Advertisement

އިތުރު އަސީރުން ދޫކުރުން ޙަމާސުން މަޑުޖައްސައިލީ ޔަހޫދީން ވަޢުދަށް ޙުރުމަތްތެރިކޮށް ނުހިތުމުންނެވެ.

26 Nov 2023 | 09:15
ޙަމާސުން ދޫކުރި ބައެއް ޔަހޫދީން

ޔަހޫދީންނަކީ ވަޢުދަށް ޚިޔާނާތްތެރިވުމާއި ޢަހުދަށް ބޭވަފާތެރިވުމާއި ޚިޔާނާތްތެރިވުމުގައި މަޝްހޫރު ބަޔެއްކަން ތާރީޚުން ވަނީ ސާބިތުވެފައެވެ. އެއީ ނިޢުމަތަށް ޝުކުރުވެރިވާން ނުދަންނަ އަނިޔާވެރި ބަޔެކެވެ. މާތްﷲ އެންމެ ގިނަ ނިޢުމަތްތައް ދެއްވިޔަސް ނިޢުމަތަށް ޝުކުރުވެރި ނުވެ، ޝަކުވާކުރުމުގައި ހައްދު ފަހަނަޅައިފައިވާ ބަޔެކެވެ. އެންމެ ގިނަ ރަސޫލުން ޝަހީދުކޮށްފައިވަނީ ވެސް އެބައިމީހުންނެވެ. މި ފަދަ އެތައް ކަމެއްގެ ސަބަބުން ދުނިޔެމަތީގައި ވެސް މާތް ﷲ އެބައިމީހުންނަށް ވަނީ ކޯފާލައްވައިފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު ފަލަސްތީނަށް އިސްރާއީލުން ދެމުން ގެންދާ ޢުދުވާނާ ގުޅިގެން ޤަޠަރު މެދުވެރިކޮށްގެން ބޭއްވުނު ބައްދަލުވުންތަކުން ޙަމާސާއި އިސްރާއިލުން އެއްބަސްވެފައިވާ އެއްބަސްވުމުގައިވާ ފަދައިން ޣައްޒާއަށް އިސްރާއީލުން ދޭ ޙަމަލާ ވަގުތީ ގޮތުން ހުއްޓައިލާން އެއްބަސްވިއެވެ. މި އެއްބަސްވުމުގެ ދަށުން ހުކުރުދުވަހު ޣައްޒާ ގަޑީން ހެނދުނު 7:00 ގައި ޙަމަލާދިނުން ހުއްޓައިލިއެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީންގެ ތެރެއިން 150 އަސީރުން އިސްރާއީލު ސަރުކާރުން ދޫކޮށްލާން ޖެހެއެވެ. ދޫކޮށްލާން ޖެހޭ މީހުންގެ ލިސްޓް ދޭނީ ޙަމާސުންނެވެ. އޭގެ ބަދަލުގައި ޙަމާސުން އޮކްޓޫބަރު ހަތެއްގައި ހިފަހައްޓައިފައި ތިބި އަސީރުންގެ ތެރެއިން 50 އަސީރުން ޙަމާސުން ދޫކޮށްލާންޖެހެއެވެ. މީގެ އިތުރަށް ޣައްޒާއަށް ބޭނުންވާ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ޓަކައި ބޯޑަރު ހުޅުވައިލާން ޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން މި ދިޔަ ހުކުރު ދުވަހު 24 އަސީރަކު ހަމާސުން ދޫކޮށްލިއެވެ. މީގެ ތެރޭގައި ހިމެނެނީ 13 ޔަހޫދީއަކާއި ތައިލެންޑްގެ 10 ރައްޔިތަކާއި ފިލިޕީންގެ އެއް ރައްޔިތެކެވެ. މީގެ ބަދަލުގައި ފަލަސްތީނުގެ 39 އަސީރަކު އިސްރާއީލުން ދޫކޮށްލިއެވެ. އެއީ 24 އަންހެނުންނާއި 15 ކުޑަކުދީންނެވެ.

ހޮނިހިރު ދުވަހު ހެނދުނު ޙަމާސްގެ މަސްދަރަކުން އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)އަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ ކުށްވެރީން ބަދަލުކުރުމުގެ ދެވަނަ ބުރު މިއަދު ކުރިއަށް ދާކަމަށެވެ.

އެހެންނަމަވެސް ހޮނިހިރު ދުވަހު ހަވީރު ޚަބަރު ލިބުނީ އަސީރުންގެ ދެވަނަ ގުރޫޕު ދޫކުރުން ލަސްކޮށްލައިފައިވާކަމަށެވެ. ސަބަބެއްކަމަށް އެ މީހުން ބުނެފައިވަނީ އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރާން އިސްރާއީލުން ހުރަސްއަޅާކަމަށެވެ. އެހެންކަމުން އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރާން ހުއްދަ ދެންދެން އަސީރުން ދޫކުރުން މަޑުޖައްސައިލީކަމަށެވެ. މި ކަން މީޑިއާއަށް ހާމަކުރީ ޙަމާސްގެ ހަތިޔާރު އެޅި ޖަމާޢަތްކަމަށްވާ އަލްޤައްސާމް ބްރިގޭޑްސްއިންނެވެ. އެ މީހުން އިތުރު ތަފުސީލު ދެމުން ބުނެފައިވަނީ އަސީރުން ދޫކުރުމުގައި ވެސް އިސްރާއީލުން ވަނީ އެއްބަސްވެފައިވާ މިންގަނޑާ މިހާރު ވެސް ޚިލާފުވެފައިކަމަށެވެ.

ޔަހޫދީން ދޫކުރި ފަލަސްތީނުގެ ބައެއް އަސީރުން

އޮކުޓޫބަރު 7ގައި އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ 13 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެ، 30 ހާހަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ޝަހީދުވީ ޢަދަދުގެ ތެރޭގައި 5000 ކުޑަކުދީން ހިމެނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ގޮތުން މިހާރު ނުކުޅެދުންތެރިވެފައިވާ މީހުންނެވެ.

1.6 މިލިއަން މީހުން ގަދަކަމުން ރަށުން ބޭރުކުރެވި ވިއްސިވިހާލިވިއެވެ. އެއީ މުޅި އާބާދީގެ70 އިންސައްތައެވެ. މީގެ ތެރެއިން ގިނަ ބަޔަކު މިހާރު އެނބުރި ވަޒަނަށް އަތުވެއްޖެއެވެ. އެ މީހުން އައި އިރު އެ މީހުންގެ ގެތައް ފެނުނީ ވީރާނާވެފައިވާ ގާފުނިތަކެއްގެ ސިފައިގައެވެ. އިސްރާއީލުން މުޅި ޣައްޒާގެ ބިނާރު ވަނީ ފުނޑުފުނޑުކޮށްލައިފައެވެ.

އިސްރާއީލުގެ ރަޙުމެއް އިންސާފެއް ނެތް ޢުދުވާނުގެ ސަބަބުން 38 ނޫސްވެރީން ހިމެނޭ ގޮތަށް މީޑިއާގައި މަސައްކަތްކުރާ 51 މީހުން މަރުވެ، ނުވަތަ ޝަހީދުވެފައިވެއެވެ.

ފަލަސްތީނުން ޝަހީދުވީ މީހުންގެ އިތުރަށް އެ ބައިމީހުންގެ އަޚުންނާއި އުޚުތުންގެ ތެރެއިން 3750 މީހުން މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

އިސްރާއީލުގެ ޢުދުވާނު ފެށި ފަހުން އދ.ގެ 104 މުވައްޒަފަކު މިހާތަނަށް މަރައިލައިފިއެވެ. ޣައްޒާގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރީންގެ 202 މީހުން ޔަހޫދީންގެ ޙަމަލާތަކުން ޝަހީދުކޮށްލައިފައި ވެއެވެ.

ޔަހޫދީންނަކީ ޔަހޫދީންނެވެ. އެ މީހުންނަށް އިތުބާރުކޮށް ދޫދޭކަށް ހެޔޮ ނުވާނެއެވެ. ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ނަޞްރު ލިބެންދެން މަސްޖިދުލްއަޤުޞާގެ ޙައްޤުގައި ޖިހާދުކުރުމެވެ. ނަމަވެސް މުސްލިމު ގައުމުތަކުން ތިބީ އަމިއްލަ ވެރިކަން ދިފާޢުކުރުމަށް ޓަކައި ޔަހޫދީންގެ ދަށުވެފައެވެ. ޔަމަންގެ ހޫތީ ސަރުކާރު ފިޔަވައި އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރާނެ ހިތްވަރު އެހެން ސަރުކާރަކަށް ނުލިބުނެވެ. ޔަމަނުން ކުރާ މަސައްކަތަށް ހަމަ ސާބަހެވެ.

މާތް ﷲ ޤުދުސާއި ފަލަސްތީނަށް ނަސްރުދެއްވާނދޭވެ! އާމީން!

_____________________________________

Advertisement

ކޮމެންޓް