Advertisement

ބުލެކުމޭލު

faragu

އާދައިގެ މަތީން ހުސައިން މަހުފޫޒު އެ ދަނީ އޭނާގެ ރަސްމީ މަސައްކަތަށެވެ. އެއީ މަޝްހޫރު ނޫސްވެރިއެކެވެ. އޮފީހަށް ގޮސް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލި އެވެ. ދުވަހުގެ ޚަބަރުތައް ހިފައިގެން އެކިއެކި ރިޕޯޓަރުންތައް އަތުވެއްޖެ އެވެ. މާ ގިނަ އިރުތަކެއް ނުވެ މަހުފޫޒުގެ އަތުފޯނު ރިންގުވާންފެށި އެވެ.

"އައްސަލާމް ޢަލައިކުމް. މަހުފޫޒު. ފަތިސް ނޫސް." ފޯނު ނެގުމަށްފަހު އާދައިގެ މަތީން މަހުފޫޒު ފޯނަށް ޖަވާބުދިނެވެ.

"ވަޢަލައިކުމް ސަލާމް." ފޯނުން އަޑު އައެވެ.

"ކޮންބޭފުޅެއްތޯ؟" ފޯނުކުރި މީހާއަކީ ކާކުކަން ނޭނގުނީތީ މަހުފޫޒު ސުވާލުކޮށްލިއެވެ.

"ކޮންމެހެން ބޭފުޅެކޭ ކިޔާނެ ކަމެއް ނެތް! އަނގަ ހިމޭނުންލައިގެން އުޅެވޭތޯ ބަލާ! މާ ބޮޑަށް ފުއްޕާނެ ކަމެއް ނެތް. ކަލޭ ހިތަށް އެރިހާ އެއްޗެއް ނުލިޔެވޭނެ، އިނގޭ! އެހެން ނޫނީ މާ ތާހިރެއް ނުވާނެ. ސައިޒުކޮށްލާނަން." ވަރަށް ހަރުކަށި ރާގެއްގައި މީހަކު އިންޒާރު ކުރި އެވެ. "ކަލެޔާއި ޝިޔާނާގެ ވީޑިއޯ އަހަރެންގެ އަތުގައި އެބަ އޮތް. ފާޑުފާޑުގެ އެއްޗެހި ލިޔަންޏާ ތިޔައީ ކިހާ ވަރެއްގެ މީހެއްކަން ފަޅައިއަރުވައިލެވިދާނެ. ވިސްނިއްޖެތަ؟"

މި ނުރައްކާތެރި އިންޒާރާ އެކު ފޯނު ބާއްވައިފި އެވެ. ފޯނުކަނޑައިލުމުން މޯބައިލް ފޯނުން އެ ގުޅި ނަންބަރަކީ ކާކުގެ ނަންބަރެއްތޯ ބަލަން މަހުފޫޒު މަސައްކަތްކުރިއެވެ. ނަމަވެސް އެ ކަން ބެލޭނެ ގޮތެއް ނެތެވެ. އެ ނަންބަރަކީ "ވިތުހެލްޑް" ނަންބަރެކެވެ. ނަންބަރު އެނގޭނެ ގޮތެއް ނެތުމުން ފޯނު ކަނޑައިލުމަށް ފަހު ޖީބަށްލައިފިއެވެ.

މަހުފޫޒަކީ "ފަތިސް" ނޫހުގައި މަސައްކަތް ކުރާ އެސިސްޓެންޓް އެޑިޓަރެކެވެ. ޚަބަރު އެޑިޓުކުރުމުގެ އިތުރަށް ކޮންމެ ދުވަހަކު ވެސް އެޑިޓޯރިއަލް ލިޔުމަކީ އޭނާއާ މަތިކޮށްފައިވާ ޒިންމާއެކެވެ. އަދި އެޑްވަޓޯރިއަލެއް ލިޔުނަސް ލިޔާނީ އޭނާއެވެ. އެއީ ކުޅަދާނަ ލިޔުންތެރިއެކެވެ. ވަރަށް މަޑުމައިތިރި ޚުލްޤު ހެޔޮ ސުލޫކު ރަނގަޅު މީހެކެވެ. ވަރަށް ހަރުދަނާ ޒުވާނެކެވެ. އެހެންކަމުން މީހަކު ހުތުރު ބަހުން ވާހަކަދެއްކިޔަސް އެޔަށް ރައްދުދީއެއް ނޫޅެއެވެ. އޭނާއަކީ ކުލީ ކޮޓަރިއެއްގައި ހޮޓަލުން ކައިގެން އުޅޭ ޒުވާނެކެވެ. ޙަޔާތުގައި ދިމާވި ކަމެއްގެ ސަބަބުން ކާވެންޏަކަށް މަސައްކަތް ނުކުރާ ޒުވާނެކެވެ.

ކުރިމަތީގައި ފުނިޖެހިފައިވާ މަސައްކަތްތަކާއި އެކިކަންކަމުގައި މަހުފޫޒު ގާތަށް އައިސް ތިބި މުވައްޒަފުންގެ ހުށަހެޅުންތައް ހަނދާންނެތުމާއެކު ދެންމެ އެ އައި ކޯލާމެދު ފިކުރު ކުރެވޭން ފަށައިފިއެވެ. އެ ބުނި ޝިޔާނާއަކީ........ ކާކުބާވައެވެ! ކޮން ...........  ވީޑިއޯއެއްބާވައެވެ.................!!!!

މަހުފޫޒަށް ހަނދާންވެއްޖެއެވެ. މީގެ ދެ މަހެއްހާ ދުވަހުގެ ކުރީގެ ރެއެކެވެ. ނޫހުގައި މަސައްކަތްކުރާން އުޅެފައި މަހުފޫޒު އުޅޭ ކޮޓަރިއަށް އައީ މެންދަމު 1:30 ހާ އިރުއެވެ. ހިސާބަކަށް ވާރޭ ވެސް ވެހެއެވެ. ކުޑަކޮށް ތެމިގެން ކަހަލަ ގޮތަކަށް ގެޔަށް އައިސް ޔޭޔޭ ކޮފީތައްޓެއް ބޮއިގެން ފާޚާނާއަށް ވަދެ ނިދާން އަންނަ މުންޑު އަނދެގެން އެނދުގައި އޮށޯވެއްޖެއެވެ. އަދި އެއަރކޯނުން ސަލާމަތްވުމަށް ޓަކައި ރަޖާގަނޑުގެ ތެރެއަށް ވަދެ ހަމަޖެހިލައިފިއެވެ.

މާ ގިނަ އިރުތަކެއް ނުވެ ދޮރުގައި މީހަކު މަޑުމަޑުން ޓަކިދިން ކަހަލަ އަޑެއް އިވިއްޖެއެވެ. މި ކޮޓަރިއަކީ މައި މަގަކަށް ހުންނަ ހަނި ގޯޅިއަކުން ސީދާ ކޮޓަރިއަށް ވަދެވޭ ގޮތަށް ހުންނަ ތަނެއްކަމުން އެ ކަހަލަ އަޑުއަޑު އިވިދާނެއެވެ. އެހެންކަމުން އެ ކަމަށް ސަމާލުކަންނުދީ މަޑުން އޮތެވެ. އަނެއްކާ ވެސް މީހަކު ތަންކޮޅެއް ބާރަށް ޓަކިދިން އަޑު އިވިއްޖެއެވެ. އެ އަޑަށް ސަމާލުކަން ދީގެން މަހުފޫޒު ސަމާލުވެލިއެވެ. ތިރީހަކަށް ސިކުންތުގެ ތެރޭގައި އަނެއްކާ އެޔަށް ވުރެ ބާރަށް ޓަކިދީފިއެވެ.

"ކާކު؟" މަހުފޫޒު ސުވާލުކުރިއެވެ.  އެކަމަކު ޖަވާބެއް ނުލިބުނެވެ. މި ދަންވަރު އަނެއްކާ މަހުފޫޒު އެކަނި އުޅޭ ކޮޓަރިއަކަށް ހޯދާން އަންނާނީ ކޮން ރައްޓެއްސެއްބާވައެވެ!! އާންމު ގޮތެއްގައި ރައްޓެއްސަކު ވެސް ބައްދަލުކުރާކަށް ކޮޓަރިއަކަށް ނާންނާނެއެވެ. އެ ފަދަ ބައްދަލުވުންތަކަށް އިޚުތިޔާރުކުރަނީ ކޮންމެވެސް ކެފޭއެކެވެ. ރެސޓޯރަންޓެކެވެ. ނޭނގޭނެތާއެވެ! ކޯޓު އޯޑަރަކާއެކު ފުލުހުން ވެސް އަތުވެދާނެތާއެވެ. މި ފިކުރެއްގައި އޮއްވައި އަނެއްކާ މާ ބާރަށް ދެ ފަހަރަކު ޓަކިދީފިއެވެ. އޭރު ހަމަ ބޯކޮށް ވާރޭވެސްވެހޭން ފަށައިފިއެވެ.

ދޮރު ހުޅުވައިލައިފިއެވެ. މަހުފޫޒަށް ލިބުނީ ހައިރާން ކަމެކެވެ. ދިޔައީ ސިއްސައިގެންނެވެ. ޚަރަދުކުޑަ ފެޝަނަކުން ނިވައިވެލައިގެން ހުރި ޒުވާން އަންހެންކުއްޖަކު ތެމި ފޯވެގެން ދޮރުމަތީގައި ހުއްޓެވެ. ލައިގެން ހުރި ހުދުކުލައިގެ ވީދިފައިވާ ޓޮޕްކޮޅުވަނީ ގައިގައި ތަތްވެފައެވެ. "ބައްޓަން" ރީތި ދޮން ލޫޅާފަތި އަންހެންކުއްޖެކެވެ. އެ ކުއްޖާގެ ޢުމުރުން ވާނީ ވިއްސަކަށް އަހަރެވެ.

"ކިހިނެއް ވީ؟ ތިޔައީ ކޮން ކުއްޖެއް؟" މަހުފޫޒު އެއްފަހަރާ ދެ ސުވާލު ކުރި އެވެ. ވަރަށް ޖެހިލުންވެ ހުރެ އެވެ. ހަންޑިއެއް ނޫންބާވައޭ ހިތައި ބިރުންހުރެއެވެ.

"އަޅުގަނޑު ހީކަރުވައިގެން މިހިރަ މަރުވަނީ. ތިޔަ ސުވާލުތަކުގެ ޖަވާބު ދިނުމުގެ ކުރިން އަޅުގަނޑަށް ބޯ ހިޔާވަހިކަމެއް ދެއްވާ! އޭގެ ފަހުން އަޅުގަނޑު ހުރިހާ ސުވާލެއްގެ ޖަވާބު ދޭނަން".

"ވަރަށް ދެރަ. މިއީ ހަމަ އަހަރެން އެކަނި އުޅޭ ކޮޓަރިއެއް. ހުންނަނީ އެންމެ އެނދެއް. އެހެން ނޫނަސް އަންހެން ކުއްޖަކު މި ކޮޓަރީގައި ބާއްވާނީ ކިހިނެއް؟ އަނެއްކާ ތިޔަ ކުއްޖާގެ ބެލެނިވެރީން ތީނަ ނުފެނިގެން ފުލުހަށް އަންގައިގެން ހޯދާ އިރު މި ކޮޓަރިން ފެނިއްޖިއްޔާ..............." އިންސާނެއްކަން ޔަޤީންވުމުން މަހުފޫޒަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ.

"އަޅުގަނޑު ހޯދަން މީހަކު އުޅޭ ނަމަ މި ހާލުގައި މި ދަންވަރު މިހާ ނިކަމެތިކޮށް ތިޔަ ބޭފުޅާގެ އެހީއަށް އެދޭކަށް ނުޖެހުނީސް ނޫންތޯ؟"

މަހުފޫޒު ވިސްނައިލި އެވެ. ޙާލަތެވެ. އޭނާގެ މަޤާމެވެ. އިންސާނިއްޔަތުކަމެވެ. އަމިއްލަ ސަލާމަތެވެ. އެކަމަކު، އެ ކޮޓަރީން އެހެން މީހަކަށް ހިޔާވަހިކަމެއް ދޭނީ ފަހެ ކިހިނެއް ހެއްޔެވެ! ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަކާއެކު މަހުފޫޒު ގޮތެއް ނިންމައިފިއެވެ.

"ކޮންެމެ ގޮތެއް ވިޔަސް ކޮޓަރީގައި ނިދާން ބޭއްވޭކަށް ނެތް. އެކަމަކު ހެދުން ބަދަލުކުރާން ޓީޝާޓަކާއި ބޭރަށް ދާނެ ކުޑައެއް ދެވިދާނެ."

"އެންމެ ރަނގަޅު. އަޅުގަނޑު ހެދުން ބަދަލުކޮށްލައިގެން އެހެން ދިމާއަކަށް ހިނގައިދާނަން. ޝުކުރިއްޔާ!" އެ ކުއްޖަކު ވަރަށް ހަރުދަނާކަމާ އެކު، އެ ގޮތާ އެއްބަސްވިއެވެ. "އަޅުގަނޑު ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ހިނގައިދާނަން."

ދެ ޚިޔާލެއްގައި ހުރެ، މަހުފޫޒު އެ ކުއްޖާ އަށް ކޮޓަރިއަށް ވަންނަން ޖާގަ ދީފިއެވެ. އަދި ބޮޑު ތުވާއްޔަކާއި މުންޑަކާއި ޓީޝާޓެއް ދީފިއެވެ. ވިއްސާރަ ކޯޓެއް ވެސް އަތްމަތި ކޮށްދީފިއެވެ.

"ދޭ! ހެދުން ބަދަލުކޮށްލައިގެން އަވަހަށް ނުކުންނާން. އަހަރެން ވަރަށް އަވަހަށް ނިދައިލާން ބޭނުން." މަހުފޫޒު އެދުނެވެ.  "ކޮން ނަމެއް ކިޔަނީ؟"

"ޝިޔާނާ....."  ހަމަ އެކަނި ނަމެއް ބުނުމަށް ފަހު މާނަވީ ހިނިތުންވުމާއެކު ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ޝިޔާނާ ފާޚާނާއިން ނުކުމެއްޖެއެވެ. ކިހިލިފަތުން ފެށިގެން ފަލަމަސްގަނޑު މެދާ ހަމަޔަށް ނިވައިވާ ގޮތަށް ތުވާލި އަނދެލައިގެންނެވެ. ކުރީން ލައިގެން ހުރި ހެދުން ފެލައިލައިގެން ނުކުމެ ދޮންނަ މެޝިނުން އެ ތަކެތި ހިއްކައިލަންތޯ އެހިއެވެ. މަހުފޫޒަށް ޖަވާބު ނުދެވި އުޅެނިކޮށް މެޝިނުގެ ހިއްކާބަޔަށް ލުމަށް ފަހު މެޝިން ހިންގައިލިއެވެ. ޝިޔާނާގެ ޓޮޕްކޮޅާއި މިނީ ސްކާރޓް ހިއްކުމަށްފަހު ނަގައި ކުޑަ ގޮތަކަށް ފަށްޖަހާލުމަށްފަހު އެތާ ހުރި ގޮނޑިއެއްގެ ލެނގޭ ބައިގައި އަޅުވައިލުމަށްފަހު ބާލީހެއް ލިބި ދާނެތޯ އަހާލި އެވެ.

"ކީއްކުރާ ބާލީހެއް؟"

"އަޅުގަނޑަކަށް މި ރެޔަކު ދެނެއް ނުދެވޭނެ. މިތާ ތަޅުންގަނޑު މަތީގައި އަޅުގަނޑު މިރޭ ނިދައިލުމަށް ފަހު ފަތިހުފަތިހާ ނުކުމެގެން ހިނގައިދާނަން."

މަހުފޫޒު ކަންބޮޑުވެއްޖެއެވެ. ވަރަށް ހާސްވެއްޖެއެވެ. ގޮތް ނޭނގޭ އަންހެން ކުއްޖަކު މި ކޮޓަރީގައި ނިންދެވިކަން ބަޔަކަށް އެނގިއްޖިއްޔާ މީހުން ދެކޭނީ ވެސް ކޮން ގޮތަކަށް ބާވައެވެ! ތަފާތު ތުހުމަތުތައް ކުރާނެއެވެ. ވާހަކަތައް ފަތުރާނެއެވެ. އެކަމަކު ވެހޭ ވާރޭތެރޭގައި އަންހެންކުއްޖަކު ގަދަކަމުން ނެރުމަކީ ވެސް އިންސާނިއްޔަތާ ޚިލާފު ކަމެކެވެ. މަހުފޫޒުގެ ކިބައިގައި އެފަދަ ހަރުކަށިކަމެއް ނެތެވެ. އެއީ އޭނާގެ  މަޑުމައިތިރި މިޒާޖާ ގުޅޭ ކަމެއް ވެސް ނޫނެވެ.

"ޝިޔާނާ އެނދުގައި އޮވޭ. އަހަރެން އޮވެދާނަން ތަޅުންގަނޑުމަތީގައި."

"ތިޔަ ހެން ނަހައްދަވާ! އަޅަގަނޑަކަށް ނުކެރޭނެ ތިޔަ ބޭފުޅާ ބިންމަތީގައި އޮންނަވަނިކޮށް ތިޔަ ބޭފުޅާގެ އެނދުގައި އޮވެ ނިދާކަށް."

"އެކަމަކު އަންހެންކުއްޖަކު ބިންމަތީގައި ބާއްވައިފައި އަހަންނަށް އެނދުގައި ކިހިނެއް އޮންނަން ކެރޭނީ؟"

"އެހެން ވީ އިރު ތިޔަ ބޭފުޅާ ވެސް އެނދުގައި އޮންނަވާން ވީ ނޫންތޯ؟ މިއީ ހަތަރު މީހުންނަށް ވެސް ނިދޭ ވަރުގެ ބޮޑު ކިންގްސައިޒްގެ ޑަބަލްބެޑެއް ނޫންތޯ؟" ވަރަށް އިޙުތިރާމުގެ ރާގެއްގައި އެ ކުއްޖާ ބުނެލި އެވެ. "ކިތަންމެ ދުރެއްގައިވެސް މި އެނދުގައި ތިބެވޭނެ ނޫންތޯ؟"

ޝިޔާނާ އެ ބުނީ ވެސް ތެދެކެވެ. ނަމަވެސް ހިލޭ އަންހެންކުއްޖަކާ އެކީ އެއް އެނދެއްގައި ދިދާކަށް މަހުފޫޒެއް ބޭނުމެއް ނޫނެވެ. އެކަމަކު ބޭކާރު ބަހުސްތަކަކަށް ފަހު އެންމެ ފަހުން މަހުފޫޒު އެނދުގައި މަގަތަށް އެނބުރިގެން އަރައި އޮށޯވެއްޖެއެވެ. ޝިޔާނާ ވެސް އެނދުގެ ބިއްދޮށުގައި ބިއްދޮށަށް އެނބުރި އޮށޯވެއްޖެއެވެ. ވަރުބަލިވެފައި އޮތް މަހުފޫޒަށް މާގިނަ އިރެއް ނުވެ ނިދިއްޖެއެވެ.

ޝިޔާނާ އޮތީ ސަމާލުވެ ހޭލައެވެ. މަހުފޫޒަށް ގަދަޔަށް ނިދިއްޖެކަން އެނގުމާއެކު، ޝިޔާނާގެ ހުޝިޔާރުކަމުން އެ ދެ މީހުންނަށް ވެސް ހަމައެކަނި ބެޑްޝީޓުން ނިވައިކަން ހޯދައިލިއެވެ. އަދި މިޔަރެއްގެ ކައިރީގައި ހުރި އައްޓަމަހެއް ފަދައިން ޝިޔާނާ ވެއްޖެއެވެ.

މަހުފޫޒަށް ހޭލެވުނީ، އޭނާއަށް އޭނާގެ ނަފުސުގެ ކޮންޓްރޯލް ގެއްލިފައި ވަނިކޮށެވެ. އޭރު ހަތަރެއް ޖަހާން ކައިރިވަނީއެވެ. މުޅި ކޮޓަރި ވަނީ ދިއްލައި އަލިކޮށްފައެވެ. މަހުފޫޒުގެ ހަރުދަނާ ވިސްނުން އޭނާއަށް އެ ވަގުތު ކެހިދީފިއެވެ. އެކަމަކު ގަޑިއެއްހާއިރު ވަންދެން އޭނާގެ ނަފުސު ކޮންޓްރޯލްކުރީ ޝިޔާނާއެވެ. އެއީ އޭނާގެ ފަންނުގައި ކުޅަދާނަ ކުއްޖެކެވެ. ކޮންމެ ޒުވާނަކު މޮޔަކޮށްލާ ފަދަ ހުނަރާއި ގާބިލުކަން އޭނާގެ ކިބައިގައި އެބަ ހުއްޓެވެ. މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާ ކުރެވިފައިވާ ފަދަ "މަތިވެރި" ލައްޒަތެއް މަހުފޫޒަށް އިޙުސާސްކުރެވުމަށް ފަހު، އަޞްލު ޙާލަށް ރުޖޫޢަވެއްޖެއެވެ.

ކިތަންމެ ވިއްސާރަ ރެޔެއް ނަމަވެސް އެއަރކޯން އޮފްކޮށްލައިފައި ހުރުމާއެކު ދާހިއްލައި ފޯވެފައިވާތީ، ލަދުވެތިކަމާއެކު މަހުފޫޒު ތެދުވެއްޖެއެވެ. ތެދުވެ ފާޚާނާއަށް ވަދެ ފެންވަރައިގެން ފަތިސްނަމާދުކޮށްލައިގެން ތަޅުންގަނޑުމަތީގައި ވެއްޓިފައި އޮތް ބެޑްޝީޓް ތަޅުންގަނޑުމަތީގައި ފަތުރައިލައިގެން އެތާނގައި ހަމަ ޖެހިލިއެވެ. ދާދި އަވަހަށް ނިދިއްޖެއެވެ.

މަހުފޫޒަށް ހެނދުނު ހޭލެވުނީ އަށް ގަޑި ބައި ވެސް ވީ ފަހުންނެވެ. އޭރު ޝިޔާނާއެއް ނެތެވެ. ގަޑި ބަލައިލުމަށް ފަހު ފެންވަރައިގެން އޮފީހަށް ދާން ފަޓުލޫނުލުމަށް ފަހަތު ޖީބުގައި އަތް ޖައްސައިލީ އިރު ވޮލިޓެއް ނެތެވެ. ވޮލިޓު އޮތީ މޭޒުމަތީގައި ބާއްވައިފައެވެ. ވޮލިޓް ނަގައިގެން ބަލައިލި އިރު ރޭގައި ވޮލިޓަށް ލީ ދެ ހާސް ރުފިޔާއެއް ނެތެވެ. އެއީ ރޭ ގެޔަށް އަންނަމުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެކަމުން ނަގައިގެން ވޮލިޓަށް ލީ ގޮތަށް އޮތް 500 ރުފިޔާގެ ހަތަރު ނޫޓެވެ. ފައިސާގެ ބަދަލުގައި ވޮލިޓްގައި އޮތީ ކުޑަކުޑަ ނޯޓެކެވެ. "މަހުފޫޒެވެ! ޝުކުރިއްޔާއެވެ! އަހަރެންގެ މިޝަން %100 ކާމިޔާބެވެ. ދެ ހާސް ރުފިޔާ ވެސް ލިބުނީއެވެ. އަހަރެމެންގެ 'އެކުވެރިކަމުގެ' ވަރަށް ފުރިހަމަ ވީޑިއޯއެއް ވެސް އެބަ އޮތެވެ. އެ 'އެކުވެރިކަން' ދުވަހަކު ވެސް ހިތަކުން ނުފިލާނެ އެވެ. އަދިވެސް ބައްދަލުވުމަށް އުންމީދު ކުރަމެވެ.............. މަހުފޫޒު ވަރަށް ހިތްގައިމެވެ."

މި ވޭނީ ޚިޔާލުގެ ތެރެއިން ނުކުމެވުނު އިރު ހުރިހާ ރިޕޯޓަރުން ޙައިރާންވެގެން ބަލަހައްޓައިގެން ތިއްބެވެ. ދެންމެ އައި ފޯނު ކޯލާއި އެ ކޯލަށް ފަހު މަހުފޫޒަށް އައި ހުއްޓުމާ މެދު އެންމެން ސުވާލުކުރަނީއެވެ. މަހުފޫޒަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

މަހުފޫޒަށް ތެޅިގަނެވުނެވެ. ހާސްވެއްޖެއެވެ. މުޅި ދުނިޔެ އެނބުރިގަތެވެ. ހަދާނެ ގޮތް ހުސްވިއެވެ. ދުނިޔެ ރަންވެއްޖެއެވެ. އެންމެ ފަހުން އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. (ނިމުނީ)

Advertisement

ކޮމެންޓް