Advertisement

ޖުހާއާއި އޭނާ ގަތް ހިމާރު

04 Dec 2023 | 22:30
ޖުޙާ ޙިމާރެއް ގަނެގެން ދަނީ (ކޮމިކް ފޮތެއްގެ ކުރެހުމެއް)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އެއް ދުވަހަކު ޖުހާ ބާޒާރެއް ދިޔައެވެ. އަދި، ބާޒާރުގައި ހިމާރު ވިއްކާ ކޮށި ކައިރިއަށް ޖެހިލި އިރު، ކޮށީގައި ވަރަށް ރީތި ހިމާރެއް އޮއްވައި ފެނުނެވެ. ދެން، ޖުހާ އެ ހިމާރު ގަނެގެން ގެއަށް ގެންދިޔައެވެ.

ޖުހާގެ ހިމާރާ މެދު ގަޔާވިލެއް ބޮޑުކަމުން ޖުހާ ގަސްތުކުރީ ގޭގެ ފުރާޅަށް ހިމާރު އަރުވައި ވަށައިގެން ފެންނާން އޮތް ރީތި މަންޒަރު ހިމާރަށް ދައްކައިލައި ހިމާރު އުފާކޮށްލައިދޭށެވެ. ދެން، ހިމާރު ފުރާޅަށް އެރުވިއެވެ. ޖުހާ ހިމާރަށް ކާންދީ އަދި ތަންތަން ދައްކައިލިއެވެ. މުޅި ދުވަސް ހިމާރު ހޭދަކުރީ މި ގޮތުގައި ފުރާޅު މަތީގައި ރިތި މަންޒަރުތައް ބަލައި އުފާކޮށް ހިތް ހަމަޖެއްސުމުގައެވެ.

އިރު އޮއްސުމުން، ޖުހާ ބޭނުންވީ ހިމާރު ފުރާޅު މަތީން ބާލާށެވެ. ނަމަވެސް، މި ކަމާ ހިމާރު އިންކާރުކޮށް ފުރާޅު މަތީ ދުވާން ފެށިއެވެ. އަދި، ޖުހާ ގައިގައި ފައިން ތަޅާން ވެސް ފެށިއެވެ. ޖުހާގެ ހިމާރުގެ ހައިޖާނު ބޮޑުވެ، ދެން ފުރާޅު ވެއްޓިދާނޭ ހެން ހީވުމުން، ޖުހާ ފުރާޅު މަތީން ފޭބިއެވެ. އަދި އަނބިދަރީން ވެސް ގެއިން ނެރުނެވެ. ދެން، ހިމާރުގެ ރުޅިގަދަވެ، ފުރާޅުމަތީ ފައިންތަޅައި ދުވުމުގެ ސަބަބުން، އިސާހިތަކު ޖުހާގެ ގޭގެ ފުރާޅު ހަލާކުވެ، ގެވެސް ވެއްޓުނެވެ.

ދެން، ހިމާރު ކައިރިއަށް ގޮސް ހިމާރު ގާތު ޖުހާ ބުންޏެވެ. އޭ ހިމާރާއެވެ! އަހަރެންގެ ގޭގެ ފުރާޅު ހަލާކުވެ، ގެ ހަލާކުވެ، ވެއްޓި ދިޔުމުގައި އިނބަގެ އެއްވެސް ކުށެއް ނެތެވެ. ހުރިހާ ވެސް ކުށެއް އޮތީ އަހަރެންގެ ކިބައިގައެވެ. އިނބަގެ މަގާމަކީ ގޭގެ އެންމެ އުސް މަގާމެއް ނޫނެވެ. ނަމަވެސް، މިތާ ތިރީގައި ބިމުގައި މިހިރަ ގަސް ބުޑެވެ. ކަލެއަކީ މުދަލާއި މީހުން އުފުއްލާ އެއްޗެކެވެ. ނަމަވެސް، ކަލެއާ މާ ގަޔާވެވި، ކަލެއާ އެކަށޭނަ ނޫން މަގާމަކަށް އަހަންނަށް ކަލޭ ގެންދެވުނީއެވެ. އަދި، އެ ކަމުގެ ސަބަބުން އަހަރެންގެ ގެ ވެއްޓި ބޮޑު ގެއްލުމެއް އަހަންނަށް ލިބުނީއެވެ!

ޖުހާގެ މިވާހަކައިގެ މަތުލަބަކީ ކޮބައިހެއްޔެވެ؟ އެއިން ލިބެނީ ކޮން ފިލާވަޅެއްހެއްޔެވެ؟

ހިމާރެއް ދެކެ ލޯބިވެ، އެއާ މުނާސިބު ނޫން، އުސް ތަނަކަށް، އަރުވައި، އެއަށް މަތިވެރި މަގާމެއް ދީފި މީހާ، ހަނދާންކުރާން ޖެހެއެވެ. އެ ފަދައިން ކަންތައް ކުރުމަށް ފަހު، ދެން، ހިމާރުގެ ފަރާތުން ގެއްލުމެއް ލިބުމުން، އެ ކަމުގެ ފުރިހަމަ ޒިންމާ އުފުއްލާން ޖެހޭނީ ހިމާރުގެ ވެރިޔާއެވެ. އެ ކަން ކުރި މީހާއެވެ. އެ ކަން އެ ގޮތަށް ދިމާވުމުން ހިމާރެއް ކުށްވެރިއެއް ނުކުރެވޭނެއެވެ!

ހަމަ އެފަދައިން އެއްވެސް އިޚުލާސްތެރިކަމެއް ނެތް، މަގުމަތީ ދުވަމުން ސިޔާސަތުތައް ކަނޑައަޅައިލާން އުޅޭ، ތަނެއް ދޮރެއް ނޭނގޭ، ނާގާބިލު މީހުން ކަންކަމާ މަތިކޮށް އެ ފަދަ މީހުންނާ ކަންކަން ހަވާލުކުރުމަށް ފަހު، ކަންކަން ނުކުރެވި، މުޅި ތަން ޚަރާބުވެ، ފުނޑުފުނޑުވެ ދިޔުމުން، އެ ކަމުގެ ޒިންމާ އުފުލާން ޖެހޭނީ ތަނެއް ދޮރެއް ނުދަންނަ އެފަދަ ނާގާބިލު މީހުންނާ އެ ކަންކަން ހަވާލުކުރި ބަޔެކެވެ.

________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް