Advertisement

ފަލަސްތީނުގެ ބަލި މީހުންނާއި ޒަޚަމީންނަށް އެކުވެރި ޢަރަބި އިމާރާތުން ވަރަށް ބޮޑަށް އެހީތެރިވަމުން އެބަ ގެންދެއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!"

28 Nov 2023 | 09:59
ފަލަސްތީނުގެ ބަލި މީހުންނާއި ކުޑަކުދީންނަށް އަބޫދާބީ އެއަރުޕޯޓުން ލޯތްބާއެކު މަރުހަބާ ކިޔެވެ. (ފޮޓޯ: އަލްޖަޒީރާ)

ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލާން ހަގީގަތުގައި އިސްރާއީލުން އެއްބަސްވީ އެއްވެސް ހެޔޮ ނިޔަތެއްގައި ނޫންކަން އޭގެ ފަހުން އެ މީހުން (ޚާއްޞަކޮށް ޔަހޫދީ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް) ދައްކާ ވާހަކައިން ވަރަށް ސާފުކޮށް ދޭހަވެއެވެ. އެ ކަމުގެ ބޭނުމަކީ އެ މީހުންގެ ލަޝްކަރުތައް ތަރުތީބުކޮށްލުމާއި ޣާއްޒާއިން އެ ތާގެ ރައްޔިތުން ބޭރުކޮށް ބިން ހުސްކުރުމަށް މަގު ފަހިކުރުމެވެ. މި ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އަވައްޓެރި ގައުތަކަށް ބޭރުކޮށްލައިފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކުގައި ތިބި ސީރިއަސް ބަލި މީހުންނާއި ޒަޚަމްވެފައިވާ ކުޑަކުދީން ވެސް ހިމެނެވެއެވެ. ހަގީގަތުގައި އިސްރާއިލުން އެ ހިންގަނީ ނަސްލު ނައްތައިލުމުގެ ބޮޑު ޖަރީމާއެކެވެ.

އަނެއްކޮޅުން، ޣައްޒާއިން ބޭރުކޮށްލެވިފައިވާ ގިނަ އަދަދެއްގެ ބަޔަކު އެކުވެރި ޢަރަބި އިމާރާތަށް އެކި ބައިބަޔަށް ގެންދާން ވަނީ ފަށައިފައެވެ. ޣައްޒާއިން ނެރެލައިފައިވާ 80އަށް ވުރެ ގިނަ ކުޑަކުދީންނާއި ކެންސަރު ބަލި މީހުން މި ޙަރަކާތުގެ ދަށުން އިއްޔެ (ހޯމަދުވަހު) ޢަރަބި އިމާރާތަށް ވަނީ ގެންގޮސްފައެވެ.

ކެންސަރު ބަލީގެ 88 މީހުންނާއި ކުޑަކުދީން ގޮވައިގެން ޢަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީއަށް ދިޔަ މަތީންދާބޯޓުން ދަތުރުކުރި މީހެއްކަމަށްވާ އަޙުމަދު މަރުވާން އައްސިޔާމް، އަބޫދާބީ ބައިބަލްއަގުވާމީ އެއަރުޕޯޓުގގައި ހުރެ "ދަ ނޭޝަނަލް" ނޫހަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ "މަންމައަށް ޓަކައި އެ ކުރި ދަތުރަކީ އުނދަގޫ ދަތުރެއް"ކަމަށެވެ.

"އަހަރެމެން ވަރަށް ކަންބޮޑުވި ކެންސަރަށް ފަރުވާ ދިނުމުގެ ކަންކަން ފަށައިގަތުމަށް ފަހު، [އިސްރާއީލުގެ] ޢުދުވާނުގެ ސަބަބުން އެ ކަން މީގެ ހަފުތާއެއްހާ ދުވަސް ކުރީން ހުއްޓައިލާން ޖެހުމުގެ ސަބަބުން، މަންމަ އަޅުގަނޑުމެންނަށް ގެއްލިދާނެތީ." މަރުވާނު ބުނެފައިވެއެވެ.

މަރުވާންގެ މަންމަ އިބްތިސާމް އައްސިޔާމަކީ އިސްރާއީލުގެ ޢުދުވާން ކުރިއަށްދާ އިރު، ޙިޞާރުކުރެވިފައިވާ ޣައްޒާއިން ނެރެވުނު ކެންސަރު ބަލިމީހުންނާއި ކުޑަކުދީންގެ ތިންވަނަ ގުރޫޕުގައި ހިމެނުނު މީހެކެވެ.

ފަލަސްތީނުގެ ބަލި މީހުންނާއި ކުޑަކުދީން އަބޫދާބީ އެއަރުޕޯޓުގައި (ފޮޓޯ: އަލްޖަޒީރާ)<br>

"ޢަރަބި އިމާރާތުގެ އިސްނެގުމުގެ ސަބަބުން މަންމައަށް އިތުރަށް ފުރުސަތު ލިބޭނެތީ އިމާރާތުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން." މަރުވާން ބުނެފައިވެއެވެ. "މަންމަ އަޒުމު ކަނޑައަޅައިފައި ވަނީ ހަމައެކަނި އަޅުގަނޑުމެންނާއި މަންމަގެ މާމަދަރީންނަށް ޓަކައެއް ނޫނެވެ. މީގެ އިތުރަށް އިސްރާއީލުގެ ޢުދުވާނު ނިމުމުން މަންމަގެ ލޯބިވާ ފަސްގަނޑު ޣައްޒާއަށް އެނބުރި ގޮސް ފުދޭވަރަކަށް ދިގު މުއްދަތަކަށް ދިރިއުޅޭން [މަންމަ ބޭނުންވެއެވެ.]"

އިޒުރޭލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށް ޒަޚަމްވި 20 ކުދީން ވެސް އިއްޔެ އަބޫދާބީއަށް ދިޔަ އިއްތިހާދު އެއާވޭސްގެ ބޮއިންގ 777 މަތީންދާބޯޓުގައި ތިއްބެވެ. މި ކުދީންނާއި ބަލި މީހުންނަށް ހޭހަންކުރުމަށް ޓަކައި ޔޫއޭއީގެ ބުރުޖީލް ހޮސްޕިޓަލާއި އެންއެމްސީ ރޯޔަލް ހޮސްޕިޓަލާއި ޝައިޚު ޚަލީފާ މެޑިކަލް ސިޓީގެ ސާޅީހަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ބޯޓުގައި ތިއްބެވެ.

މަރުވާންގެ މަންމަ އިބްތިސާމް އައްސިޔާމް ބުނާ ގޮތުގައި އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ދެތިން މަހެއް ކުރީން ކަމަށާއި އޮކުޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުގެ ޢުދުވާނު ފެށުމުގެ ކުރިން ޣައްޒާގެ ތުރުކީ-ފަލަސްތީނު ފްރެންޑްޝިޕް ހޮސްޕިޓަލުގައި ކީމޯތެރަޕީ ފަރުވާ ފެށި ކަމަށެވެ.

"އަޅުގަނޑުގެ ފަރުވާތައް ހުއްޓައިލާން ޖެހުނީމާ ދަރީންކޮޅު ވަރަށް ކަންބޮޑުވި.  އަހަރެން ތުރުކީ ހޮސްޕިޓަލުގައި ގަވާއިދުން ޗެކަޕްތައް ހަދަމުން ގެންދިޔަ އިރު، ޢުދުވާނު ފެށުމުގެ ކުރީން އެއް ބުރުގެ ކީމޯތެރަޕީ ހެދިން. އަޅުގަނޑުމެންނަށް އިތުރަށް ހޮސްޕިޓަލަށް ދިޔުމުގެ ހިރާހެއް ނަގާކަށް ނުކެރުނު، ހޮސްޕިޓަލް ހުންނަ ސަރަހައްދާ ޣައްޒާގައި ހުންނަ އަޅުގަނޑުމެންގެ ގެއާ ވެސް އެހާ ކައިނޫންވީމާ."

"އަހަރެންގެ ދަރިފުޅު ފުރަތަމަ ބުނީ ތުރުކީއަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް. އެކަމަކު ދަރިފުޅު ފަހުން ބުނީ މި ގައުމަށް (އަރަބި އިމާރާތަށް) ދާނެ ކަމުގެ އުފާވެރި ޚަބަރު.  ތުރުކީއަށް ވުރެ މި ތަނުގައި ފަރުވާ ހޯދަން އަޅުގަނޑަށް މާ ބޮޑަށް ވެސް ރަނގަޅު. އިމާރާތާއި ފަލަސްތީނުގެ މީހުން ވާހަކަދައްކަނީ އެއް ބަހަކުން [އަރަބިބަހުން] ކަމަށްވާތީ."

 ކެންސަރަށް ފަރުވާ ދިނުމަށް ޣައްޒާގެ ހަމައެކަނި ހޮސްޕިޓަލުގައި ރަޖިސްޓަރީކުރެވިފައިވާ 10،000 ބަލިމީހުންނާ އެކު އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވަނީ ޢުދުވާން ފެށުނު ފަހުން އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށް ތުރުކީ-ފަލަސްތީނުގެ ފްރެންޑްޝިޕް ހޮސްޕިޓަލުގެ ޑިރެކްޓަރު މިދިޔަ މަހު "ދަ ނޭޝަނަލް"އަށް ކިޔައިދިނެވެ.

ފަލަސްތީނުގެ ބަލި މީހުންނާއި ކުޑަކުދީން އަބޫދާބީ އެއަރުޕޯޓުގައި (ފޮޓޯ: އަލްޖަޒީރާ)<br>

އެ މީހުން ފަލަސްތީނުގެ ރަފަޙު ބޯޑަރު ހުރަސްކޮށްފައި ވަނީ މި ދިޔަ ހަފުތާގައި އެއްބަސްވެވުނު ހަތަރު ދުވަހުގެ ސުލްހައިގެ އެއްބަސްވުމުގައި ބަޔާންކުރާ އެންމެ ފަހު ދުވަހު (ހޯމަ ދުވަހު)ގެ ވަގުތެއްގައެވެ. ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަކީ އޮކްޓޫބަރު ހަތްވަނަ ދުވަހު ފެށުނު ހަމަނުޖެހުމުގައި އިސްރާއީލުގެ 1،200 މީހުން މަރުވެ، ހަމާސުން އިސްރާއީލުގެ ގާތްގަނޑަކަށް 240 މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންދިޔަތާ ހަތް ހަފުތާގެ ތެރޭގައި މިއީ ހަމަލާތައް މެދުކަނޑައިލި ފުރަތަމަ ފަހަރެވެ.  މި ފަހަރުގެ ހަމަނުޖެހުމުގައި ފަލަސްތީނުގެ 14،800 އަށް ވުރެ ގިނަ މީހުން މަރުވެ 30 ހާހަށްވުރެ ގިނަ މީހުން ޒަޚަމުވެ، އެތައް ހާސް ބަޔަކު ގެއްލިފައިވެއެވެ. އަދި ޣައްޒާގެ ބިނާރުގެ 80 އިންސައްތަ ވަނީ ސުންނާފަތިކޮށްލައިފައެވެ.

ޣައްޒާއިން ޒަޚަމްވި ފަލަސްތީނު މީހުންގެ ތެރެއިން ސިއްހީ އެހީތެރިކަމަށް ވަރަށް ބޭނުންވެފައި، ބޮޑެތި އަނިޔާތަކެއް ނުވަތަ އަނދައިފައިވާ ކުދީންނާއި، ކެންސަރު ޖެހިފައިވާ ކުދީންގެ ފުރަތަމަ ގުރޫޕު އެކުވެރި ޢަރަބި އިމާރާތަށް ގެންދިޔައީ ނޮވެމްބަރު 18ވަނަ ދުވަހުއެވެ. ދެވަނަ ގުރޫޕު އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައީ ނޮވެމްބަރު 24ވަނަ ދުވަހު ފަލަސްތީނުގެ ކުޑަކުދީންނާއި އެ މީހުންގެ އާއިލާތައް ގޮވައިގެންނެވެ. ޢަރަބި އިމާރާތުން އިންސާނީ އެހީތެރިކަމުގެ ހަރަކާތުގެ ތެރެއިން ކެންސަރު ބަލީގެ އިތުރު 1000 ކުދީން އެހީތެރިވެވޭ މީހުންގެ ތެރެއަށް އިތުރުކޮށްފައިވެއެވެ.

"ޣައްޒާއިން ފަލަސްތީނުގެ ކުޑަކުދީންނާއި އުމުރުން ދުވަސްވީ ބަލިމީހުންގެ ފުރަތަމަ ތިން ގްރޫޕާއި، އަދި އެ މީހުންގެ އާއިލާތައް ގެނެވުމުން، ސިއްހީ ޚިދުމަތްދޭ ޚާއްސަ ވަސީލަތްތައް މެދުވެރިކޮށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ޓަކައި ސިއްހީ ދާއިރާގެ ތައްޔާރީތަކަށް އަޅުގަނޑުމެން އިސްކަންދެމެވެ." އަބޫދާބީގެ ސެކްރެޓަރީ އޮފް ހެލްތު – ޑރ. ނޫރާ އަލް ޣައިޘީ، "ދަ ނޭޝަނަލް" ނޫހަށް މަޢުލޫމާތު ދެމުން ކިޔައިދީފައި ވެއެވެ.. "ބޭނުންވާ ތަންތަނުގައި ޑޮކްޓަރުން ބަލައި ފަރުވާ ދޭނީ އެ މީހުންގެ ސިއްހީ ހާލަތާއި ބޭނުންތަކަށް ބަލައިގެން"ކަމަށާއި މުޅީން ރަނގަޅުވާންދެން މާތްالله އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ގާތުން ބަލަމުން ގެންދާނަމެވެ."

 ޣައްޒާއިން ބޭރުކޮށްލެވިފައިވާ ބަލިމީހުން ބަލައިގަނެ ފަރުވާ ދިނުމުގެ އިތުރަށް ވަގުތީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ބޭނުންވާ ސާމާނު ޢަރަބި އިމާރާތުގެ ފަރާތުން ޣައްޒާއަށް ފޮނުވައިފަ އެވެ. އެ ވަގުތީ ހޮސްޕިޓަލުގައި 150 އެނދުގެ އިތުރަށް، އާންމު އޮފަރޭޝަންތަކާއި އޯތޯޕެޑިކްސް، ޕީޑިއަޓްރިކްސް، ގައިނެކޮލޮޖީ ފަދަ ޚިދުމަތްދޭ ޔުނިޓްތައް ވެސް ހުންނާނެ އެވެ.  އަދި ޑެންޓިސްޓްރީ އާއި ފިޒިއޭޓްރީއާއި ޢާއިލީ ޞިއްޙަތުގެ ކްލިނިކްތައް ވެސް ގާއިމް ކުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް