ދާންވީ ރައްކާތެރި ހިސާބަކީ ކޮބައިހެއްޔެވެ؟ މުޅި ޣައްޒާގެ ހުރިހައި ދިމާއަކަށް ފުލުފުލުގައި މިއަދު ވެސް ހަމަލަދެނީއެވެ.
ޔަހޫދީ ލަސްކަރުތަކުން ފަލަސްޠީނުގެ މަޢުޞޫމު ރައްޔިތުން ދެކުނުން އުތުރަށް ބަދަލުވާން އަންގަނީއެވެ. ނަމަވެސް ފަލަސްޠީނު ރައްޔިތުން މިއަދު ބުނަމުންދަނީ ރައްކާތެރިކަމުގެ ކަށަވަރުކަން ލިބޭނެ އެއްމެ ތަންފުކެއް ވެސް ޣައްޒާގައި ނެތްކަމަށެވެ. ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ޢުދުވާނު ހިންގާން މާއްދީ ގޮތުންނާއި މާލީ ގޮތުން ހައްދެއްނެތި އެހީތެރިވާ، އަދި އެ ކަމަށް ބަހާއި ޢަމަލުން ހިތްވަރުދެމުން ގެންދާ އެމެރިކާ ބުނަނީ ކީކޭކަމަށްތޯއެވެ؟ "ހަމަލާތަކުން ގެއްލުން ލިބޭ މީހުންނާއި ޝަހީދުވާ މީހުންގެ ޢަދަދު މަދުކުރެވޭނެ ފަދަ ގޮތަކަށް ހަމަލާދޭށެވެ!" ތަނެއްދޮރެއް، ވަކި ސުމާރެއް ނެތި ބޮން އަޅަމުން، އެއްގަމު މަގުން އަރައި، ތަންތަން ތަޅައި ސުންނާފަތިކުރަމުން، ލިބޭ ގެއްލުން ކުޑަކުރުމަކީ އަރަތެއް ނޫންތޯއެވެ!
ހަނގުރާމަ ހުއްޓާން ހަދައިފައި އޮތް ޑީލުގެ ކަންތައް ބޮއްސުންލުމާއެކު، ހަމާސާ ދެކޮޅަށް ހަމަލާދިނުމުގެ ނަމުގައި ބިންމަތީން ދޭ ޙަމަލާ ފުޅާކޮށްފިކަން ވަނީ އިސްރާއީރުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފައެވެ. ހަނގުރާމަ ހުއްޓުމުގެ ޑީލު ބޮއްސުންލުމާ ހަމައަށް އިސްރާއިލުގެ 100 އަސީރުންނާއި ޖަލުގައި ތިބި 240 ފަލަސްތީނީން ވަނީ މިނިވަންކޮށްފައެވެ.
ޣައްޒާ: ވީރާނާކޮށްލުމަށް ފަހު ވެސް ހަމަލާދިނުމެއް އިސްރާއީލަކުން ހުއްޓައެއްނުލައެވެ.<br>
ދެކުނު ޣައްޒާއިން މަދަނީންތައް އުތުރަށް ފޮނުވަމުން ގެންދިޔުމާ ގުޅިގެން އުތުރުގައި ވަނީ ތޮއްޖެހިފައެވެ. އެ ސަރަހައްދުގައި ވަނީ ބިރުވެރިކަން އިތުރުވެފައެވެ. އިސްރާއީލުން އިލްތިމާސްކުރަމުން ގެންދަނީ ހުރިހާ މަދަނީން ވަކި ސަރަހައްދަކަށް ދާށެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ބުނަމުން ގެންދަނީ މުޅި ޣައްޒާގައި ވެސް މިހާރު ރައްކާތެރި އެއްވެސް ތަނެއް ނެތްކަމުގައެވެ. އަނެއްކޮޅުން ހިސާރުކޮށްފައިވާ ސަރަހައްދުގެ ތެރެއިން އިސްރާއީލަށް ވެސް ދޭތެރެ ދޭތެރެއިން ރޮކެޓެއް އެބަ ފޮނުވައިލެވެއެވެ.
މިހާލަތު މިހެން އޮތަސް އެމެރިކާގެ އަސްކަރީ އޮފިޝަލުން ބުނަނީ މަދަނީންނަށް ގެއްލުން ނުވާ ގޮތަށް ޢުދުވާނު ކުރިއަށްގެންދާން ވޮޝިންގޓަނުން ތަކުރާރުކޮށް ބާރުއަޅަމުން ގެންދާކަމަށެވެ. ޙަމާސުން ހިފަހައްޓައިފައި ތިބި އަސީރުންގެ ޢައިލާތަކުން ވެސް، އިސްރާއީލުން އަލުން ހަމަލާތައް ވަރުގަދަކުރާން ފެށުމުން ކަންބޮޑުވުން އެބަ ފާޅުކުރެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރަށް، އިއްޔެ ވަނީ ރަތްކަނޑުގެ ސަރަހައްދުން ވިޔަފާރި އުޅަނދަކަށް ވަރުގަދަ ހަތަރު ޙަމަލާއެއް ދީފައެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި، މިއީ އީރާނުން އެހީ ލިބިގެން ޔަމަނުގައި ތިބި އިދިކޮޅު ހަނގުރާމަވެރީންގެ ޢަމަލެކެވެ. މީގެ އިތުރަށް ތިން ޑުރޯނު ވެސް އެމެރިކާގެ ހަނގުރާމަވެރި އުޅަނދުތަކުން އިއްޔެ ވައްޓައިލައިފައި ވެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 1.9 މިލިއަން މީހުންވަނީ ވީނުވީ ތަނެއް ނޭނގި ވިއްސިވިހާލިވެފައެވެ. އޮކްޓޫބަރު ހަތެއްގެ ފަހުން ޣައްޒާއިން ޝަހީދުވެފައިވާ މަދަނީންގެ ޢަދަދު ވަނީ 15800 (ފަނަރަ ހާސް އަށް ސަތޭކަ)އަށް އަރައިފައެވެ. އިސްރާޢީލުގެ ދިފާޢީ ބާރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން މަރުވެފައިވަނީ އެންމެ 1200 މީހުންނެވެ.
(މި ލިޔުމަކީ އެންބީސީ ނިއުސްއަށް ރިޗާޑް އެންޖަލާއި ރާފު ސަންޗޭހާއި ހާލާ ގުރަނީއާއި ދާއޫދު ނޮރިއޭގާ ޣައްޒާ ސަރަހައްދުން އެންމެ ފަހުން ދިން މަޢުލޫމާތުގެ އަލީގައި ލިޔުނު ލިޔުމެކެވެ.)
__________________________________
ލަފުޒެއްގެ މާނަ:
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތްތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.