Advertisement

ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ދިން ވޯޓުން ދުނިޔެއަށް ސާބިތުވީ އެމެރިކާއަކީ ނިރުބަވެރިކަމަށް ތާއީދުކުރާ ނިރުބަވެރި ގައުމެއްކަމެވެ.

10 Dec 2023 | 16:54
.

ޣައްޒާއަށް އިސްރާއީލުންދޭ ނަސްލުހޭދު ހަމަލާތައް އިންސާނިއްޔަތަށް ޓަކައި، ވަގުތުން ހުއްޓައިލާން ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ބޭކާރުކޮށްލީ އެމެރިކާއަށް ލިބިފައި އޮންނަ ނުހައްގު އަދި ޑިމޮކްރެސީއާ ބީރައްޓެހި ބާޜުގެ ނާޖާއިރު ބާރު ބޭނުންކޮށްގެން ބޭރުކޮށްގެންނެވެ. މިއަދު އިންސާނީ ޙައްގުގެ ދުވަސް ފާހަގަކުރަމުންދާ އިރު، އިންސާނީ ހައްގޭ ކިޔާން އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ލަދުގަންނާން ޖެހެއެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވޭ އެ މަޖިލީހުގައިގައި ނެގި މި ވޯޓުގައި ގަރާރަށް ތާއީދުކޮށް 13 ގައުމަކުން ވޯޓު ދީފައިވާ އިރު، އިނގިރޭސިވިލާތުން އެއްވެސް ކޮޅަކަށް ވޯޓު ނުދިނީއެވެ. މާނައަކީ އިންސާނިއްޔަތާ ޚިލާފު ނަސްލުހޭދު އިސްރާއީލުން ހިންގުމަކީ އެ މީހުން ތާއީދުކުރާ ކަމެއްކަން ސާބިތުވުމެވެ. ނަމަވެސް ހުކުރު ދުވަހު ނެގި ވޯޓުގައި އެ ގަރާރު ފާސްނުވެ ބޭކާރުވީ އެމެރިކާއަށް ލިބިފައިވާ ނުހައްގު ވީޓޯކުރުމުގެ ބާރު ބޭނުންކޮށްގެން ގަރާރު ވީޓޯކުރުމުގެ ސަބަބުންނެވެ.

އެމެރިކާގެ މި ބޭއިންސާފު، ރަޙުމެއް ނެތް، އިންސާނިއްޔަތާ ޚިލާފު ޢަމަލުގެ ސަބަބުން ދުނިޔޭގެ އިސްވާރުންނާއި ހުރިހާ ގައުމެއްގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާނީ ޖަމާޢާތްތަކާއި އދ.ގެ އޮފިޝަލުން ވެސް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަ ގެންދެއެވެ. އެމެރިކާއަކީ އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ބައިވެރިއެއްކަމަށް ސާބިތުވާކަމަށް އެ ގައުމުތަކުން ހާމަކުރެއެވެ. މިއީ ކޮންމެހެން މީހަކު ބުނާންޖެހޭ ވާހަކައެއް ނޫނެވެ. އިސްރާއީލަށް މާއްދީ އަދި މާލީ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެނީ އެމެރިކާއިންނެވެ. ދެން އިނގިރޭސީންނާއި ވިލާތުގެ އެހެން ގައުމުތަކުންނެވެ.

ރަޝިއާއިން ބުނެފައިވަނީ މިއަދަކީ މެދިއިރުމަށްޗަށް އަނދިރި ދުވަހެއް ކަމުގައެވެ. އަދި ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސުލްހައަށް ގޮވައިލާ ގަރާރެއް އެމެރިކާއިން ވީޓޯކުރުމުން އެއީ އިންސާފުގެ ގޮތުގައި ބަލައިގަނެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި އުރުދުޣާން ވަނީ އދ.ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމަށް ވެސް ގޮވައިލައްވައިފައެވެ. މީގެ އިތުރަށް ޕާކިސްތާނާއި ނޯވޭއިން ވެސް ވަނީ އެމެރިކާގެ އަމަލު ކުށްވެރިކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވަނީ އިޒުރޭލުގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް އެމެރިކާއިން ކުރިއަށް ގެންދާތީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރު ވިދާޅުވެފައިވަނީ، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ އެމެރިކާއިން އިސްރާއީލަށް ދިބުލުމާސީ ހިމާޔަތް ފޯރުކޮށްދެމުން ދާ ނަމަ، އިސްރާއީލުން ހިންގާ ގަތުލުއާންމުގައި އެމެރިކާއިން ބައިވެރިވަމުންދާކަމުގައި ބާލާނެ ޖާގަ އެބަ އޮތްކަމަށެވެ.

އދ.ގެ ޗާޓަރުގެ 27ވަނަ މާއްދާގައިވާ ގޮތުން ސަލާމަތީ މަޖިލީހުން އެއްވެސް ޤަރާރެއް ފާސްވާނީ ދާއިމީ މެންބަރަކު އިދިކޮޅަށް ވޯޓު ނުދީފިނަމައެވެ. އެއިން މެންބަރަކު އިދިކޮޅަށް ވޯޓުދިނުމަށް ކިޔައި އުޅެނީ ވީޓޯކުރުމެވެ. ދާއިމީ މެންބަރުކަން އޮންނަނީ އދ.ގެ މުއައްސިސުންގެ ގޮތުގައި ބަލާ ފަސް ގައުމަކަށެވެ. އެއީ، ސީނުކަރައާއި ފަރަސްސޭސިވިލާތާއި ރޫސީ ފަދުރާލާއި އިނގިރޭސިވިލާތާއި އެމެރިކާއެވެ. ރޫސީ ފަދުރާލަކީ ރޫސީ ޖުމްހޫރިއްޔާތަކުގެ އިއްތިހާދު 1990ގައި އުވުމާ ގުޅިގެން އެ ބާރު ލިބުނު ގައުމެކެވެ. މި ގައުމުތަކަށް ދާއިމީ މެންބަރުކަން ދީފައި ވަނީ ބައިނަލްއަގުވާމީ ސުލްޙައާއި އަމާންކަން ދެމެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރުމުގެ ޒިންމާއާ އެކުގައެވެ. ނަމަވެސް މިއިން އެއްވެސް ގައުމަކުން އަމިއްލަ އެދުމަށް ނޫނީ މިހާތަނަށް މަސައްކަތެއްކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގެ ރައްޔިތުން ސުލްޙައަށް އެދި އަޑު އުފުލަމުންދާ އިރު، ދުނިޔޭގެ ބާރުތަކުން އިންސާނިއްޔަތާ ޚިލާފު ނަސްލުހޭދުއެއް ހިންގަމުންދާ އިރު، މިއަދު އިންސާނީ ހައްގުތަކޭ ކިޔައިފައި އަޑުއުފުލާތީ ވެސް ހައިރާންވެއެވެ.

އިންސާނީ ހައްގަކީ އިސްލާމް ދީން ގެނެސްދިން ހައްގެކެވެ. ކީރިތި ރަސޫލާ (ﷺ) ޙައްޖަތުލްވަދާޢުގައި ދެއްވި ބަލާޣާތްތެރި ޚުޠުބާގައި މި ހުރިހާ ޙައްގުތަކެއް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ދިވެހި ގައުމީ ޓީވީއިން މިއަދާ ގުޅިގެން ހުށަހަޅުއްވާ އެކި ޕްރޮގްރާމްތަކުގައި ވެސް މި ވާހަކަ ހާމަކުރުމުގެ ބަދަލުގައި އިންސާނީ ހައްގު ހޯދައިދިނުމުގެ ޝަރަފު ދެނީ އެމެރިކާއައި ވިލާތުގެ ބޭއިންސާފު ގައުމުތަކަށެވެ. މިއީ އަޅުގަނޑުމެން ވިސްނައިލާންޖެހޭ ކަމެކެވެ.

މި ދިވެހި އިސްލާމީ ޤައުމުގައި އިސްލާމިއްޔަތާއި ވަޠަނިއްޔަތުގެ ރޫޙު (މިހާރުގެ މީހުން ކިޔާ ގޮތުން: "ޤާއުމިއްޔަތު") އާލާކުރެވޭނީ އަޅުގަނޑުމެންގެ ޤައުމީ މަންޖަހުގެ ހުރިހާ މުޤައްރަރެއްގައި އިސްލާމިއްޔަތާއި ވަޠަނިއްޔަތުގެ ސިފަތައް ހިމަނައިގެންނެވެ. އެއީ ވަކި މާއްދާއެއްގެ ގޮތުގައި އެންމެ މާއްދާއެއް ކިޔަވައިދީގެން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އިންސާނީ ޙައްގުތަކަށް ޙުރުމަތްތެރިކޮށް ހިތާ އިސްލާމީ ޢަޤީދާއަށް އަހުލުވެރި، ރީތި ސުލޫކާއި ހަރުދަނާ އަޚުލާޤެއް ހުރި، ވަޠަން ދެކެ ލޯބިވާ ހަރުދަނާ ޖީލެއް ބިނާކުރެވޭނީ އަޅުގަނޑުމެންގެ މުޅި މަންހަޖު އިސްލާމީކޮށްގެންނެވެ. ވަޠަނީކޮށްގެންނެވެ. ރާއްޖޭގައި އިސްލާމީ ޔުނިވަރުސިޓީއަކާއި ގައުމީ ޔުނިވަރުސިޓީއެއް ހުރި އިރު، ދަރިވަރުންގެ އިސްލާމިއްޔަތާއި ޤައުމިއްޔަތު އުފައްދައި އާލާކުރުމުގެ ޒިންމާ މި ދެ މުއައްސަސާއާ ޙަވާލުކޮށްގެން އެ ތަންތަން ބާރުވެރިކޮށްގެންނެވެ. ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި ކޮލެޖާއި އިންސްޓިޓިޔުތައް އުފައްދައިގެން ބޭކާރު ޚަރަދުތައް ކޮށްގެނެއް ނޫނެވެ. މި ދެންނެވި ގޮތުގެ މަތީން ޖީލެއް ބިނާކުރެވިފައި އޮތް ނަމަ، އެމެރިކާއިން ހުކުރުދުވަހު އދ. ސަލާމަތީ މަޖިލީހުގައި ދިން ބޭއިންސާފު ލާދިމުޤުރާތީ ވޯޓާ އިދިކޮޅަށް ބަސްބުނުމުގެ ކެރުންތެރިކަން ޚާރިޖިއްޔަތާ ބެހޭ ވުޒާރާއަށް ވެސް އަދި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް ލިބޭނެއެވެ. ޙައްޤާއި އިންސާފަކީ ކޮބައިކަން އެނގޭނެއެވެ.

އަދި ދާދި ފަހުން ބޭއްވި ކޮޕް28 ސަމިޓުގައި ވެސް އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރާން ދިވެހީންނަށް ކެރުނީހެވެ. އިސްލާމިއްޔަތާއި ވަޠަނިއްޔަތުގެ ރޫޙު ހުރިހައި ދިވެހީންގެ ހިތްތަކުގައި އަށަގެންފައި ވީހެވެ. އަރަބި ގިނަ ވެރީން ވަނީ, ކޮޕް28 ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ކުށްވެރި ކޮށްފައެވެ.

އިސްރާއީލުން އުދުވާނީ ހަމަލާތަކުގައި މިހައި ތަނަށް ފަލަސްތީނުގެ 17،400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދީންކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ހާމަކޮށްފައި ވެއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ދުނިޔެއަށް އިންސާފު ލިބޭނީ އދ.އަކީ އިންސާފުވެރި ދީމުޤުރާޠީ އުސޫލުގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއަކަށް ހެދިގެންނެވެ. އެހެން ނޫނީ، މުސްލިމު ހުރިހާ ގައުމުތަކުން އދ.އާ ނުބައްސައި ވަރުގަދަ އިއްތިޙާދެއް ހަދައިގެންނެވެ. ދުނިޔޭގެ ސުލްޙައާއި އަމާންކަން ލިބޭނެ އެހެން އެއްވެސް ގޮތެއް ނެތެވެ. މިހާރު އޮތް ނިޒާމުގެ ތެރެއިން އދ. ވާނީ އެމެރިކާއާއި ވިލާތުގެ ގައުމުތައް ކޮޅަށް ތިބުމަށް ޓަކައި ވިއްދާ ކައްތިރިއަކަށެވެ. ދުނިޔޭގެ ސުލްޙައަށް އެ މީހުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

____________________________________

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު      ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުން. 

އިސްވާރު       ނ.     (1) ވެރިޔާ.  (2) އިސްވެ ހުންނަ މީހާ.

ކައްތިރި        ނ.     (1) ދެ ގަނޑެތީގެ ކުރި ބުރަފަތި ވާނޭހެން ހަރުކޮށްގެން ހަދާކަނި. މި ކަނި ވިއްދަނީ ގަސްގަހާއި ގޮފިގޮތްޕާއި، އުނދޯލި ވަސް ފަދަ ތަކެތި ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ޓަކައެވެ. އުނދޯލީގެ ވަސް ބޭއްވުމަށް ބުރަފަތި ވާނޭހެން ތައްޔާރު ކުރާ ކަނި.  (2) ގަދަފަދަ

Advertisement

ކޮމެންޓް