Advertisement

ފަލަސްޠީނަށް ޣައްދާރުވުމަކީ ރަތް ރޮނގު ހުރަސްކުރުން (1)

08 Dec 2023 | 16:26
.

އަލްއުސްތާޒު އަޙުމަދު މާޖިދު

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯ، މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އޭނާ ރާއްޖެ ވަޑައިގަތުމާ މެދަކު އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތެވެ. ބައިނަލްއަގުވާމީ މުޖުތަމަޢުގެ މެންބަރެއްގެ ހައިސިއްޔަތުން، ކޮންމެ ގައުމެއްގެ، ކޮންމެ ވެރިޔަކަށް ވެސް މެހުމާންދާރީ އަދާކުރުމުގެ ޤާބިލުކަން ދިވެހި މުސްލިމް ރާއްޖޭގައި އެބަހުއްޓެވެ. ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވަނީ ގޯސް ކަމަކާއިގެންކަމުގައެއް ވެސް އަޅުގަނޑު ނުދަންނަވާނަމެވެ. ނަމަވެސް، އޭނާގެ ދަތުރުފުޅުގެ މަޤްޞަދަކީ، ދިވެހިރާއްޖެ ވެސް ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ބަޙްރައިނާއި ސޫދާން ހިނގި ޣައްދާރީގެ މަގުން ގަންހިންގުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ކަރަށް ފައިން އަރައިގެން އޮތް އިސްރާއީލުގެ އެކުވެރީންގެ ލިސްޓަށް އަޅުގަނޑުމެންގެ ނަން ވެސް އިތުރުކުރުންކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ، ކަމާ ބެހޭ ގޮތުން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް އެއްޗެއް ދަންނަވައިލާން ބޭނުމެވެ.

ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ބިމުގައި ދިރިއުޅޭތާ ހައެއްކަ ހާސް އަހަރު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި މިޞްރީންނާއި، ފާރިސީންނާއި، ގިރީކުންނާއި، ރޯމަނުން ފަދަ އެތައް ބަޔަކު އެ ބިމަށް އަރައި އެ ބިމުގައި ވެރިކަންކުރިއެވެ. މީގެ ތެރެއިން، ފަލަސްޠީނުގެ ރައްޔިތުންގެ ސަގާފަތާއި މުސްތަގުބަލަށް އެންމެ ވަރުގަދަ އަސަރުތަކެއް ދޫކުރީ ޢަރަބި މުސްލިމުންނެވެ. މުސްލިމުން ފަލަސްޠީނު ފަތަޙަކުރީ އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲގެ ޚިލާފަތުގެ ދައުރުގައި، މީލާދީ ސަނަތުން 637 ވަނަ އަހަރުއެވެ. އެއަށް ފަހު ދެން އައި ދެ ޤަރުނެއްހައި މުއްދަތުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން އިސްލާމް ދީން އިޚްތިޔާރުކުރިއެވެ. ޢަރަބި ބަސް ވެސް މަޑުމަޑުން އެ މީހުންގެ ބަހަކަށް ވެގެން ދިޔައެވެ. ޢަރަބި މުސްލިމުންނާއި ފަލަސްޠީނުގެ އަހުލުވެރީންގެ ތެރެއިން ބައެއް މީހުން ކައިވަނީގެ ގޮތުން ގުޅި، ޢަރަބި ލޭ ވެސް ފަލަސްޠީނުގެ ނަސްލުގެ ލެޔާ ކޮންމެވެސް ވަރަކަށް އެކު ވިމެއެވެ. ނަމަވެސް، އެ ކަން ވެފައި ވަނީ، އެއިގެ ކުރީން، ތާރީޚުގެ އެކިއެކި ދައުރުތަކުގައި، މިޞްރީ ލެޔާއި، ފާރިސީ ލެޔާއި، ގިރީކު ލެޔާއި، ރޯމަން ލޭ ވެސް ފަލަސްޠީނީންގެ ލެޔާ އެކުވި މިންވަރަކަށެވެ. އެހެންކަމުން، ފަލަސްޠީނީންނަކީ – ނުވަތަ ފަލަސްޠީނީ ޢަރަބީންނަކީ – ޢަރަބިކަރައިން އައިސް ފަލަސްޠީނަށް އަރައިގަނެ އެ ތަނުގައި އުޅެމުން ގެންދާ ބަޔަކުކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގޯސްކޮށެވެ. އެއީ މުޅީން ކުށް ހީއެކެވެ. މިއަދުގެ ފަލަސްޠީނީންނަކީ، މީގެ ހައެއްކަ ހާސް އަހަރު ކުރީން "ކަންޢާނީން"ގެ ގޮތުގައި ފަލަސްޠީނު އާބާދުކުރި، އެ ބިމުގެ އަޞްލު ވަޒަންވެރީންނެވެ. އެ ބިމުގެ އަހުލުވެރީންނެވެ. ދުނިޔޭގައި އެއްވެސް ޤައުމަކަށް، އެއްވެސް ބިމެއް އަމިއްލަ ވަޒަނެއްގެ ގޮތުގައި ޙައްޤު ނަމަ، ފަލަސްޠީނީންނަށް ފަލަސްޠީނުގެ ބިން ޙައްޤެވެ.

މިއަދު ފަލަސްޠީނުގެ ބިމުގެ ގާތްގަނޑަކަށް 87 އިންސައްތަ އޮތީ "އިސްރާއީލް"އެވެ ކިޔޭ ދައުލަތެއްގެ ސަރަޙައްދުގެ ގޮތުގައެވެ. ބާކީ އޮތް 13 އިންސައްތަ އޮތީ "ޕެލަސްޓައިނިޔަން އޮތޯރިޓީ"އެވެ ކިޔޭ އިދާރާއެއްގެ ބެލުމުގައި ދަށުގައިކަމަށް ކަރުދާހުގައި އޮތަސް، އެ ބިންކޮޅުގެ މައްޗަކަށް ވެސް ފަލަސްޠީނުގެ ރައްޔިތުންގެ ބާރެއް ނެތެވެ. އެ ބިންކޮޅުގެ ތެރެއިން، "ހުޅަނގު އައްސޭރި"އެވެ ކިޔޭ ސަރަޙައްދުގައި ވެސް ޙަޤީޤަތުގައި ވެރިކަން ކުރަނީ އިސްރާއީލެވެ. އިސްރާއީލުން ގެންދަނީ އެ ސަރަޙައްދުގެ ފަލަސްޠީނީ އަވަށްތަކާއި ޝަހަރުތަކާއި ދަނޑުބިންތައް ފޭރެމުން، އެ ތަންތަނުގައި ވެސް ޒައިނިސްޓުންގެ އާބާދީތައް ހަދަމުންނެވެ. ހުޅަނގު އައްސޭރީގައި ފަލަސްޠީނީން އުޅޭން ޖެހިފައިވަނީ ވަކިވަކި "ގެޓޯތަކެއް" ފަދަ އަވަށްތަކަކާއި ޝަހަރުތަކެއްގައެވެ. "ހުޅަނގު އައްސޭރި" ފިޔަވައި، ދެން ފަލަސްޠީނީންގެ ބިމެއްގެ ގޮތުގައި އޮތީ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރިޔަށް ވާ ގޮތަށް އޮންނަ ޣައްޒާއެވެ. މުޅި ޣައްޒާގެ ސަރަޙައްދު އޮތީ ވަށައިގެން އިސްރާއީލުން ޤާއިމު ކޮށްފައި ވާ ޢަސްކަރީ ޙިސާރެއްގެ ދަށުގައެވެ. ދުނިޔޭގެ އެންމެ ބޮޑު "ހުޅުވިފައި ވާ ޖަލު"ގެ ގޮތުގައެވެ. މެޑިޓަރޭނިޔަން ކަނޑުން ފަލަސްޠީނު މީހަކު ބާނާ މަހެއް ވެސް ޣައްޒާޔަށް ވެއްދެނީ އިސްރާއީލު ސިފައިންގެ ޙިޞާރުގެ ދޮރޯށިން ޗެކު ކޮށްފައި ވައްދައިދިނީމައެވެ.

1948ވަނަ އަހަރު މެއި މަހުގެ ތެރޭގައި، ފަލަސްޠީނީންގެ ބިމުގައި "އިސްރާއީލް"ގެ ނަމުގައި ޒައިނިސްޓް ޔަހޫދީންގެ ދައުލަތެއް ޤާއިމު ކުރީ، ޔޫރަޕުގެ ޒައިނިސްޓް ތަޙްރީކުގެ ރޭވުންތަކާއި މަސައްކަތުން، ޔޫރަޕުގެ ނަޞާރާ ބާރުތަކާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެހީގައެވެ. ޢަރަބި ޣައްދާރުންގެ އެހީތެރިކަމާ އެކު ޢުޘްމާނީ ތުރުކީންގެ އިސްލާމީ ޚިލާފަތު ވައްޓައިލައި، ޢުޘްމާނީންގެ އަތްދަށުން ފަލަސްޠީނުގެ ބިން ފޭރިގަނެ، އިނގިރޭސީން އެ ބިމަށް އަރައި ކުރި މަސައްކަތުންނެވެ. ފަލަސްޠީނުގައި ޒައިނިސްޓުންގެ ދައުލަތެއް ޤާއިމު ވިޔަނުދެއްވާން، ޢުޘްމާނީ ޚަލީފާ ސުލްޠާން ޢަބްދުލްޙަމީދުއް ޘާނީ އިސްލާމީ އުއްމަތުގެ ޙައްޤުގައި ގަދަ އަޅުއްވައި މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް ދައުލަތުގެ އެތެރެއިން ޣައްދާރުން ކުރި މަސައްކަތާއި، ބޭރުން ޔޫރަޕުގެ ބާރުތަކާއި ޒައިނިސްޓުން އެއްބާރުލައިގެން ކުރަމުން ގެންދިޔަ މަސައްކަތުގެ ސަބަބުން، އެމަނިކުފާނުގެ ވެރިކަން ވެސް ވައްޓައިލެވުނީއެވެ. އާޚިރުގައި ފަލަސްޠީނުގެ ރައްޔިތުންގެ ބިމުގައި ޒައިނިސްޓުންގެ ޣައިރުޤާނޫނީ ދައުލަތެއް، ގަދަބާރުން ޤާއިމުކުރެވުނީ ޢަރަބި ޣައްދާރުންގެ އެހީތެރިކަމާ އެކުގައިކަން ތަކުރާރުކޮށް ފާހަގަކުރަމެވެ. އެހެންކަމުން، މިއަދު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ވެރިކަމުގައި ހުރި ބޮޑު އިސްލާމޯފޯބުގެ ބަސް އަހައިގެން، ޢަރަބި ޔޫއޭއީއާއި، ޢަރަބި ބަޙްރައިން ފަދަ ޤައުމުތަކުން އިސްރާއީލާ ގުޅުން ބަދަހިކުރުމަކީ ތާރީޚު އިޢާދަވުމެކެވެ. އެއިއްޔަކީ އެއްގޮތަކަށް ވެސް ޙައިރާން ވާކަށް ޖެހޭ ކަމެއް ނޫނެވެ.

އިސްރާއީލް – ޣައިރުޤާނޫނީ ދައުލަތެއް

ﷲ ސުބުޙާނަހޫ ވަ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދެއްވި ކަމަށް ޔަހޫދީ ދީނުގެ މުޤައްދަސް ފޮތް ކަމުގައި ވާ "ތަނާޚް" – އޯލްޑް ޓެސްޓަމެންޓް – ގައި ވެސް، އަދި ކީރިތި ޤުރްއާނުގައި ވެސް އޮވެއެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި، މިއީ ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓުންނަށް ދައުލަތެއް އުފެއްދުމުގެ ޙައްޤު ލިބޭ ސަބަބެކެވެ. ނަމަވެސް ހަތަރު ނުކުތާޔަކަށް ބަލައިލުމުން، އެއީ ރަނގަޅު ވާހަކައެއް ނޫންކަން ސާބިތު ވެއެވެ. ފުރަތަމަ ނުކުތާޔަކީ، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދެއްވެވީ، އެއުރެން އެކަލާނގެ ދީނުގެ ދިދަ އުފުލުން ޝަރުޠު ކުރައްވައިފައި ކަމުގައި ވާއިރު، އެއުރެން އެ ޝަރުޠު އަދާ ނުކޮށް، އެއުރެންގެ ތެރެއިން ފޮނުއްވުނު ނަބީންނަށް އުރެދި، ބައެއް ނަބީން ޝަހީދު ކޮށް، އެންމެ ފަހުން އެއުރެންގެ ތެރެއިން ފޮނުއްވެވުނު ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމަށް ޣައްދާރު ވެ އެކަލޭގެފާނު ވެސް ޝަހީދު ކުރާން މަސައްކަތް ކޮށް، އެއިގެ ފަހުން ފޮނުއްވެވުނު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ވެސް އުރެދުމުގެ ސަބަބުން އެ ބިމަށް އެއުރެންނަށް އޮތް ޙައްޤު ގެއްލިފައި ވާ ކަމެވެ. ދެވަނަ ނުކުތާޔަކީ، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ދެއްވެވީ އެ ބިމުގެ ޙަޤީޤީ ވަޒަންވެރީން ތަޅައި ރޯނާގަންނަވައި، އެމީހުން ކަތިލައި، އެމީހުންގެ ގެދޮރު މުގުރައި، އެމީހުން ރަށުން ބޭރު ކޮށްގެން އެތަނުގައި އުޅޭން ނޫންކަމުގެ ނުކުތާއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު އަޙުމަދު މާޖިދަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ހުނަރުވެރި ބަސްވާރެކެވެ. ޤާނޫނީ ވަކީލެކެވެ. ދިވެހިބަހުގެ ބަސްކޮމިޓީގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދީބެކެވެ. ދިވެހިރައްޖޭގެ ޖުޑިޝަލް އިންސްޓިޓިޔުޓްގެ ފުރަތަމަ ޗާންސެލަރެވެ. އިސްލާމީ ތާރީޚާއި ބައިނަލްއަޤުވާމީ ދުނިޔެއަށް ލޯހުޅުވިފައިވާ ޢިލްމީ ޒުވާނެކެވެ. މިހާރު އޭނާ ގެންދަވަނީ މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް