Advertisement

މެހުމާން

13 Dec 2023 | 11:49
.

އަސްމާ އަބޫބަކުރު

މިއަދަކީ ކުލާސް ތެރޭގައި ހުރިހާ ކުދީން ވެސް އެންމެ ފޯރިގަދަކޮށް މުދައްރިސްގެ ފިލާވަޅުގައި ބައިވެރިވި އެއް ދުވަހެވެ. މައުޟޫއަކީ އޮޓޯބައިގުރަފީ ލިޔާނެ ގޮތެވެ. އެ ފިލާވަޅުގެ ތެރެއިން ޒިއުނާ ކުރި ސުވާލެއްގެ ސަބަބުން އެހެން ހުރިހާ ކުދީންގެ އަޑު ގަދަވެގެން ދިޔައެވެ. އޮޓޯ ބައިގްރަފީގެ މަޢުލޫމާތަކީ މީހާގެ ޒާތީ މަޢުލޫމާތުތަކެއް ހޯދުމެވެ. ބައެއް ކުދީން ކިޔަމުން ގެންދިޔައީ މި ފަހަރު ގިނަ ބަޔެއްގެ ވަރަށް ޒާތީ މަޢުލޫމާތު ލިބޭނެ ކަމުގައެވެ.

"މުދައްރިސް. ލޯތްބަކީ ކޮބައިތޯ؟"

"އެއް ޖުމްލައަކުން ލޯބި މާނަކުރަން ބޭނުންނަމަ ލޯތްބަކީ އިންސާނުންނަށް ކުރިމަތިވާ އެންމެ ފުން ޖަޒުބާތުތަކުގެ ތެރެއިން އެއް ޖަޒުބާތަށް ކިޔާ ނަމެއް. އިތުރަށް ބުނާ ނަމަ، އެއީ ޝައުގުވެރިކަމާއި ގާތްކަން އެކުލެވިގެންވާ ކަމެއް. އަހަރެމެންނަށް ޝައުގުވެރިވާ ނުވަތަ ގާތްކަން އިހުސާސް ކުރެވޭ މީހަކީ އަހަރެމެން އާންމުކޮށް ލޯބިވާ މީހާ ކަމުގައި ބެލިދާނެ."

އޮޓޯބައިގްރަފީ ލިޔާން ދެ ކުދީންގެ ކުދީ ގްރޫޕްތަކެއް ހެދިއްޖެއެވެ. ކޮންމެ ގްރޫޕެއް ވެސް ބޭނުންވަނީ ކޮންމެ ވެސް މޮޅު މީހެއްގެ ބައިގްރަފީ ހޯދާށެވެ. 

" އަހަރެމެން ހޯދާނީ އެއްކަލަ ޝާހީ ގޭގައި އުޅޭ މީހާގެ ބައިގްރަފީ ދޯ!" ޒިއުނާ ރާމިހަށް ދޯ ދިނެވެ. ޒިއުނާ އާއި ރާމިހުގެ ލޯތްބަކީ ކުލާސްތެރޭގައި އެންމެ އަޑުގަދަކޮށް ދައްކާ ވާހަކައެވެ. ލޯބީގެ މިސާލެއްގެ ގޮތުން ޒިއުނާމެންނަށް ރޯމިއޯ އެންޑް ޖޫލިއަޓްގެ ނަމުން ނަން ދީފައިވެއެވެ. އަދި ބައެއް ދަރިވަރުން ދޮން ހިޔަލަ އާއި އަލިފުޅުގެ ނަން ވެސް ކިޔާ ކަމަށްވެއެވެ.

ހަނދުވަރުގެ އަލިން މުޅި ދުނިޔެ އުޖާލާ ކޮށްފައިވީ ނަމަވެސް މާލޭގެ މަގުތަކާއި ގޭތަކުގެ އަލިގަދަ ބޮކިތަކުން ހަނދުވަރުގެ އަލިކަން ވަނީ ނެތިކޮށްލައިފައެވެ. ބެލްކަނިތަކަށް ހިތްގައިމުކަން ގެނެސްދޭ ރީތި ހަނދުވަރުގެ އަލި ފެންނަ ގޮތަށް އަލިގަދަ ބޮކިތައް ނިވައިލައިފައި ހުރި ގެއަކީ މަޝްހޫރު ޒައިދުގެ ރީތި ޝާހީ ގެއެވެ. ޒައިދަކީ ދުނިޔޭގެ ރީތިކަމަށް ލޯބިކުރާ މީހެކެވެ. ޒައިދު އިނީ ބެލްކަނީގައި ފެންތަށްޓެއް ހިފައިގެންނެވެ. ހިތްގައިމު ހަނދުވަރުގެ ޗާލު އަލިކަން ދެކިލާށެވެ. ކުއްލިއަކަށް އިވޭން ފެށީ ރަނގަބީލަށް ފިތާ އަޑެވެ. ތެދުވާ ހިތް ނުވެފައި އިން ނަމަ ވެސް ދެތިން ފަހަރަކު ރަނގަބީލުވުމުން ޒައިދު ލިފުޓުން ތިރިއަށް ފޭބުމަށްފަހު ދޮރު ހުޅުވައިލިއެވެ.  

"އައްސަލާމް ޢަލައިކުމް" ބޭރުގައި ތިބި ދެ ކުދީން ސަލާންގޮވައިލިއެވެ.

"ވަޢަލައިކުމް ސަލާމް." ޒައިދު ރައްދު ދިން ކަމުގައިވިއަސް ރޭގަނޑުގެ މި ގަޑީގައި ބަޔަކާ ބައްދަލު ކުރުމުގެ މޫޑެއް ނެތެވެ. ދޮރު ހުޅުވައިލީ ވެސް ކުޑަކޮށެވެ. އެއަށްވުރެ ޒިއުނާ މާހުޝިޔާރެވެ.

"ފެން ފޮދެއް ލިބިދާނެތޯ؟" ހިތާ ދެކޮޅަށް ޒައިދު އެ ދެކުދީން ގޭތެރެއަށް ވެއްދިއެވެ. ސިޓިންގ ރޫމްގެ ގޮނޑިތަކަށް އިޝާރާތް ކުރުމުން ޒިއުނާމެން ގޮސް އިށީނެވެ.

"އަޅުގަނޑުމެން މިއައީ އޮޓޯބައިގްރަފީ ލިޔާން މަޢުލޫމާތު ކޮޅެއް ހޯދާން. ފެންފޮދެއް ލިބިދާނެތޯ؟" ދެވަނަ ފަހަރަށް ޒިއުނާ ފެންފޮދެއްގެ ވާހަކަ ތަކުރާރު ކޮށްލައިފިއެވެ. ޒައިދު އެތެރެއަށް ވަދެގެން ގޮސް ދެތިން މިނިޓު ފަހުން އައީ ތަބަކެއްގައި ދެ ތަށި ޖޫހާއި ދެތަށި ފެން ވެސް ބަހައްޓައިގެންނެވެ.

"މި ގޭގައި އިތުރު މީހަކު ނޫޅެނީތޯ؟ މަނިކުފާނު އަމިއްލަ ފުޅަށް ތިޔަ ކަން ތިޔަ ކުރެއްވީ؟" ޒިއުނާ ވަހަކަ ދައްކާން ފެށިއެވެ.

"މިއީ އިންޓަވިއުއާއި، ބައިގްރަފީ ހޯދާން ބަޔަކު އަންނާނެ ގަޑިއެއް ކަމަކަށް ނުދެކެން. އެހެންނަމަތާ މި ރެއަށް ރަނގަޅު އެއްޗެއް ހަދަން ބުނާނީ. މި ގަޑީގައި އެކަކު ވެސް ނޫޅޭ." ޒައިދުގެ ޖަވާބު އަޑު އިވުމުން ޒިއުނާ އަށް ބަލައިލެވުނީ ރާމިހުގެ މޫނަށެވެ. ރާމިހު ވެސް އިނީ ޒިއުނާއަށް ބަލަހައްޓައިގެންނެވެ.

ޖޫސަތަށި ބޮމުން ރާމިހު ބޭނުންވާ ސުވާލު ކުރަމުން ގެންދިޔައެވެ. ޒައިދަކީ މޮޅު ޅެއްވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ބަހުގެ ފަންނުގެ މާހިރެކެވެ. ޤައުމަށް އެތައް ޚިދުމަތެއް ކޮށްދެއްވުމަށްފަހު މިހާރު ހުންނެވީ ރިޓަޔަރ ކުރައްވައިފައެވެ.

"މި ބޮޑު ގޭގައި އެކަނި އުޅުއްވަނީ އެއްވެސް މީހަކު ނެތީތޯ؟ ރާމިހުގެ ސުވާލު އަޑު އިވުމުން ޒައިދުގެ މޫޑު އަނެއްކާ ވެސް ބަދަލުވެއްޖެއެވެ. އެހެންނަމަވެސް މަޑުން އިނދެވޭތޯ ބަލަމުން ގެންދިޔައެވެ. އެ ކުދީންގެ އަސުލު ބޭނުމަކީ ކޮބައިބާއޭ ޒައިދުގެ ހިތަށް އަރަމުން ދިޔައެވެ. ބައެއްފަހަރު އޮޓޯ ބައިގްރަފީއާ ގުޅުން ނެތް ކިތަންމެ ސުވާލެއް ކުރަމުން ގެންދިޔަ ނަމަވެސް ޒައިދު އިނީ ކެތްތެރި ވެގެންނެވެ.

އޭގެ ދެ ތިން މިނިޓު ފަހެވެ. ޒިއުނާ އިނީ ސޯފާގައި ލޯމެރިފައެވެ. އޭރު ވެސް އަދި ރާމިހަށް ގޮތެއް ނުވެއެވެ.  ޒިއުނާގެ ލޯމެރުމެރުނު ތަން ފެނުމުން ރާމިހަށް ޝައްކެއް ވެއްޖެއެވެ. އޭރު ރާމިހު ވެސް ލޯމެރެން ފަށައިފިއެވެ.

"އޮޓޯބައިގްރަފީ ހޯދާށޭ ކިޔައިފައި އައިސް އެހެން މީހުން ލޫޓުވާން މިތިބަ ބަޔަކު މި މަސައްކަތް ކުރަނީ. މީ އަދި އިއްޔެ މެންދުރުގެ ކުދީންތަކެއް. ކޮން ތަޖުރިބާއެއް ހުންނާނީ. ބޭބެމެން ޢުމުރު ހުސްވީ އެހެން މީހުން ދަސްކުރުމުގައި." ޒައިދު އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އަދި ދެން ހަދާނެ ގޮތަކާ މެދު ވިސްނަމުން ދިޔައެވެ.

"އައްސަލާމް ޢަލައިކުމް އިންސްޕެކްޓަރ. މިރޭ މިގެއަށް އައި ކުދިބަޔަކު އުޅުނު ގޮތުން އެ މީހުން މިތިބީ ފާޑަކަށް ހައްޔަރުކޮށްފައި." ޒައިދު ކުރުގޮތަކަށް އިންސްޕެކްޓަރަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.

އަދި ގޮނޑިއެއް ގެނެސް ޒިއުނާގެ ކައިރީގައި އިށީނދެ ޒިއުނާގެ ދެ އަތް ކައިރިކޮށްލުމަށް ފަހު އެއްސިއެވެ. އަދި އޭނާގެ ދެފައި ވެސް އައްސައިފިއެވެ. އެކަމުގެ ތެރޭގައި ޒިއުނާގެ ރީތި މޫނު ކައިރީން ފެނުމާއެކު ޒައިދުގެ މާޒީ ހަނދާންވެއްޖެއެވެ. 

ޒައިދުގެ އަންހެނުން ޙާދިރާ އަކީ ވެސް ނަމުގެ މާނައާ އެއްގޮތަށް ސިފަ ރީތި އަންހެނެކެވެ. ޒިއުނާގެ މޫނު ފެނުމުން ޙާދިރާގެ މަތީން ވަރަށް ބޮޑަށް ހަނދާންވެ އެ މޫނަށް ބަލާން އެތައް އިރަކު ޒައިދު އިނެވެ. އެންމެ ފަހުން އެ މޫނުގައި އަތްކާއްތާ ވެސް ލެވުނެވެ. ކޮންޓްރޯލުން ނެއްޓިދާނެހެން ހީވުމުން ނަފްސު ކޮންޓުރޯލް ކުރުމަށް ތެދުވެ ދެކޮޅަށް ހިނގާން ފެށިއެވެ. އަދި ކުއްލިއަކަށް ނަފުރަތު އެކުލެވޭ ބެލުމަކުން ރާމިހަށް ބަލައިލައިފައި އޭނާގެ އަތްފައި ބަނދެފިއެވެ. 

ޒައިދު އަކީ އެކަނިވެރިކަމަށް ލޯބިކުރާ މީހެކެވެ. ގޭތެރޭގައި އުޅޭ ވަގުތުތައް ހޭދަކުރާނީ އޭނާގެ ލައިބުރަރީގައެވެ. އެ ލައިބުރަރީ ފުރިފައި ވަނީ އެކިއެކި މުސައްނިފުންގެ ފޮތްތަކުންނެވެ. ޒައިދު ކުރި ހަމައެކަނި ކައިވެނީން ލިބުނީ އެންމެ ކުއްޖެކެވެ. އޭއީ ހޫނާއެވެ.  އޭނާ ހުންނަނީ ޑޮކްޓަރުކަން ކިޔަވަން ގޮސް ރަޝިޔާގައެވެ.

ޒައިދު ގޭގެ ސިޓީންގ ރޫމްގައި ދައްކާ ވާހަކަ އެތެރެއަށް އަޑު އިވޭ ގޮތް ހުންނަނީ ހަދައިފައެވެ. ޒައިދު ގޭތެރޭގައި ޖޫސް ތައްޔާރު ކުރާންހުރީ ސިޓިންގ ރޫމްގައި ދައްކާ ވާހަކަ އިވޭ ގޮތް ހަދައިގެންނެވެ. ރާމިހާއި ޒިއުނާ ދެއްކީ އެ ގެއިން އެ މީހުންނަށް ބޭނުންތެރި ބައެއް ތަކެތި ހޯދާނެ ގޮތުގެ ވާހަކައެވެ. ދަންވެލީމައި ޒައިދަށް ބިރު ދައްކައިގެން އެ މީހުން ބޭނުންވާ ތަކެތި ގެންދާނެ ގޮތް ވެސް ދިޔައީ ރާވަމުންނެވެ. އެ ހުރިހާ އަޑެއް ޒައިދަށް އިވުނެވެ.

ޒައިދު އައީ އެ ކުދީންގެ ފަރާތުން ރައްކައުތެރިވުމަށް ދެ ތަށި ޖޫހަށް އަޅާންވާ ބޭސް އަޅައިގެންނެވެ. ބަޔަކަށް ދެރައެއް ދިނުމުގެ ބޭނުމެއްގައެއް ނޫނެވެ. އަމިއްލަ ދިފާޢުގައެވެ.  ކިޔަވާ ކުދީންގެ ނަމުގައި މީހުން ލޫޓުވުމަށް އެ ކުދީންގެ ވިސްނުން ގެންގުޅުނީތީ ޒައިދު އެކަމާ ހިތާމަކުރިއެވެ. ގެއަށް އައި މެހެމާނުންނަށް ކަންތައް ކުރާން ޖެހުނީ މެހުމާންދާރީއާ އިދިކޮޅަށެވެ. އަތްފައި ބަނދެގެންނެވެ. އެއީ ވެސް މެހުމާންދާރީގެ އައު ވައްތަރެކެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް