Advertisement

އިސްލާމީ މަރުކަޒުގައި ފިރުޒުލް ހުކުރުކުރެއްވުން – ޚަބަރަކަށް ވީ ކީއްވެ؟

އަލްއުސްތާޒުލްޙާފިޒު މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީމް - އިސްލާމީ މަރުކަޒުގައި ޚުޠުބާ ވިދާޅުވަނީ

ކޮންމެ ހުކުރު ދުވަހަކު ވެސް އިސްލާމީ މަރުކަޒުގައްޔާއި އެހެން މިސްކިތްތަކުގައި ވެސް ކޮންމެވެސް ބޭފުޅަކު އިމާމުވެ ހުކުރުނަމާދުކުރައްވައެވެ. ކޮންމެ ހުކުރު ނަމާދެއްގައި ޚަޠީބު ދެ ޚުޠުބާ ހުށަހަޅުއްވައެވެ. ނަމަވެސް އެއީ ޚަބަރަކަށް ވެގެން ނޫސްތަކުގައި އެ ވާހަކަ ލިޔެއެއް ނޫޅެއެވެ. ސަބަބަކީ ޚަޠީބު ޚުޠުބާ ހުށަހަޅުއްވާން ފެއްޓެވީމާ އެއީ ކޮން ބޭފުޅެއްކަން ހުކުރަށް ގޮސް މިސްކިތުގައި ތިބޭ މީހުންނަށް އެނގޭނެތީއެވެ. އަދި ކޮންމެ ބޭފުޅަކު ހުކުރުކުރެއްވިޔަސް އިމާމުވެ ހުކުރުކުރައްވާނީ، ޚަޠީބުކަން ކުރެއްވޭ ފެންވަރުގެ ބޭފުޅުންކަން އާންމުން ގަބޫލުކުރާތީއެވެ.

ނަމަވެސް މި ދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ގިނަ ނޫސްތަކުގެ ފަލަ ސުރުޚީއިން ފަރަގު ޓީމަށް ފެނުނު އެންމެ އާދަޔާ ޚިލާފު ސުރުޚީއަކީ "... އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުގެ ޚަޠީބަކީ ފިރުޒުލް"ކަމަށް އޮތް ޚަބަރެވެ. މީގެ ކުރީން ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާ ކޮންމެ ބޭފުޅަކުމެ ފުރަތަމަ ހުކުރުކުރެއްވި ދުވަހެއް ވެސް އަންނާނެތާއެވެ. ނަމަވެސް އެ ބޭބޭފުޅުން ހުކުރުކުރައްވާ ވާހަކަ ޚަބަރަކަށް ނުވިއެވެ.

ތެދުފުޅެކެވެ. އަލްއުސްތާޒު މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް، އިސްލާމީ މަރުކަޒުގައި އިމާމުވެވަޑައިގެން ހުކުރުކުރެއްވި ފުރަތަމަ ދުވަހަކީ އިއްޔެއެވެ. ނަމަވެސް އޭގެ ކުރީން މާލޭގެ އެހެން މިސްކިތްތަކުގައި އެ މަނިކުފާނު ވަނީ އިމާމުވެވަޑައިގެން ކިތަންމެ ދުވަހަކު ހުކުރުކުރައްވައިފައެވެ. އަދި ރަމަޟާން މަހު އިމާމުވެ ޙިފުޒަށް ތަރާވީޙު ނަމާދު ވެސް ކުރައްވައިފައެވެ. އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ވަނީ ހުކުރުކުރައްވައިފައެވެ. ރަމަޟާންމަހު އިމާމުވެ ތަރާވީޙު ނަމާދުކޮށްދެއްވާން ބައެއް ރަށްރަށުން ދަޢުވަތު ވެސް ލިބިވަޑައިގެންފައި ވެއެވެ. ނަމަވެސް ވަގުތު ހުރި ގޮތުން މާލެ ފިޔަވައި އެހެން ރަށެއްގައި ޚަތިމުރައްވާ ގޮތަށް އިމާމުވެވަޑައިގެން ތަރާވީޙުކުރެއްވިކަން "ފަރަގު" ޓީމަށް މަޢުލޫމާތު ލިބިފައެއް ނެތެވެ.

އެހެންވީ އިރު، އިއްޔެ އެ މަނިކުފާނު އިމާމުވެވަޑައިގެން ހުކުރުކުރެއްވި ވާހަކަ މާ ބޮޑު ޚަބަރަކަށްވީ ކީއްވެހެއްޔެވެ؟ މި ކަމުގައި ވަރަށް ބޮޑު ސަބަބެއް އެބަ އޮތެވެ.

އިއްޔެގެ ހުކުރު ނަމާދުގެ ޚަޠީބާ ބެހޭ ގޮތުން އިސްލާީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވައިފައި އޮތް ޕޯސްޓެއް<br>

އެނގިވަޑައިގަންނަވާނޭ ފަދައިން ރައީސް މައުމޫނުގެ ދައުރަށް ފަހު އައި ސަރުކާރުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުކަން ކުރައްވައިފައިވަނީ އެހާ ތަޢުލީމީ ބޭފުޅުންކަމަކަށް ދެންނެވޭކަށް ނެތެވެ. އެ މަޤާމު ފުރުއްވައިފައި ވަނީ، ރައީސްގެ ތަރުޖަމާނުކަން ކުރައްވައިފައިވަނީ، މީޑިއާގައި ދުވަސްގަނޑަކު މަސައްކަތްކުރައްވައިފައިވާ ބޭފުޅުންނެވެ. އެއިގެ ތެރެއިން ބައެއް ބޭފުޅުން ކޮންމެވެސް ދާއިރާއަކުން މަތީތަޢުލީމު ޙާޞިލުކުރައްވައިފައި ވިޔަސް އެއިން އެއްވެސް ބޭފުޅަކީ އިމާމުވެވަޑައިގެން ހުކުރުކުރައްވާ ފެންވަރުގެ ބޭފުޅެއް ނޫނެވެ. އެހެންވީމާ، އިންތިޤާލީ މަރުޙަލާގައި ރައީސް-މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒުގެ ތަރުޖަމާނުކަން ފިރުޒުލް ކުރައްވައިފައިވާތީ ގިނަ ބަޔަކު ހީކުރީ ފިރުޒުލަކީ ވެސް އެ ފެންވަރުގެ ބޭފުޅެއްކަމަށެވެ. މީޑިއާތަކުން އެ މަނިކުފާނު އެހާ ޢާންމުކޮށް ގިނަ ބަޔަކަށް ފެނިފައިވާނީ ޑރ. މުޢިއްޒުގެ މެނިފެސްޓޯ އިފްތިތާހުކުރެއްވި ރޭ އެ ޖަލްސާ ތަޢާރަފުކުރެއްވި ހިސާބުންނެވެ. އެހެންކަމުން ގިނަ މީހުން ދުށީ ވާހަކަދެއްކުންތެރި ޒުވާން "ކުއްޖެއް" ވީމާ ތަރުޖަމާނުކަން ފިރުޒުލާ ޙާވާލުކުރެއްވީކަމަށެވެ. ވަގުތީ ތަރުޖަމާނުކަން ދެއްވީ ވެސް އެ ޖަލްސާ ހުށަހެޅުއްވިލެއް ރަނގަޅުކަމުން އެކަނިކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. އެހެންވީމާ ރައީސްގެ ތަރުޖަމާނުކަން ކުރެއްވި ޒުވާން 'ކުއްޖަކު" އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާ ގޮތަށް ހަމަޖެހުނީމާ ނޫސްވެރީންނަށް ޚަބަރަކަށްވީއެވެ. މި ޒަމާނުގެ ގޮތުންނަމަ، ސަރޕްރައިޒަކަށްވީއެވެ.

ނަމަވެސް ފިރުޒުލަކީ އާދައިގެ ޒުވާނެއް ނޫނެވެ. އެއީ ޢުމުރުން އެންމެ އަށް އަހަރުން ފެށިގެން ޤުރުއާން ހިތްޕުޅުން ދަސް ޙާފިޒެކެވެ. މަދަރުސަތުލްޢަރަބިއްޔާއިން އެންމެ މަތީން ފާސްވެވަޑައިގެން މިޞްރުގެ ޖާމިޢުލްއަޒުހަރަށް މަތީތަޢުލީމު ޙާޞިލުކުރައްވާން ވަޑައިގަތް އިރު ވެސް އެއީ ޙާފިޒެކެވެ. އިސްކޫލު ދައުރުގައި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތާއި އަދަބީ އެހެނިހެން މުބާރާތްތަކުގައި ބައިވެރިވަޑައިގެން މަތީ ވަނަތަކެއް ޙާޞިކުރައްވައިފައިވާ ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. ކުޅަދާނަ ލިޔުންތެރިއެކެވެ. އެއީ ޚިދުމަތްތެރި ސްކައުޓެކެވެ. ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރުގައި ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވި ލިޔުންތެރިއެކެވެ.

މިހާރު އެއީ އަޒުހަރުން އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ދީނީ ޢިލްމުވެރިއެކެވެ. ދީނީ ތަޤުރީރު ދެއްވުމާއި ވަޢުޒު ވިދާޅުވުމުގެ ހުއްދަ އޮންނަ ޢާލިމެކެވެ. ވަކާލާތުކުރެއްވުމުގެ ހުއްދަ އޮންނަ ޤާނޫނީ ވަކީލެކެވެ. ދިވެހިބަހަށް ޚާއްސަ ސަމާލުކަމެއްދެއްވާ އަދި ޢަރަބިބަހާއި އިނގިރޭސިބަހަށް ވެސް ކުޅަދާނަފުޅު ޒުވާނެކެވެ. މި މަޢުލޫމާތު ނޭނގޭ ނޫސްވެރީންނަށް ކުއްލިއަކަށް ފިރުޒުލް ފަދަ ޒުވާން "ކުއްޖަކު" އަދި ވަކީން ޚާއްޞަކޮށް ރައީސްގެ ތަރުޖަމާނުކަން ކުރައްވައިފައިވާ ބޭފުޅަކު އިސްލާމީ މަރުކަޒުގައި އިމާމުވެވަޑައިގެން ހުކުރުކުރައްވާ ވާހަކަ އިވުނީމާ ޚަބަރަކަށްވީއެވެ. "ފަރަގު" ޓީމުން އެ ވާހަކަ ނުގެނެސްދިނީ އެއީ މި ނޫހަށް ޚަބަރަކަށް ނުވާތީއެވެ. އަލްއުސްތާޒުލްޙާފިޒު މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީލަކީ ކޮން ބޭފުޅެއްކަން "ފަރަގު" ޓީމަށް ކުރީން ވެސް އެނގިފައިވާތީއެވެ.

__________________________________

Advertisement

ކޮމެންޓް
ސަލީމް
މޮޅު ކުއްޖެއް
09 Dec 2023
މުހައްމަދު
ފިރުޒުލް ވަރަށް ރަނގަޅަށް ދަންނަން. އަރަބިއްޔާ ސްކޫލް ކެޕްޓަންކަން ވެސް ކުރެއްވި މޮޅު ކުއްޖެއް. ސުވާލަކީ .. ތިކަމުގަ އިސްލާމިކް މިނިސްޓްރީއިން އުސްތާޒް ގެ ބަދަލުގަ ސައިހު ޖަހާފައި 'އިސްތިހާރު' ހެދީ ކީއްވެ ބާވައޭ ؟؟
13 Dec 2023