Advertisement

ސޫފިޔާނާ ވާހަކަކޮޅެއް

27 Nov 2023 | 13:28
.

ޑރ.ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތިރީގައި ހުށަހަޅައިލެވިފައި އެ ވަނީ ތަސައްވުފުގެ އިލްމުވެރިއެއްކަމަށްވާ އަހުމަދު ބިން އާސިމް އަލްއަންތާކީއާއި އޭނާގެ ދަރިވަރަކާ ދެމެދު ދެކެވުނު ވާހަކައެކެވެ. އަހުމަދު ބިން އާސިމް އަލްއަންތާކީއަކީ ހިޖުރައިން ދެވަނަ ގަރުނުގެ ތެރޭގައްޔާއި އަދި ތިންވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރިއެކެވެ. އޭނާ އަވަހާރަވީ ހިޖުރައިން 238ވަނަ އަހަރުއެވެ. އިމާމު ޛަހަބީ އޭނާގެ އައުލާމުގައި އަހުމަދު ބިން އާސިމް ސިފަކުރައްވަނީ އޭނާއަކީ "އޭނާއަށް ތަބާވެވޭ އިމާމެއްކަމާއި އަދި އޭނާއަކީ ދިމިޝްގުގެ ވާއިޒުކަމުގައެވެ".

ތަސައްވުފު ނުވަތަ ސޫފިއްޔަތުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގައި މާ ސާފުކޮށް އެނގައިފައި އޮތް ވާހަކައެއް ނޫނެވެ. އެހެންވެ، މި ކަމާ ބެހޭ ގޮތުން ތަންކޮޅެއް ތަފްސީލުކޮށް އެއްޗެއް ލިޔެލާން ގަސްދުކޮށް، އެ ކަން ކުރިއަށް އެބަ ދެއެވެ. މި ތަނުގައި، އަހުމަދު ބިން އާސިމަކީ ތަސައްވުފުގެ ތާރީޚުގައި ކޮން ބޭކަލެއްކަން ބަޔާންކޮށްލައިދިނުމުގެ ގޮތުން، ތަސައްވުފާ ބެހޭ ގޮތުން ކުރުކޮށް އެއްޗެއް ދަންނަވައިލާން ޖެހެއެވެ.

ތަސައްވުފުގެ ތަހުރީކުގެ ފެށުން ގުޅެނީ ހިޖުރައިން ދެވަނަ ގަރުނާއެވެ. އެ ތަހުރީކުގެ ފެށުން ގުޅިފައި އޮތީ އިސްލާމީ ދުނިޔެ ދުނިޔޭގެ ބޮޑު ބާރަކަށްވެ، މުއްސަނދިކަމާއި ތަނަވަސްކަން ފެތުރި، ބައެއް މުސްލިމުންގެ ނަޒަރުގައި، މުސްލިމުންގެ ދިރިއުޅުމުގައި ތަރަފުގެ ކުލަ ޖެހުމާއެވެ. އަދި، އެކަމާ ވިދިގެން، ދުނިޔޭގެ ހެއްލުމުގެ ތެރެއަށް މުސްލިމުންގެ ގިނަ ބަޔަކު ދިޔުމުން، މި ކަމުގެ ރައްދު އަމަލެއްގެ ގޮތުގައެވެ. އާދޭހެވެ! މި ކަމާ ހެދުނު ދެކޮޅުހެދުމެއްގެ ގޮތުގައެވެ. ތަސައްވުފުގެ މި މަރުހަލާގައި، ތަސައްވުފުގެ ބޭކަލުން ނުވަތަ މިހާރު އަޅުގަނޑުމެންގެ ތެރޭގައި އާންމުވަމުންދާ އިބާރާތުން ނަމަ، ސޫފީވެރި ބޭކަލުންގެ ގޮތަކަށް ވެފައި އޮތީ ދުނިޔަވީ ލައްޒަތުތަކުގެ އުފަލަށް ފުރަގަސްދީ ޒުހުދުވެރިވުމެވެ. ތިމާއަށް ދުނިޔެއިން ކިރިޔާ ފުދޭވަރު ބޭނުންކޮށްލައިގެން، އަޅުކަމުގައި ތިމާގެ ދުނިޔެވީ ހަޔާތް ވޭތުކޮށްލުމެވެ.

މި މަރުހަލާއަށް ފަހު، ދެން އައީ ސޫފީ އިލްމުވެރިންގެ މަރުހަލާއެވެ. މި މަރުހަލާގައި ވެސް، ދުނިޔެވީ ހެއްލުންތަކަށް މީހާގެ ނަފްސު ދީލައި ނުލުން މުހިންމުވިއެވެ. މީގެ އިތުރަށް، މި މަރުހަލާގައި ސޫފީ އިލްމުވެރިންގެ މަގުސަދަކަށްވީ ނަފްސު ޠާހިރުކޮށް، މާތްރަސްކަލާނގެ ރުހިވޮޑިގަތުން ހޯދައި، އަދި، އެކަލާނގެ މައުރިފާކޮށް ދެނެގަތުގެ މަސައްކަތްކުރުމެވެ. އަހުމަދު ބިން އާސިމުގެ ދުވަސްވަރު، ޚާއްސަކޮށް އޭނާގެ ހަޔާތުގެ ފަހުބައިގެ ދުވަސްވަރު، އެހެން ގޮތަކަށް ދަންނަވާ ނަމަ، ހިޖުރައިން ތިންވަނަ ގަރުނުގެ މެދެއްހާ ހިސާބާއި އަދި އެ ގަރުނުގެ ފަހުގެ އަހަރުތައް ބެލެވެނީ މަތީގައި ނަންގަތް ތަސައްވުފުގެ ޒުހުދުވެރިކަމުގެ މަރުހަލާގެ ފަހު ދުވަސްތައްކަމުގައެވެ. އެ މަރުހަލާއަށް ނިމުން އައިސް ސޫފީ އިލްމުވެރީންގެ މަރުހަލާގެ ފެށޭ ހިސާބުކަމުގައެވެ.

ސޫފީ އިލްމުވެރީންގެ މަރުހަލާއަށް ފަހު، 'ސޫފީ މަގުތައް' ކޮށުނެވެ. އާދޭހެވެ! މާތްރަސްކަލާނގެ މައުރިފާކޮށް ދެނެގަތުމަށް ޓަކައި، ނަފުސު ތަމްރީނުކުރާނެ މަގުތައް ބަޔާންކުރެވުނެވެ. ދެން، އެއަށް ފަހު އައި މަރުހަލާގައި ތަސައްވުފުގެ އިލްމަށް ހުއްޓުން އައެވެ. ފިގުހު ފަދަ، އިސްލާމީ ޝަރީއަތުގެ ބައެއް އިލްމުތަކުގެ ކުރިއެރުމަށް، އޭގެ ކުރިން، ހުއްޓުން އައި ފަދައިންނެވެ. އަދި މީގެ އިތުރަށް، ތަސައްވުފުގެ ކަންތައްތައް ފަސާދަވެގެން ވެސް ދިޔައެވެ. އިސްލާމީ އަޅުކަމުގެ ބައެއް ޝިއާރުތަކަށް، ގޮންޖަހައި، ބާތިލު އަގީދާތައް ވެސް ތަސައްވުފުގެ ތެރެއަށް ވަނުމުންނެވެ.

ނަމަވެސް، މިއީ ފަހުގެ ކަމެކެވެ. ތަސައްވުފުގެ ތާރީޚަށް ބަލައިލާއިރު، ތަސައްވުފުގެ އިހުގެ މަރުހަލާތަކުން، ޚާއްސަ ގޮތެއްގައި ޒުހުދުގެ މަރުހަލާއާއި ތަސައްވުފުގެ އިލްމުވެރިކަމުގެ މަރުހަލާއިން، އަދުވެސް އަޅުގަނޑުމެންނަށް ފައިދާ ލިބިގަނެވިދާނެއެވެ. ދުނިޔަވީ އުފާތައް ހޯދުމުގައި އާޚިރަތް މަތިން ހަނދާން ނައްތައިނުލުމެވެ. އަދި، އެ ފަދަ އުފާތައް ހޯދުމުގައި، ޝަރުއީ އަދި އަޚުލާގީ އިންތައް ހުރަސް ނުކުރުމެވެ. ތިރީގައި މި ހުށަހަޅައިލާ ހިވާރުން (ބަސްދީގަތުމުން) ވެސް، އިހުގެ ތަސައްވުފުގެ ވާހަކަތަކުން މިއަދު ވެސް ފައިދާތަކެއް ލިބިގަނެވިދާނޭކަން އެނގެއެވެ. އަދި އިހުގެ ތަސައްވުފުގެ ތަހުރީކަކީ ޝަރުއީ އިމުގެ ތެރޭގައި އޮތް ތަހުރީކެއްކަން ވެސް އެނގިދެއެވެ. (ކުރީން ދެންނެވި ފަދައިން، ތަސައްވުފުގެ ވާހަކައަކީ ތަފުސީލީ ގޮތެއްގައި ހުށަހަޅައިލާން ޖެހޭ ވާހަކައެކެވެ. އާންމުންނަށް މައްސަލަ ސާފުވެ އެނގުމަށް ޓަކައެވެ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އެކަމާ ބެހޭ ލިޔުމެއް ގެނެސްދެވޭތޯ ބަލާނަމެވެ.) ދެން އަހުމަދު ބިން އާސިމްގެ ސޫފިޔާނާ ވާހަކަކޮޅު ހުށަހަޅައިލަމެވެ. މަތީގައި ދެންނެވުނު ފަދައިން، މިވާހަކަކޮޅު ނުވަތަ މި ހިވާރަކީ އޭނާއާއި އޭނާގެ ދަރިވަރަކާ ދެމެދު ދެކެވުނު ވާހަކަކޮޅެކެވެ. (މިވާހަކަކޮޅު ލިޔެވިފައިވަނީ މީސްތަކުންގެ ސީރަތުގެ ވާހަކަ ބަޔާންކޮށްފައިވާ ފޮތެއް ކަމުގައިވާ އަބޫ އައްނުޢައިމުގެ ޙުލްޔަތު އަލްއައުލިޔާއި މި ފޮތުގައެވެ.) ވިދާޅުވާށެވެ!

**********

ސ: މަޝްވަރާކުރުމާ ބެހޭ ގޮތުން މަނިކުފާނުގެ ޚިޔާލަކީ ކޮބައިތޯއެވެ؟

ޖ: އެކަން ކުރެވެނީ އިތުބާރުހުރި ތެދުވެރި މީހަކާ އެކުގައި ނޫންނަމަ، އެ މަޝްވަރާގެ މައްޗަށް އިއުތިމާދު ނުކުރާށެވެ.

ސ: ނަސޭހަތް ދިނުމާ ބެހޭ ގޮތުން މަނިކުފާނު ވިދާޅުވަނީ ކީކޭތޯއެވެ؟

ޖ: އެންމެ ފުރަތަމަ ކަލޭ ބަލަންވާނީ ކަލޭގެ ނަސޭހަތުގެ ބަސްކޮޅަކީ ކަލޭ އަމިއްލަ ނަފްސު މިންޖުކޮށްދޭނޭ ބަސްކޮޅެއްތޯއެވެ. އެހެންކަމަށް ވަނީނަމަ، ކަލޭގެ ބަސްކޮޅުވާނީ އިލްހާމުގެ މައްޗަށް، (އިލާހީ އުނގަންނައި ދިނުމުގެ މައްޗަށް) ބިނާވާ ވާހަކައަކަށެވެ. އަދި، އޭގެ ސަބަބުން، ކަލެއަށް އިހުތިރާމު ލިބި، ކަލޭގެ މައްޗަށް އިތުބާރުކުރެވޭނެއެވެ.

ސ: މީހުންނާ އެކުގައި އުޅުމާ މެދު، މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ؟

ޖ: ވިސްނުން ތޫނު، އިތުބާރުކުރެވޭ މީހަކު ލިބިއްޖެ ނަމަ، އޭނާއާ އެކުގައި އުޅޭށެވެ. ނަމަވެސް، އެ ނޫން މީހެއް ނަމަ، ވަލު ޖަނަވާރުން ކިބައިން ފިލައި ދުވާހެން، އޭނާގެ ކިބައިން ފިލައި ދުވެދާށެވެ.

ސ: މާތްރަސްކަލާނގެއާ ކުއްތަންވުމުގެ މަގު އަޅުގަނޑު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ޖ: ކަލޭގެ އެތެރެ ފުށުގެ ފާފަތައް ދޫކޮށްލައިގެންނެވެ.

ސ: ބޭރުފުށުގެ ފާފަތަކަށް އަޅާނުލައި އެތެރެ ފުށުގެ ފާފަތައް ދޫކޮށްލުން މުހިއްމުވަނީ ކީއްވެތޯއެވެ؟

ޖ: އެހެނީ، ކަލޭގެ އެތެރެ ފުށުގެ ފާފަތަކުން ކަލެއަށް އެއްކިބާ ވެވިއްޖެ ނަމަ، ކަލޭގެ ބޭރު ފުށުގެ ފާފަތަކުން ވެސް ކަލެއަށް އެއްކިބާވެވިގެންދާނެއެވެ.

ސ: އެންމެ ގެއްލުން ހުރި ފާފައަކީ ކޮބައިތޯއެވެ؟

ޖ: އެއީ ފާފައެއްކަން ކަލެއަށް ނޭނގޭ ފާފައެވެ. އަދި، މިއަށްވުރެ ވެސް ގެއްލުން ބޮޑުވެގެންވަނީ، ހުރިހާ އިރަކުވެސް އެއީ ފާފައެއްކަމުގައިވީ އިރު، (އެކަން، ނޭނގި ނަމަވެސް)، އެފާފައަކީ ހެޔޮ އަމަލެއް ކަމުގައި ދެކޭ ނަމައެވެ.

ސ: އަޅުގަނޑަށް އެންމެ ފައިދާ ހުރި ފާފައަކީ ކޮބައިތޯއެވެ؟

ޖ: ކަލޭ މި ދުނިޔެ ދޫކޮށްފުމަށް ދާންދެން، އެފާފަ ކުރެވުނުކަމުގެ މައްޗަށް ރޮއި ހަދައި، ކަލޭގެ ލޮލު ކުރިމަތީ އަބަދުމެ ފެންނަހެން އޮންނަ ފާފައެވެ. އެފާފަ އެ ގޮތުގައި ބާއްވަނީ އެފަދަ ފާފައެއް ދެން ދުވަހެއްގައި ވެސް ނުކުރުމަށްޓަކައެވެ. ކީރިތި ގުރުއާނުގެ ތަޙުރީމު ސޫރަތުގެ އަށްވަނަ އާޔަތުގައި ނަންގަނެވިފައިވާ އިޚުލާސްތެރި ތައުބާވުމަކީ މިއީއެވެ.

ސ: އެންމެ ގެއްލުން ހުރި ހެޔޮ އަމަލަކީ ކޮބައިތޯއެވެ؟

ޖ: ކަލޭގެ ނުބައި އަމަލުތައް ހަނދާން ނެތިކޮށްލާ ފަދަ ހެޔޮ އަމަލެވެ. ކަލޭގެ ލޯ ކުރިމައްޗަށް އެ ފަދަ ހެޔޮ އަމަލުތައް ގެނެސް، އޭގެ މައްޗަށް ބަރޯސާވެ، ކަލޭގެ ނުބައި އަމަލުތަކުގެ ނަތީޖާއާ މެދު ކަލޭ ބިރު ނުގަނެ، އޮޅުމުގެ ތެރެއަށް ވެއްޓި، ކަލޭގެ ހެޔޮ އެއަމަލުތަކާ މެދު ފަޚުރުވެރިވެ، ކަލޭގެ ނަފްސަށް އިތުބާރުކުރަން މެދުވެރިކުރުވާ ހެޔޮ އަމަލުތަކެވެ.

ސ: (އެހެން މީހުންނަށް) އަހަރެންގެ ޝަޚްސު (މާނައަކީ އަހަންނަކީ ހަގީގަތުގައި ކާކުކަން އަންގައިދޭ އަހަރެންގެ ސިފަތައް) އެންމެ ރަނގަޅަށް ފޮރުވެވި، ވަންހަނާ ކުރެވިފައިވަނީ ކޮންތާކު ހެއްޔެވެ؟

ޖ: ކަލޭގެ ގޭގައިވާ ކަލޭގެ ކޮޓަރި ތެރޭގައެވެ.

ސ: އަހަރެންގެ ގޭގައި އަހަންނަށް (އަހަރެންގެ ހަގީގަތް ފޮރުވުމުގެ) ރައްކާތެރިކަން ނުލިބޭ ނަމަޔޯއެވެ؟

ޖ: ކަލޭގެ ނަފްސުގައި ޝަހުވާނީ އެދުންތައް ތަތްކޮށް ނުލާ، ނޫނީ ކެހިވެރި ހެއްލުންތަކަށް ކަލޭގެ ނަފްސު ދީލާލުން މެދުވެރި ނުކުރުވާ، ކޮންމެ ތަނެއްގައެވެ.

ސ: މާތްރަސްކަލާނގެ ރަހުމަތްފުޅުތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ފައިދާ ބޮޑު ރަހުމަތްފުޅަކީ ކޮބައިތޯއެވެ؟

ޖ: އެކަލާނގެއަށް އުރެދުމުން ކަލޭ ރައްކާތެރިކުރުވާ، އަދި، އެކަލާނގެއަށް ކަލޭ ކިޔަމަންތެރި ކުރުވާ އެކަލާނގެ ރަހުމަތްފުޅެވެ.

ސ: ތިޔަ ވިދާޅުވެދެއްވީ (މައްސަލައިގެ) ޚުލާސާއެކެވެ. އަދި އިތުރަށް ސާފުވާ ގޮތަށް އަޅުގަނޑަށް އޮޅުންފިލުވައި ދެއްވާނުތޯއެވެ؟

ޖ: އެންމެ ރަނގަޅެވެ. (އަޑުއަހާށެވެ!) އެއީ ތިން ކަމަކައިގެން އެކަލާނގެ ކަލެއަށް އެހީތެރިވެ ވޮޑިގަތުމުންނެވެ: ކަލޭގެ ވަރުގަދަ ޖަޒުބާތުތައް މެދުވެރިކުރުވާ ނުރުހުންތައް ހުއްޓުވަން ފުދިދާނޭ ވަރުގެ ބުއްދިއެއް ކަލެއަށް ދެއްވުމެވެ؛ ކަލޭގެ ނޭނގުން ނެތިކޮށްލަން މެދުވެރިކުރުވާނޭ ފަދަ އެނގުމެއް ކަލެއަށް ދެއްވުމެވެ؛ ފަގީރުކަމުގެ ބިރު ކަލޭގެ ކިބައިން ދުރުކުރުވާނޭ ފަދަ އަމިއްލަ ފުދުންތެރިކަމެއް ކަލެއަށް ދެއްވުމެވެ.

________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް