Advertisement

ޞުލްޙައިގެ ވާހަކަތައް ޔަހޫދީން ހުއްޓައިލީ ޙަމާސުން ވަޢުދާ ޚިލާފުވެއްޖެކަމުގެ ބަހަނާގައެވެ. ނަމަވެސް ވައުދާ ޚިލާފުވީ ޔަހޫދީންނެވެ.

03 Dec 2023 | 20:12
ޔަހޫދީ ޙަމަލާތަކުން ޝަހީދުވެފައި ތިބި ބައެއް ފަލަސްޠީނީން: މި ވޭތުވާ 24 ގަޑި އިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ޙަމަލާތަކުން 700 ފަލަސްތީނީއަކު ޝަހީދުކޮށްލައިފިއެވެ.

އިންސާފާއި ޢަދުލަކީ އެމެރިކާއާއި ހުޅަނގަށް މަންފާ ލިބޭ ކޮންމެ ކަމެއްހެއްޔެވެ؟ އިސްރާއީލުން ފަލަސްތީނަށް ޖެއްސުންކޮށް، މަޢުޞޫމު މީހުން ޝަހީދުކޮށް، ގެދޮރު ސުންނާފަތިކުރަމުން ގެންދާތާ 70 އެތައް އަހަރެއް ވީއެވެ. މިއީ އާންމު ކަމަކަށްވުމާ އެކު ފަހުންފަހުން އައިސް އެ ވާހަކަތައް ޚަބަރަކަށް ވެސް ނުވެއެވެ. "ދުނިޔޭގައި ޞުލްޙަ ގާއިމުކުރާން" އުޅޭ ފަރާތްތަކުންނާއި ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން ބުނެލާ ވާހަކައަކީ "އިސްރާއީލަށް އެބައިމީހުންގެ ނަފުސު ދިފާޢުކުރުމުގެ ހައްގު އޮންނާނެ"ކަުގެ ވާހަކައެވެ. މިއީ ހަގީގަތުގައި އިސްރާއީލަށް އެ މީހުންގެ އަނިޔާވެރި ޢުދުވާނު ހިންގައި، ފަލަސްތީނުގެ ބިން ހިފާން ދޭ ލައިސަންސެކެވެ. އެހެނީ ފަލަސްތީނުގެ ބިމަށް އަރައި، އެ ބިމުގައި ދައުލަތެއް ހެދީ ދުނިޔޭގެ އެތަންމިތާނގައި ވިއްސިވިހާލިވެގެން އުޅުނު ޔަހޫނީންނެވެ. އެހެންކަމުން ދިފާޢުކުރުމުގެ ހައްގު އޮންނާން ޖެހޭނީ ހަގީގަތުގައި ފަލަސްތީނަށެވެ. ބިމުގެ ވެރީންނަށެވެ. ނަމަވެސް ފަލަސްތީނު ކުޑަކުއްޖަކު ގާބުރިއެއް އެއްލިޔަސް އެއީ ނިރުބަވެރި ހަމާލާއެއްކަމަށް ދުނިޔޭގެ މީޑިއާއިން ޚަބަރު ފަތުރައެވެ. ފަލަސްތީނަށް ބޮންއަޅައި އެތައް ހާސް ބަޔަކު ޝަހީދުކޮށް ގެދޮރު ސުންނާފަތިކޮށް ގަދަކަމުން ރައްޔިތުން ބޭރުކޮށް ފަލަސްތީނުގެ ބިން ފޭރުމަކީ ނަފުސު ދިފާޢުކުރުމުގެ ޢަމަލެއްކަމަށް އެ މީޑިއާއިން ސިފަކުރެއެވެ. މި ކަން ތަކުރާރުވުމުން މީހުން އެ ވާހަކަތައް ޚަބަރަކަށް ނުވެ ދިޔައީއެވެ.

ހުސްވި އޮކްޓޫބަރު ހަތްވަނަ ދުވަހު ފަލަސްތީނުގެ މުޖާހިދުންގެ ޖަމާޢަތެއްކަމަށްވާ ޙަމާސުން "ޚަބަރަކަށް ވާ ވަރުގެ" ރައްދު ޙަމަލާއެއް އިސްރާއީލަށް ދީ، އެއްކަލަ މީޑިއާގެ ފަލަ ސުރުޚީއިން ޖާގަ ހޯދިއެވެ. އަމިއްލައަށް އުފެއްސި މިސައިލުތަކުން ހަމަލާދީ އެތައް ގެއްލުންތަކެއް އިސްރާއީލަށް ދިނެވެ. އަދި ވައިކުޑައިގައި އިސްރާއީލަށް ވަދެގަނެ އެތައް ބަޔަކު އަސީރުކުރިއެވެ. ހަތިޔާރާއި ޖާސޫސުކުރުމުގެ މައިދާނުގައި އެންމެ ބާރުގަދަކަމަށް ދައުވާކުރި ޔަހޫދީން މި ޙަމަލާގެ ސަބަބުން ލަދުގަތެވެ. އެހެންވެ، ހަނގުރާމަ އިޢުލާނުކުރީކަމަށް ބުނެ ފަލަސްޠީނުގެ މަދަނީންނަށް މަތީންނާއި ކަނޑުމަގުންނާއި ބިމުން ހަމަލާދީ މުޅި ޣައްޒާ ސުންނާފަތިކޮށްލިއެވެ. 80 އިންސައްތަ ބިނާރު މުޅީން ހަލާކުކޮށްލިއެވެ.

އިސްރާއީލުން އަތުލައިގަތް މީހުން މިނިވަންކޮށްދޭން އެދި ޔަހޫދީ ސަރުކާރަށް އެ މީހުންގެ ޢާއިލާތަކުންނާއި މުޅި ޢާންމު ރައްޔިތުން ފިއްތުންތައްކުރިމަތިކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޤަޠަރު މެދުވެރިކޮށް ހަމާސާއި އިސްރާއީލުން ވަގުތީ ގޮތުން ހަމަލާތައް ހުއްޓައިލައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމުކުރިއެވެ.

މި އެއްބަސްވުމުގެ ދަށުން ހުސްވި ނޮވެންބަރު 24 ވީ ހުކުރުދުވަހު ޣައްޒާ ގަޑީން ހެނދުނު 7:00 ގައި ޙަމަލާދިނުން ހުއްޓައިލިއެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީންގެ ތެރެއިން 150 އަސީރުން އިސްރާއީލު ސަރުކާރުން ދޫކޮށްލާން ޖެހެއެވެ. ދޫކޮށްލާން ޖެހޭ މީހުންގެ ލިސްޓް ދޭނީ ޙަމާސުންނެވެ. އޭގެ ބަދަލުގައި ޙަމާސުން އޮކްޓޫބަރު ހަތެއްގައި ހިފަހައްޓައިފައި ތިބި އަސީރުންގެ ތެރެއިން 50 އަސީރުން ޙަމާސުން ދޫކޮށްލާންޖެހެއެވެ. މީގެ އިތުރަށް ޣައްޒާއަށް ބޭނުންވާ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ޓަކައި ބޯޑަރު ހުޅުވައިލާން ޖެހެއެވެ.

ޣައްޒާ: ޔަހޫދީން އަލުން ޙަމަލާދޭން ވަނީ ފަށައިފައެވެ.<br>

މި އެއްބަސްވުމުގެ ދަށުން އެ ދުވަހު 24 އަސީރަކު ހަމާސުން ދޫކޮށްލިއެވެ. މީގެ ތެރޭގައި ހިމެނެނީ 13 ޔަހޫދީއަކާއި ތައިލެންޑްގެ 10 ރައްޔިތަކާއި ފިލިޕީންގެ އެއް ރައްޔިތެކެވެ. މީގެ ބަދަލުގައި ފަލަސްތީނުގެ 39 އަސީރަކު އިސްރާއީލުން ދޫކޮށްލިއެވެ. އެއީ 24 އަންހެނުންނާއި 15 ކުޑަކުދީންނެވެ.

ނަމަވެސް ޢަހުދަށް ވަފާތެރިނުވުމުގެ ތާއީޚެއް އޮތް ޔަހޫދީން މި އެއްބަސްވުމަށް ވެސް އިޙުތިރާމެއް ނުކުރިއެވެ. ޣައްޒާއަށް އިންސާނީ އެހީ ވައްދާން އެކި ފާޑުގެ ހުރަސްތައް އަޅަމުން ގެންދިޔައެވެ. އެހެންކަމުން ޙަމާސުން ބުނަމުން ގެންދިޔައީ އެ އެއްބަސްވުމަށް ޔަހޫދީން ފުރިހަމައަށް އިޙުތިރާމްނުކުރާ ނަމަ، އިތުރު އަސީރުން ދޫނުކުރާނެކަމަށެވެ. މި ދެބަސްވުމުގައި ތިއްބައި، ހަފުތާއެއްހައި ދުވަހަށް ހަމަލާދިނުން މެދުކަނޑައިލައިފައި އޮތް އޮތުމަށް ފަހު، އިހުނަށް ވުރެ ވަރުގަދައަށް ވައިގެ ހަމަލާތައް ޣައްޒާއަށް ދޭން އިސްރާއީލުން ފެށިއެވެ.

މި ވޭތުވެގެންދާ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ އިތުރު 700 މީހުން އިސްރާއީލުގެ ޢުދުވާނުގައި ޝަހީދުކޮށްލައިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެ ބުނާ "ސުލްހަ"އިގެ އެއްބަސްވުން އޮތީ ނިމިފައެވެ. ޙަމާސުން ބުނެފައިވަނީ ޣައްޒާގައި ގަތުލުއާންމު ހިންގައި ރައްޔިތުން ކަތިލަމުން ގެންދާހާ ހިނދަކު އެއްވެސް އަސީރަކު ދެން އިތުރަކަށް ދުލެއް ނުކުރާނެކަމަށެވެ.

އިސްރާއީލުގެ ފަރާތުން މި މައްސަލައިގައި ވާހަކަދައްކާން ގަޠަރަށް ގޮސް ތިބި ޔަހޫދީ ޖާސޫސީ އިދާރާ (މޮސާދު)ގެ ވަފުދު ވެސް މިހާރު ވަނީ އެނބުރި އިސްރާއީލަށް ގޮސްފައެވެ. ޔަހޫދީ ސަރުކާރުން އަންގައިގެން ވާހަކަތައް ހުއްޓައިލައިފައި ފުރައިގެން ދިޔައީއެވެ. ޙަމާސުން ވައުދާ ޚިލާފުވެއްޖެ ކަމުގެ ބަހަނާގައި އެ މީހުން ވައުދާ ޚިލާފުވަމުންނެވެ. ހަގީގަތުގައި ވަޢުދާ ޚިލާފުވީ ޔަޫދީންނެވެ. އިންސާނީ އެހީ ޣައްޒާއަށް ވައްދާން ހުރަސްއެޅީ އެބައިމީހުންނެވެ.

މި ދިޔަ އޮކްޓޫބަރު މަހު އިސްރާއީލާއި ޙަމާސާ ދެމެދު ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 15،207 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލުން ޖުމުލަ މަރުވެފައިވަނީ އެންމެ 1200 މީހުންކަމަށް އިސްރާއީލުން ބުނެއެވެ.

މި ހަމަނުޖެހުމުގެ ޙާލަތު އޮތް ގޮތުން ދެން ކުރިއަށް އޮތް ތާނގައި ކަންކަން ވާނެ ގޮތެއް ނޭނގެއެވެ. އިރާދަކުރެއްވިއްޔާ ކުރިމަގުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ވެސް ފަރަގު ޓީމުން ގެނެސްދޭނެއެވެ.

Advertisement

ކޮމެންޓް