Advertisement

އދ.ގެ ރޭގެ ގަރާރު: ޢަމަލުކުރާން ލާޒިމު އެތައް ޤަރާރަކަށް ޢަމަލު ނުކުރި ބަޔަކު، ޢަމަލުކުރާން ލާޒިމު ނޫން ޤަރާރަކަށް ޢަމަލުކުރާނެހެއްޔެވެ؟

13 Dec 2023 | 06:41
އދ. ގައި ރޭ ފާސްކުރި ގަރާރަކަށް ދިން ވޯޓުގެ ނަތީޖާ

އިސްރާއިލާއީލުން ޢަމަލުކުރުން ލާޒިމު އެތައް ޤާރާރެއް މާޒީގައި ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ފާސްކޮށްފައެވެ. ނަމަވެސް އެމެރިކާގެ އެހީގައި ގަދަބާރު ދައްކައިގެން އުޅޭ އިސްރާއީލުން އެ މީހުން އެ ތިބެނީ ބައިނަލްއަގުވާމީ ޤަރާރުތަކާ ޚިލާފުވެގެންނެވެ. އެ މީހުންނަށް އަމުރު ހިނގާ ބަޔަކު ދުނިޔެއަކު ނޫޅެއެވެ. ޢަރަބި ގިނަ ގައުމުތަކުން ވެސް، ޚާއްޞަކޮށް ބާރުގަދަ ގައުމުތަކުން، އަޑިއަޑީން ތިބެނީ އިސްރާއިލަށް ތާއީދުކޮށްގެންނެވެ. މިހާރު ޔަމާނާ ދެކޮޅަށް ޙަމަލާތަކެއް ދޭން އިސްރާއީލުން އެމެރިކާއަށް ބާރުއަޅަމުން ގެންދާ އިރު، އެ ޙަމަލާތަކަށް އެހީތެރިވާން ޢަރަބި ގައުމުތަކުން އެ ގެންދަނީ އަޑިއަޑީން އެހީތެރިވަމުންނެވެ.

މި ޙާލަތުގައި މި މައްސަލަ އޮއްވައި، ޣައްޒާއަށް އިސްރާއީލުން ދޭ ޙަމަލާތައް އިންސާނިއްޔަތަށް ޓަކައި ވަގުތުން ހުއްޓައިލާން ބާރުއަޅާ ޤަރާރެއް އދ.ގެ އާންމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ. މި ޤަރާރު ފާސްކުރީ 153 ގައުމުގެ ވޯޓާ އެކީގައެވެ. އިދިކޮޅަށް ވޯޓުދިނީ އެމެރިކާއާއި އޮސްޓްރިއާއާއި ޕެރަގުއޭއާއި އިސްރާއީލުންނެވެ. މި ހަތަރު ގައުމުގެ އިތުރަށް، އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނޭ ގޮތަށް 23 ގައުމެއް ވަކިކޮޅަކަށް ވޯޓު ނުދީ ތިތްބެވެ.

އދ.ގެ އާންމު މަޖިލީހުން ފާސްކުރާ ޤަރާރަކީ އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ އެއްޗަކަށް ނުވިޔަސް މި ފަދަ ޤަރާރުތަކުން މުޅި ދުނިޔޭގެ ރައުޔު ހާމަވާނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ އިސްރާއީލަށް ވެސް ދަތިތަކާއި ފިއްތުންތަކާ ކުރިމަތިވުމެވެ.

އަނެއްކޮޅުން އިސްރާއީލުގެ ޙަމަލާތައް ހުއްޓައިލުމަށް ބާރުއެޅުމަށް ގޮވައިލައި ކެނެޑާއާއި އޮސްޓްރޭލިއާއާއި ނިއުޒީލޭންޑުން ގުޅިފައިވާ ބަޔާނެއް ވެސް ނެރެފިއެވެ. ރޮއިޓަރސް ބުނާ ގޮތުން މި ތިން ގައުމުގެ ބޮޑުވަޒިރުން ނެރުނު މި ބަޔާނުގައި "ދާދި ފަހުން ހަމަލާތައް ހުއްޓައިލައިފައި އޮތް ވަގުތުގައި 100 ވަރަކަށް އަސީރުން މިނިވަންވެ، އިންސާނީ އެތައް އެހީއެއް ޣައްޒާއަށް ފޯރުކޮށްދެވުނުކަމަށާއި،" މި ގަމުތަކުން އެދެނީ "މި ސުލްހަ ދަމަހައްޓައި ދެމެހެއްޓެނިވި ސުލްޙައަކަށް ބައިނުލްއަގުވާމީ މުޖުތަމަޢުން ތާއީދުކުރުން"ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އެންމެ ތަންކޮޅެއް ވެސް ނެތްކަން މިހާރު ފާހަގަކުރެވިފައިވާ"ކަމަށާއި "ޙަމާސް ބަލިކުރުމުގެ ނަމުގައި ޣައްޒާގެ މަޢުޞޫމު ރައްޔިތުންނަށް ގެއްލުންލިބޭ ގޮތަށް ޙަމަލާތައް ދަމަހައްޓައިގެން ނުވާނެ"ކަމަށެވެ.

އދ.އިން ރޭ ފާސްކުރި ގަރާރާ ވިދިގެން މި ތިން ގައުމުން މި ފަދަ ބަޔާނެއް ނެރެފައިވާއިރު، އެމެރިކާގެ ރައީސް ޖޯބައިޑްން ވެސް ބުނެފައިވަނީ ޣައްޒާއަށް އިސްރާއީލުން އަޅަމުން ގެންދާ ބޮންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމަޢުގެ ތާއީދު އިސްރާއީލަށް މިހާރު ގެއްލެމުން ދާކަމަށެވެ.

އދ. އިން ރޭ ފާސްކުރި ގަރާރުގެ ނަތީޖާ ފެންނަ ބޯޑު<br>

ރޭ އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ވިދިގެން ނިރުބަވެރި އިސްރާއީލުން ބުނެފައިވަނީ އެ ގަރާރަކީ "މުނާފިގު" ގަރާރެއްކަމަށާއި އެ ގަރާރުން ފައިދާ ވާނީ ހަމައެކަނި ހަމާސަށްކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރަށް ޢަމަލުކުރުން ގާނޫނީ ގޮތުން ލާޒިމު ވިޔަސް، ސަލާމަތީ މަޖިލީހުން ފާސްކޮށް އިސްރާއީލުން ޢަމަލުނުކޮށް އެތައް ޤާރާރެއް ހުރި އިރު، އދ.ގެ އާންމު މަޖިލީހުން ގޮވައިލާ ގޮވައިލުމަކަށް އިސްރާއީލުން ޢަމަލުކުރާނެހެއްޔެވެ؟ ހަގީގަތުގައި އާންމު މަޖިލީހުން ފާސްކުރާ ފާސްކުރުންތަކުން އެނގޭނީ ދުނިޔޭގެ އަޣުލަބިއްޔަތު ރައުޔެވެ. އެއީ ގާނޫނީ ގޮތުން ޢަމަލުކުރުން ލާޒިމު އެއްޗެއް ނޫނެވެ.

އެހެންނަމަވެސް އިސްރާއީލުގެ އަސްކަރީ މަސްދަރުދަކާ ޙަވާލާދީ އެ ގައުމުގެ 'ޗެނަލް 12'އިން އިއްޔެ ބުނެފައިވާ ގޮތުގައި ވަގުތީ ގޮތުން ހަމަލާތައް ހުއްޓައިލައި ހަމާސާއެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދިޔުމުގެ ވާހަކަތައް ފަށާން މިހާރު އިސްރާއީލު އޮތީ ތައްޔާރަށެވެ. މި ކަމުން އެނގެނީ ހަމަލަތައް ދިގުދެމިގެން ދާތީ އިސްރާއީލަށް ވެސް ފޫނުބެއްދޭ ފަދަ އިގުތިސާދީ ގެއްލުންތައް ލިބެމުންދާކަމެވެ. އިސްރާއީލުން ވަގުތީ ގޮތުން ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ބޭނުން ވިޔަސް، ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓައިލާން އިސްރާއީލުން ބޭނުންނުވާކަމަށް އިސްރާއީލުގެ މީޑީއާ ބުނެއެވެ. އެކަމަކު ހަމާސުން ބުނަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމެއް ބޭނުންނުވާކަމަށާއި ހަމަލާތައް ހުއްޓައިލާ ނަމަ، ހުއްޓައިލާން ޖެހޭނީ ދާއިމީ ގޮތަކަށްކަމަށެވެ. ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓައިލާ ގޮތަށް ނޫނީ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ވެސް ދެން ނުދާނެކަމަށް ހަމާސްގެ އިސްވާރެއްކަމަށްވާ އުސާމާ ހަމްދާން ވިދާޅުވެފައިވެއެވެ.

މީގެ ދެ ހަފުތާ ކުރީން އިސްރާއީލާއި ހަމާސުން ވަނީ ގަތަރު މެދުވެރިއަކަށް ވެގެން ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލައި އަސީރުންގެ މަދު ބަޔަކު މިނިވަންކުރުމުގެ އެއްބަސްވުމެއް ތަންފީޒު ކޮށްފައެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ ހަތަރު ދުވަހެވެ. ހަތަރު ދުވަހަށް ފަހު އިތުރު ތިން ދުވަހަށް އެއްބަސްވުން ދަންމައިލިއެވެ.

އަނެއް ކޮޅުން ލުބުނާނާއި އިސްރާއީލާ ގުޅޭ ސަރަހައްދުގައި ވެސް ލުބްނާނުގެ ޙިޒުބުﷲއާ އިސްރާއީލާ ދެމެދު ހަމަލާތައް މިހާރު ބަދަލުކުރެވެމުން އެބަދެއެވެ. ރޭ ފަތިހު ވެސް އެ ސަރަހައްދުގައި ސައިރަންގެ އަޑުފަށްގަނޑު ގަދަވުމާއެކު އިސްރާއީލުގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެފައެވެ. މި ސަރަހައްދުގެ ވިޔަފާރިތަކާއި އެހެނިހެން އާންމު ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ.

އިސްރާއީލުން ބޮޑާކަމާއެކު މި ހިންގާ އުދުވާނުގެ ސަބަބުން އެތައް ވިޔަފާރިތަކެއް ވަނީ ބަނގުރޫޓުވެފައެވެ. މުޅި އިސްރާއީލަށް ވެސް ވަނީ އިގުތިސާދީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ކަމުގެ ސަބަބުން ސިޔާސީ އެތައް ފިއްތުންތަކެއް ވެސް ނަތަންޔާހޫގެ ސަރުކާރަށް ވަނީ ކުރިމަތިވެފައެވެ.

ޣައްޒާއަށް އިސްރާއިލުން ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ގޮވައިލައި އދ. ގެ ސަލާމަތީ މަޖިލީހަށް މި ދިޔަ ހުކުރު ދުވަހު ހުށަހެޅުނު ޤަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. އެހެން ނޫންނަމަ އިނގިރޭސިވިލާތުން ވަކިކޮޅަކަށް ވޯޓު ނުދީ މެންބަރު އަނެއް 13 ގައުމުން ޤަރާރާ އެއް ކޮޅަށް ވޯޓުދިން އެ ޤަރާރު، އެ ހުށަހެޅި ގޮތަށް ފަސްކުރެވުނީހެވެ.

އެ ގަރާރު ނާކާމިޔާބުވުމުން ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ޢުދުވާނީ ހަމަލާތައް – އެ ޙަމަލާތަކުގައި 18 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ، އަދި ރައްޔިތުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި އެންބިޔުލާންސްތައް ހަލާކުވެފައިވާ ލާ އިންސާނީ ޢުދުވާނު- އަވަހަށް ނިމުމަކަށް ގެނައުމަށް ލިބުނު އުއްމީދެއް ފުނޑުފުނޑުވެގެން ދިޔައީއެވެ.

އިސްރާއީލު ބުނާ ގޮތުން ހަމާސްގެ ރައްދު ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު މިހާރުވަނީ 445އަށް އަރައިފައެވެ. އަދި، ޒަޚަމްވީ ސިފައިންގެ އަދަދު އުޅެނީ 6،000އަށް ވުރެ މަތީގައެވެ. ނަމަވެސް ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ ހަގީގީ އަދަދު މިއަށް ވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް މިނިވަން ނޫސްވެރީން ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް ހޯދައިފައިވާ މަޢުލޫމާތުގެ އަލީގައި ވަނީ ހާމަކޮށްފައެވެ. އަދި ދޮގުވެރި އިސްރާއީލުން ވަނީ އެ ގައުމުން މަރުވާ މީހުންގެ ހަގީގީ އަދަދު ހާމަކުރުމުގައި މަކަރު ހަދައި އޮޅުވައިލައިފައެވެ.

އިސްރާއީލުގެ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ އާންމުންގެ އަދަދު މިހާރުވަނީ 18،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މީގެ ތެރެއިން 60 އިންސައްތައަކީ ކުޑަކުދީންނާއި އަންހެނުންނެވެ. މީގެ އިތުރަށް ބައިލައްކައެއްހާ މީހުންނަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ. (ބައެއް މަޢުލޫމާތު: ދަ ގާޑިއަން/ ދަ ނިއުއަރަބް.ކޮމް)

Advertisement

ކޮމެންޓް