Advertisement

ނަގޫބުރި ހިޔަޅު

01 Dec 2023 | 20:06
ނަގޫބުރި ހިޔަޅު (ފައިލް ފޮޓޯ)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ޖަންގަލީ ތެރޭގައި ޝިކާރައަށް ނިކުމެ އުޅުނު ހިޔަޅެއް ދައްޗެއްގައި ޖެހުނެވެ. ދެން، ހިޔަޅު، ވަރަށް ގަދައަށް މަސައްކަތްކޮށްގެން، ދަތީން ވީއްލި ސަލާމަތްވިއެވެ. ނަމަވެސް، ހިޔަޅުގެ ނިގޫ ގުރުބާންކޮށްލާން ޖެހުނެވެ. ދަތީގައި ނިގޫ ތާށިވެފައި އޮތްލެއް ބާރުކަމުން، ދަތީން ވީއްލޭން މަސައްކަތްކުރުމުގެ ތެރޭގައި ނިގޫ ބުރިވީއެވެ.

ހިޔަޅުގެ ނިގޫ ބުރިވެ، ގެއްލުމުން، ހިޔަޅުގެ ކުޑަކަން ހިޔަޅަށް އިހުސާސުވެ ދެރަވެ، ލަދުވެސް ގަތެވެ. އެހެން ހިޔަޅުތައް އޭނާގެ ނިގޫ ނެތްކަމުގެ ވާހަކަދައްކައި އޭނާއަށް ހަނޫ ކިޔައި މަލާމަތްކޮށް ވެސް ހަދާނެތީއެވެ. ދެން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އަމިއްލައަށް މަރުވާންވީއްޔޭ ވެސް އޭތި ހިތަށް އެރިއެވެ. ނަމަވެސް، އެއީ ފިނޑި ގޮތެއްކަމުގައި ދެކި، އަދި، އެއީ ރަނގަޅު ނޫން ގޮތެއްކަމަށް ވެސް، ހިޔަޅު ނިންމިއެވެ. ދެން، ހިޔަޅަށް މި ދިމާވި ހިތާމަވެރި ކަންތަކުން އަރައިގަންނާނީ ކިހިނެއްކަމާ މެދު ވިސްނައި ފިކުރުހިންގިއެވެ.

ހިޔަޅުގެ ނިގުލުގެ މައްސަލަ ހައްލުކުރާނޭ ގޮތުގެ މައްޗަށް ފިކުރުކުރަމުން ދަނިކޮށް ހިޔަޅުގެ ހިތަށް މޮޅު ޚިޔާލެއް އައެވެ. ޖަންގަލީގެ ހުރިހާ ހިޔަޅުގެ ނިގޫ ވެސް ބުރިކުރުމުގެ ޚިޔާލެވެ. ހުރިހާ ހިޔަޅެއް ވެސް އޭގެ ނިގޫ އަމިއްލައަށް ބުރިކުރާން ގޮވައިލައި އެ ވާހަކަދެއްކުމުގެ ޚިޔާލެވެ.

ދެން، ޖެހިގެން އައި ދުވަހު، ނީގޫ ނެތް ހިޔަޅު، ޖަންގަލީގެ ހުރިހާ ހިޔަޅެއް އެއްކުރިއެވެ. އަދި، ހިޔަޅުތަކާ މުޚާތަބުކޮށް ބުންޏެވެ. "އެކުވެރިންނޭވެ! ވަރަށް މުހިއްމު ކަމެއްގެ ވާހަކަ އަހަރެން ދައްކާން ޖެހިއްޖެއެވެ. އަހަރުމެންގެ ހަށިގަނޑު ރީތިކުރުމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ. އިހުގައި ކަންތައް އޮތް ގޮތަށް ދޫކޮށްލައިގެން ތިބެ، އަހަރުމެންގެ ރީތިކަން ދެމެހެއްޓޭނޭ ގޮތެއް މިހާރަކު ނެތެވެ. ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ނިޔާކުރާ ގޮތުން، އަހަރުމެންގެ ހަށިގަނޑަށް ވެސް ބަދަލު ގެނެސް، އަހަރުމެންގެ ހަށިތައް އެކާވީސްވަނަ ގަރުނުގެ ތަރައްގީއާ ރީތިކަމާ ހަމަކުރާން ޖެހެއެވެ. މި ކަމާ މެދު އަހަރެން ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށްފީމެވެ. އަދި އެ ކަމުގެ ނަތީޖާއެއްގެ ގޮތުގައި އަހަންނަށް ފެނުނީ، އަހަރުމެން އެންމެންގެ ނިގޫ ބުރިކުރުމަށެވެ. އަހަރުމެންގެ ނިގުލާ މެދު ވިސްނައިލުމުން، އެއީ މުޅިން ބޭކާރު އެއްޗެއްކަން ކަލޭމެން ވެސް ވިސްނޭނެނެއެވެ. ބައެއް ފަހަރު، މިނިވަންކަމަކީ ވެސް ބޭކާރު އެއްޗަކަށްވޭ ނޫންހެއްޔެވެ؟ އަދި، އަމިއްލަ މިނިވަންކަން، އެހެން މީހުންގެ އަތް މައްޗަށް ދޫކޮށްލުމަކީ ވެސް ބުއްދިވެރި ކަމެއް ނޫންހެއްޔެވެ؟ އަނެއް ބައި ފަހަރު، ކިޔެވުމާއި އުނގެނުމަކީ ވެސް ބޭކާރު ކަމަކަށްވޭ ނޫންހެއްޔެވެ؟ ކިޔެވުމާއި އުނގެނުމުން ލިބޭ ފަދަ ފިލާވަޅުތައް ޖަންގަލިތަކުންނާއި ދަރުމާރުކޭޓުގެ އަށިތަކުން ވެސް ލިބިދާނެ ނޫންހެއްޔެވެ؟ ދެ އަހަރުން ފާލަމެއް އެޅިދާނެކަން ކުރީން ސާބިތުވެފައި އޮތަސް، ހަތް އަހަރުން ނުވަތަ އެއަށް ވުރެ ގިނަ މުއްދަތަކަށް ފާލަމެއް އެޅުން ދިގު ކޮށްލުން ވެސް އެއީ ހަމަ ބުއްދިވެރި ގޮތެއްކަމުގައި ގަބޫލުކުރެވިދާނެ ނޫންހެއްޔެވެ؟ އެހެންވެ، އަހަންނަށް ވިސްނުނީ އަހަރުމެންގެ ނިގުލާ އަހަރުމެން ވަކިވުމަށެވެ. އަހަރުމެންގެ ނިގުލަށް މުޅިން އަލްވިދާއުކިޔުމަށެވެ! "ބައިބައި"ކިޔުމަށެވެ! އެ ނިގޫ ކިހާ ހުތުރުހެއްޔެވެ؟ އަދި، ބަރުވެފައި އުފުލައި ގެންގުޅެން ކިހާ އުނދަގޫހެއްޔެވެ؟ އަހަރުމެން ޝިކާރަކުރުމުގައި އެ ނިގޫ ހުރަސްއަޅައި ކިހާ އަވަހަކަށް އަހަރުމެން ލޮޑުކޮށްލާހެއްޔެވެ؟ މި ހުރިހާ ސަބަބަކަށް ޓަކައި އަހަންނަށް ފެންނަނީ އަހަރުމެންގެ ނިގޫ ބުރިކޮށްލައި އެކާވީސްވަނަ ގަރުނުގެ ރީތިކަމުގެ ތެރެއަށް މުޅީން އާ ސޫރައެއްގައި އަހަރުމެން ވަނުމަށެވެ!"

ދެން، ހިޔަޅުންގެ ޖަމާއަތުގެ ތެރޭގައި ނިގޫ ނެތް ހިޔަޅުގެ ވާހަކަތަކުގެ ބަހުސް ފެށުނެވެ. އަދި، ތިމާމެންގެ އަމިއްލަ އެދުމުގެ އަނދިރިކަމުގެ ތެރޭގައި އެއްޗެހީގެ ލޯތަކާއި ކަންފަތްތައް ބީރުވެފައި ތިބި ބައެއް ހިޔަޅު، ނިގޫ ނެތް ހިޔަޅުގެ ވާހަކަތަކަކީ ވެސް ހަމަ ރަނގަޅު ވާހަކަތަކެއް ކަމުގައި ދުށްޓެވެ. ނަމަވެސް، ހަށިގަނޑުން ބައެއް ބުރިކޮށްލާން ޖެހޭތީ އެ ކަމާ ކުޑަކޮށް ޖެހިލުންވެ، ބުނާނެ ވަކި އެއްޗެއް ނޭނގިފައި ތިއްބެވެ.

ހިޔަޅުތައް މިހެން ތިއްބައި، އޭގެ ތެރޭގައި އޮތް ތަންކޮޅެއް ލާނެއް ފާޑެއްގެ ހިޔަޅެއް ތެދުވެފައި، ނިގޫ ނެތް ހިޔަޅާ މުޚާތަބުކޮށްފައި ބުންޏެވެ. "މާތް މަނިކުފާނެވެ! އަޅުގަނޑުމެން މި ތިބީ ހަމަ މަނިކުފާނު ވިދާޅުވި ކޮންމެ އެއްޗެއް، އެއީ ދޮގެއް ވިޔަސް ނޫނީ ތެދެއް ވިޔަސް، އެ ކަމުގެ ހަގީގަތުގެ މައްޗަށް ކުޑަކޮށް ވެސް ބެލުމެއް ނެތި، ގަބޫލުކުރާށެވެ! ނަމަވެސް، މަނިކުފާނުގެ ނިގޫ ނެތްކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. ފެނިއްޖެއެވެ. މަނިކުފާނަށް ތިޔަ ދަތުރު ނުޖެހުނު ނަމަ، އާދެ، މަނިކުފާނުގެ ނިގޫ ބުރިނުވެ އޮތް ނަމަ، ހަމަ ތިޔަ ގޮތަށް ވާހަކަދައްކަވައި، އަޅުގަނޑުމެން އެންމެންގެ ނިގޫ ބުރިކުރައްވާން މަނިކުފާނު ގޮވައިލެއްވީމުސްތޯއެވެ؟"

ލާނެއް ހިޔަޅުގެ މި ވާހަކަ އަޑުއަހައިފައި، އެހެން ހުރިހާ ހިޔަޅަތަކަށް ވެސް ފުން ނިންޖަކުން ހޭލުވުނު ކަހަލައެވެ. ނިގޫ ނެތް ހިޔަޅުގެ ވާހަކައަކީ ހިޔަޅުގެ މަކަރުވެރި ވާހަކަތަކުގެ ތެރެއިން ވެސް އަރައި ހުރި ވާހަކައެއްކަން ފާހަގަވިއެވެ. އެހެންވެ، ތިމާމެންގެ ހަށިގަނޑުން ބައެއް ދޫކޮށްލުމަކީ ތިމާމެން ރީތި ވާނޭ ކަމެއްކަމަށް ގަބޫލެއްނުކުރެވުނެވެ. އެހެންވެ، ނިގޫ ނެތް ހިޔަޅުގެ ވާހަކަ ގަބޫލުނުކޮށް، ހިޔަޅުތަކުގެ ނިގޫ ސަލާމަތުން ބާއްވާން ނިންމިއެވެ.

އަހަރުމެންގެ ތެރޭގައި ވެސް ނިގޫ ނެތް ނޫނީ ނިގޫ ބުރިވެގެން އުޅޭ ހިޔަޅުހިޔަޅު އުޅެއެވެ. އެ ފަދަ ހިޔަޅުތައް ހިންގައިލާން ބޭނުންވި ކަންތައް ކޮންމެވެސް ވަރަކަށް ހިންގައިލެވުނުކަމުގައި ވިޔަސް، އެ ހިޔަޅުންގެ ހަގީގަތް ދެނެގަންނާން ބޭނުންވި ބަޔަކަށް އެ ކަން އެނގުމުން، އެ މީހުންގެ މަގުބޫލުކަމުގެ ފާރުގައި ބޮޑު ރެނދެއް އެޅި، އެންމެ ފަހުން އެ މީހުންގެ މަބޫލުކަމުގެ ނިގޫ ބުރިވާ ތަން ވެސް އާދެއެވެ. ދެން، އެ ކަން ފޫބައްދައި އަލުން 'ނިގޫ އެޅުވުމުގެ ގޮތުން'، ނިގޫ ބުރިވި ހިޔަޅު، ނުވަތަ ނިގުލެއް އެއް ގޮތަކަށް ވެސް ނެތް ހިޔަޅު ދެއްކާ ކަހަލަ 'މޮޅު ވާހަކަ'، - ކިޔެވުމާއި އުނގެނުމަކީ ބޭނުން ނެތްކަމެކޭ ބުނުމުގެ ވާހަކަ- އަދުލުއިންސާފު ހިންގައިލައި ހައްގުތައް ހޯދުމުގެ ނިޔަތުގައި ގަދައަށް މަސައްކަތް ކުރާނެ ވާހަކަ، ބޮޑުންގެ ތާއީދު ހޯދުމުގެ ގޮތުން ޚުޝާމަދުކުރުން، ފޫނުބެއްދޭ ކަންކަން ފޫބައްދަން އުޅުމުގެ ވާހަކަ – މި ފަދަ ވާހަކަތައް ދައްކަމުންދާ އަޑު އިވެއެވެ. ސުއާލަކީ އަހަރުމެންގެ ތެރޭގައި ނިގޫ ނެތް ނޫނީ ނިގޫ ބުރިވެގެން އުޅޭ ހިޔަޅުންގެ ނިގޫ ނެތްކަން ބުނެދޭނޭ ލާނެއް، ކެރޭ، ހިޔަޅެއް އަހަރުމެންގެ ތެރެއިން ފެނިދާނެ ބާވައެވެ! އަދި، އެ ފަދަ ހިޔަޅެއް، އަހަރުމެންގެ ތެރޭގައި އުޅޭ ނިގޫ ނެތް ނުވަތަ ނިގޫ ބުރިވި ހިޔަޅުތަކުގެ ނިގޫ ނެތްކަން އިނގިލިދިއްކޮށް ދައްކައިފި ނަމަ، އެ ތަން ފެންނާނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ!

________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް