Advertisement

މަރުވި ޔަހޫދީންގެ އަދަދު ދަނީ ދަށަށް، ޝަހީދުވި ފަލަސްތީނީންގެ އަދަދު ބާރަށް މައްޗަށް: ކިހިނެއް ވާ ކަމެއް؟

08 Dec 2023 | 01:02
އިސްރާއީލުގެ ހަމަލާތައް ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ. (ފޮޓޯ: އަލްޖަޒީރާ)

ޙަމާސްގެ ހަމަލާތަކުން މަރުވި ޔަހޫދީންގެ ޢަދަދު، އިސްރާއީލު ސަރުކާރުން ހާމަކުރަމުން ގެންދަނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެންމެ ފުރަތަމަ ހާމަކުރީ 1400 އަށް ވުރެ ގިނަ މީހުން މަރުވިކަމަށެވެ. ދެން އިޢުލާނުކުރީ، އެ މީހުންގެ ތެރެއިން މަރުވީ 1270 މީހުންކަމަށެވެ. މިހާރު އެންމެ ފަހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ފެންނަނީ އޮކްޓޫބަރު ހަތެއްގެ ފަހުން ހަމާސްގެ ޙަމަލާތަކުން ޔަހޫދީންގެ ތެރެއިން މަރުވީ އެންމެ 1150 މީހުންކަމަށެވެ. މިއީ ކިހިނެއް ވާ ކަމެއްހެއްޔެވެ؟ ހަމަ ކަށަވަރުން ވެސް މަރުވެއްޖެ މީހަކު އަލުން ދިރިގެން ދުނިޔެއަށް އައުމަކީ މުސްތަޙީލު ކަމެކެވެ. ވީމާ، ދޮގުވެރި މަކަރުވެރި ޔަހޫދީން މިހާ ކުޑަކުޑަ ކަމެއްގައި ވެސް ތެދެއް ނަހަދާކަން މި ވަނީ ސާބިތުވެފައެވެ.

އަނެއްކޮޅުން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ވަރުގަދަކުރަމުން ގެންދާ އިރު، އުތުރުގެ ޖަބާލިއާ އަވަށުން ފެށިގެން ދެކުނުގެ ޚާން ޔޫނިސާ ހަމައަށް ހަނގުރާމަވެރިން "ބިރުވެރި ހަނގުރާމަތަކެއް"ކުރަމުން ގެންދާކަމަށް ހަމާސުން ބުނެއެވެ.

ޣައްޒާގެ އުތުރުގައި އދ.އިން ހިންގާ އިސްކޫލްތަކުގައި ބޯހިޔާވަހިކަން ހޯދަމުން ގެންދިޔަ ފަލަސްތީނުގެ އެތައް ޑަރުޖަނެއްގެ ފިރިހެނުން ބަރަހަނާކޮށް، އެ މީހުން ހައްޔަރުކޮށްގެން ޔަހޫދީ ސިފައިން ވަނީ ގެންގޮސްފައެވެ.

ޣައްޒާގައި އިއްޔެ ޝަހީދުވި ބައެއް މީހުން ކަފުންކޮށްފައި: ޢައިލާގެ މީހުން އެ ތިބީ ގޮތް ހުސްވެފައެވެ. (ފޮޓޯ: އަލްޖަޒިރާ)<br>

ގިނަ ހޮސްޕިޓަލްތައް ސުންނާފަތިކޮށްފައި ވާއިރު، ބިންމަތީގައި ކޮއްޅަށް ހުރި މަދު ހޮސްޕިޓަލަކަށް ވެސް ވަސީލަތެއް ބޭހެއް ނުލިބެއެވެ. ކާނާއެއް، ބޯފެނެއް ބޭހެއް ޣައްޒާއަށް ވައްދާކަށް ޔަހޫދީން ފުރުސަތެއް ނުދެއެވެ. ފަލަސްތީނުގެ ރަތް ހަނދުފަޅި ޖަމުއިއްޔާއިން ބުނެފައިވަނީ ޣައްޒާގެ އުތުރުގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އިސްރާއީލުން އަލުން ޙަމަލާތައް ދޭން ފެށި ފަހުން ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. މަގުތަކާއި ހުރިހާ ތަނެއް އެކި ބާވަތްބާވަތުގެ ކުނިބުނީން ފުރިފައިވާ އިރު، މުޅި ޖައްވު ވަނީ ވަސްނުބައިވުމުގެ ސަބަބުން ނޯއް ދަމައިލާން ނުކެރޭވަރަށް ޙާލަތު ދަށްވެފައެވެ.

ފަލަސްޠީނީން ބޭސްފަރުވާއާއި ކާބޯތަކެއްޗާއި ބޯފެނުން މަޙުރޫމުކުރުމަށް ފަހު، އެއްގަމު މަގުންނާއި ވައިގެ މަގުން ދޭ ޙަމަލާތައް ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ.

ފަލަސްތީނުގެ ނަސްލު ނައްތައިލައި މުޅި ފަލަސްތީނުގެ ބިންފޭރިގަންނާން ނަސްލުހޭދު ހިންގަމުންދާ އިރު، މުސްލިމު ގައުމުތައް ތިބީ ކަނު ލޮލަކުން ބަލާށެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި މަދުވެގެން 17،177 ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކު ޒަޚަމުވެ އެތައް ހާސް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ވިއްސިވިހާލިވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ މީހުންގެ ތެރެއިން މަރުވީ1،150 މީހުންނެވެ.

__________________________________________

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.   އިނސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މީހުން މަރައި ހުސްކުރުން

ޑަރުޖަނު       ނ.  (1) ޑަޒަން (2) އެއް ވައްތަރެއްގެ ބާރަ އެތި

Advertisement

ކޮމެންޓް