މިއަދަކީ ތާރީޚުގައި ދެކުނު އޭޝިއާއާއި އެފްރިކާއަށް މުހިންމު ދުވަހެއް
މިއަދަކީ ދިވެހި ތާރީޚުގައި މުހިންމު ދުވަހެކެވެ. އަންނަ ނޮވެންބަރު މަހު 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު އިންތިޚާބު ކުރުމަށް ޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި ވޯޓުލަމުން ގެންދިޔަ ދުވަހެވެ. މިރޭގެ ވަގުތެއްގައި މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރާނެކަމަށް ބެލެވެއެވެ.
މި ކަން މިހެން އޮތް އިރު ދުނިޔޭގެ ފެންވަރުގައި ވެސް މިއަދަކީ މުހިންމު ދުވަހެއްކަމަށް ވެއްޖެއެވެ. އެހެނީ މިއަދަކީ، 2023ވަނަ އަހަރު ސެޕްޓެންބަރު ނުވަވަނަ ދުވަހަކީ، އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމުއިއްޔާ (އެފްރިކަން ޔުނިއަން) ރަސްމީކޮށް "ޖީ20"ގެ ތެރޭގައި ހިމެނުމަށް އެއްބަސްވެފައިވާކަން އިޢުލާނުކުރެވުނު ތާރީޚީ ދުވަހެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޖީ20އަކީ ދުނިޔޭގައި އިގުތިސާދީ ގޮތުން އެންމެ ކުރިއަރައިފައިވާ އަދި އެންމެ ބާރުގަދަ 20 ގައުމު ހިމެނޭ ޖަމާޢަތެކެވެ. މި ޖަމާޢަތާ ގުޅި ރަސްމީ މެންބަރަކަށް ވާން އެފްރިކަން ޔުނިއަނުން މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައި ވީނަމަ ވެސް މިހާތަނަށް އެ ޖަމާޢަތް ޖީ20އާ ރަސްމީ ގޮތުން ގުޅުމުގެ ފުރުސަތު އޮތީ ނުލިބިއެވެ. ނަމަވެސް މިއަދުން ފެށިގެން ޖީ20ގައި އެފްރިކަން ޔުނިއަން ރަސްމީކޮށް ބައިވެރިކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އެފްރިކަން ޔުނިއަން ޖީ20ގައި ބައިވެރިކޮށްފައިވާކަން ހާމަކުރެއްވީ އުތުރުކަރައިގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިއަދު އެ ޖަމާޢަތުގެ ބައްދަލުވުމުގައި ދެއްވި އިފުތިތާޙީ ތަގުރީރުގައެވެ. ޖީ20ގައި އެފްރިކަން ޔުނިއަން ބައިވެރިކުރުމުން ދޭހަވަނީ އެފްރިކާގެ މުހިންމުކަން ދުނިޔޭގެ ބާރުގަދަ އަދި މުއްސަނދި ގައުމުތަކުން ގަބޫލުކޮށްފިކަމެވެ.
ސެޕްޓެންބަރު ނުވައަކުން 10އަށް އުތުރުކަރައިގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ސަމިޓް އިފްތިތާޙުކުރެވުނީ މިއަދު މެންދުރުކުރީގެ ވަގުތެއްގައި، ޕްރާގަތީ މައިދާނުގައި ހުންނަ "ބަހާރަތު މަންދަޕަމް އިންޓަނޭޝަނަލް އެގްޒިބިޝަން ކޮންވެންޝަން ސެންޓަރު"ގައި މިއަދު މެންދުރުކުރީގައެވެ. މިއީ ޖީ20ގެ ސަމިޓެއް އިންޑިއާގައި އަދި ދެކުނު އޭޝިއާގައި ބާއްވާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިއަދަކީ އެފްރިކާއާއި ދެކުނު އޭޝިއާއަށް ވެސް އަދި ޚާއްޞަކޮށް އިންޑިއާއަށް ވެސް ތާރީޚީ ދުވަހެކެވެ. އަދި ދިވެހިރާއްޖެއަށް އެހެން ގޮތަކުން މިއަދަކީ މުހިންމު ދުވަހެއްކަން ވެސް ފާހަގަކޮށްލެވެއެވެ.