Advertisement

އައިބައިފިއްޔާއި އާބާފިލީގެ އޮޅުން ކުޑަކުރުމަށް ޓަކައި ބޭނުންކުރެވިދާނެ އުކުޅެއް.

ދިވެހިބަހުގެ އެކެޑަމީގެ މިހާރުގެ ރައީސް ޑރ. އަޝްރަފު ޢަބުދުއްރަޙީމު

ދިވެހިބަހުގެ އިހުގެ ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު) ލިޔުއްވި "ތާނަ ލިޔުމުގެ ޤަވާޢިދު"ގައި އައިބައިފިއްޔާ ބެހޭ ގޮތުން އެ ކަލޭގެފާނު ލިޔުއްވައިފައިވަނީ "މި ދެ ފިލި ނުއޮޅުވައި ލިޔޭނީ ވެސް ކިޔޭނީ ވެސް ދިވެހިބަހުގެ نحوُ ދެނެގެންވާ މީހަކަށެވެ. نحوُ އެއީ ކޮންމެ ބަހެއް ވެސް މޮށި އުޅުމުގެ އަޞްލުތަކާއި قواعدތައް ދެނެގަތުމުގެ ގޮތްތަކަށް عربބަހުން ކިޔާ ނަމެކެވެ. އަދި މި ނޫން އެހެން ވެސް އެތައް މަޢުނައެއް އެ لفظގައި ވޭމެޔޭ.." މި ފަދައިންނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިބަހުން ލިޔެ ކިޔައި ހަދާންޖެހެނީ ކޮންމެހެން ބަހުގެ ޢިލްމުވެރީންނެއް ނޫނެވެ. ބަސްވާރުންނެއް ނޫނެވެ. ކޮންމެ ދިވެއްސަކަށް ބަސްވާރަކަށް ވެސް ނުވެވޭނެއެވެ. އެއީ ވެސް ވަކި ދާއިރާއެކެވެ. ބަހަވީ  ނުވިޔަސް، ބަސްވާރެއް ކަމުގައި ނުވިޔަސް، ދިވެހިބަހުގެ އަހުލުވެރީންނަކީ އެ ބަހުން މުޢާމަލާތުކުރާންޖެހޭނޭ މީހުންނެވެ. ދިވެހިބަހުން މުޢާމަލާތު ކުރާން ޖެހޭ ކޮންމެ މީހަކަށް ދިވެހިބަހުގެ "نحوُ ނުވަތަ ބަސް މޮށި އުޅުމުގެ އަޞްލުތަކާއި قواعدތައް" (ބަހަވީ ޢިލްމު ނުވަތަ ލިންގުވިސްޓިކްސް) ފުރިހަމައަށް އެނގުމެއް ލާޒިމެއް ވެސް ނޫނެވެ. އެހެންނަމަވެސް ދިވެހިބަހުގެ ހަމަތަކާ އެއް ގޮތަށް އާންމު މުޢާމަލާތުގައި ލިޔެކިޔުމާއި ވާހަކަދެއްކުމުގައި ބަސް ބޭނުންކުރާން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ވީމާ، ބަހަވީ ޢީލްމުވެރިއަކަށް ނުވެ، އައިބައިފިއްޔާއި އާބާފިލި އޮޅުވައިނުލައި ބޭނުންކުރާން އެނގޭނެ ކޮންމެވެސް ގޮތެއް "އުކުޅެއް" އޮންނާންވާނެތާއެވެ. މި މައުޟޫޢުގައި އަޅުގަނޑު މި މަސައްކަތްކޮށްލަނީ އެ ކަމަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯއެވެ.

އައިބައިފިއްޔާއި އާބާފިލި އޮޅުވައިނުލެއްވުމަށް ޓަކައި އަންނަނިވި ނުކުތާތަކަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމެވެ. މި އުކުޅުތަކަށް ސަމާލުކަން ދެއްވައިފި ނަމަ، އާބާފިއްޔާއި އައިބައިފިލި އޮޅުވައިނުލައްވައި ބޭނުންފުޅުކުރެއްވުމަކީ ދާދި ފަސޭހަ ކަމެކެވެ.

ފުރަތަމަ ކަމަކީ އަބަފިއްޔެއްގެ ފަހަތަށް އަލިފު އިބިފިއްޔެއް އިތުރުކުރުމުން އުފެދޭ އައިބައިފިއްޔަކީ އެއީ ވަކިވަކި ދެފިލި ނޫންކަމާއި އެއީ ދެ އަޑު ގުޅިގެން އުފެދޭ ވަކި ފިއްޔެއްކަން ހިތްޕުޅުގެ އަޑީން ގަބޫލުފުޅުކުރެއްވުމެވެ. މި ފިލި ކިޔަނީ އަޅުގަނޑުމެން"ސައި" ކިޔާ ގޮތަށެވެ. "ވައި" ވެސް ކިޔާ ގޮތަށެވެ.

ދެވަނަ ކަމަކީ، އައިބައިފިލި ޖަހާން ޖެހޭ ހަމަތަކުގެ މަތީން ކިތަންމެ ގިނަ އައިބައިފިއްޔެއް ވިދިވިދިގެން ލިޔާން ޖެހުނަސް، ކިޔާން ޖެހުނަސް އެއިން ބައެއް ފިލި އުނިކޮށް އާބަފިއްޔަށް ބަދަލުކުރާން ޖެހޭ ޙާލަތެއް، ހަމައެއް ނޯންނާނޭކަން ގަބޫލުފުޅުކުރެއްވުމެވެ. ހަނދުމަފުޅަށް ގެންނަވާން ވީ، ދިވެހިބަހުން "މައިދައިތަ" ވެސް ކިޔާކަމެވެ. "މާދައިތަ" ނުވަތަ "މައިދާތަ"އެއް ނުކިޔާކަމެވެ.

ތިންވަނަ ކަމަކީ، ކަން ކުރި ފަރާތަކީ އެކަކު ނުވަތަ އެއް ފަރާތެއް ކަމަށް ވެފައި އެ މީހަކު ނުވަތަ އެ ފަރާތަކުން ކުރާ އެތައް ކަމެއް އެއް ކަން އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި އެ ހުރިހާ ކަމެއްގެ ފަހު އަކުރުގައި ޖަހާން ޖެހޭނީ އައިބައިފިލިކަމާއި އާބާފިލިނޫންކަން ގަބޫލުކުރެއްވުމެވެ.

ހަތަރުވަނަ ނުކުތާއަކީ ކަމެއްގެ ކުރިއަށް އޮންނަ، ކަމެއްގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ އެ ކަން ބަދަލުވާނީ ނަމަކަށެވެ.

މިސާލަކަށް: "މުދާ އަރުވާ ބާލާ" މި ޢިބާރާތަށް ވިސްނަވާށެވެ! މިއީ ކޮންމެވެސް ފިލާގަނޑެއްގައި ލިޔެފައި އޮތް ލިޔުމެކެވެ. ބޭނުމަކީ އެއީ މުދާ އެރުވުމާއި ބޭލުމާއި ދެ ކަން ވެސް ކުރާ ތަނެއްކަން އަންގައިދިނުމެވެ. ނަމަވެސް އެ ވ. ގައި އާބާފިލި ޖެހީމާ ވާ ގޮތަކީ "މުދާ އަރުވާ" ނަމަކަށް ބަދަލުވަނީއެވެ. އެހެންކަމުން އެއީ "މުދާ އަރުވާ" ކިޔާ އެއްޗަކަށް ބަދަލުވަނީއެވެ. ދެ ކަމެއްގެ ގޮތަށް މާނަ ދޭހަކުރާން އަޅުގަނޑުމެން ބޭނުން ނަމަ، ފުރަތަމަ ވ.ގައި އައިބައިފިލި ޖަހާން ޖެހެއެވެ.

ނަމެއްގެ ކުރީގައި އޮންނަ ކަމުގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ، އެ ކަން ބަދަލުވާނީ އެ ނަމަށް ސިފަ ގެނެސްދޭ ނަންއިތުރަކަށެވެ. މިސާލަކަށް: "ނަގޫރޯޅިއެއް އަރާ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ." މި ޢިބާރާތުގައި ފަލަކޮށްފައި އެ ވާ ރާގައި އާބާފިލި ޖެހީމާ އެ ބަދަލުވީ ނަން އިތުރަކަށެވެ. އޭރުން އެ ބުނެވެނީ އެ ރަށަކީ ނަގޫރޯޅިއެއް އަރާ ރަށެއްކަމެވެ. ގެއްލުންވީ ކީއްވެގެންކަމެއް ދޭހައެއް ނުވެއެވެ. ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުމެއްގެ ވާހަކަ ބަޔާންކުރާ ނަމަ، އެ އަކުރުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ.

ހަވަނައަށް ފާގަހަކޮށްލާން ބޭނުމީ ވަރަށް ސާދާ ހަމައެކެވެ. އެ އަކުރެއްގައި ޖަހާން ޖެހޭނީ އާބާފިއްޔެއްތޯ ނުވަތަ އައިބައިފިއްޔޭތޯ ޝައްކު އުފެދިއްޖެ ނަމަ، ޝައްކުވާ ފިލީގެ ފަހަތައް "ގެން"އިތުރުކޮށްލައިގެން އެ އަންނަ ބަދަލު ފާހަކަކުރެވިދާނެއެވެ. މި ސާލަކަށް: "ނަގޫރޯޅިއެއް އަރާ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ." މިޢިބާރާތުގައި އޮންނާން ޖެހޭނީ "އަރާ" ތޯ ނުވަތަ "އަރައި"ތޯޔަގީންކޮށްލުމަށް ޓަކައި އެ ލަފުޒުގެ ފަހަތަށް "ގެން"އިތުރުކޮށްލައްވައިފައި ޗެކުކޮށްލައްވާށެވެ! "އަރާގެން" މިއީ އަޅުގަނޑުމެން ލިޔެކިޔައި އުޅޭ ގޮތެއް ނޫނެވެ. އަޅުގަނޑުމެން ލިޔެކިޔައި އުޅެނީ"އަރައިގެން" މިހެންނެވެ. އެހެންވީމާ އެ ތާނގައި އޮންނާނީ އައިބައިފިއްޔެއްކަން އޮޅުމެއް ނެތި ސާފުވީއެވެ. "އަރާ" ނޫންކަމާއި "އަރައި"ކަން ސާފުވީއެވެ. އާދޭހެވެ! އެ ޖުމުލަ އޮންނާންވީ "ނަގޫރޯޅިއެއް އަރައި، ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ." މިހެންކަން ޔަގީންވީއެވެ.

ވާހަކަދައްކާ އިރު، ކޮންމެ ގޮތަކަށް ވާހަކަދެއްކިޔަސް، ބައެއްފިލި ދިރުވައިލިޔަސް އަޅުގަނޑުމެން ލިޔާ ލިޔުންތައް ލިޔާން ޖެހޭނީ ބަހުގެ ހަމައިގެ މަތީންނެވެ. މިހާރަކަށް އައިސް ބައެއް މީހުން ވާހަކަދައްކާ އިރު، "އަޅުނޑު"، "ކޮޓްރި"، "އައިސްބަ!"، "ކިޔަވަދިނުން" ފަދަ ލަފުޒުތައް އަޑު އިވެއެވެ. އަޅުގަނޑަކަށް އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވާނީ ލިޔާ ލިޔުންތަކުގައި އެ ގޮތަށް ލިޔުނީމައެވެ. ވީމާ ލިޔާން ވާނީ، އަޅުގަނޑު، ކޮޓަރި، އައިސްބަލަ!، ކިޔަވައިދިނުން މި ފަދައިން ހުރިހާ އަކުރަކާއި ފިއްޔެއް ހަމަކޮށްގެންނެވެ. އިނގިރޭސިބަހުން ވެސް ބައެއް ލަފުޒު ކިޔާ އިރު، އެހެން ވޭ ޫންތޯއެވެ. ވިސާލަކަށް ޓްއެންޓީ (twenty) ކިޔާނީ "ޓްވެނޑީ" މި ފަދަ ގޮތަކަށެވެ. ނަމަވެސް ލިޔަނީ ހުރިހައި އަކުރެއް ހަމަކޮށްގެން "ޓުވެންޓީ" (twenty) މިހެން ނޫންތޯއެވެ؟ ހޭންޑްބޭގް (handbag) ވެސް ކިޔައި އުޅޭތީ އަޑު އިވެނީ "ހޭމްބޭގ" މި ފަދަ ގޮތަކަށެވެ. ނަމަވެސް ލިޔާ އިރު ލިޔަނީ ހުރިހާ އަކުރެއް ހަމަކޮށްގެން ނޫންތޯއެވެ؟ ވީމާ، ދިވެހިބަހުން ވެސް ވާހަކަދައްކާ އިރު، އެކި މީހުންގެ ރާގާއި މަޚުރަޖު ހުންނަ ގޮތުން ބައެއް އަޑުތައް ސާފުކޮށް ނީވުނަސް ލިޔާ އިރު، އެ އަޑުތަކުގެ ރަމްޒު ފުރިހަމައަށް ލިޔާން ޖެހޭނެ ނޫންތޯއެވެ؟

މި އުސޫލުން އައިބައިލީގެ ހަމަ ވެސް ލިޔުމުގައި ހިފަހައްޓާން ޖެހޭނެއެވެ. ވީމާ، އިސްވެ ދަންނަވައިލެވުނު އުކުޅު ބޭނުންފުޅުކޮށްލައްވައިގެން އައިބައިފިލީގެ ހަމަ ހިފަހައްޓަވާނެކަމަށް އުންމީދުކުރަމެވެ. އާބާފިއްޔާއި އައިބައިފިލި ޖެހޭ ހަމަ, ދަސްކުރާން ޖެހެނީ އެ ދެ ފިލި އޮޅުވައިލައިފި ނަމަ، ޖުމުލައިގެ މާނަ ބަދަލުވާތީއެވެ. އިސްވެ ދެންނެވުނު ހައެއްކަ ނުކުތާއަށް ސަމާލުކަން ދެއްވައިފި ނަމަ، އާބާފިއްޔާއި އައިބައިފިލި އޮޅުވައި ނުލައްވައި ބޭނުންފުޅުކުރައްވާން އެއްވެސް އުނދަގޫފުޅެއް ނުވާނެއެވެ.

__________________________________________________

Advertisement

ކޮމެންޓް
ނިންނި
ވަރަށް ބޭނުންތެރި މަޢުލޫމާތުކޮޅެއް!
06 Dec 2023
ހަލީމް
ހާދަ ރަނގަޅު ލިޔުމެއް މި ކަހަލަ ނޫސްތަކަށް އަހަރެން ތާއީދު ކުރަން
07 Dec 2023