Advertisement

އަފުލާޠޫނުގެ ޙިކުމަތްތެރި ބަސްކޮޅަކާއި އޭގެ މައްޗަށް ލިޔެލާ ވާހަކަކޮޅެއް

04 Dec 2023 | 19:55
އަފުލާޠޫނުގެ ސިފަ ދައްކަުވައިދޭ އަތުކުރެހުމެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އަފުލާތޫނަކީ ޔޫނާނީ އެވޭލާ ޒަމާނުގެ ފަލްސަފާވެރިއެކެވެ. އޭނާ ދުނިޔާގައި އުޅުނީ މީލާދުގެ ކުރީގެ ތިންވަނަ ގަރުނާއި ހަތަރުވަނަ ގަރުނުގެ ތެރޭގައެވެ. އަފުލާތޫނާއި އޭނާގެ އުސްޒު ސޮކްރާތީސް، އަދި އޭނާގެ ދަރިވަރު އެރިސްޓޯޓަލް ހިމެނެނީ ހުޅަނގު ފަލްސަފާގެ އެންމެ މުހިންމު ތިން އިލްމުވެރިންކަމުގައެވެ. ހުޅަނގުގެ ދީނީ އިލްމީ އަދި ސިޔާސީ ސަގާފަތަށް ނުހަނު ބޮޑު ތައުސީރެއްކުރުވި އިލްމުވެރިން ކަމުގައެވެ.

ތިރީގައި އެ ވަނީ އަފުލާތޫނުގެ ހިކުމަތްތެރި ބަސްކޮޅަކާއި، އެ ބަސްކޮޅު އިތުރަށް ސާފުކޮށްލައިދިނުމުގެ ގޮތުން އިތުރުކޮށްލެވިފައިވާ ވާހަކަކޮޅެކެވެ.

1. ބުއްދިވެރީން ވާހަކަދައްކަނީ އެ މީހުން ބުނަން ޖެހޭ އެއްޗެއް އޮވެގެންނެވެ. ބުއްދި ހަމަ ނުޖެހޭ މޮޔައިން ވާހަކަދައްކަނީ ކޮންމެވެސް އެއްޗެކޭ ކިޔާ ހިތުންނެވެ.

މީގެ މިސާލުތައް ނޫސްތަކުގައި ޝާއިއުކުރެވޭ ބައެއް މަސްއޫލުވެރީންގެ ވާހަކަތަކުން ފެނެއެވެ. އެ ފަދަ އެއް މިސާލު ލިޔެލާނަމެވެ. އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ ތިބުމާ އިދިކޮޅު "އިންޑިޔާ އައުޓު"ގެ ކެމްޕޭނަށް ފާޑުކިޔަމުން، މަސްއޫލުވެރިޔަކު މި މާނަ ދޭހަވާ ގޮތަކަށް ވާހަކަދެއްކިކަމަށް ނޫސްތައް ބުނެއެވެ. އޭނާ ބުނަނީ އެ ކެންޕޭނަކީ މީސްތަކުން، އެ މީހުންނަށް ލިބޭން އޮންނަ ނިއުމަތްތަކުން މަހުރޫމުކުރުވާނޭ ކަމެކޯލައެވެ. އަނެކަކު ބުނެފައި އޮންނަނީ އެ ކަމަކީ ރާއްޖެ ނުރައްކަލުގެ ތެރެއަށް ހުށަހަޅައިލާނޭ ކަމެއްކަމުގައެވެ. މި ކުރާ ދައުވާގެ – ނިއުމަތްތަކުން މަހުރޫމުކުރުމާއި ނުރައްކާތެރިކަމުގެ ތެރެއަށް ހުށަހެޅިދިޔުން -، މި ކަމުގެ، އެއްވެސް ހެތްކެއް އެ ވާހަކަތަކުގައި ދެއްކިފައެއް ނޯވެއެވެ. އަދި، ހެތްކެއް ދައްކާން ޖެހޭކަން ގަބޫލުކުރެވޭކަމުގައި ވެސް އެ ވާހަކަތަކުން ވިސްނޭ ގޮތެއް ނުވެއެވެ. އެ ކެންޕޭނަަކީ މީސްތަކުން މާތްﷲގެ ކޯފާއަށް ހުށަހަޅައިލާނޭ ކަމެއްހެއްޔެވެ؟ ތިމާމެންގެ މިނިވަންކަން ދިފާއުކޮށް ވާހަކަދެއްކުން ނުރައްކަލަަކަށް ވަނީ ކިހިނެއްހެއްޔެވެ؟

އެ ވާހަކަތައް އެ ބުނި ބަޔަކު ބުނީ. ބުނާނެ އެއްޗެއް އޮވެގެން، އެ ކަން ސާފުކޮށް ބުނެދީ ބަޔާންކުރުމުގެ ގޮތުން ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް، ވަކި ސިޔާސަތަކަށް ތަބާވާން އެ މީހުންގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު އެ މީހުންނަށް މަޖުބޫރުކުރުވާތީ، ކަމުގެ ދެކޮޅު ބެލުމެއް ނެތި، ކަނު ސިފައެއްގައި އެ ސިޔާސަތަށް ތާއީދުކޮށް، އެއްޗެއް ބުނެލީއެވެ.

2. ލޯތްބަކީ ނުރައްކާތެރި ނަފްސާނީ ބައްޔެކެވެ.

އާދޭހެވެ! މީގެ މާނައަކީ ކޮބައިބާވައޭ ހިތަށް އަރާފާނެއެވެ! ލޯބި ބައްޔަކަށް ވަނީ ކިހިނެއްބާވައޭ ބު، މީހަކު ސުއާލުކޮށްލަފާނެއެވެ؟ އެ ސުއާލުގެ ޖަވާބުގައި ބުނަން ޖެހެނީ، ލޯބީގައި ޖެހުމުން،ބައެއް ފަހަރު، ހަމަ ބުއްދި ފިލާ ގޮތް ވާތީއެވެ. ތިމާ ލޯބިވާ މީހާގެ ބާރުގެ ދަށަށް ތިމާގެ ނަފްސު ދީލާލެވޭތީއެވެ. ތިމާގެ ލޯބިވެރިޔާ އަބަދުމެ އަބަދު ހަނދާނުގައި ހަރުލާފައި ހުންނާތީއެވެ. އަދި، އަބަދުމެ އަބަދު އޭނާ ދެކެން ބޭނުންވާތީއެވެ. އޭނާ ނުފެންނަ ނަމަ، އޭނާ ފެނޭތޯ އޭނާ ހިނގާހާ މަގުމަގުން ހިނގައި އޭނާ ހޯދަން އުޅެވޭތީއެވެ. ލައިލާގެ ލޯބިވެރިޔާ، ގައިސްއަށް، މިހެންވެ، އޭނާއަށް 'މަޖުނޫނު'އޭ (މޮޔަވެފައިވާ މީހާއޭ) ކިޔުނު މަތިން ހަނދާން ކޮށްލާށެވެ. ރޯމިޔޯއާ ޖޫލިއެޓް، އެކަކު އަނެކަކު ދެކެ ލޯބިވެ، އެކަކު އަނެކަކަށްޓަކައި ފިދާވެ، ދެމީހުން ވެސް މަރުވެ ދިޔަ ގޮތް ހަނދާން ކޮށްލާށެވެ! އޭރުން އަފްލާތޫން އެ ބުނާ ބަހުގެ މުރާދު ވިސްނޭނެއެވެ. ލޯތްބަކީ ނަފްސާނި ބައްޔަކަށް ވެދާނެކަން ގަބޫލުކުރެވޭނެއެވެ.

3. ފިރިހެނުން ކުރާ މަސައްކަތް އަންހެނުންގެ ކިބައިން ވެސް އެދެވޭ ނަމަ، އެ ކަނބަލުންނަށް ވެސް ފިރިހުނުންނަށް އުނގަންނައިދޭ އެއްޗެއް އުނގަންނައިދޭން ޖެހޭނެއެވެ.

4. ކޮންމެ ހިތެއް ވެސް ކިޔާ، ނަމަވެސް ފުރިހަމަ ނުވެ އޮންނަ، ލަވައެއް، ޅެމެއް، އޮވެއެވެ. އެލަވަ، އެ ޅެން، ފުރިހަމަ ވަނީ، އޭނާގެ ކަންފަތް ބުޑުގައި، މަޑުމަޑުން، އެހެން ހިތެއް އެލަވަ، އެޅެން، ކިޔައި ދިނުމުންނެވެ. ލަވަ، ޅެން، ކިޔާން ބޭނުން ކޮންމެ މީހަކަށް ވެސް ކިޔާނޭ ލަވައެއް، ޅެމެއް، ލިބާން އޮންނާނެއެވެ. ލޯބީގައި ޖެހުމުން، ކޮންމެ މީހަކަ ވެސް ޝާއިރަކަށް، ޅެންވެރިޔަކަށް، ވެދެއެވެ!

5. އަނދިރި ދެކެ ބިރުގަންނަ ކުޑަ ކުއްޖަކަށް، އެ ކަމަށް ޓަކައި، ދާދި ފަސޭހައިން މާފުދެވިދާނެއެވެ. ނަމަވެސް ހަޔާތުން ފެންނަ ބޮޑުވެގެންވާ ހިތާމައަކީ އަލި ދެކެ ބިރުގަންނަ ބޮޑެތި މީހުންނާ ދިމާވާތީއެވެ.

މި ވާހަކަ ކޮޅު ކިޔައިލުމުން ހަނދާނަށް އަންނަނީ، ދީނާ ބެހޭ ގޮތުން ދެ އިލްމުވެރިޔަކު ބުނެފައި އޮންނަ ވާހަކައެކެވެ. އެއް އިލުމުވެރިޔަކީ ލާއިލާހިއްޔަތުގެ އަގީދާގެ ސްޓެފަން ހޯކިންއެވެ. އޭނާ ދެކޭ ގޮތުގައި ދީނަކީ އަނދިރިދެކެ ބިރުގަންނަ މީހުންނަށް އޮންނަ ޚުރާފީ ވާހަކައެކެވެ. މިއަށް ރައްދު ދެމުން، އިލާހިއްޔަތުގެ (ކަލަކު ވޮޑިގެންވާ ކަމުގެ) އަގިދާގެ ޖޯން ލެނޮކްސް ބުނަނީ ލާއިލާހިއްޔަތުގެ (އެތީޒަމް، ކަލަކު ވޮޑިގެން ނުވާކަމުގެ) އަގީދާއަކީ އަލި ދެކެ ބިރުގަންނަ މީހުންގެ ޚުރާފީ ވާހަކައެއްކަމުގައެވެ.

6. ހަނގުރާމައިގެ ނިމުން ހަމައެކަނި ފެންނަނީ ހަނގުރާމައިގައި މަރުވެދާ މީހުންނަށެވެ!

އާދޭހެވެ! ތަޅައިފޮޅުމާއި ހަނގުރާމައިގެ ހިތި ނަތީޖާ އެނގޭން ބޭނުން ނަމަ، އެ ކަމުގެ ޝިކާރައަށްވެ މަރުވެދާ މީހުންނަށް ބަލާށެވެ! އަދި، އެ ކަން މެދުވެރިކުރުވާ ބޮޑެތި ގެއްލުންތައް ދެކޭށެވެ. ރަށްތައް ފުނޑުފުނޑުވުމެވެ. މަގުތަކާއި، ރޭލު ދަނގަޑުތަކާއި ކަރަންޓު ނަރުތަކާއި ގޭސް ހޮޅިތައް ފަދަ ރަށްތަކުގެ ބިނާރު (އިންފްރާސްޓްރަކްޗާ) ހަލާކުވެދެއެވެ. ނަމަވެސް، ހިތާމައަކީ މި ތަންތަން ދިރިތިބީންނަށް ނުފެންނަކަމެވެ. އެ ކަމުން އިބުރަތް ލިބިގަނެ، ސުލްހަވެރިކަން މަތީ ދިރިއުޅޭން މަސައްކަތްނުކުރާކަމެވެ. އަބަދުހެން މީސްތަކުން އުޅޭ ތަން ފެންނަނީ، ހަނގުރާމަތަކަށް ހުއްޓުމެއް ނުގެނެސް، ތަޅައިފޮޅުމާއި ހަނގުރާމަކުރާން ފައިވިއްދައިފައި ތިބޭތީއެވެ.

7. ހެޔޮ ލަފާ ޞާލިޙު މީހުން، ޖަމާއަތުގެ މައްސަލަތަކާ މެދު އަޅައިނުލައި، އެއްޗެއް ނުބުނެ، ޖަމާއަތުގެ ކަންކަން ހިންގުމުގެ ތެރެއަށް ނުވަދެ ތިބުމުގެ ނަތީޖާއަކީ ނުބައި ނުލަފާ މީހުންނަށް ގައުމު ހިންގުމުގެ ބާރު ލިބުމެވެ.

8. ކިތައްމެ މަޑުން ވިޔަސް، ކުރިއަރަމުންދާ މީހެއްގެ ހިތް މަރުވެދާނޭ ފަދަ އެއްވެސް އެއްޗެއް ނުބުނާށެވެ!

9. އަފުލާތޫން ބުނެފައި އޮވެއެވެ. "އަހަންނަކީ ދުނިޔޭގައި ހުރި އެންމެ ބުއްދި ވެރި މީހާއެވެ. އެހެނީ އަހަންނަށް އެނގޭ އެއް ކަމެއް އޮވެއެވެ. އެއީ އަހަންނަށް އެކައްޗެއް ވެސް ނޭނގޭ ކަމެވެ."

10. ޒިންމާދާރު ސިފައެއްގައި އެ މީހުންގެ އަމަލުތައް ބެހެއްޓުމަށް ޓަކައި، ރަނގަޅު މީހުންނަށް ގާނޫނުތަކަކަށް ބޭނުމެއް ނުވެއެވެ. މިއާ ޚިލާފަށް، ނުލަފާ މީހުންނަށް، ގާނޫނުތަކުގެ ބިއްދޮށުން ކަންކުރާނޭ ގޮތް އެނގެއެވެ.

ނުބައިި ނުލަފާ މީސްމީހުން އެ މީހުން ކުރާ ނުރަނގަޅު ކަންތައް ކުރާނީ އެ މީހުންގެ މައްޗަށް ގާނޫނުގެ ބާރު ނުހިނގާނޭ ގޮތް ބަލައި ހޯދައިގެންނެވެ. އާދޭހެވެ! ގާނޫނަށް ފިލައި ތިބެގެންނެވެ. އެ ކަން އެ ގޮތަށް ކޮށްފައި އެ ފަދަ މީހުން ބުނެ އުޅޭ ވާހަކައަކީ 'ގާނޫނީ ގޮތުން ތިމަންނާ ބެދޭނޭ ގޮތެއް ނޯންނާނޭކަމެވެ.' މާނައަކީ ގޯސްކަމެއް ނުކުރާ ވާހަކައެއް ނޫނެވެ. އެ ކަން ގާނޫނުގެ ލޮލަށް ނުފެންނާނޭ ވާހަކައެވެ.

11. ޖާހިލުކަމަކީ ހުރިހައި ނުބައި ކަމެއްގެ އަސްލެވެ.

މި އިބާރާތުގެ މަތުލަބަކީ އުނގެނުމަށް ބާރުއެޅުމެވެ. ތަންތަން ކުރިއަރައި ދިޔުމުގެ އަސްލަކީ، ފެށުމަކީ އުނގެނުމެވެ. ތައުލީމު ލިބިގަނެ، ކަންކަމާ މެދު، އިލްމީ ސިފައެއްގައި، ވިސްނައި ފިކުރުކުރާން ދަސްކުރުމެވެ. ހަގީގީ ކުރިއެރުމެއް ތަނަކަށް ލިބެނީ އެ ތަނުގެ ތައުލީމީ ނިޒާމު ހަރުދަނާކުރެވިގެންނެވެ. އެ ނިޒާމުގެ ދަށުން، ލިޔެކިޔުމުގެ ސަގާފަތުގެ މުވާތިނުންތަކެއް ބިނާކުރެވިގެންނެވެ.

ޝައްކެއް ނެތް ގޮތުގައި އިސްލާމް ދީނުގައި ކިޔެވުމަށް ވަރަށް ވެސް ގަދައަށް ބާރުއެޅިފައި އޮވެއެވެ. ކީރިތި ޤުރުއާން ބާވައިލެއްވެން ފެށުނީ އުނގެނުމަށް ގޮވައިލައި އެ ކަމަށް ބާރުއަޅަމުންނެވެ. އާދޭހެވެ! اقرأ (ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ!) އިލާހީ މި އަމުރުފުޅާއިގެން ކީރިތި ރަސޫލާއާ މުޚާތަބުކުރެވިގެންނެވެ. މި އަމުރުފުޅަށް، އެންމެ އިހުގެ މުސްލިމުން އިޖާބަދިނުމުގެ ނަތީޖާއަކީ، އެ އަމުރުފުޅު އައިތާ ގަރުނެއް ދެ ގަރުނެއްގެ ތެރޭގައި، އިލްމީ ހުރިހާ މައިދާނެއްގައި އެންމެ ކުރީގައި މުސްލިމު އިލްމުވެރިން ތިއްބެވުމެވެ. އަދި އިސްލާމީ ޙަޟާރަތުގެ ބިންގާކަމުގައި އިލްމުވެރިކަން ވުމެވެ.

ހުޅަނގުގެ ތާރީޚަށް ބަލައިލާ އިރު، އެ މީހުންގެ ކުރިއެރުން ވެސް ބިނާވެފައި އޮތީ މީލާދީ ގޮތުން، ބާރަ ތޭރަވަނަ ގަރުނުއް ސުރެން ފެށިގެން، އެ މީހުންގެ ތައުލީމީ ނިޒާމަށް ގެނެވެމުން އައި ބަދަލެއްގެ ސަބަބުންނެވެ. އާދޭހެވެ! ރިފޯމޭޝަންގެ، ދީނީ އިސްލާހުގެ، ނަމުން ނަންދެވުނު ހަރަކާތާ ވިދިގެންނެވެ. މި އިސްލާހު މެދުވެރިވާން ދިމާވި މައިގަނޑު އެއް ސަބަބަކީ އިސްލާމީ ޙަޟާރަތެވެ. މުސްލިމުންގެ އުނގެނުމާއި އުނގަންނައިދިނުން، ހުޅަނގަށް ގެންދެވިގެންނެވެ. ހުޅަނގުގެ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލު، އާ ދިރުމަކާއި (ރިނައިސޯންސް) އަދި ތަންވީރީ ފިކުރުގެ ވިސްނުން (އެންލައިޓަންމެންޓް) އުފަންކުރުވައި، ހުރިހާ މައިދާނެއްގައި އިލްމީ ގޮތުން ކުރިއެރުން މެދުވެރިކުރުވިއެވެ.

އަފުލާޠޫނުގެ ސިފަ ފެންނަ އަތުކުރެހުމެއް: މިއީ ގަދީމީ ގުރީކުގެ ފަލްސަފާވެރިއެކެވެ. މުފައްކިރެކެވެ.<br>

ފަހުގެ ތާރީޚުން ވެސް، މި ކަމުގެ ތެދުކަން، އެހެން ގޮތަކަށް ދަންނަވާ ނަމަ، ތަނެއްގެ ކުރިއެރުން ބިނާވަނީ އުނގެނުމާއި އުނގަންނައިދިނުމުގެ މައްޗަށްކަން، ކުރިއެރުމުގެ މައދާނުގައި ފައި ހަރުކޮށްލެވުނު ބައެއް އެހެން ގައުމުތަކުން ވެސް ފެނެއެވެ. ސިންގަޕޫރާއި ރުވަންޑާއާއި މޮރީޝަސް ފަދަ ގައުމުތަކުންނެވެ.

12. އިންސާނީ ސުލޫކާއި އަމަލުތައް، ފެށިގެން އަންނަނީ ތިން އަސްލަކުންނެވެ. އަމިއްލަ އެދުމާއި ޖަޒުބާތުތަކާއި އަދި އިލްމުވެރިކަން، މި ތިން އަސްލުންނެވެ.

އަޅުގަނޑުމެންގެ ސުލޫކު ފެށިގެން އަންނާން ޖެހެނީ އިލްމުވެރިކަމުގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ ވާހަކަތަކާއި އަމަލުތައް ބިނާވާން ޖެހޭނީ އިލްމީ އަސާސެއްގެ މައްޗަށެވެ. އަމިއްލަ އެދުމާއި ޖަޒުބާތުތަކާ ގުޅިފައި އޮންނަ ތޯތޯ ވާހަކަތަކެއްގެ މައްޗަކަށް ނޫނެވެ.

މި ކަން އިތުރަށް ސާފުކޮށްލައިދިނުމުގެ ގޮތުން ދާދި ފަހުން ނޫސްތަކުން ފެނުނު ވާހަކައެއް ލިޔެލާނަމެވެ. އިސްލާމް ފޮތްތަކުގައި އެ ކިޔަވާ ކުދީންނަށް ވިސްނައިގަންނާން އުނދަގޫ، އެހެންވެ، އެ ކުދިންނަށް ނޭނގޭނޭ، ބަސްބަސް ބޭނުން ކޮށްފައި ހުރި ވާހަކައެވެ. މީގެ މިސާލެއްގެ ގޮތުން 'އިސްތިންބާތު' ("މާނަ" ނެރުން) ލިޔެފައި އޮއްވައި، ބައެއް ޚަބަރުތަކުން ފެނުނެވެ.

މިހެން ބުނި މީހަކު، މިހެން ބުނުމުގެ ކުރީން މައްސަލަ ރަނގަޅަށް ސާފުކޮށްލައި، އޭނާގެ ވާހަކަ އިލްމީ އަސާސެއްގެ މައްޗަށް ބިނާކުރި ނަމަ، އެ ކަން މާ ބޮޑު ކަމަކަށް ނުވީހެވެ. އޭރުން، މި ލަފުޒަކީ ދިވެހި ފޮތްފޮތުގައި، މަދުވެގެން، މީގެ ފަސްދޮޅަސް އަހަރު ކުރީއްސުރެން ފެށިގެން ލިޔެ ބޭނުންކޮށް އުޅޭ ލަފުޒެއްކަން އެނގުނީހެވެ. ޚާއްސަ ގޮތެއްގައި ދީނީ ލިޔުންތަކުގައި ބޭނުންކޮށް އުޅޭ ލަފުޒެއްކަމެވެ. މިސާލަކަށް ގިޔާސް ބޭނުންކޮށްގެން ދީނީ ހުކުމްތައް އިސްތިންބާތުކުރާ ވާހަކައެވެ. ހުކުމްތައް ނެރޭ ވާހަކައެވެ. މި ވާހަކައަކީ އުސްތާޒުލްޖީލް، މަރުހޫމު ޖަމީލް ދީދީގެ ތައުލީމުއްދިޔާނާއާއި، އަދި ފަހުން، ދީނިއްޔާތު، މި ފޮތްބައިތަކުން އިސްކޫލުގެ ދަށު ގުރޭޑުތަކަށް ކިޔަވައި ދިން އިރު، މި ފޮތްބައިން ވެސް ފެންނާން އޮތް ލަފުޒެއްކަން އެނގޭނެއެވެ. މި ލަފުޒު އޮވެގެން، އޭރުގެ ކުޑަކުދީންނަށް މި ފޮތް ބައިގައި ހުރި ވާހަކަތައް ވިސްނައި ފަހުމުކުރާކަށް މައްސަލައަކަށް ނުވެ އޮތްކަން ވެސް އެ ވާހަކަ ބުނި މީހަކަށް، އޭރުން، ސާފުވީހެވެ.

މީގެ އިތުރަށް، ތައުލީމުދިނުމުގައި ބޭނުންކުރާ ފޮތްފޮތުގައި ލިޔެފައި ހުންނަ ހުރިހާ ލަފުޒުތަކަކީ ކިޔަވާ ކުދިންނަށް އޭގެ މާނަ އެނގޭ ލަފުޒުލަފުޒުހެއްޔެވެ؟ ދަށު ކިލާސްތަކާއި މަތީ ކިލާސްތަކަށް ބަލައިލި ކަމުގައި ވިޔަސް، ކަން އޮންނަނީ މިހެންހެއްޔެވެ؟ މިސާލަކަށް އިނގިރޭސި ބަސް ކިޔަވައިދޭން ބޭނުންކުރާ ފޮތްތަކާއި ތާރީޚު ކިޔަވައިދޭ ބޭުނުންކުރާ ފޮތްތަކާއި ސައިންސުގެ ބައިތައް ކިޔަވައިދޭން ބޭނުން ކުރާ ފޮތްތަކެވެ. މި ފޮތްތަކުގައި ލިޔެވިފައި ހުންނަ ހުރިހާ ލަފުޒުތަކަކީ ވެސް ހުރިހާ ކުދީންނަށް ވެސް ހަމަ އެނގޭ ލަފުޒުތައްހެއްޔެވެ؟ މި ސުއާލުގެ ޖަވާބަކީ ނޫންކަމުގައިވާ ނަމަ، ހަމައެކަނި ދީނީ ފޮތްތަކުގެ ވާހަކަ ދައްކާންވީ ކީއްވެބާވައޭ ހިތަށް އަރައެވެ!

ކިޔަވައިދޭން ބޭނުންކުރާ ފޮތްފޮތުގައި ކުދީންނަށް ނޭނގޭ ލަފުޒުތަކާއި މަފްހޫމުތައް ހުރުމަކީ މައްސަލައެއް ނޫނެވެ. ކުދީން އިސްކޫލަށް ދަނީ ނޭނގޭ އެ ފަދަ ލަފުޒުތަކާއި މަފުހޫމުތައް ދަސްކުރުމަށް ޓަކައެވެ. އިސްކޫލުތަކުގައި މުދައްރިސުން ތިއްބަވަނީ ކުދީންނަށް އެ ފަދަ ލަފުޒުތަކާއި މަފުހޫމުތައް އޮޅުންފިލުވައިދެއްވާށެވެ.

ފަހަރެއްގައި ވެސް 'އިސްތިންބާތު'، މިލަފުޒަކީ ފަލްސަފީ މަސްހުނިކަން ބޮޑު، އޭގައި ގޮށްތައް ޖެހިފައިވާ މަފްހޫމަކަށްވެ، ކިޔަވާ ކުދީންގެ ސިކުނޑި ބޭނުންކޮށްގެން ވިސްނައިގަންނާން ދަތި އުނދަގޫ ލަފްޒެއް ނޫނެވެ. މިއާ ބެހޭ ގޮތުން ވާހަކަދެއްކި މީހަކު ވާހަކަދެއްކުމުގެ ކުރީން މި ކަންކަން އޮޅުންފިލުވައިލި ނަމަ، އޭނާގެ ވާހަކަ ބިނާވެފައި އޮންނާނީ އެނގުމުގެ މައްޗަށެވެ. އޭރުން، އަމިއްލަ އެދުމާއި ޖަޒުބާތުގައި ޖެހިގެން، ވަކި ފޮތެއް ގޯސްކުރާން އުޅޭކަމުގެ ތުހުމަތު، އޭނާގެ މައްޗަށް ކުރުމުގެ މަގުފަހިވެގެން ނުދިޔައީހެވެ.

13. ތައުލިމު ދިނުމަކީ ހެޔޮ އެއްޗިއްސަށް އެދޭނޭ އެދުން އަހަރުމެންގެ ކުދިންނަށް ދަސްކޮށް ދިނުމެވެ.

އާދޭހެވެ! ތައުލީމެއް ދިނުމާއި، ހޯދުމުގެ ބޭނުމަކީ ހަމައެކަނި އިލްމާއި މައުލޫމާތު ލިބިގަތުމެއް ނޫނެވެ. އޭގެ އިތުރަށް، އިލްމު އުފައްދަނީ ކިހިނެއްކަން ދަސްކުރުމާއި އަޚުލާގީ އަގުތަކެއް ވެސް، ތައުލީމީ ނިޒާމުގެ ތެރެއިން ލިބިގަންނަން ޖެހެއެވެ. ތައުލީމީ ނިޒާމު ބިނާވެފައި އޮންނަން ޖެހޭނީ މިކަންކަން ހާސިލުކުރުމުގެ މައްޗަށެވެ. ތައުލީމީ ނިޒާމުގެ އަމާޒުފަތްގަނޑަކަށް ވާންޖެހެނީ މިކަންކަމާ ހަމައަށް ދަރިވަރުން ގެންދިޔުމެވެ. މި ގޮތަށް ކަންތައް ކުރެވިއްޖެ ނަމަ، ތައުލީމީ ނިޒާމުގެ ތެރެއިން ދަސްވެނިވެގެން ނިކުންނަ ކުދިންނަށް 'ހެޔޮ އެއްޗިއްސައް އެދުން'، ބިނާކުރުވަނިވި ކަންކަން ކުރުން، ދަސްވެފައި އޮންނާނެއެވެ.

14. ކަލެއާ މެދު، ނުބައި ވާހަކަތައް މީހަކު ދައްކާ ނަމަ، މީސްތަކުން، އެކަން ގަބޫލު ނުކުރާނޭ ފަދަ ގޮތަކަށް، ކަލޭގެ އަމަލުތައް ބަހައްޓާށެވެ.

އާދޭހެވެ! ކަލޭގެ އަމަލުތަކުން އެއީ ބުހުތާނު ދޮގުކަން ސާބިތުކޮށްދޭށެވެ!

15. ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ މީހުންނާ މެދު އަހަރުމެން ދެކެނީ ވާހަކަ ދައްކައި، [ނުވަތަ ފައިސާ ދީގެން ވޯޓު ގަންނަ] މީހުންނަށް ތަނެއް ހިންގުމުގެ ކުޅަދާނަކަން ލިބިގެންވާނޭ ކަމެވެ. އަހަރުމެން ބަލިވުމުން، އަހަރުމެން ހޯދަނީ އެންމެ ރީތި އެންމެ ނަލަކޮށް ހެދުން އަޅައިފައި ހުންނަ ބޭސްވެރިޔާ ހެއްޔެވެ؟ ނޫނީ އެންމެ ބަލާޣާތްތެރި، މޮޅަށް ވާހަކަދައްކާ މީހާ ހެއްޔެވެ؟

އާދޭހެވެ! އެފަދަ ގޮތަކަށް އަހަރުމެން ކަންތަކެއް ނުކުރަމުއެވެ. ބަލިވީމާ، އަހަރުމެން ހޯދަނީ އެންމެ ރަނގަޅު، އެންމެ ކުޅަދާނަ ޑަކުޓަރެވެ. ހަމަ އެފަދައިން، ސިޔާސީ މަގާމުތަކަށް ވޯޓު ދިނުމުގައި، މުޅި އުމުރު ބޯޅަކުޅެ ނޫނީ މަސްތުވާ ތަކެތީގެ އަވައިގައި، ނޫނީ ފިލްމުކުޅެން އުޅޭ، އެމީހުންގެ ކިބައިގައި، ކަމުގެ ގާބިލުކަން ނެތް މީހުން ހޮވާން ހެޔޮ ނުވާނެއެވެ. މި ކަމުގެ މަސްއޫލިއްޔަތު ހެޔޮ ގޮތުގައި އަޅުގަނޑުމެން އުފުލާން ޖެހެއެވެ. ސަބަބަކީ މުޅި ޖަމާއަތުގެ ކުރިއެރުން، އެ މަސްއޫލިއްޔަތު ހެޔޮ ގޮތުގައި އުފުލުމާ ގުޅިފައި އޮންނާތީއެވެ.

16. ހައްގާއި ހަގީގަތަށް ކުރާ އިހުތިރާމާއި ގަދަރަށް ވުރެ ބޮޑަށް އެއްވެސް މީހަކަށް އިހުތިރާމާއި ގަދަރު ނުކުރާށެވެ! އާދެ، މުހިއްމުވާން ޖެހޭނީ މީހާއެއް ނޫނެވެ. މީހާ ބުނާ އެއްޗެއްގެ ތެދުތޯއާއި ދޮގުތޯއެވެ.

އާދޭހެވެ! މުހިންމީ މީހާ އެއް ނޫނެވެ. މުހިންމީ މީހާގެ ޚިޔާލާއި ފިކުރެވެ. އޭނާ ދައްކާ ވާހަކައެވެ. އޭނާގެ ފިކުރާއި ޚިޔާލާއި ވާހަކައިގައި އޮއްޓަރެއް ހުރެއްޖެ ނަމަ، ނަޒަރު ހުއްޓެން ޖެހޭނީ އެ ދިމާއަށެވެ. އެ ކަންކަމުގައި އެއްވެސް އޮއްޓަރެއް ނެތް ނަމަ، މީހާއަށް ބަލައި، ދައްކާ ވާހަކަ މުހިންމު ވެގެން ނުވާނެއެވެ. ރަނގަޅު ވާހަކަ ވާންޖެހޭނީ ރަނގަޅު ވާހަކައަށެވެ. އެ ވާހަކަ ނިކުތް ދުލެއްގެ މައްޗަކަށް ނުބަލައެވެ. ހަމަ އެހެންމެ، ތާކުންތާކު ނުޖެހޭ ވާހަކަ ވާނީ ތާކުންތާކު ނުޖެހޭ ވާހަކައަކަށެވެ. އެ ނިކުތް ދުލަކަށް ނުބަލައެވެ. މި ވާހަކަ އަޅުގަނޑުމެންގެ ޅެންވެރިޔަކުކަމުގައިވާ ގުލަދަމްގޭ މަރުހޫމު އަބްދުއް ރަޝީދު ނިޒާރު ވިދާޅުވެފައި އޮވެއެވެ.

މީނުބައި ރޯގާއެކޭ މުޅި ދީބުގައި އޮތް ފެތުރިފައި

    ހީނުވާ ފަދަ ޒަޚަމްތައް  އޭގެ ސަބަބުން  އުފެދިފައި

ފެތުރެމުން ވާރުތަވަމުންދާ އެހެނިހެން ބަލިތައް ފަދައިން

    މެތުރުމުން ވެސް ނެތި ލުޔެއް މިވަނީ ދަވާއެއް ނުލިބިފައި

އިހުތިރާމާ ގަދަރު ދެވުމޭ ހަމައެކަނި މޫނަށް ބަލައި

    ސިހުނަކަސް ބުނުމުން މިހެން، މީ އޮތްގޮތޭ ކަންތައްވެފައި

ރީތި ނަމުގައި ފާޅުވާނީ ހޮވުނު ވަކި ވަކި ނަންތަކޭ

    ރީތި އަމަލުން ފުރުނު ނަމަވެސް ދެވަނަބައިވީ ފަނޑުވެފައި

ކުރެވިދާ ފަދަ ކަންތައް މޮޅަސް، އޭގެ ފައިދާ މާ ބޮޑަސް    

    ހުރުމަތެއް ނޯވޭ އެ ކަމަކަށް ހިތްތަކެއްގައި  އުފެދިފައި

ލާބަޔާ މަންފާ ދެނިވި ބަސްތައް އަބަދު އިއްވިޔަސް

    ސާބަހެއް  ނުލިބޭނެޔޭ  އޭނާ ވުމުން  އެކަހެރި ވެފައި

މިޅެން ބައިތުން ދޭހަވާ މާނައިގެ ތެދުކަން ފެންނަ ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. މައުޟޫއިން ކުޑަކޮށް ދުރަށް ދެވޭތީ މާފަށް އެދެމުންނެވެ. ރާއްޖޭގައި މިހާ ތަނަށް ލިޔެވުނު، ކީރިތި ގުރުއާނުގެ އެންމެ ތަފުސީލު ތަރުޖަމާއާއި ތަފުސީރަކީ މަރްހޫމު މަލިންގޭ ހުސެންދީދީ ލިޔުއްވި ކީރިތި ގުރުއާނުގެ ތަރުޖަމާ އާއި ތަފުސީރެވެ. އާދައިގެ ފޮތެއްގެ ސައިޒުގެ ސަތާރަ ޖިލްދުގެ މައްޗަށް އެކުލެވޭ ތަރުޖަމާއަކާ ތަފުސީރެކެވެ. މި ފޮތް އޭނާ ލިޔުއްވައި ޝާއިއު ކުރެއްވީ 1957ގައެވެ. ނަމަވެސް، މިއީ އޮތް ފޮތެއްކަން ވެސް އެނގި، ދިވެހިންގެ ތެރޭގައި މި ފޮތް އާންމުވީ 2000ގެ އަހަރު ތަކުގެ ތެރޭގައި މި ފޮތް ނޮވެލްޓީއިން ޗާޕުކޮށްގެން ނެރުމުންނެވެ. އާދެ، ޅެން ބައިތުގައި ބުނެފައި އޮތް ފަދައިން 'އިހުތިރާމާއި ގަދަރު މޫނަށް ބަލައި' ދެވުމުގެ ނަތީޖާއެކެވެ. 'ލާބަޔާ މަންފާކުރުވަނިވި ބަސްތައް އަބަދު އިއްވިޔަސް، މީހާއަކި އެކަހެރިކޮށްލެވި، އާދައިގެ މީހަކަށް ހަދައިލެވިފައި ވުމުން، އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް އޭނާއަށް ކުޑަ ޝުކުރެއް ވެސް އަދާކުރާނޭ މީހަކު ނެތީއެވެ! އެހެންވެ، މަލިންގޭ މަރުހޫމު ހުސެންދީދީގެ ތަރުޖަމާއާއި ތަފުސީރުގެ މަސައްކަތަކީ ކިތަންމެ އަގުހުރި މަސައްކަތަކަށްވި ކަމުގައި ވިޔަސް، އަދި އެބާވަތުގެ އެންމެ ފުރަތަމަ މަސައްކަތް ކަމުގައި ވިޔަސް، ރާއްޖޭގެ އެއްވެސް ސަރުކާރަކުން އެ ކަން ފާހަގަކޮށް، އަޅުގަނޑުގެ ނަޒަރުގައި އޭނާއަށް ހައްގު، އެއްވެސް ގައުމީ އިނާމެއް ނުދެވެއެވެ. މާތްﷲ މަލިން ހުސެންދީދީގެ ފާފަފުއްސަވައި، އޭނާގެ މި ހެޔޮ އަމަލަށް، އެންމެ ފުރިހަމަ ގޮތުގައި، ހެޔޮ ޖަޒާދެއްވައި އޭނާގެ އާޚިރަތް ބާއްޖަވެރިކުރައްވާށިއެވެ! ތިޔަ އެންމެ ބޭފުޅުން ވެސް އޭނާއަށް ހެޔޮ ދުއާކުރެއްވުން އެދެމެވެ.

17. މަސައްކަތެއްގެ އެންމެ މުހިއްމު ބަޔަކީ ފެށުމެވެ.

މަސައްކަތެއް ކުރިއަށް ދާނީ ފެށުނީމާ ނޫންހެއްޔެވެ؟

ވަރަށް ވެސް އިބުރަތްތެރި ވާހަކަ ކޮޅެކެވެ. މި ވާހަކައިގެ މުރާދަކީ، ގަސްދަކީ، ކޮބައި ހެއްޔެވެ؟ މިސާލެއް ލިޔެލާނަމެވެ. ދޭތެރޭދޭތެރެއިން، މިހާރު އިވޭ އަޑެކެވެ. މަސްއޫލު ވެރިންގެ ފަރާތުންނެވެ. 'މިވެނި ކަމެއް، އެވެނި ކަމެއް، ކުރާން ޖެހޭ ކަމެވެ! މިވެނި ކަހަލަ ސިފަތަކެއް ތިބި ކުދި ބަޔަކު އުފައްދާން ޖެހޭކަމެވެ!' އިސް މަގާމުތަކުގައި، ކަންކަންކުރުމުގެ ޒިންމާ އެ މީހުންގެ ކޮނޑުގައި އަޅައިގެން ތިބޭ މަސްއޫލުވެރިން މި ފަދައިން ބުނެ ނިންމައިލައިގެން ފަރަކު ނުޖެއްސޭނެއެވެ. ސަބަބަކީ، އެ މީހުންގެ މަސްއޫލިއްޔަތަކީ އުނިކަންކަން ހަމައެކަނި ފާހަގަކޮށްދިނުމެއް ނޫނެވެ! ކަންކަމުގެ ހުންނަ އުނިކަން ކޮންމެ މީހަކަށް ވެސް ފާހަގަކޮށްދެވިދާނެއެވެ. އެ ފަދަ މަސްއޫލުވެރީން އެ ތިބީ އުނިކަންކަން ފާހަގަކުރުމުގެ އިތުރަށް ކަންކަމުގެ އުނިކަން ފޫބައްދައި އެ ކަންކަމަށް ހައްލު ހޯދައިދޭން ޖެހޭކަމުގެ ޒިންމާ ނަގައިންގެން ތިބޭ މަގާމެއްގައެވެ. އެ ފަދަ ވެރީންގެ މަސްއޫލިއްޔަތު އަދާކުރެވުނު ކަމަށްވާނީ ކަންކަމުގެ ހައްލު ހޯދައިދެވިގެންނެވެ. މި ކަން ކުރެވޭނީ، މަތީގައިވާ އިބާރާތުގައި ބުނެފައި އޮތް ފަދައިން، އެ ކަމުގެ އަމަލީ މަސައްކަތް ފެށިގެންނެވެ.

18. ކަމަކަށް ބޭނުން ޖެހުމަކީ އެކަމެއް އުފަންކުރުވާ އެ ކަމުގެ މަންމައެވެ.

މި ކަމުން، އަބަދުވެސް، އަޅުގަނޑުމެން އިބުރަތް ލިބިގަންނާން ޖެހެއެވެ. އަބަދުހެން، އެހާރާއި އަދި މިހާރު ވެސް، އިވޭ ވާހަކައެއް އޮވެއެވެ. މިވެނި ކަމެއް ކުރާނޭ އަހުލުވެރި، ހުނަރުވެރި، ބަޔަކު ނެތް ވާހަކައެވެ. މިސާލަކަށް، ކިޔަވައި ދޭނޭ މީހުން ނެތް ވާހަކައެވެ. އިސްކޫލުތަކުގެ ނާޒިރުކަން ކުރާނޭ މީހުން ނުލިބޭ ވާހަކައެވެ. މިއީ، ޝައްކެއް ނެތް ގޮތުގައި، ހަގީގަތެކެވެ. އިސްކޫލުތަކަށް ބަލައިލުމުން، އުޑު މަތި ސާފު ދުވަހެއްގެ މެންދުރުގެ އިރު ފަދައިން، މި ކަން ފެންނާން އޮވެއެވެ. ނަމަވެސް، މިހެން ބުނެ، މި ކަން ފާހަގަކުރަމަކުން، މި މައްސަލައަށް ހައްލެއް ނުލިބެއެވެ. މި ކަން ފާހަގަކުރުމުން އެނގެނީ ބޭނުމެއް ޖެހިފައި އޮތް ކަމެވެ. އެ ބޭނުން ފުއްދާނޭ 'ދަރިއަކު' އުފަންކުރާން ޖެހޭ ވަގުތު ކުރިމަތިވެފައި ކަމެވެ. ދެން، ދުރަށް ވިސްނައިގެން، މުދައްރިސުންނާއި ނާޒިރުން ތަމްރީނުކޮށް، އެމީހުން މަސައްކަތަށް ނެރެވޭނޭ ފަދަ މާހައުލެއް އުފައްދާން ޖެހެއެވެ. އަމީން ދީދީގެ މައްސަލަ ފަދަ މުވާލާތް ކެނޑިފައި އޮތް ތާރީޚީ މައްސަލަތައް ތަހުގީގުކުރުމުގައި މީހުންގެ ހަކަތައާއި ފައިސާއީ ވަގުތު ބޭކާރުނުކޮށް، މި ދެންނެވި ފަދަ ކަންކަމަށް، އެ ވަގުތާއި ފައިސާއި އަދި ހަކަތަ ހޭދަންކުރާން ޖެހެއެވެ. މަރުހޫމު އަމީން ދީދީގެ މައްސަލަތައް ފަދަ ކަންކަން މިހާރު ތަހުގީގުކުރާނީ މަރު ކޮމިޝަން ފަދަ ކޮމިޝަންތައް ހަދައިގެންނެއް ނޫނެވެ. އެ ކަމުގެ މުވާލާތް ކެނޑިފައި އޮތީމައެވެ. އެ ކަމާ ގުޅޭ މީހުން ދުނިޔޭގައި ނެތީމައެވެ. އެކަން ތަހުގީގު ކުރަންޏާ، އަމީން ދީދީ މަސްއޫލުވާން ޖެހޭ، އެހެން ކަމެއް ވެސް ތަހުގީގު ކުރާން މަޖުބޫރެވެ. ސީދާ އޭނާ ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ އެތައް ބަޔެއް މަރުވެ ދިޔަ މައްސަލައެވެ. އެ ކަން ވެސް ތަހުގީގުކޮށް، އެ ކަމާ މަސްއޫލުވާން ޖެހޭ މީހުން، މަސްއޫލުކުރުވާނީ މިއަދު ކިހިނެއްހެއްޔެވެ؟ އެ ކަމާ ބެހޭ ގޮތުން މަސްއޫލުކުރުވާން ޖެހޭ އެކަކު ވެސް ދުނިޔޭގައި މިއަދު ނެތީމައެވެ. އެހެންވީމާ، ކޮމިޝަން ހަދައިގެން، މި ފަދަ ތަހުގީގުތައް ކުރުމަކީ ބޭކާރު ގޮތުގައި ފައިސާއާއި ވަގުތާއި މީހުންގެ ހަކަތަ ހޭދަވާނޭ ކަމަކެވެ. މި ފަދަ ކަންކަން މިހާރު ކުރާން ޖެހޭނީ ތާރީޚު ދިރާސާކުރާ މުއައްރިޚުންނެވެ. މި ކަން، ބައެއް ލިޔުންތަކުން، ކޮންމެ ވެސް ވަރަކަށް ތަހުގީގުކުރެވިފައިވާ ތަން ފެނެއެވެ. ޝައްކެއް ނެތް ގޮތުގައި މިއީ އިތުރަށް ދިރާސާކުރާން ޖެހޭ މައްސަލައެކެވެ. އެފަދަ ހާދިސާތަކުން އިބުރަތް ލިބިގަނެ އެ ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައެވެ.

19. އެންމެ ބޮޑު މުއްސަނދިކަމަކީ މަދު އެތިކޮޅަކުން ފުއްދާލައިގެން އުޅެން ދަސްކުރުމެވެ.

މީގެ މާނައަކީ ފަހަރެއްގައި ވެސް، ތިމާގެ ދިރިއުޅުމުގެ ކަންކަން އިސްލާހުކޮށް ކުރިއަރުވާން މަސައްކަތްކުރުން ނެތް ވާހަކައެއް ނޫނެވެ. އަދި، ދުނިޔަވީ ލުއި ފަސޭހަތައް ލިބިގަތުމަށް ހެޔޮ ގޮތުގައި މަސައްކަތްކުރުން ނެތް ވާހަކައެއް ވެސްނުމެ ނޫންމެެއެވެ. ނަމަވެސް، މި ވާހަކައިގެ މުރާދަކީ، ގަސްދުކުރެވޭ މާނައަކީ، އަބަދުވެސް، ތިމާގެ އަމިއްލަ މަސައްކަތުން ލިބޭ އެއްޗެއްގެ މައްޗަށް ތިމާގެ ދިރިއުޅުން ބިނާކޮށްގެން އުޅުމެވެ. އެ ގޮތަކަށް ކަންތައް ކުރެވިއްޖެ ނަމަ، އަނެކުންގެ އަތުގައި އޮންނަ އެތި ފެނި، ބޭނުންވެ، އެ އެއްޗަކަށް ހިތެއް ނުކިޔާނެއެވެ. އޭރުން، ތިމާގެ މިނިވަންކަމާއި ނަފުސުގެ އިއްޒަތް އޮންނާނީ ރައްކާކުރެވިފައެވެ.

މި އިބާރާތުގެ މުރާދު ހިކުމަތުގެ ދިވެހި އަދީބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ދިވެހި ތައުލީމު ފެތުރުމުގެ އެއް ބާނީކަމުގައިވާ މަރްހޫމު ސަލާހުއްދީނު ވަރަށް ވެސް ސާފުކޮށް ހަމަ އެހާމެ ސާދާ ގޮތެއްގައި އިބާރަތްކުރައްވައިފައި އޮވެއެވެ.

ލަދެއް ނެތި އަތް ދިމާކުރުމީ، ތިމާގެ އެދުންތަކާ މެދުގައި

       ހިނގާ ގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ

ލިބޭ މިންވަރު ނިކަން ދެނެގެން، ވި ބޭނުންތައް ބަހާލައިގެން

       ތިބޭ ނަމައީ ފިކުރު ކޮށްގެން، މި ބޭޒާރެއް ނުވެސް ވާނޭ

20. އެންމެ މަތިވެރިވެގެންވާ ފަތަހައަކީ ތިމާގެ އަމިއްލަ ނަފްސު ފަތަހަކުރުމެވެ.

އާދޭހެވެ! ތިމާގެ އަމިއްލަ ނަފުސު ތިމާގެ ބާރުގެ ދަށަސް ގެނެސް، ހިފެހެއްޓުމެވެ. މި އިބާރާތުން ދޭހަވާ މާނަ، ނަބަވީ އިރުޝާދެއްގައި، އެހެން ގޮތަކަށް, އިބާރާތް ކުރެވިފައި އޮވެއެވެ. ليس الشديد بالصرعة، إنما الشديد الذي يملك نفسه عند الغضب. މާނައަކީ: ގަދަފަދަ މީހާ ކަނޑައަޅާލެވެނީ، (އޭނާގެ ޚަޞްމާއި ހިފައި، އޭނާގެ ޚަޞމު ބިންމައްޗަށް) ވައްޓައި އެއްލާލުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް، ގަދަފަދަ މީހަކީ، އޭނާ ރުޅި އަންނަ ވަގުތުގައި، އޭނާގެ އަމިއްލަ ނަފްސު ކޮންޓުރޯލުކޮށް، ހިފަހައްޓާ މީހާއެވެ.

މީގެ އިތުރަށް، ހަވާ ނަފުސުގެ އަޅަކަށް ވުމުން، މީހާ މިނިވަންކުރުން ވެސް، ނަފުސު ކޮންޓުރޯލުކޮށް ހިފެހެއްޓުމުގެ ތެރޭގައި ހިމެނެއެވެ. ހަވާ ނަފްސުގެ އަޅަކަން ވުން އިޝާރަތްކުރަނީ، ތިމާގެ އެދުންތަކުގެ އަވައިގައި ޖެހި، އަޚުލާގީ އަދި ގާނޫނީ އިމުތަކުގެ ތެރެއިން ބޭރުވެ، ތިމާގެ އެދުންތައް ފުއްދުމަށެވެ.

_______________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް