Advertisement

ތަނެއްގެ ހާލަތު ނުދަންނަ ބީރައްޓެއްސަކު އެ ތަން ދެނެގަންނާނެ ގޮތް

14 Dec 2023 | 13:16
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އެއް ދުވަހަކު ޖުހާއާ ކުރެވުނު ސުއާލެކެވެ. "ތަނެއް އެއް ގޮތަކަށް ވެސް ނުދަންނަ ބީރައްޓެއްސަކު އެ ތަން ދެނެގަންނާން ބޭނުންވެއްޖެ ނަމަ، އޭނާއަށް އެ ތަން ދެނެގަނެވިދާނޭ ގޮތެއް އޮވެދާނެހެއްޔެވެ؟"

ޖަވާބުގައި ޖުހާ ބުންޏެވެ. "ނުދަންނަ ތަންތަނަށް ނުގޮސް ވެސް ވަރަށް ގިނައިން އެ ތަންތަން އެބަ ދެނެގަނޭ ނޫން ހެއްޔެވެ؟ މިސާލަކަށް ފަލަކުގައިވާ އެކިއެކި ތަރިތަކުގެ މައުލޫމާތު އެބަ ލިބިގަނޭ ނޫންހެއްޔެވެ؟ އެ ތަރިތަކުން ލިބިގަނެވޭ ދާދި ކުޑަ އެއްޗެއްގެ އަލީގައެވެ. ހިލަކޮޅުތަކާއި ފޮޓޯތަކުގެ އަލީގައެވެ."

"ހަމަ މި ފަދައިން، ނުދަންނަ ތަނެއް، ކޮންމެވެސް ވަރަކަށް ނަމަވެސް ދެނެގަނެވިދާނެއެވެ. މި ދެންނެވި ފަދަ 'ފޮޓޯތަކާއި' ކުދިކުދި 'ހިލަކޮޅުތަކުގެ' އެހީގައެވެ. ތަނެއް ދެނެގަންނާން، އެންމެ ފުރަތަމަ އެނގޭން ޖެހޭނީ ކޮންކޮން ކަމެއްހެއްޔެވެ؟ ތަނުގެ މީހުން ވިސްނައި ފިކުރުކުރާ ގޮތެވެ. ތަނުގެ އަޚުލާގީ އަގުތަކެވެ. ތަނުގައި ކުށުގެ ކަންތައްތައް އޮތް ހާލަތެވެ. ތަނުގެ ވެރީންނާއި، އާންމުން ތަމްސީލުކުރާ މީހުންގެ ކަންތައް ހުންނަ ގޮތެވެ. މި ކަންކަން އެނގިއްޖެ ނަމަ، ތަން ދަސްވާން ފެށުމަށް މަގެއް ކޮށޭނެއެވެ."

ތަނުގެ މީހުންގެ ވިސްނުމާއި ފިކުރުކުރުން ހުންނަ ގޮތް އެންމެ ފަސޭހައިން ފެންނާނެ 'ފޮޓޯއަކީ' ތަނުގެ ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކެވެ. އަދި، އެ ލިޔުންތަކާ މެދު، މީހުން ފާޅުކޮށްފައި ހުންނަ ޚިޔާލުތައް ވެސް މެއެވެ. އެފަދަ ލިޔުންތަކާއި އެ ލިޔުންތަކާ ގުޅޭ ގޮތުން ފާޅުކުރެވިފައިވާ ޚިޔާލުތައް ބިނާވެފައި އޮންނަނީ އިލްމީ މައުލޫމާތާއި ޒިހުނިއްޔަތުގެ މައްޗަށްކަމަށް ވަންޏާ، އެ ތަނުގެ މީހުން ވާނީ އިލްމީ އަދި ޒިހުނިއްޔަތުގެ ބަޔެއްކަމުގައެވެ. އެ ފަދަ ލިޔުންތަކަކީ އެއްވެސް އަމިއްލަ ކުލައެއް ނެތި، އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް ނަކަލުކޮށް ލިޔެފައިވާ ލިޔުންތަކެއް ނަމަ، އެ ބަޔަކު ވާނީ އަމިއްލަ މުސްތަގިއްލު ވިސްނުމެއް ނެތް، ތިމާމެންގެ އަމިއްލަ ބުއްދި ބޭނުންނުކުރާ ނުވަތަ ކުރާން ނޭނގޭ ބަޔަކަށެވެ. ނޫސްތަކުގައި، ޚަބަރުތަކާއި ރިޕޯޓުތަކާ ގުޅޭ ގޮތުން ޖަހައިފައި ހުންނަ ފޮޓޯތަކުން ވެސް ވަރަށް ގިނަ ކަންތައްތައް އޮޅުންފިލައިފާނެއެވެ. މިސާލަކަށް: އެކިއެކި އިޝްތިހާރުތައް ގެނެސްދޭ އިރު، އެ ކަން ތަމްސީލުކުރާން ބޭރު މީހުންގެ ފޮޓޯތައް ގެންނަކަމަށް ވަންޏާ، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަކަމާއި އަމިއްލައަށް ކަންކަން ކުރެވިދާނޭ ކަމާ މެދު ޝައްކުކުރެވޭކަން، ބައެއް ފަހަރު، ފާހަގަކުރެވިދާނެއެވެ.

މީގެ އިތުރަށް ވެސް، ލިޔުންތަކާއި ތައުލީގުތަކުގެ އަދަބީ ފެންވަރަށް ބަލައިލުމުން ތަނުގެ ތައުލީމީ ނިޒާމާ މެދު ވެސް ކޮންމެ ވެސް މިންވަރެއް ފާހަގަކުރެވޭނެއެވެ. ތައުލީމެއް ހޯދައިދިނުމުގެ އެންމެ މުހިންމު މަގުސަދަކީ ވިސްނާން ދަސްކޮށްދިނުމާއި ތިމާއަށް ވިސްނޭ އެއްޗެއް ސާފުކޮށް ބުނެދިނުމުގެ ހުނަރު ދަސްކޮށްދިނުންކަމުގައި ވާ އިރު، ނޫސްތަކުގައި ލިޔެވޭ ލިޔުންތަކުންނާއި ތައުލީގުތަކުން ތައުލީމީ ނިޒާމަށް މަގުސަދު ހާސިލު ކުރެވިފައި އޮތީ ކިހައި ވަރަކަށްކަން ކޮންމެ ވެސް ވަރަކަށް ނަމަ ވެސް، ފާހަގަކޮށްލެވޭނެއެވެ.

ދެން އޮތީ ތަނުގެ އާންމުންގެ ޖަމާއީ ކަންކަން ހިންގުމާ ހަވާލުކުރެވިފައިވާ މީހުންގެ މައްޗަށް ބަލައި, އެނގިދާނޭ އެނގުމެކެވެ. ތަންދޮރު ދަންނަ، ކަންކަން ކުރިއެރުމުގެ ގޮތްތަކާއި އެ ކަމުގެ މަގުތައް އެނގޭ، ގާބިލު މީހުންނާ މި ފަދަ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައވާ ނަމަ، ތަނުގެ ރައްޔިތަކީ ތަސައްރަފުފުދިފައިވާ ހޭލުންތެރި ބަޔަކުކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، ގައުމުގެ ނަވުގެ ހުންގާނު، ތަނުގެ އިސް މަގާމުތައް، ހަވާލުކުރެވިފައި ތިބީ ސިކުނޑީގައި އެއްވެސް ތެތްކަމެއް ނެތް، ކަންކަން ކުރާން އޮންނަ ގޮތާއި މަގު ނޭނގޭ، ނާގާބިލު ބަޔެއްކަމުގައި ވާ ނަމަ، އެ ކަމުން ފެންނަނީ އާންމު ރައްޔިތުންގެ ހާލަތެވެ. އާންމު މީސްތަކުންނަކީ މަސްއޫލުވެރި ކަންކަމަށް އިސްކުރާނޭ މީހުން ދެނެގަންނާން އެނގުމުގެ އެކަށޭނަކަން ނެތް ބަޔެއްކަމުގައެވެ. ދާދި ފަސޭހައިން 'ފޮނި ވާހަކަތަކަށް' ހެއްލި ހިނގައިދާނޭ ނާދާނު ބަޔެއް ކަމެވެ. ރަނުގެ ފޮއްޗަކަށް ނުވަތަ މަދު ފައިސާކޮޅަކަށް ވިކި، ތިމާމެންގެ އަބުރާއި އިއްޒަތް ވެސް ވިއްކައިލައިފާނޭ ބަޔެއްކަމެވެ. ޒާތީ ތައައްސުބުން އެއްކިބާވެ، ގާބިލުކަމުގެ ސިފައަށް ބަލައި ކަންކަމަށް މީހުން އިސްކުރާން ނޭނގޭ ބަޔެއްކަމުގައެވެ. މި ފަދަ ބަޔެއްގެ އަތަށް، އެއް ހޮރުން ދެ ފަހަރު، އަދި ކީއްހެއްޔެވެ؟ ތިން ހަތަރު، ފަސް ހަ ފަހަރު ވެސް ކަށި ޖެހިދާނޭ ބަޔެއްކަމެވެ! ގައުމު އިމާރާތްކޮށް، ރައްޔިތުންނަށް ދިރިއުޅުމުގެ މަގު ފަހިކޮށްދިނުމަކީ ވެރިކަމުގެ ވާޖިބުކަން ނޭނގޭ މީސްމީހުން ވެރިކަމަށް އިސްކޮށް، އެ ފަދަ މީހުންގެ ފޮނި ޚިޔާލީ ވާހަކަތައް އަޑުއަހައި، އެ ފަދަ މީހުންނަށް، ޚުޝާމަދުކޮށް 'ލީޑަރު ތަސްބީހަ' ކިޔައި، އަތްތިލަބަޑި ޖެހުމުގައި ދެމިތިބޭނޭ ބަޔެއް ކަމެވެ!

__________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް