Advertisement

"ޣައްޒާގައި ބާކީ އޮތީ ކޮން އެއްޗެއްހެއްޔެވެ؟ ބައިނަލްއަޤުވާމީ ދުނިޔެ ކޮބައިހެއްޔެވެ؟"

07 Dec 2023 | 08:53
ރަފަޙުގައި ފޭލިގެ ޖަހައިގެން ތިބި ޣައްޒާގެ ރައްޔިތުން (ފޮޓޯ: އަލްޖަޒީރާ)

"ޣައްޒާގައި ބާކީ އޮތީ ކޮން އެއްޗެއްހެއްޔެވެ؟ ބައިނަލްއަޤުވާމީ ދުނިޔެ ކޮބައިހެއްޔެވެ؟ މި ނިކަމެތިކަން ދެމިގެންދާނީ ކިހާ ދުވަހަކު ހެއްޔެވެ؟ އަޅުގަނޑުމެންގެ ދަރީން ބޯނެ ފެންފޮދެއް ހޯދުމަށް ޓަކައި ދިގު ކިޔޫތައް ހަދައިގެން ތިބޭ ތަން ދުނިޔެ އޮތީ ބަލައްޓައިގެން އަޅައިނުލައެވެ. އަހަރެމެން ޚާން ޔޫނިސުން މި އައީ ރަފަޙަށެވެ. މިހާރު އަހަރެމެން މި ތިބީ ރަފަޙުގައެވެ. ނަމަވެސް ދާނީ ކޮންތާކަށް ކަމެއް އަޅުގަނޑުމެންނަށް ނޭނގެއެވެ. އަޅުގަނޑުމެން ނިދާން މި ތިބީ މަގުމަތީގައެވެ." ގެދޮރު ގެއްލިފައިވާ ޢަލީ ރައިޙާން އަލްޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބުދެމުން ކިޔައިދިނެވެ.

“އަޅުގަނޑުމެން ރަފަޙަށް ބަދަލުވީ ބާރު ގަދަ ބޮމުގެ ހަމަލާތަކުގެ ސަބަބުންނެވެ. އަހަރެންނަށް ލިބުނު އަނިޔާގެ ސަބަބުން އަހަރެން މި އިސްކޫލަށް ބަދަލުވި އިރު އަހަރެންގެ ހެޔެއް ނެތެވެ. ދެން އަހަރެން ގެންދިޔައީ އަލް އަޤްސާ ޝަހީދު ހޮސްޕިޓަލަށެވެ. ޑޮކްޓަރުން ބުނީ އަހަރެންނަށް ހެޕަޓައިޓިސް ޖެހިފައިވާކަމަށެވެ. އަހަރެން ކަންބޮޑުވަނީ އަހަރެންގެ މުޅި އާއިލާއަށް ބަލި ޖެހިދާނެތީއެވެ." ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެހެން މީހެއް ކަމަށްވާ ޢަބްދުލްޙަމީދު ޤައްދޫޙާ ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ބުނެފައި ވަނީ ވޭތުވެގެންދާ ކޮންމެ ވަގުތެއްގައި ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި ސާފުތާހިރުކަން ނެތުމުގެ ސަބަބުން ބަލިޖެހުމުގެ ހިރާސް ހަލުވިކަމާއެކު އިތުރުވަމުންދާކަމަށެވެ.

މިއީ މިއަދު ފަލަސްޠީނުގެ ޙާލަތެވެ. ޣައްޒާގެ ހާލަތު އޮތީ ކާނާއެއް، ފެނެއް ނެތި ފަނާކުރަނިވި ޙާލަތެއްގައެވެ. ރައްޔިތުންގެ އިންސާނީ ހާލަތަކީ މުޅީން ފަނާކުރަނިވި ހާލަތެކެވެ. ޣައްޒާގެ ހުރިހައި ދިމާއަކަށް ސުމާރެއް ނެތި ބޮންއަޅަމުން ގެންދިޔުމުގެ ސަބަބުންނާއި ކާނާއެއް ބޯނެ ފެނެއް ނެތުމުން ޣައްޒާގެ މީހުން ރަފަޙަށް ދާން މަސައްކަތްކުރާ އިރު، ރަފަޙު ވެސް އޮތީ މީހުނުން ތޮއްޖެހިފައެވެ. މި ކަމުގެ ސަބަބުން އެކި ދިމަދިމާއަށް މީސްމީހުން އެއްވެ ވަނީ ތޮއްޖެހިފައެވެ. އެއް ސަރަހައްދަކަށް މީހުން ތޮއްޖެހިފައިވާތީ ކާނާއެއް ބޯފެނެއް ލިބޭކަށް ނެތެވެ. ސާފު ނޫނަސް ނުވަތަ ބޯފެން ނޫން ނަމަވެސް ކައިލެވޭނެ ކޮންމެ އެއްޗަކާއި ބޯނެ ފެންފޮދެއް ހޯދުމަށް ޓަކައި މީހުން މަސައްކަތްކުރަމުން ގެންދަނީއެވެ. އަދިވެސް ރަފަޙަށް މީހުން ޖަމާވަމުންދަނީއެވެ. ރޭގަނޑު ނިދިކޮޅެއް ލިބޭތޯ މަގުމަތީން ވެސް ޖާގައެއް ލިބޭތޯ މަސައްކަތްކުރަމުން ގެންދަނީއެވެ.

ސިއްހީ ހާލަތު އިނދަޖެހެމުންދާއިރު ރައްޔިތުންނަށް އެއްވެސް ބޭސްފަރުވާއެއް ނުލިބެނީ ހޮސްޕިޓަލްތަކުން ބޭނުންވާ ތަކެތި ހުސްވެގެންނެވެ. އދ.ގެ ޖަމާޢަތްތަކުގެ ބޭސްގުދަންތައް ހުސްކުރާން އިސްރާޢީލުން އަންގަނީއެވެ. އެ ތަންތަނަށް ވެސް ބޮންއަޅަނީއެވެ.

މަގުމަތިވެފައިވާ ޣައްޒާގެ ރައްޔިތުން ބޯހިޔާވަހިކަމެއް ކާނާއެއް ބޯފެނެއް ނެތިފައި (ފޮޓޯ: ދަ ނޭޝަން)

އިސްރާއީލުން އަލުން ޙަމަލާތައް ދޭން ފެށި ފަހުން ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. މަގުތަކާއި ހުރިހާ ތަނެއްގައި އެކި ބާވަތްބާވަތުގެ ކުނިބުނީން ފުރިފައިވާ އިރު، މުޅި ޖައްވު ވަނީ ވަސްނުބައިވުމުގެ ސަބަބުން ނޯއް ދަމައިލާން ނުކެރޭވަރަށް ޙާލަތު ދަށްވެފައެވެ.

އަނެއް ކޮޅުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިން ހަމަލާތަކުގައި ބައިވެރިވި އިސްރާއީލުގެ ވަޒަންވެރީންނަށް ވިސާ މަނާކުރާކަން އެމެރިކާ ސަރުކާރުން އިއުލާނުކުރުމުން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ)އިން މަރުހަބާކިޔައި، އެއީ "ރަނގަޅު މިސްރާބަކަށް" އެޅި ފިޔަވަޅެއްކަމަށް ބުނެފިއެވެ. އެކަމަކު މުސްލިމްގެ ޙައްޤުގައި ވަކާލާތުކުރާ އެންމެ ފާހަގަކޮށްލެވޭ މި ޖަމާއަތުން ބުނަނީ އެމެރިކާއިން "މައްސަލަގެ އަސްލު މަސްދަރަށް ބަލާން ޖެހޭ"ކަމަށެވެ. ނަމަވެސް މި ފިޔަވަޅުގެ ސަބަބުން ނުކުންނާނޭ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިކޮށްފައި ތިބި ޔަހޫދީން ލައްވައި ފަލަސްތީނަށް އަނިޔާކުރަމުން ގެންދަނީ އިސްރާއީލާއި އެމެރިކާގެ ތާއީދާއެކުގައެވެ. މި މީހުންނަށް އެމެރިކާއަށް ދާނެ ވިސާ މަނާކުރިޔަސް އެ ކަމުން ފަލަސްތީނު ރައްޔިތުންނަށް ލިބޭނެ ފައިދާއެއް އެބަ އޮތްހެއްޔެވެ؟ އެ މީހުންގެ ތެރެއިން އެމެރިކާއަށް ދާން އުޅެނީ ކިތައް މީހުންހެއްޔެވެ؟

ނަސްލީ ތަފާތުކުރުން ގެންގުޅޭ "ކަނާތުފިޔައިގެ، ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުންނާއި އެ ސަރުކާރުން ފަލަސްތީނުގައި ވަޒަންވެރިކޮށްފައި ތިބި ޔަހޫދީން، ފަލަސްތީނުގެ މީހުން ޝަހީދުކުރަނީ އިޓަމާ ބެން ގްވީރް ފަދަ އިސްރާއީލުގެ އޮފިޝަލުންގެ ތާއީދާއެކު ކަމަށާއި، އެ މީހުންގެ ބާރުތަކުން ވެސް ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން އެކި މީސްމީހުން ވަކިވަކީން ރަހީނުކޮށް އިންޒާރުދީ އަނިޔާކުރަމުންދާކަމަށް "ކެއަރ"ގެ ބަޔާނުގައިވެއެވެ.

އެ ޖަމާއަތުން އިތުރަށް ބުނީ އެމެރިކާއިން ބެން ގްވީރާއި އިސްރާއީލުގެ ކަނާތުފިޔައިގެ އެހެން އޮފިޝަލުންނަށް ވެސް "ދަތުރުކުރުން މަނާކުރުމުގެ" ފިޔަވަޅުއަޅައި "ހުޅަނގު އައްސޭރީގައި ފަލަސްތީން-އެމެރިކާ ރައްޔިތުންނަށް ހަމަލާދިން ވަޒަންވެރީންނާއި އޮފިޝަލުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ޓަކައި ގާނޫނީ ގޮތުން ކުރާން ޖެހޭ ކަންކަން ކުރާންޖެހޭނެ"ކަމަށެވެ.

ވީއިރު، މި ފަދަ މުޖުރިމުންގެ ވިސާ މަނާކުރާން އެމެރިކާ ބޭނުން ނުވަނީ ކީއްވެހެއްޔެވެ؟ މި ކަމުން އެނގެނީ ވިސާ މަނާކުރުމުގައި އެމެރިކާގެ އިޚުލާސްތެރި ނިޔަތެއް ނެތްކަމެވެ. އެއީ ދުނިޔޭގެ ލޯތަކުގައި އަނދުނެއް އަޅުވާން ކުރި ކަމެއްކަމެވެ.

މުޅި ދުނިޔޭގެ ރައްޔިތުން މިއަދު އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ގެންދިޔަކަމުގައި ވިޔަސް އެ ގައުމުތަކުގެ ބޮޑުންނަށް އަސަރެއް ކުރާހެނެއް ހިޔެއް ނުވެއެވެ. ޤަދީމީ ޙަޟާރަތެއް ނައްތައިލީއެވެ. އިންސާނީ ދަރިފަސްކޮޅެއް މަރައި ހުސްކުރަނީއެވެ. ދުނިޔެ ކޮބައިހެއްޔެވެ؟ ދުނިޔޭގެ ޞުލްޙައަށް ޓަކައި މަސައްކަތްކުރާ އދ. ކޮބައިހެއްޔެވެ؟ މުސްލިމު ގައުމުތަކުގެ ބައްޕަކަމަށް ވެގެން އުޅޭ ސުޢޫދީ ޢަރަބިއްޔާ ކޮބައިހެއްޔެވެ؟ (މަޢުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް
ހަލީމް
ފަރަގު ނޫސް މިއޮތީ ނިކަން ރަނގަޅަށް ވެސް ފަލަސްތީނާ އެކު!
07 Dec 2023