Advertisement

އިންޑިއާގައި ހިނގާ އިމާރާތްކުރުމުގެ ބޮޑެތި ކާރިސާތަކުގެ ތެރެއިން މި އަހަރު ސުރުޚީތަކަށް އެރި ތިންވަނަ ކާރިސާ: މި ފަހަރު އެންމެން ސަލާމަތްވި.

29 Nov 2023 | 14:29
އިންޑިއާގެ ބިންގަރާސް މަގު ފެށޭ ހިސާބު: މި ތަން ތިރާވުމުގެ ސަބަބުން 41 މީހަކު އެތެރޭގައި ތާށިވި ނަމަވެސް 17 ދުވަސް ފަހުން އެންމެން ވަނީ ސަލާމަތްވެފައެވެ. (ފޮޓޯ: ސީއެންއެން)

ހިމާލިޔާ ފަރުބަދަ ކޮނެގެން ހަދަމުން ދިޔަ ބިންގަރާސް މަގެއް ތިރާވެ 41 މަސައްކަތްތެރީން ތާށިވެފައި ތިބޭތާ ފޮއިދުވަހަށް ވުރެ ގިނަ ދުވަސް ވިއެވެ. އެހެންނަމަވެސް ﷲގެ ރަޙުމަތްފުޅުން އެ އެންމެން އެ ތަނުން ސަލާމަތްވިއެވެ. އެ ފަރުބަދައިގެ އެތެރޭގައި ތާށިވެފައިވާ އެންމެން ސަލާމަތުން ނުކުތުމުން އެ މީހުންގެ ޢާއިލާތަކުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން އެ މީހުންނަށް ވަރަށް އުފަލާއެކު މަރުޙަބާކިޔެވެ. އެ ތާނގައި އެ މީހުން ތާށިވެފައި ތިބޭތާ ޖުމުލަ 17 ދުވަސް ފަހުން އެ މީހުންނަށް ސަލާމަތުން ނުކުމެވުނީ އިއްޔެ (28.11.2023 އަންގާރަ ދުވަހު)އެވެ.

ހިލައާއި ތަތް ހިލަވެލީގެ ތެރެއިން އެ މީހުން ސަލާމަތްކުރުމަށް ޓަކައި ހަފުތާއެއް ވަންދެން ކުރިއަށް ގެންދިޔަ ނުރައްކާތެރި އަދި އުނދަގޫ މަސައްކަތުގެ ކުންނާ ހަމައަށް މި ވާސިލުވެވުނީ އަންގާރަ ދުވަހުއެވެ.

މީހުން ސަލާމަތްކުރާން މަސައްކަތްކުރި ޓީމުތަކުން ރައްކާތެރި އިތުރު މަގެއް ކޮނެގެން އެ މީހުން ސަލާމަތް ކުރާން ކުރި މަސައްކަތަށް ފަންނީ މައްސަލަތަކެއް ދިމާވުމުން ގިނަ ނާކާމިޔާބީތަކެއް ކުރިމަތިވިއެވެ. ފަހުން އެ މަސައްކަތް ކުރަމުން ގެންދިޔައީ އަތުން ކޮނެގެންނެވެ. 17 ދުވަސް ވަންދެން އެ ބިންގަރާސް މަގުގައި ތާށިވެފައި ތިބި 41 ފިރިހެނުން މި ސަލާމަތްކުރެވުނީ އަތުން ކޮނެގެންނެވެ.

އެ މީހުން އެ ތަނުން ސަލާމަތްވެގެން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އުއްތަރަކަންދު އިސްޓޭޓުގެ އިސް ވަޒީރު ޕުޝްކާ ސިންގް ދާމީ މަސައްކަތްތެރީންނާ ބައްދަލުކޮށް އުފާ ފާޅުކޮށް އެ މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރިއެވެ.

ރޭ (އަންގާރަދުވަހުގެ ރޭ) މެންދަމު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އިސް ވަޒީރު ދާމީ ވިދާޅުވެފައިވަނީ 41 މީހުންގެ ވެސް ޙާލު ރަނގަޅުކަމަށް ފެންނަ ކަމަށެވެ.

"އެމީހުން ނުކުތީ ވަރަށް ތަފާތު މާހައުލަކުންކަމަށް ވާތީ، އަޅުގަނޑުމެން އަމަލުކުރާނީ ޑޮކްޓަރުންގެ ލަފާގެ މަތީންނެވެ. އެ މީހުންގެ ޞިއްޙީ ޙާލަތު ޗެކުކުރާނެއެވެ." ދާމީ ވިދާޅުވިއެވެ. "މި ކާރިސާއާ ގުޅިގެން އަޅުގަނޑުމެން އެއްވެސް މީހަކަށް ފާޑެއް ނުކިޔާނަމެވެ. އެއްވެސް މީހަކު ކުށްވެރިއެއް ނުކުރާނަމެވެ."

"އެކެއްގެ ކިބައަކުން ވެސް ވަރުދެރަކަމުގެ ނުވަތަ ހުމުގެ ޢަލާމާތެއް ނުފެނެއެވެ. އެ އެންމެން  ވެސް ތިބީ ދުޅަހެޔޮ ސިއްހަތެއްގައެވެ. އެމީހުން ނުކުންނާން ސްޓްރެޗާތައް ހުއްޓަސް، އެ މީހުން އިޚުތިޔާރުކުރީ އަމިއްލައަށް ފިރުކެމުން ލޫދެމުން ނުކުންނާށެވެ." ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރި އަދި އެހީތެރިވި އެންމެންނާއި އިންޖިނޭރުންނާއި ސަރުކާރުގެ އިދާރާތަކަށް ޝުކުރުއަދާކުރުމުގެ ކުރީން އޭނާ ވިދާޅުވިއެވެ.

މި ބިންގަރާސް މަގު ތިރާވުމުގެ ކާރިސާއިން ސަލާމަތްވި ކޮންމެ މީހަކަށް 100،000 ރުފިޔާ (ގާތްގަނޑަކަށް 1،200 ޑޮލަރު) ސަރުކާރުން ދޭނެކަމަށް އިސް ވަޒީރު ދަމީ ވިދާޅުވިއެވެ.  "މި 41 މީހުންނަށް ފޮއިދުވަސް ނުވަތަ ވިއްސަކަށް ދުވަސް ނުވަތަ މަސް ދުވަހުގެ ޗުއްޓީއެއް އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ޓަކައި ދޭން ކުންފުނީގައި އަޅުގަނޑުމެން އެދޭނަމެވެ." ދަމީ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ "ކާމިޔާބުކަމާއެކު މި އެންމެން ސަލާމަތްވުމުގެ ސަބަބުން "އެންމެން ތިބީ ވަރަށް ޖަޒުބާތީވެފައި"ކަމަށެވެ. "ބިންގަރާސް މަގުގައި ތާށިވެފައި ތިބި އެންމެންނަށް ބުނެލާން ބޭނުންވަނީ އިނބަމެންގެ ހިތްވަރާއި ކެތްތެރިކަމަކީ އެންމެންނަށް ވެސް އިލްހާމު ލިބުނު ކަމެއްކަމަށެވެ." އެކްސް (ކުރީގެ ޓުވީޓަރު)ގައި މޯދީ ލިޔުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

"މި ކަމުގައި ސަލާމަތީ މަސައްކަތްކުރި ހުރިހާ ފަރާތްތަކުގެ ހިތްވަރަށް ވެސް އަޅުގަނޑު ސާބަސްދެމެވެ. އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ސަބަބުން އަހަރެމެންގެ މި ފަދަ މަސައްކަތު މީހުންނަށް އާ ދިރުމެއް ލިބިއްޖެ.އެވެ. މި ސަލާމަތީ ޙަރަކާތުގައި ބައިވެރިވި އެންމެން ވެސް ވަނީ އިންސާނިއްޔަތުކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ އަޖައިބުކުރުވަނިވި މިސާލެއް ދައްކައިފައެވެ." މޯދީ އިތުރަށް ވިދާޅުވެފައިވެއެވެ.

ނޮވެމްބަރު 12 ވަނަ ދުވަހުން ފެށިގެން މި 41 މީހުން ތަށިވެފައި ތިބީ އިންޑިއާގެ އުތުރުގެ އުއްތަރަކަންދު އިސްޓޭޓުގައި ހަދަމުން ގެންދިޔަ ބިންގަރާސް މަގުގައެވެ. އެ މަގުގެ ހެދިފައި ހުރި ބައި ތިރާވުމުން، އެ މީހުން ތާށިވީ އެ މީހުން ހަމަ އެކަނި ނިކުންނާން އޮތް 60 މީޓަރަށް ވުރެ ދިގު މަގު، ހިލައާއި ގުންގުރެޓާއި ދަގަނޑު ފަދަ ތަކެތީން ބަންދުވެފައިވާތީއެވެ.

ސަލާމަތްވި މީހުންނަށް އިސްވަޒީރު މަރުޙަބާ ވިދާލުވަނީ. (ފޮޓޯ ސީއެންއެން)<br>

އެ ބިންގަރާސް މަގުގައި މަސައްކަތްކުރި މީހުންނަކީ އިންޑިއާގެ އެންމެ ފަގީރު ހިސާބުތަކުގައި ހިޖުރަކޮށްގެން އުޅޭ މީހުންނެވެ. އެ މީހުން އެ ބިންގަރާސް މަގުގައި ތާށިވެފައި ތިބި އިރު، ކާނާއާއި ފެނާއި އޮކްސިޖަން ލިބެމުން ދިޔައީ ކުނިކޮޅުތަކުގެ ތެރެއިން ވައްދާފައިވާ 53 މީޓަރު (173 ފޫޓު) ގެ ހޮޅިއަކުން ކަމަށާއި އެމީހުންގެ ސިއްހަތު ރަނގަޅު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެ ސަރަހައްދުގައި ތިބި ޑޮކްޓަރުން ވަނީ އެތެރޭގައި ތިބި މީހުންނާ ގަވާއިދުން ގުޅައި މުއާމަލާތުކޮށް، ހަމަޖެހިލައިގެން ތިބެވޭނެ ގޮތުގެ އިރުޝާދުތައް ދީފައިކަމަށް ބުނެއެވެ. އެ މީހުންގެ އާއިލާތައް ވެސް ކޮންމެ ދުވަހަކު އެ ތަނަށް އެއްވެ އެ މީހުން ސަލާމަތުން އެނބުރި އައުމަށް އެދި ދުއާކުރަމުން ގެންދިޔައެވެ. މި ބިންގަރާސް މަގަކީ "މޯދީގެ ޗާރ ދަމް ހަލިމަގު"ގެ ބައެކެވެ. މިއީ އެ ގައުމުގެ ދަތުރުފަތުރުގެ ވިއުގަ ގާއިމްކޮށް، ސަރަހައްދުގެ މުހިންމު ތަންތަކަށް ހިންދީންނަށް ފަސޭހަކަމާއެކު ދަތުރުކުރުމަށް މަގުފަހިކުރުމަށް ޓަކައި ހިންގާ ބިޔަ މަޝްރޫޢެއްކަމަށް މަޢުލޫމާތު ލިބެއެވެ.

އިއްޔެ ތިރާވި ބިންގަރާސްމަގުން ސަލާމަތްވި މީހުން ހޮސްޕިޓަލަށް ގެންދާން ދިޔަ އެންބިޔުލާސްުތައް (ފޮޓޯ: ސީއެންއެން)<br>

މި މަޝްރޫއަށް ތިމާވެށީގެ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މި މަޝްރޫއުގެ ސަބަބުން މޫސުމީ ނުރައްކަލުގެ އަސަރު މިހާރު ވެސް އެތައް މިލިއަން ބަޔަކަށް ކުރަމުންދާ ހިމާލިޔާ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ. އިންޑިއާގެ ސުޕްރީމް ކޯޓުގެ ތަޖުރިބާކާރުންގެ ޕެނަލަކުން ބުނެފައިވާ ގޮތުގައި ހިމާލިޔާގެ ތެރެއިން ހަލިމަގުތައް ހެދުމުން "މިހާރު ވެސް ނާޒުކު މާހައުލެއްގައި އޮތް ސަރަހައްދަށް އިތުރަށް (ބިންގަނޑު ކަނޑައިގެން ގޮސް ބިންގަނޑު ހަލާކުވުމުގެ) މައްސަލަ ކުރިމަތިވާނެ"އެވެ. މި ވާހަކަ އެ ކޯޓުން 2020 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި ވެއެވެ.

މި ބިންގަރާސް މަގު ތިރާވުމުގެ ސަބަބު ދެނެގަތުމަށް ޓަކައި، ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ ތަހުގީގުކުރަމުންކަމަށާއި ފަރުބަދައިގައި ހޮޅި ވަޅުލުމުގެ މަސައްކަތުގެ ފެންވަރު ބެލުން އެކަށީގެންވާ ކަމަށް ސީއެންއެންއަށް އިންޑިއާގެ ތިމާވެއްޓާއި ބާލާއި މޫސުމީ ބަދަލުތަކުގެ ވުޒާރާ (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް)އިން ވަނީ މަޢުލޫމާތު ދީފައެވެ.  މި ބިންގަރާސް މަގު ތިރާވުމަކީ، ބިނާރު ވަރަށް އަވަހަށް ބަދަލުކޮށް، ދަތުރުފަތުރުގެ ވިއުގަ ތަރައްގީކުރުމަށް ބިލިއަން ޑޮލަރު ޚަރަދު ކުރަމުން އަންނަ އިންޑިއާގެ ސުރުޚީތަކަށް އަރައިފައިވާ އުމްރާނީ ބައެއް ކާރިސާތަކުގެ ތެރެއިން އެއް ކާރިސާއެވެ. އޮގަސްޓް މަހު އިރުއުތުރުގެ މިޒޯރާމް އިސްޓޭޓްގައި ހަދަމުން ދިޔަ ބުރިޖެއް ވެއްޓި ދިހަ ވަރަކަށް މަސައްކަތްތެރީން ވަނީ މަރުވެފައެވެ. ޖޫން މަހު ބިހާރުގެ އިރުމަތީ އިސްޓޭޓުގައި ގަންގާ ކޯރު ހުރަސްކޮށް ހަދަމުން ދިޔަ ހަތަރު ލޭނުގެ ގުންގުރެޓު ބުރިޖެއް އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެއްޓިފައިވާތީ އެ ބުރިޖުގެ ފެންވަރާ މެދު ސުވާލު އުފެދިފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އިންޑިއާގެ މީހުން ބިނާކުރާ ތިލަމާލެ ބުރިޖުގެ ފެންވަރާ މެދު ސުވާލު އުފައްދާނެ ޖާގަ ނެތްތޯ ސުވާލު އުފެދެއެވެ.

_________________________________

ބައެއް ލަފުޒުގެ މާނަ:

ތިރާވުން    މ.   މީހަކު ނުވަތަ އެއްޗެއް ނުވަތަ ތަނެއް ވެއްޓި ބިންމައްޗަށް ޖެހުން.

ބިނާރު     ނ.   ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

ބިންގަރާސް  ނ.  (1) ބިމުގެ އަޑީގައި ހަދާފައި ހުންނަ ކޮޓަރި، ނުވަތަ ގުދަން. (2) ބިމު އަޑީން އެއް ތަނުން އަނެއް ތަނަށް ދެވޭނޭހެން ހަދާފައި އޮންނަ މަގު.

ބުރިޖު     ނ.  (1) މަގެއް ނުވަތަ ކޯރެއް ނުވަތަ ކަނޑެއް ނުވަތަ ވާދީއެއް ފަދަ ތަނެއް ހުރަސްކުރުމަށް ޓަކައި ސަތަހައިން މަތީގައި ހަދައިފައި ހުންނަ މަގު. (2) ދާލަން.

ބާލު      ނ.  (1) އެއްވައްތަރެއްގެ ގިނަ ގަސްތަކެއް ހެދިފައިވާ ތަން. (2) އެއް ވައްތަރެއްގެ ގިނަ ގަސްތަކެއް ތަރުތީބުން ހައްދައިފައިވާ ތަން.

ކާރިސާ    ނ.  ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ.

ފޮއިދުވަސް  ނ.  (1) މަހެއްގެ ދެބައިކުޅަ އެއް ބައި. (2) ފަނަރު ދުވަސް

Advertisement

ކޮމެންޓް
އަރުތަ
ކުށް ގިނަ ލިޔުމެއް.
29 Nov 2023
ހައިދަރު
ނަސީބެއް ދޯ އެންމެން ސަލާމަތްވިކަން
29 Nov 2023