމެވެ. ދެވަނަ ނުކުތާޔަކީ، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ދެއްވެވީ އެ ބިމުގެ ޙަޤީޤީ ވަޒަންވެރީން ތަޅައި ރޯނާގަންނަވައި، އެމީހުން ކަތިލައި، އެމީހުންގެ ގެދޮރު މުގުރައި، އެމީހުން ރަށުން ބޭރު ކޮށްގެން އެ ތަނުގައި އުޅޭން ނޫންކަމުގެ ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، މިއަދު ފަލަސްޠީނުގެ ބިމުގައި "އިސްރާއީލް"ގެ ނަމުގައި ދައުލަތެއް އުފައްދައިގެން އުޅޭ މީހުންގެ އަޞްލާއި ހަޤީޤަތާ ގުޅޭ ނުކުތާއެވެ. ތާރީޚުގެ ޞަފުޙާތަކަށް އަވަސް ކަޅިއެއް ނަމަވެސް އެއްލައިފައި ހުރި އެއްވެސް މީހަކަށް ނުއޮޅޭނެ ފަދައިން، އިސްރާއީލު އުފެއްދުމުގެ މަސައްކަތް ފެށި "ޒައިނިސްޓް" ޙަރަކާތަކީ ޙަޤީޤީ ޔަހޫދީން ފެށި ޙަރަކާތެއް ނޫނެވެ. އެ ޙަރަކާތް ފެށީ އަޝްކެނާޒީ ޔަހޫދީންނެވެ. އެ މީހުންނަކީ ޙަޤީޤަތުގައި "ޚާޒާރީން"ނޭ ކިޔުނު، ޔޫރަޕު މީހުންނާ، އެއް އަޞްލެއްގެ ބަޔެކެވެ. ސޫރަޔާއި ސިފަޔަށް ބަލާ ނަމަ، ޔޫރަޕު މީހުންނެކޭ އެއްވެސް ތަފާތެއް ނެތް ބަޔެކެވެ. މެދުޒަމާނުއްސުރެ ޔޫރަޕުގައި އުޅޭ، ޔޫރަޕިޔަނުންގެ ބަޔެކެވެ. އެ މީހުންގެ ހަމުގައި ހުންނަނީ ޔޫރަޕުގެ ދޮން ކުލައެވެ. އިސްކޮޅާއި ރޫފަޔާއި ވަނާތަކުގެ ސިފައާއި ބައްޓަން ވެސް ހުންނަނީ ޔޫރަޕު މީހުންނެކޭ އެއްފަދައިންނެވެ. އިސްތަށިގަނޑުގެ ކުލަ ވެސް ހަމަ އެފަދައެވެ. އެ މީހުން ޔަހޫދީންނަށް ވެފައި ވަނީ، މީގެ 1200 ވަރަކަށް އަހަރު ކުރީން އެމީހުން ޔަހޫދީ ދީނަށް ވަނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއީ ބަނޫ އިސްރާއީލާ އެއްވެސް ކަހަލަ ލެއިގެ ގުޅުމެއް ނުވަތަ ނަސްލީ ތިމާގެކަމެއް އޮތް ބަޔެއް ނޫނެވެ. އިބްރާހީމް ޢަލައިހިއްސަލާމް، ނުވަތަ އިސްޙާޤު ޢަލައިހިއްސަލާމް، ނުވަތަ ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅާ އެއްވެސް ހިސާބަކުން ގުޅޭ ބަޔެއް ނޫނެވެ. ޙަޤީޤީ ބަނޫ އިސްރާއީލުގެ ދަރިފަސްކޮޅުން އައިސް ތިބި ސެފާރްދީ އަދި މިޒްރާހީ ޔަހޫދީންނާއި އެ މީހުންނާ ވަކިކުރުމަށް ޓަކައި، އެ މީހުންނަށް "އަޝްކެނާޒީ ޔަހޫދީން" މި ނަން ކިޔައެވެ. އެހެންކަމުން، ﷲ ތަޢާލާ، ބަނޫ އިސްރާއީލަށް ކުރެއްވި ވަޢުދެއްގެ ފައިދާ "އަޝްކެނާޒީންނަށް"ކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފަލަސްޠީނުގެ ބިމުގައި ގަދަބާރުން އުފައްދައިފައި ވާ "އިސްރާއީލު"ގެ ދައުލަތް އުފެއްދުމުގެ ޙަރަކާތުގެ – ޒައިނިސްޓް ޙަރަކާތުގެ – ބާނީންނަކީ އަޝްކެނާޒީންނެވެ. ޒައިނިސްޓުންގެ ލީޑަރުންނަކީ، ހުރިހައި ދުވަސްވަރެއްގައި ވެސް، ގާތްގަނޑަކަށް މުޅީންހެން އަޝްކެނާޒީ ޔަހޫދީންނެވެ. އިސްރާއީލުގެ ރައީސްކަމާއި ބޮޑުވަޒީރުކަމާއި ރައީސްކަން ކުރެއްވި ސައްބީސް ބެއިފުޅުންގެ ތެރެއިން އެންމެ ބެއިފުޅަކު ފިޔަވައި އެހެން ހުރިހައި ބެއިފުޅުންނަކީ އަޝްކެނާޒީންނެވެ. އިސްރާއީލު އުފެއްދި އިރު، އެ ޤައުމުގެ އާބާދީގެ އައްޑިހަ އިންސައްތަ މީހުންނަކީ އަޝްކެނާޒީންނެވެ. މިއަދު ވެސް އިސްރާއީލުގެ ގިނަ މީހުންނަކީ އަޝްކެނާޒީ ޔަހޫދީންނެވެ. އެއުރެންނަކީ ދީނީ ގޮތުން "ޔަހޫދީން"ކަމުގައި ވިޔަސް، އެއީ ބަނޫ އިސްރާއީލެއްނޫނެވެ. އެއީ ޙަޤީޤީ "ޔަހޫދީންނެއް"ނޫނެވެ. ޙަޤީޤަތުގައި އެއީ އިސްތިޢުމާރީ، ޔޫރަޕިއަން، ޒައިނިސްޓުންނެވެ.

ހަތަރުވަނަ ނުކުތާ ބަޔާންކުރުމަށް ޓަކައި އަޅުގަނޑު ދަންނަވައިލާނީ، ޚުދު އިސްރާއީލަށް އުފަން، ޔަހޫދީ ބެއިފުޅެއް، އަދި ހަމަޔާއި އިންޞާފުގެ އަޑު އުފުއްލެވުމުގައި ނަމޫނާއެއް ކަމަށް ބެލެވޭ މަޝްހޫރު ތާރީޚް ޢިލްމުވެރިޔާ އިލާން ޕާޕޭގެ ބަސްފުޅެކެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "އިލާހަކު ވޮޑިގެންވާކަމަށް ގިނަ ޒައިނިސްޓުން ޤަބޫލެއްނުކުރެއެވެ. ނަމަވެސް އެ "އިލާހު" އެ މީހުންނަށް ފަލަސްޠީން ހަދިޔާކުރެއްވިކަމަށް އެ މީހުން ޤަބޫލުކުރެއެވެ." އިތުރު ވާހަކައެއް އަޅުގަނޑު ދައްކާނެކަމެއް ނެތެއްނޫންތޯއެވެ؟

ފަލަސްޠީނުގެ ރައްޔިތުންގެ ބިމުގައި އިސްރާއީލުގެ ދައުލަތް އުފެއްދުމުގެ ނިންމުން ނިންމީ އަލިފުދާލުގެ ޢާންމު މަޖިލިހުގައި ނެގި ވޯޓަކުން، 1947 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައެވެ. ޔޫރަޕުގެ ޒައިނިސްޓުންނާއި، ޔޫރަޕުގެ ނަޞާރާ ބާރުތަކާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެދޭ ގޮތަށް، އަލިފުދާލުގެ ނިޒާމުގެ ތެރެއިން އެ ޖަމްޢިއްޔާގެ ޢާންމު މަޖިލިހަށް ހުށައެޅުނު "ޕާޓިޝަން ޕްލޭން 1947" 29 ނޮވެންބަރުގައި އެ މަޖިލިހުން ފާސްކުރުމުންނެވެ. އެ ހުށައެޅުމަށް ވޯޓަށް އެހުމަށް އެންމެ ފުރަތަމަ ހަމަޖެހުނީ 26 ނޮވެންބަރުގައެވެ. ނަމަވެސް އެ ތާރީޚާ ހަމަޔަށް ދިޔަ އިރު، އެއިރު އަލިފުދާލުގައި ތިބި މެންބަރު 56 ދައުލަތުގެ ތެރެއިން ބޭނުން ވާ ޢަދަދަށް ވޯޓު ނުލިބޭނެކަން ކަށަވަރުވުމުން، ޒައިނިސްޓުންގެ ނުފޫޒުން، ވޯޓުނެގުން، ތިން ދުވަހަށް ލަސްކުރިއެވެ. އަދި މި ތިން ދުވަހުގެ ތެރޭގައި، "ޕާރޓިޝަން ޕްލޭނަށް" ވޯޓު ނުދޭން ތިބި ޤައުމުތަކަށް އިންޒާރާއި، ބިރު ދެއްކުމާއި، ރިޝްވަތުގެ ހުށައެޅުންތައް ހުށައެޅުމުގެ އަނދިރި ކުޅިގަނޑެއް ކުޅެވުނެވެ. މިސާލުތަކެއް ދަންނަވާ ނަމަ، އެ ޕްލޭނަށް ރުހުން ދިނުމަށް އިންޑިޔާއަށް ހުށައަޅައި، އެތައް މިލިޔަނަކުން ރިޝްވަތު ހުށައެޅުނުކަން ހާމަކުރެއްވީ އެއިރުގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ ދޫފުޅުންނެވެ. ކުރީން "ނޫން ވޯޓު" ދޭނެ ކަމަށް ޢާންމުކޮށް އިޢުލާން ކޮށްފައިމެ، އިންޒާރުތަކާއި ނުފޫޒުގެ ސަބަބުން އިސްރާއީލު އުފެއްދުމަށް ފިލިޕީންސުން "އާނ ވޯޓު" ދިނެވެ. ހައިޓީގެ "ނޫން ވޯޓު" ބަދަލު ކުރީ ފަސް މިލިޔަން ޑޮލަރުގެ ލޯނެއް ދީގެންނެވެ. މި ކަހަލަ "މާފިޔާ" އުކުޅުތައް ބޭނުން ކޮށްގެން، އަލިފުދާލުގެ ޢާންމު މަޖިލިހުގެ ތިންބައިކުޅަ ދެބައި ހަމަ ވާ ވަރަށް ވޯޓު ކަށަވަރު ކޮށްގެން، 29 ނޮވެންބަރުގައި ވޯޓު ނަގައި، އިސްރާއީލު އުފެއްދުމަށް "ލައިސަންސް" ދެވުނު އިރު، "ޕާރޓިޝަން ޕްލޭން" ގައި އޮތީ ފަލަސްޠީނުގެ ބިމުގެ 56 އިންސައްތަ ޒައިނިސްޓް ދައުލަތަށް، އަދި 43 އިންސައްތަ ފަލަސްޠީނީންގެ ދައުލަތަށް ދިނުމަށް ފަހު، މުޅި ޤުދުސް ބައިނަލްއަޤުވާމީ ޒޯނެއްގެ ގޮތުގައި ބޭއްވުމަށެވެ.

މައިގަނޑު ތިން ސަބަބަކާ ހުރެ، ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓް ދައުލަތެއް އުފެއްދުމުގެ މި ދެންނެވި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ޣައިރުޤާނޫނީ ނިންމުމެކެވެ. ފުރަތަމަ ސަބަބަކީ، އެ ނިންމުމަކީ ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނާއި، އަލިފުދާލުގެ ޗާޓަރުގެ 1 ވަނަ މާއްދާއިން ހުރިހައި ޤައުމީ އަދި ނަސްލީ ޖަމާޢަތްތަކަށް ކަށަވަރު ކޮށްދޭ "ސެލްފް-ޑިޓަރމިނޭޝަން" ގެ ޙައްޤުން ފަލަސްޠީނުގެ ރައްޔިތުން މަޙުރޫމު ކޮށްލައިގެން، އެ މީހުންގެ އެއްވެސް ބަހެއް ނެތި، އެ މީހުންގެ ގެދޮރާއި އަވަށްތަކާއި ޝަހަރުތަކާއި ދަނޑުބިންތައް ކަމުގައި ވާ، ހަ ހާސް އަހަރު ކުރީއްސުރެ އެ މީހުންގެ އަމިއްލަ ވަޒަންކަމުގައި ވާ ބިމުގައި، އެހެން ބަޔެއްގެ ދައުލަތެއް އުފައްދާން ނިންމި ނިންމުމެއްކަމެވެ. ދެވަނަ ސަބަބަކީ، އެ ނިންމުމަކީ އެތައް ގޮތަކުން، އަނިޔާވެރި، ބޭއިންޞާފު، އަދި ޖަންގަލީގެ އުޞޫލަށް ނިންމުނު، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ނަގަހައްޓާން ޖެހޭ ޢަދާލަތާ މުޅީން އަރައިރުން ވާ ނިންމުމެއްކަމެވެ. ތިންވަނަ ސަބަބަކީ އެ ނިންމުން އަލިފުދާލުގެ ޢާންމު މަޖިލިހުން ފާސް ކުރެވުނު ގޮތެވެ. އިންޒާރާއި ރިޝްވަތު ފަދަ ވަސީލަތްތަކުގެ ޒަރީޢާއިން ކުރާ ކަންކަން ޤާނޫނީ ގޮތުން ޞައްޙަވުން، މިއީ ކޮންތާކު ކޮން ޒަމާނެއްގައި އޮންނަ އުޞޫލެއްތޯއެވެ؟

އަލިފުދާލުގެ "ޕާރޓިޝަން ޕްލޭނާ" ގުޅިގެން އިސްރާއީލުގެ ޒައިނިސްޓް ދައުލަތް 1948ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އިޢުލާންކުރެވުނެވެ. ނަމަވެސް އަދިއަދާ ހަމަޔަށް ވެސް، އެ ޕްލޭނުގައި ބުނާ ފަލަސްޠީނީ ދައުލަތެއް ނުއުފެދެއެވެ. އެ ކަމަށް ހުރަސްއަޅަނި އިސްރާއީލުންނެވެ. ހުރަސްއެޅުމުގެ އިތުރަށް، އިސްރާއީލުން ވަނީ ބައިނަލްއަޤްވާމީ އެންމެހައި ޤާނޫނުތަކާއި އަލިފުދާލުގެ ޢާންމު މަޖިލިހުގެ 90 ވަރަކަށް ޤަރާރާ ޚިލާފަށް، "ޕާޓިޝަން ޕްލޭން"ގައި ފަލަސްޠީނުގެ ދައުލަތަށް ޚާއްޞަކުރެވުނު ހުރިހައި ބިންތަކެއް ވެސް އެ ޤައުމުގެ ބާރުގެ ދަށަށް ގެންގޮސް، އެއިގެ ތެރެއިން ބޮޑު ބަޔަކީ އެ ޤައުމުގެ އަމިއްލަ ސަރަޙައްދު ކަމުގައި ގަދަބާރުން އަދި އަމިއްލައަމިއްލަޔަށް ކަނޑައަޅައިފައެވެ.

މި ދެންނެވި ހުރިހައި ކަންކަމަށް ބެލުމުން، ސާފު ވެގެންދާ ޙަޤީޤަތަކީ، އިސްރާއީލަކީ ފަލަސްޠީނުގެ ބިމުގައި ގަދަބާރުން، ނުޙައްޤުން، އަދި އަނިޔާވެރިކަމާއި ގަދަބަދަވިކަމުން އުފައްދައިފައި އޮތް ޣައިރުޤާނޫނީ ދައުލަތެއްކަމެވެ. މިއީ ބަދަލު ނުކުރެވޭނެ ޙަޤީޤަތެކެވެ. އެމެރިކާއާއި ޔޫރަޕުގެ ޖައްބާރީ އާރާއި ބާރުގެ ބޭނުން ކޮށްގެން، ޒައިނިސްޓުންނާއި އިސްލަމޮފޯބުންގެ ޕްރޮޕެގެންޑާގެ ވަސީލަތުން، އަދި މުސްލިމުންގެ ތެރެއިން އުރުދުނާއި މިޞްރާއި އާޒަރުބައިޖާނާއި ޔޫއޭއީއާއި ބަޙްރައިނާއި ސޫދާން ފަދަ މޫނު ކަޅު ވެގެންވީ ޣައްދާރުންގެ ޚިޔާނާތުން، މި ޙަޤީޤަތް ފޮރުވާން އުޅުނަސް އެ ކަމެއް ނުވާނެއެވެ. އެ ޙަޤީޤަތުގެ ވާހަކަ އިންސާނީ ތާރީޚުގެ ޞަފުޙާތަކުގައި ޙަޤީޤަތެއްގެ ގޮތުގައި ވަނީ ލިޔެވިފައެވެ.

(އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު އަޙުމަދު މާޖިދަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ހުނަރުވެރި ބަސްވާރެކެވެ. ޤާނޫނީ ވަކީލެކެވެ. ދިވެހިބަހުގެ ބަސްކޮމިޓީގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދީބެކެވެ. ދިވެހިރައްޖޭގެ ޖުޑިޝަލް އިންސްޓިޓިޔުޓްގެ ފުރަތަމަ ޗާންސެލަރެވެ. އިސްލާމީ ތާރީޚާއި ބައިނަލްއަޤުވާމީ ދުނިޔެއަށް ލޯހުޅުވިފައިވާ ޢިލްމީ ޒުވާނެކެވެ. މިހާރު އޭނާ ގެންދަވަނީ މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް