Advertisement

ކާވެނި

10 Dec 2023 | 06:10
.

އަސްމާ އަބޫބަކުރު

އިއްޔެ ހެނދުނުން ފެށިގެން ވެހެމުން ދިޔަ ވާރޭ ހުއްޓައިލި އިރެއް ވެސް ނޭނގެއެވެ. މުޅި ދުވަހު އެއްވެސް ތަނަކަށް ނުގޮސް އުޅޭން ޖެހުނީ ގޭގައެވެ. އުޑުމަތި އޮތީ، ކަޅު ވިލާތަކުން ބައްދައިލައިފައެވެ. ދުނިޔެމަތި އޮތީ އަނދިރިކޮށެވެ. އިރުގެ އަލިކަން ނުފެންނަ ދުވަހެކެވެ. ރަމީޒާ ފޫހިވެގެން ވެސް އެއްވެސް ތާކަށް ދެވޭ ގޮތް ނުވުމުން އޮށޯވެ ނިދީއެވެ.

ފަތިހު ހޭލާން އާދަވެފައި ވަނީ މަންމަގެ ސަބަބުންނެވެ. ރަމީޒާ ކުޑަ އިރުން ފެށިގެން މަންމަ ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު ސޯނާ ގަޑިއެއް ފަދައިންނެވެ. ކޮންމެ ފަސް މިނެޓަކުން ގޮވައިލަގޮވައިލައެވެ. އެންމެ ފަހުން ފަތިހު ތެދުވާން އާދަވީއެވެ. ރަމީޒާގެ ހިތަށް މިހާރު އަރައެވެ. މަންމަ އެ ކަން އެ ކުރީ އޭނާ ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. ދަރީން ހެޔޮ ގޮތުގައި ތައްރުބިއްޔަތުކުރުމުގެ ނިޔަތުގައެވެ.

މީގެ ތިން އަހަރު ކުރީން ރަމީޒާ ކައިވެނި ކޮށްގެން ބަދަލުވީ ފިރިމީހާ ޔާމީންގެ ގެއަށެވެ. ރަމީޒާގެ ޢާއިލާގައި ތިބެނީ މަންމައާއި ރަމީޒާގެ އިތުރަށް ރާމިޒެވެ. އޭނާ ވެސް ކިޔަވައި ނިމިގެން އޮފީހެއްގައި އުޅޭތާ ދެ އަހަރު ވެއްޖެއެވެ. ބައްޕަ ނިޔާވި ފަހުން ޢާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ މަންމައެވެ.

"މިއަދު މި ގެއަށް އާދެވޭނެތަ؟" ރަމީޒާ ފޯނު ބަލައިލުމާ އެކު ފެނުނީ މަންމަގެ މެސެޖެކެވެ. ކިތަންމެ ކުރު މެސެޖެއް ނަމަވެސް އެ ޖުމްލައަކީ ރަމީޒާގެ ދެފައި ގެއާ ދިމާއަށް ގެންދާ ދަމާ ބާރެކެވެ. 

ހެނދުނު ސައި ހަދާން ބަދިގޭގައި ހުރި އިރު ވެސް ރަމީޒާގެ ހިތް ވަނީ އަވަސްވެފައެވެ. މަންމަގެ އެ ކުރު މެސެޖު ފެނުމުން މަންމައަށް ކަމެއް ވެއްޖެކަމަށް ރަމީޒާގެ ހިތް ބުނަމުން ދިޔައެވެ. ހެނދުނު ސައި ތައްޔާރު ކުރުމަށްފަހު ޔާމީނަށް ގޮވާން ރަމީޒާ ކޮޓަރިއަށް ވަނެވެ.

"ތައްޔާރު ވެއްޖައިން ދޯ! އަދި މި އައީ ގޮވާންކަމަށް."

"މިއަދު ތަންކޮޅެއް އަވަހަށް ހޭލެވުނު ދުވަހެއް. ނިދޭތޯ އުޅެއުޅެ ވެސް ނުނިދުނީމާ ތެދުވީ. ތަންކޮޅެއް އަވަހަށް އޮފީހަށް ދާންކަމަށް އަވަހަށް ތައްޔާރުވީ."

"ޔާމީން ދޭ ސައިބޯން! މަންމަ ކޮބައިތޯ ބަލައިލައިފައި އެބަ އަންނަން." ރަމީޒާ ދިޔައީ މައިދައިތަ ބަލައެވެ. ޢާންމުކޮށް ވެސް އެ ގޭގައި ހެނދުނު ސައިބޯނީ އެންމެން އެކީގައެވެ. މާ ގިނަ މީހުން އުޅޭ ގެއަކަށް ނުވާތީ ރަމީޒާއަށް ކެއްކުމުގައި ވެސް ފަސޭހައެވެ.

"މިއަދު މި އުޅެނީ މަންމަ ގެއަށް ދާން ކަމަށް. އަންނާނަން ހަވީރު ހަތަރެއްގެ ފަހުން." ޔާމީނާއި މައިދައިތައަށް ބަލައިލައިފައި ރަމީޒާ ބުންޏެވެ.

" މަންމަ ބަލީތަ؟" މައިދައިތަ އަހައިލިއެވެ.

"ނޫން. މަންމަ ގާތަށް ގޮސްލާންކަމަށް."

"އޮފީސް ނިންމައިފައި އަހަރެން ދާނަން ބަލައި. އޯކޭތަ؟ އޮފީހަށް ދަމުން ރަމީ މަންމަ ގެއަށް ގެންގޮސް ދެވިދާނެ. މިއަދު ތަންކޮޅެއް އަވަހަށް ތައްޔާރު ވެސް ވެވިއްޖެވިއްޔަ." ޔާމީނު ބުނެލިއެވެ.

"ތިޔަ ގޮތް ވެސް އެންމެ ރަނގަޅު. އެކަމަކު ގޭތެރޭގެ މަސައްކަތްތައް އަދި ނުނިމޭ." 

"މަންމައަށް ވެސް މެންދުރަށް ކައްކައިލެވިދާނެ. މަންމަ ގެއަށް ގޮސްލައިފައި އާދޭ. މަންމަ މިހާރު ގޭތެރޭގެ މަސައްކަތްތަކާ ވަރަށް ދުރުކޮށް މިއުޅެނީ ރަމީޒާ އައިފަހުން. އެހެންވީމާ މިއަދު ދެން ހުރި މަސައްކަތްތައް މަންމަ ކޮށްލާނީ."

ރަމީޒާއަށް ދެ ގޭގައި ވެސް އެހާ ފަސޭހައެވެ. މައިދައިތައެކޭ މަންމައެކޭ ތަފާތެއް ނެތެވެ. ރަމީޒާގެ ރަޢްޓެހީންނާ ދިމާވެއްޖިއްޔާ އަބަދު ވެސް ދައްކާނީ ގޭތެރޭގެ ކޮންމެ ވެސް ހަމަނުޖެހުމެއްގެ ވާހަކައެވެ. މަންމަ ގާތަށް ދާ ފަހަރަކު ވެސް އަވަށްޓެރި ކުދީންނާ ދިމާވެގެން ވާހަކަ ދައްކައިލާ އިރަށް އެ ފަދަ އެތައް ވާހަކައެއް އިވެއެވެ. މައިދައިތަ ގޯސް ވާހަކައަކީ ޢާންމުކޮށް އިވޭ، އެއް ވާހަކައެވެ. އެކަމަކު ރަމީޒާއަށް މައިދައިތައަކީ ޖަވާހިރެކެވެ.

ގެއަށް ދެވުމާއެކު ރަމީޒާ ބާރަށް މަންމައަށް ގޮވައިލިއެވެ.

"މަންމާ." އެ އަޑަށް ދުވެފައި ކަހަލަ ގޮތަކަށް މަންމަ ނިކުތެވެ.

"މިހާ އަވަހަށް އަންނާނެކަމަކަށް ހިއެއް ނުކުރަން. މެންދުރު ފަހަށް ވިސްނައިގެން މަންމަ މިހުރީ."

"މަންމަ އެހާ ހެނދުނާ މެސެޖު ފޮނުވީމާ ބިރުން ވެސް އަވަހަށް އަންނާނެތާ!" ރަމީޒާ މަންމައަށް ބުންޏެވެ.

"މަންމަ ފޯނުން ވާހަކަދައްކާން ބޭނުން ނުވާތީ މެސެޖުކުރީ. ދެމައިން އެއްތަކު ތިބެ މި ވާހަކަ ދައްކާންކަމަށް."

" ރާމިޒު މީހަކާ އިންނަނީތަ؟ ތިޔަހައި ސީރިއަސްކޮށް ވާހަކަދައްކާންވީ؟" ރަމީޒާ ހީކުރީ ކައިވެނިކުރާން އުޅެނީ ކަމަށެވެ.

"އާނ! އެސޮރު އުޅެނީ ފާޑަކަށް. ތަންކޮޅެއް ކުރީން އެ މަންޖެ މި ގެއަށް ގެނައި. މިހާރު ރުޅިވީހެން ހީވަނީ. ރާމިޒު ކެއުމާ ވެސް ތަންކޮޅެއް ދުރުކޮށް އުޅެނީ. އެހެންވެގެން ދަރިފުޅު އޭނާއަށް ނަސޭހަތް ދީބަލަ. ދުނިޔޭގައި ލެއްވީ އެންމެ އަންހެން ކުއްޖެއް ނޫނެއްނު. ރާމިޒަކީ ވެސް ކިޔަވައިގެން ހުރި ރަނގަޅު ވަޒީފާއެއްގައި އުޅޭ ކުއްޖެއްވިއްޔަ. ބައިވަރު އަންހެން ކުދީން ލިބޭނެ. ކޮން ހިތާމައެއް ކުރާކަށް." މަންމަ ދެއްކި ވާހަކަ އިން ރަމީޒާ ގަސްދު ކުރީ ކޮއްކޮއާ ވާހަކަ ދައްކާފައި ނޫނީ މިއަދު ގެއަށް ނުދާށެވެ.

އާދައިގެ މަތީން ރާމިޒު ކޮންމެ ދުވަހަކު ވެސް ހެނދުނުގެ ސަލާން، ސާޔާއަށް ފޮނުވައެވެ. މިއަދު ދެތިން ފަހަރު ގުޅުމުން ވެސް ސާޔާ ފޯނެއް ނުނަގައެވެ. ރާމިޒު ހިތުގައި ސާޔާއަށް އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް ގެއަށް ގެންދިޔަ ދުވަހުން ފެށިގެން މަންމަގެ ވާހަކަ ހުރި ގޮތުން ސާޔާއަށް ރާމިޒުގެ މަންމަ އެހާ ހިތްހަމަ ނުޖެހޭކަން އެނގުނީއެވެ. އޭގެ ފަހުން ސާޔާ ބުނެފައި ވަނީ ރާމިޒު މަންމަ ހިތްހަމަ ޖެހޭ ކުއްޖަކާ ކައިވެނިކުރުމަށެވެ. ސާޔާ އެއް ގޮތަކަށް ވެސް ރާމިޒާ ނުރުހެނީއެއް ނޫނެވެ.

ރާމިޒު އެދޭ ގޮތަށް ކޮންމެ ކަމެއް މީގެ ކުރީން ކޮށްދިނީ އެ މަންމައެވެ. އިސްކޫލުގެ އިންޓަވަލަށް ބޭނުން އެއްޗެއް ގަންނާން ބުނި ކަމުގައިވިއަސް މަންމަ ދެކޮޅެއް ނުހަދައެވެ. ޢީދު ރޯދައެއް އައުމުން ވެސް ރާމިޒު އެދޭ ވައްތަރުގެ ހެދުމެއް ނޫނީ މަންމަ ނުގަނެއެވެ. ކޮންމެ ކަމަކަށް "ދަރިފުޅު ބޭނުން ގޮތެއް" މި ލަފުޒު ބޭނުންކުރަމުން އައި މަންމަ، ޙަޔާތުގެ އެންމެ މުހިންމު ނިންމުން ނިންމާން ރާމިޒަށް ދޫކޮށްނުލީ ކީއްވެބާއެވެ؟ ސާޔާއަކީ ކިޔަވައިގެން ހުރި އަޚްލާޤު ރަނގަޅު ކުއްޖެކެވެ. މަންމަގެ ނަޒަރުގައި ރާމިޒަށް ވުރެ ސާޔާގެ ޢުމުރު މަތިވުމަކީ ވަރަށްބޮޑު މައްސަލައެކެވެ.

އޮފީސް ނިންމައިފައި ރާމިޒު ގެއަށް އައިއިރު ދައްތަ ސިޓިންގރޫމްގައި އިނެވެ. ރާމިޒުގެ އިންތިޒާރުގައި އިންކަމެއް ރާމިޒަކަށް ނޭނގެއެވެ. ދައްތަ ފެނުމުން އުފާވެރިކަން މޫނުމައްޗަށް ގެނެވޭތޯ ރާމިޒު މަސައްކަތް ކުރިއެވެ.

"ރާމިޒު. އައިސްބަލަ މިތާ އިށީންނަށް. ވާހަކައެއް ދައްކާން ވެފައި އެބަ އޮތް." ރަމީޒާ އިނީ ޔާމީނު އޭނާ ބަލައި އަތުވެއްޖެ ނަމަ، ދާން ޖެހޭނެތީ ދަނޑިވަޅުގެ ބޭނުން ހިފާން ތައްޔާރުވެގެންނެވެ.

"މަންމަ ބުނި ރާމިޒު މި ދުވަސްކޮޅު އުޅެނީ ވަރަށް ދެރަވެގެންނޭ. ރައްޓެހިވި ކުއްޖާ ރުޅިވުމުން. އެއީ ތެދެއްތަ؟" ރާމިޒު ދިޔައީ ސިއްސައިގެންނެވެ. ވާހަކަ ބަދަލުވެފައިވާ މިންވަރު ފެނުމުންނެވެ.

"މަންމަ ނުބުނޭތަ. މަންމަ އަހަރެމެން ކައިވެނި ކުރަން ނުރުހޭ ވާހަކައެއް؟" ރާމިޒު އެ ބުނި ބަހާ މަންމަ ދެއްކި ވާހަކައަކާ ދިމައެއް ނުވެއެވެ. ރަމީޒާއަށް އެ ވާހަކަ އޮޅުންބޮޅުން ވެއްޖެއެވެ.

"މަންމަ ބުނާހެން އިންނާން ރަނގަޅު ކުއްޖަކު ރާމިޒަށް ވެސް ވާނެ. ކީއްކުރާން ރުޅިވީމާ އެ ކުއްޖާ ފަހަތުން ތިޔަ ދުވަނީ. ރަނގަޅަށް ނުކައި އުޅޭކަމަށް ވެސް މަންމަ ބުނެފި."

"ދައްތާ! މަށާ ސާޔާއާ ރުޅިއެއް ނުވަން. މި ގެއަށް ގެނައި ދުވަހު މަންމަ ނުގަބޫލުވީ. އެހެންވެ ސާޔާ، އެއް ގޮތަކަށް ވެސް ވާހަކައެއް ނުދައްކާ. ޢުމުރު ތަފާތުވުމަކީ މައްސަލައެއްކަމަށް މަންމަ ނަގައިގެން އުޅެނީ. މަށަށް ޢުމުރަކީ ހަމަ ނަންބަރެއް. މަ ބޭނުމީ އަދި ވެސް ސާޔާ." ރާމިޒު ވާހަކަ އަޑު އިވުމުން ވެގެން އުޅޭ ގޮތް ރަމީޒާއަށް އެނގިއްޖެއެވެ. އެ ވަގުތަކީ މަންމަ ބަދިގޭގައި އުޅެފައި ހޫނުކޮށް ސަންބޯސާ ތަށްޓެއް ހިފައިގެން އައި ވަގުތެވެ.

"މަންމާ. މިތާ އިށީނދެބަލަ! މަންމަ ކީއްވެ ބުނީ ރާމިޒަށް ރަނގަޅު ކުއްޖަކު ހޯދައިދޭށޭ؟ މަންމަ ކީއްވެ ނުޤަބޫލުވީ އެ މީހުން ކައިވެނި ކުރާން؟ މަންމަ ކީއްވެ އަހަރެން ކައިރީ ތެދަށް ނުބުނީ؟"

"އަހަރެންމެންގެ ރަށުގައި އަދިވެސް މަލާމާތްކުރޭ އަންހެން ކުއްޖާ ދޮށީވެއްޖެ ނަމަ، ފިރިހެން ކުއްޖާ ކައިވެނި ކުރާން. މަންމައަކަށް ނުކެރޭނެ އަވަށްޓެރީންގެ މަލާމާތް އަޑުއަހާކަށް. އެހެންވެ މަންމަ ނުޤަބޫލުވީ. ރަމީ ކައިރީގައި އެ ވާހަކަ ނުބުނީ މަންމަ ބޭނުންވަނީ ރާމިޒު މި މުޖުތަމަޢު ޤަބޫލު ކުރާ ކުއްޖަކާ ކައިވެނިކުރާން."

"މަންމާ! ސާޔާއަކީ ކިޔަވައިގެން ހުރި، ރަނގަޅު ވަޒީފާއެއްގައި އުޅޭ ކުއްޖެއް. އަނެއްކާ އަޚުލާޤު ވެސް ރަނގަޅު ކުއްޖެއް. ރާމިޒު އެ ހުރީ ސާޔާ ނޫން ކުއްޖަކާ ނީންނާން ހުވައިކޮށްގެން. އެހެން ނޫނަސް ވިސްނައިލަބަލަ، މަންމަ ވެސް. އަހަރެމެންގެ ލޮބުވެތި ރަސޫލާ ވެސް ފުރަތަމަ ކައިވެނިފުޅުބައްލަވައިގަތީ އެކަލޭގެފާނަށްވުރެ އެތައް އަހަރެން ދޮށީ ބޭކަނބަލަކާ. ކީއްވެ އަހަރެމެން ވަކި ލަދުގަންނާންވީ؟ މުޖުތަމަޢެއް ނޫނީ ރަށެއް ނޫން އެކަމާ ވިސްނާނީ. އެކަމާ ވިސްނާނީ ރާމިޒާއާއި ސާޔާ. ޢުމުރުގެ ތަފާތަކީ މީހުން ގެންގުޅޭ ބޯދާ ޚިޔާލެއް. ރާމިޒަށް ކަމުދަނީ ސާޔާ ވެއްޖިއްޔާ މަންމަ ނުވާނެ އެ ކަމުގެ ހުރަހަކަށް ވެގެންނެއް." ރަމީޒާ އެތައް ވާހަކަ އެއް ދައްކައިގެން އެންމެ ފަހުން މަންމަ އެއްބަސް ކުރުވައިފިއެވެ. ރާމިޒު އުފަލުން ފޮޅިއްޖެއެވެ. މަންމައަށް ބަލައިލައިފައި ހިނިތުންވެލައިފިއެވެ. މަންމަ ވެސް ރާމިޒަށް ބަލައިލައިފައި ހިނިތުންވެލައިފިއެވެ. އެއީ މަންމަގެ ރުހުންކަން ރާމިޒު ދެނެގަތެވެ.

"ދައްތާ. ވަރަށް ބޮޑަށް ޝުކުރިއްޔާ" ރާމިޒު ހުރީ އުފަލުން ފޮޅިފައެވެ. މަންމަގެ ރުހުން ލިބުމުން ރާމިޒު ދިޔައީ ސާޔާ ގެއަށެވެ. މަންމަ އާއި ދައްތަގެ އެދުމުގެ މަތީން ޖެހިގެން އަންނަ މަހަށް ކައިވެނި ހަމަޖެއްސުމަށެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް