ކޮވިޑްގެ ސަބަބުން ލިބުނު އަދަބީ ފައިދާއެއް: ކޮންމެ ކަމެއްގައި ވެސް ރަނގަޅެއް އޮންނާނެއެވެ.
އަޅުގަނޑުމެންނަކީ މާތްﷲގެ އަޅުންނީމުއެވެ. އަޅުގަނޑުމެންގެ ވެރި ފަރާތަކީ ރައްބަކީ ﷲއެވެ. އެ ކަލާނގެ އަޅުންނަށް އެ ކަލާނގެ ކަންކަން ހިންމަވައިދެއްވާނީ އެންމެ ރަނގަޅަށެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ. ބައެއް ފަހަރަށް އަޅުގަނޑުމެންގެ އިޚުތިޔާރުން ބޭރުން ބައެއްކަންކަން އަޅުގަނޑުމެންނަށް މެދުވެރިވުމުންނާއި ބޭނުންވާ ނުވަތަ އުންމީދުކުރާ ކަމެއް ޙާޞިލު ނުވުމުން އެއީ "ދެރަ ކަމެއް"ކަމަށް ހީކުރަމުއެވެ. ނަމަވެސް މި ފަދަ ވަގުތުތަކުގައި ވެސް އަޅުގަނޑުމެން ބުނާން ޖެހޭނީ "الحمدلله"އެވެ. ސަބަބަކީ އެ ކަމެއް އެހެން އެ ދިމާވާނީ އަޅުގަނޑުމެންގެ ލާބައާއި މަންފާއަށް ޓަކައެވެ. ނުވަތަ ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދެއްވުމަށް ޓަކައެވެ. މުސްލިމުންގެ އީމާނަކަށް ވާން ޖެހޭނީ މި ގޮތެވެ. އެހެނީ މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. " وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ " ("އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.") (سورة البقرة:216)
ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ވެސް އަޅުގަނޑުމެންނަށް ހިތްދަތި ކަންތައްތަކެއް މެދުވެރިވިއެވެ. ބައެއް އަޚުންނާއި އުޚުތުން މި ދުނިޔެ ދޫކުރިއެވެ. އެ ފަދަ މީހުންނަށް ޝަހީދުންގެ ދަރަޖަ ނުލިބޭނެކަން އަޅުގަނޑުމެންނަށް އެނގެނީ ކިހިނެއްތޯއެވެ! އެ ފަދަ އަޚުންނާއި އުޚުތުންނަށް ﷲގެ ޙަޟުރަތުގައި ހުރި މަތިވެރި ދަރަޖަ އަޅުގަނޑުމެންނަށް އެނގޭނެތޯއެވެ! އިޤުތިޞާދީ ގޮތުން ފަރުދުންނަށާއި މުޅި ގައުމަށް ވެސް ގެއްލުންތަކެއް ވީކަމަށް ފެނުނެވެ.
ނަމަވެސް އެ ކަމުގެ ސަބަބުން ލިބުނު ފައިދާތަކުގެ ތެރެއިން ބައެއް ކަންކަން އަޅުގަނޑުމެންނަށް ފެންނާން ވެސް އެބަ ހުއްޓެވެ. އޮންލައިނުކޮށް ވިޔަފާރިތައް ކުރެވި އެތައް ބަޔަކަށް ފައިދާވުމެވެ. ދާދިވަރުކޮށް ކިޔަވައިދޭން ފެށި، މުޅި ރާއްޖޭގެ ކަންކޮޅުތަކަށް މަތީތަޢުލީމު ފުޅާވުމެވެ. އެކިއެކި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ދޮރު މުޅި ރާއްޖެއަށް ހުޅުވައިލެވުމެވެ. މިއީ ކޮވިޑްގެ ސަބަބުން ލިބުނު ބައެއް ފައިދާތަކެވެ. ﷲ ވަޙީކުރައްވައިފައިވާ ފަދައިން އަޅުގަނޑުމެންނަކަށް (ހުރިހާ ކަމެއް) ނޭނގޭނެއެވެ.
މިއަދު ބޭއްވި ޅެން މުބާރާތުގައި ބައެއް ދަރިވަރުން ޅެން ހަދަނީ (ފޮޓޯ: ދިވެހިބަހުގެ އެކެޑަމީގެ ވައިބަރު ގުރޫޕް)<br>
ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްގީ ކުރުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީއިން މިހާރު ހަމައެކަނި މުބާރާތްތަކެއް ބާއްވަވަނީކީ ނޫނެވެ. މުބާރާތުގެ ވާދަވެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރަށް އަދަބީ ތަފާތު ހުނަރުތައް ތަރައްގީކުރެއްވުމަށް ޓަކައި، ތަމްރީނާއި މަޢުލޫމާތު ވެސް ދެއްވައެވެ. ފަހަކަށް އައިސް ކޮންމެ މުބާރާތެއްގެ ކުރީން އެ މުބާރާތަކާ ގުޅޭ ތަމްރީނުތައް ދާދިވަރުކޮށް ރާއްޖޭގެ ހުރިހާ އިސްކޫލެއްގެ ދަރިވަރުންނަށާއި އެ ކަމަށް އެދޭ އެންމެނަށް ހިލޭ ފޯރުކޮށްދެއްވުމަކީ އެކެޑަމީއިން ދެއްވާ ވަރަށް ބޮޑު ޚިދުމަތެކެވެ. މި ކަމުގެ ސަބަބުން ލިޔުންތެރީންނާއި ޅެންވެރީންނާއި ވާހަކަދެއްކުންތެރީން އިތުރުވަމުން އަންނަކަން ވެސް އުފަލާއެކު ފާހަގަކުރެވެއެވެ. މިއީ ވެސް ކޮވިޑްގެ ސަބަބުން ފަހިވި ފުރުސަތެކެވެ.
މިއަހަރު ބާއްވާން ހަމަޖެހިފައިވާ ގައުމީ ފެންވަރުގެ އަދަބީ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތާއި ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ 26ވަނަ ގައުމީ މުބާރާތް ދާދި ދެންމެއަކު (މިއަދު ހަވީރު 5:30ގައި) އެ ނިމުނީއެވެ. އިއްޔެ (ހުކުރު ދުވަހު) 3:30ގައި ހުޅުމާލޭ ރެހެންދި އިސްކޫލުގައި ފެށިގެން ކުރިއަށް ދިޔަ މި މުބާރާތްތައް ކުރިއަށް ގެންގޮސް މި ނިންމައިލީ ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައެވެ. ދާދިވަރުކޮށް ރެހެންދި އިސްކޫލުގައި ތިއްބަވައިގެން ދިވެހިބަހުގެ އެކެޑަމީއިން ގެންދެވީ ހުރިހާ ކުދީންގެ މަސައްކަތް ބައްލަވަމުންނެވެ.
ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވި މި މުބާރާތުގައި އަތޮޅުތަކުގެ 117 އިސްކޫލަކުން ވާދަކުރިއެވެ. އަދި މާލޭ ސަރަހައްދުން 20 އިސްކޫލަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ދާދިވަރުކޮށް މި ބޭއްވެވީ ލޯކަލް ގަވަރންމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައިކަމަށް ދިވެހިބަހުގެ އެކެޑަމީއިން ވިދާޅުވެއެވެ.
ދިވެހިބަހުގެ އެކަޑަމީއިން ވިދާޅުވެފައިވާ ގޮތުގައި މި މުބާރާތްތައް މި ބޭއްވެވީ މައިގަނޑު ހަތަރު ބަޔަކަށް ބައްސަވައިލައްވައިގެންނެވެ. އެއީ:
1. އިސްކޫލުތަކުގެ ބައި
2. މަތީތައުލީމުގެ ބައި (ޔުނިވަރުސިޓީ/ކޮލެޖު/އިންސްޓިޓިއުޓު/އެކަޑަމީ)
3. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީ އުމުރުފުރާ)
4. އޮފީސް/ކުންފުނި/ކުލަބު/ޖަމިއްޔާ/ޖަމާއަތްތަކުގެ ބައި
އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަވައިފައި ވަނީ ތިން އުމުރުފުރާއަކަށް ބައްސަވައިލައްވައިގެންނެވެ. އެއީ ކީ އިސްޓޭޖް ތިނަކާއި، ކީ އިސްޓޭޖް ހަތަރަކާއި ކީ އިސްޓޭޖް ފަހެކެވެ.
ދިވެހިބަހުގެ އެކެޑަމީއިން ބާއްވަވާ މުބާރާތްތަކާއި ހިންގަވާ ޙަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ވަނީ އިޢުލާނުކުރައްވައިފައެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކެޑަމީގެ ރައީސް ގެންދަވަނީ ބަޖެޓުގެ ދަތިކަމާއެކު ވެސް ޚިދުމަތްތައް ފުޅާކުރެއްވުމަށް ޓަކއި ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މިހާރު އަދަބީ ޙަރަކާތްތައް މި ވަނީ މާލީ އަދި އިންސާނީ ވަސީލަތުގެ ދަތިތަކާއެކު ވެސް މުޅި ރާއްޖެއަށް ފުޅާކުރައްވަމުންނެވެ. ދާދިވަރުކޮށް މި ފަދަ ޙަރަކާތްތައް ފުޅާކުރައްވައިފައިވާ އިރު، މި ކަމަށް އިސްނަންގަވައިގެން އެކެޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ ވެސް ކޮވިޑްގެ ދުވަސްވަރު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާކަން ފާހަކުރާން ޖެހެއެވެ.
ކޮންމެއަކަސް ކޮވިޑްގެ ސަބަބުން ޢިލްމީ އަދި އަދަބީ ޙަރަކާތްތަކާއި އިގުތިސާދީ ދާއިރާއިން ވިޔަފާރިތައް ފުޅާވެފައިވާކަމީ، ކޮވިޑްގެ ސަބަބުން ލިބުނު ފައިދާތައްކަމުގައި ނޫނީ ނުވާނެއެވެ. އަދި ގިނަ ފައިދާތައް އަޅުގަނޑުމެންނަށް ނޭނެނީއެވެ. وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ އެވެ. ("ﷲ ދެނެވޮޑިގެން ވެތެވެ. ތިޔަބައިމީހުންނަކަށް ނޭނގެތެވެ.") މިހެން ﷲ އަންގަވައިފައިވާ ހަގީގަތް ގަބޫލުކުރާން ޖެހެއެވެ. އާދޭހެވެ! ކޮންމެ ކަމެއްގައި ވެސް ރަނގަޅެއް އޮންނާނެއެވެ. ކޮންމެ ޙާލަތެއްގައި މުސްލިމުންގެ ބަހަކަށް ވާން ޖެހޭނީ "الحمدلله"އެވެ.
_____________________________________
ބައެއް ލަފުޒުގެ މާނަ:
ދާދިވަރު ނއ. (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ (2) ހަގީގަތާ ވަރަށް ގާތް
ޢަލަމީވަބާ ނ. ބަލިމަޑުކަން
އެކެޑަމީ ނ. (1) ޚާއްސަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނު ދޭ ތަނެއް. (2) އިތުބާރާއި ގަދަރު ލިބިގެންވާ ޢިލްމުވެރީންގެ ނުވަތަ އަދީބުންގެ ނުވަތަ ޖަމާޢަތެއް ނުވަތަ މުއައްސަސާއެއް (3) ފަންނެއް ނުވަތަ ބަހެއް ނުވަތަ ޢިލްމެއް ހިމާޔްތަކޮށް ތަރައްގީކުރާން ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ނުވަތަ މުއައްސަސާއެއް (4) ވިދާރާ