Advertisement

މީހުން ބުނެފައި ހުރި ބައެއް ވާހަކަ: ޤައުމަށް އިސްލާހީ ހެޔޮ ބަދަލެއް ގެނެވޭނެ ގޮތް

24 Nov 2023 | 09:05
ސިޔާސީއަކު ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދައްކަނީ. (ފައިލް ފޮޓޯ)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ހެޔޮ އިސްލާހީ ސިޔާސީ ބަދަލެއް އައުން ގުޅިފައި އޮތީ ޒިހުނިއްޔަތުގެ ބަދަލަކާއެވެ. އިލްމީ ސިފައެއްގައި ވިސްނައި ފިކުރުކުރުމުގެ ބަދަލަކާއެވެ. މީގެ މިސާލަކީ ހަވާދުގަނޑެއްގެ މިސާލެވެ. އެއް ހަވާދުގަނޑެއްގައި ކޮންމެ ވައްތަރެއްގެ މަހެއް، އެއީ އެއްގަމު މަސްކަމަށް ވިޔަސް ނޫނީ ކަނޑު މަސްކަމަށް ވިޔަސް، އަދި ކިއެއް ހެއްޔެވެ؟ އެއަށް ތަރުކާރީ އެޅިއަސް، އޭގައި، މައިގަނޑު ގޮތެއްގައި ރާލީ ހަމަ އެއް ރަހައެކެވެ. އެއެއްޗެހި ކެއްކި ހަވާދުގަނޑުގެ ރަހައެވެ. އެހެންވެ، ޒިހުނިއްޔަތުގެ ބަދަލެއް ނައިސް، ގައުމުގެ ސިޔާސީ މައި ތަޅުދަނޑި އެހެން މީހަކާ ހަވާލުކުރުމަކުން، ސިޔާސީ ރިހަނގަޑުގެ ކުލަ ބަދަލުވިޔަސް، އޭގެ ރަހަ، ބަދަލުވާނެކަމަށް ހީކުރުން ވާނީ އެއް ހަވާދުގަނޑެއްގައި ތަފާތު ރިހަ ކައްކައިފައި، ރިހަގަނޑުގެ ރަހަ ތަފާތު ވެދާނެކަމަށް ހީކުރާ ހީކުރުން ކަހަލަ ކަމެކެވެ.

ހެޔޮ އިސްލާހީ ސިޔާސީ ބަދަލެއް ގެނައުމަށް، އާންމު ގޮތެއްގައި، ތަނުގެ އިސް ސަފުތަކުގައި ތިބޭ ސިޔާސީވެރިންނާއި އެ މީހުންނަށް ތާއީދުކުރާ އާންމުން ވެސް ނޭދެއެވެ. މިހެންވާން [ދިމާވާ] މައިގަނޑު ދެ ސަބަބެއް އޮވެއެވެ. ފުރަތަމަ ސަބަބަކީ އެ މީހުންނަކީ ޒިހުނިއްޔަތުގެ މީހުންނަށް، އިލްމީ ސިފައެއްގައި ވިސްނައި ފިކުރުކުރާ މީހުންނަށް، ނުވުމެވެ. އެހެންވެ، ރަނގަޅު ހެޔޮ ބަދަލެއްގެ ތަސައްވުރެއް އެ މީހުންގެ ހިތުގައި ކުރަހައިލެވިފައި ނެތުމެވެ. އެ ފަދަ ތަސައްވުރެއް އޮތް ނަމަ، އެ ކަމުގެ ވާހަކަ ދެއްކީސްތާއެވެ. އިންތިޚާބުތަކާ ކުރިމަތިވެގެން އުޅޭ ވަގުތުތަކުގައި މިފަދަ ވާހަކައެއް ނީވެއެވެ. ދެވަނަ ސަބަބަކީ އެ ފަދަ ސިޔާސީވެރިންނާއި އެ މީހުންނަށް ތާއީދުކުރާ މީހުންގެ މައިގަނޑު ސަބަބަކީ ފަހަރެއްގައި ވެސް ހެޔޮ އިސްލާހީ ބަދަލެއް ގެނައުމެއް ނޫނެވެ. އެ މީހުންގެ އަސާސީ ބޭނުމަކީ ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވުމެވެ. އެ މީހުން ދައްކާ ހުރިހާ ވާހަކައެއްގެ އަމާޒަކަށް ވެފައި އޮންނަނީ މި މަގުސަދު ހާސިލުކުރުމެވެ. އެއީ ވައުދުގެ ވާހަކައަށް ވިޔަސް ވެހެވެ. ދީނީ ވާހަކައަށް ވިޔަސް ވެހެވެ. ނޫނީ ސިޔާދަތާއި މިނިވަންކަމުގެ ވާހަކައަށް ވިޔަސް ވެހެވެ. މީގެ ހެތްކަކީ ހެއްޔެވެ؟ ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވެވި، އެ ގޮނޑީގައި އިށީނދެވުމުން، ކުރިން ދެއްކި ވާހަކަތައް މަތިން، ހަނދާން ނެތޭ ގޮތް ވުމެވެ! ނޫނީ އެ ވާހަކަތައް އެކި ގޮތްގޮތަށް ބަދަލުކުރާން ފެށުމެވެ.

ސިޔާސީ ބައެއް ވެރީން، އެ މީހުންގެ އުސޫލުތަކުގައި ހިފައްޓައިގެން ތިބުމުން، އެ މީހުންގެ ޕާޓީ ބަދަލުކުރާން ޖެހެއެވެ. ނަމަވެސް، އަނެއްބައި ސިޔާސީވެރީންނަކީ ޕާޓީއަށް ޓަކައި އެ މީހުންގެ އުސޫލުތައް ބަދަލުކޮށްލާން ފަސް ނުޖެހޭ މީހުންނެވެ.

ވާހަކަދައްކައި އެ މީހެއްގެ ޚިޔާލު ފާޅުކުރުމުގައި ޖަނަވާރުންނާއި ފަނިފަކުސައިގެ ކިބައިން ލިބޭ ފިލާވަޅެއް އޮވެއެވެ. މި ފިލާވަޅު ވިސްނިދިޔުމަށްޓަކައި، ވާހަކަދައްކައި އެއްޗެއް ބުނާން ޖެހިލުންވަނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުއާލުކޮށްލާން ޖެހެއެވެ. މި ސުއާލުގެ ޖަވާބު ކޮންމެ ގޮތަކަށް ވެސް ލިބިދާނެއެވެ. ކަންކަން ނޭނގުމޭ ބުނުމެވެ. ނުބެހޭ ކަމެކޭ ބުނުމެވެ. ގެއްލުމެއް ލިބިދާނޭ ބުނެމުވެ. ނަމަވެސް، މި ހުރިހާ ކަމެއްގެ ވެސް އަސާސު ގުޅެނީ އެންމެ ކަމަކާއެވެ. އެއީ އެހެން މީހުން ކިޔައިފާނެ އެއްޗަކާ ހުރެއެވެ. އަދި، އެ ކަމުގެ ސަބަބުން، މީހާގެ އަގު ވެއްޓިދާނެކަމަށް ހީވާ ހީވުމެވެ.

ދެން، ޖަނަވާރުންނަށާއި ފަނިފަކުސަ ކަންކަން ކުރާ ގޮތުގެ މައްޗަށް ނަޒަރު ހިންގައިލާށެވެ! ކުރަތްޕަކާ ނޫނީ މީދަލަކާ ދިމާއަށް، ކަލޭތީ ހާދަ މުޑުދާރު އެއްޗެކޭ ބުނުމުން، އޭތި ދުވެ ފިލައިހެއްޔެވެ؟ ހިންޏާ ދިމާއަށް ކަލެއާ ހުރެ ހާދަ އުނދަގުލެއްވެއޭ ބުނުމުން އެއްޗިއްސަށް ހިނި ނާރައި ހުއްޓައިލާނެ ހެއްޔެވެ؟ ބުޅަލަކާ ދިމާއަށް މަގުމަތި ހަޑީ ކުރާތީ ހަޅޭލަވައިގަތުމުން އެ ކަން ހުއްޓައިލައިހެއްޔެވެ؟ ޖަނަވާރުންނާ ދިމާއަށް އެއްޗެއް ކިޔުމަކުން ޖަނަވާރުން ޖެހިލުމެއް ނުވެއެވެ. މީހަކު ކިޔައިފާނެ އެއްޗަކާ މެދު ބިރުގަނެ ކަންކަން ކުރުން ޖަނަވާރުން ހުއްޓައެއް ނުލައެވެ.

އިންސާނުންނަށް ޖަނަވާރުންގެ ކިބައިން މި ފިލާވަޅު ދަސްކުރެވިދާނެއެވެ. އެއްޗެއް ބުނާން ބޭނުން ވެއްޖެ ނަމަ، މީހުން ކިޔައިފާނެ އެއްޗަކާ ހުރެ ޖެހިލުން ނުވުމެވެ. ރީތި ގޮތުގައި ބުނާން ބޭނުންވާ އެއްޗެއް ބުނާންވީއެވެ!

އިސްލާހީ ހެޔޮ ބަދަލު، ފެށެނީ އާންމުންގެ ތެރެއިންނެވެ. އާންމުންގެ އިލްމީ ވިސްނުމާއި ފިކުރުކުރުން ފެށޭ ހިސާބުންނެވެ. ބޭނުންވާ ހެޔޮ ބަދަލުގެ ތަސައްވުރެއް، އެންމެ ފުރަތަމަ، ޚިޔާލީ ސިފައެއްގައި ކުރަހައިލެވި، އެ ކަން ކުރުމުގެ މަގަކީ ކޮބައިކަން ބުނެދެވިގެންނެވެ. ދެން، މި ވާހަކަތައް އާންމުން ކިޔައި، އެއީ ކުރެވިދާނޭ ކަމެއްކަމަށް ގަބޫލުކުރެވިގެންނެވެ. ދެން، އެ ކަމަށް އަމަލީ ސިފަ ގެނައުމުގެ ގާބިލުކަން ހުރި މީހުން އުފެދި، އެ ކަން އަމަލީ ސިފައެއްގައި ހިންގައިލެވިގެންނެވެ.

މީގެ ހެކި ހެއްޔެވެ؟ ތިން މިސާލެއް ލިޔެލާނަމެވެ.

ފުރަތަމަ މިސާލަކީ އިސްލާމީ ތާރީޚު ދެއްކި މިސާލެކެވެ. އާދޭހެވެ! ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ދެއްކެވި މިސާލެވެ. އެކަލޭގެފާނުން ދެކެވަޑައިގަތް އިސްލާހީ ތަސައްވުރު އެކަލޭގެފާނުންގެ ހިތްޕުޅުގައި ސާފުކޮށް ކުރައްސަވައިލެއްވުމަށް ޓަކައި އެ ކަމާ ވިސްނުމުގެ ނަޒަރު ހިންގަވާން ފަސް ވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. ގިނިކަންޏާ، ހިރާ ފަރުބަދައިގައި އިންނަވައެވެ. މި ކަމުގެ ބުރަކަން، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި އޮވެއެވެ. އަލަމް ނަޝްރަޙް ސޫރަތުގައެވެ. އެ މައްސަލައާ ދޭތެރޭ ވިސްނައި ފިކުރުކުރެއްވުން، [އެއީ] އެކަލޭގެފާނުންގެ ބުރިކަށިފުޅު ބިންދައިގެން ދިޔުމަށް މެދުވެރިކުރުވި ކަހަލަ ކަމެއްގެ ގޮތުގައި، މި ސޫރަތުގައި ސިފަކުރެވިފައި ވެއެވެ.

އެކަލޭގެފާނުންގެ ސިޔަރަތަށް ބަލައިލުމުން، އެކަލާގެފާނުންގެ އިސްލާހީ މަސައްކަތްޕުޅު ކުރިއަށް ގެންދެވި ގޮތް ފެނެއެވެ. އެ މަސައްކަތްޕުޅު އޮތީ ދެބަޔަކަށް ބަހައިލެވިފައެވެ. ފުރަތަމަ ބައިގައި އަމާޒުކުރެވުނީ ފަރުދީ އިސްލާހަށެވެ. މީހުންގެ ކިބައިގައި ހުރި ނަމަ ހުރި ނުރަނގަޅު ގޮތްތައް ބަދަލުކުރެއްވުމަށެވެ. މި ނުރަނގަޅު ގޮތްތަކުގެ ވާހަކަ، ޚުލާސާ ގޮތެއްގައި އަލްކާފިރޫން ސޫރަތާއި އައްތަކާޘުރު ސޫރަތުގައި ނަންގަނެވިފައި ވެއެވެ. ގަބޫލުކުރާ އަގުތަކުގެ (އުސޫލުތަކުގެ) ބޮޑެތި ތަފާތުތަކެއް ހުރިކަމާއި އަދި އެ ނުރަނގަޅު ގޮތް ގުޅިފައި އޮތީ، މައިގަނޑު ގޮތެއްގައި، މާއްދިއްޔަތުގެ ދުނިޔަވީ ނަޒަރަކާކަމެވެ. ދެން، އިތުރަށް މީގެ ތަފުސީލު، ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތަކުން ލިބެއެވެ. މިސާލަކަށް، އަލްބަގަރާ ސޫރަތުގެ ފުރަތަމަ ވިހި އާޔަތުންނާއި އަލްމުއުމިނޫން ސޫރަތުގެ ފުރަތަމަ އެގާރަ ވަނަ އާޔަތުންނާއި އަލްމުމްތަހިނާ ސޫރަތުގެ ފަހު ބައިންނެވެ. މި ސޫރަތްތަކަށް ނަޒަރު ހިންގައިލުމުން، އެކަލޭގެފާނުންގެ ފަރުދީ އިސްލާހުގެ ހަގީގަތް ސާފުވެގެންދެއެވެ.

ދެން، އެކަލޭގެފާނުންގެ އިސްލާހީ މަސައްކަތްޕުޅުގެ ދެ ވަނަ ބައި ގުޅެނީ މުޖުތަމައީ އިސްލާހާއެވެ. މި ކަމުގެ އަސާސާ ގުޅޭ މައިގަނޑު ދެ އަގުކަމުގައިވާ ހަމަހަމަކަމާއި އަދުލުވެރިކަމުގެ ވާހަކަ އައްނަހުލު ސޫރަތުގެ ނުވަދިހަ ވަނަ އާޔަތުންނާއި އަދި އަލްހުޖުރާތު ސޫރަތުގެ ދިހަ ވަނަ އާޔަތުން ސާފުވެއެވެ. ދެން، މީގެ ތަފުސީލު، ކީރިތި ގުރުއާނުގެ، ޚާއްސަ ގޮތެއްގައި މަދަނީ ސޫރަތްތަކުގައި، ބަޔާން ކުރެވިފައި ވެއެވެ.

އާދޭހެވެ! މިއިން ފާހަގަކޮށްލާން ބޭނުން ވަނީ، އެކަލޭގެފާނުންގެ އިސްލާހީ މަސައްކަތްޕުޅު، އިސްލާމީ ރިސާލަތު، ކުރިއަށް ގެންދެވީ މަރުހަލާތަކަކަށް ބަހައިލެވިގެންކަމެވެ. ފިކުރީ ނަޒަރީ މަރުހަލާއަކާއި ފަރުދީ އިސްލާހުގެ މަރުހަލާއަކާއި މުޖުތަމައީ އިސްލާހުގެ މަރުހަލާއެކެވެ. އެންމެ ފުރަތަމަ، ރިސާލަތުގެ ސާފު ތަސައްވުރެއް ކުރަހައިލުމެވެ. ދެން، އެ ކަން އާންމު އަފުރާދުންގެ ކުރި މައްޗަށް ހުށަހަޅައިލައި، އެކަށީގެންވާ އަދަދެއްގެ މީހުންނަށް އެ ކަން ގަބޫލުކުރެވުމުން، އެ މީހުންގެ މައްޗަށް އެކުލެވޭ މުޖުތަމައެއް ބިނާކުރުމެވެ.

ދެން އަނެއް ދެ މިސާލު ގުޅެނީ ހުޅަނގުގެ މިޒަމާނުގެ ތާރީޚާއެވެ. އަށާރަވަނަ ގަރުނުގައި ހަގީގަތަކަށް ވެގެން ދިޔަ ފަރަންސޭސި އިންގިލާބާއި އަދި ވިހިވަނަ ގަރުނުގެ ކުރީ ކޮޅުގައި ރޫސީވިލާތަށް ގެނެވުނު ކޮމިޔުނިސްޓު އިންގިލާބެވެ. މި ދެ އިންގިލާބު ގެނެވުމުގެ ކުރިން، އެ ކަމުގެ ތަސައްވުރެއް ކަނޑައަޅައިލެވުނެވެ. ފަރަންސޭސި އިންގިލާބު ގެނެވުމުގެ ކުރީން، އެ ކަމުގެ އެކިއެކި ލިޔުންތައް ލިޔެވި، އިންގިލާބުގައި އެދެވެނީ ކޮންކޮން ކަމެއްތޯ - ފަރުދީ މިނިވަންކަމާއި ފަރުދީ ހައްގުތައް ލިބި ދިނުން ފަދަ ކަންކަން – މި ކަމުގެ ވާހަކަތައް އިންގިލާބު އައުމުގެ ދުއިސައްތަ ވަރަކަށް އަހަރު ކުރީއްސުރެން ދެއްކޭން ފެށުނެވެ. އާދޭހެވެ! އެ ކަމުގެ ޒިހުނިއްޔަތުގެ މަސައްކަތްކުރެވި، މީސްތަކުންގެ ތެރެއަށް އެ ކަން ހުށަހަޅައިލެވުނެވެ. ދެން، އެ ކަމުގެ އަމަލީ މަސައްކަތް، އަށާރަވަނަ އަހަރުގެ ފަހުކޮޅު ފެށި، އިންގިލާބު އެދުން ހަގީގީ އިސްލާހުތައް ގެނައުމަށް، އިތުރު ވިއްސަކަށް އަހަރު ހޭދަވިއެވެ.

ހަމައެހެންމެ، ކޮމިޔުނިސްޓު އިންގިލާބު ވެސް ފެށުނީ ޒިހުނިއްޔަތުގެ މަސައްކަތުންނެވެ. މާރްކްސްއާއި އެންޖެލްސްގެ ލިޔުންތަކުންނެވެ. މިކަން، ލެނިންއާއި އަދިވެސް އިންގިލާބުގެ ލީޑަރުންނަށް ވިސްނި، އިންގިލާބު ގެނައުމުގެ އަމަލީ މަސައްކަތް ފަށައިން، ރޫސީވިލާތުގައި ކުރީން އޮތް ނިޒާމު ބަދަލުކޮށްލައި 1917ގައި ކޮމިޔުނިސްޓު ނިޒާމެއް ރޫސީވިލާތުގައި ގާއިމުކޮށް، ސޯވިޔެޓް ޔުނިއަން ވުޖޫދަށް ގެނައެވެ.

މި ދެ މިސާލުން ވެސް ފެންނަނީ ކުރީން ބުނި ވާހަކައިގެ ހެތްކެވެ. އިސްލާހީ މަސައްކަތުގެ ފެށުން ގުޅިފައި ވަނީ ޒިހުނިއްޔަތާކަމެވެ. އިލްމީ [ގޮތުން] ވިސްނުމާއި ފިކުރުކުރުމާކަމެވެ. ދެން، އެއަށް ފަހު، އާންމުންގެ ހޭލުންތެރިކަމާއެވެ. މި ކަން ގުޅިފައި އޮންނަނީ ކިއުމާއެވެ. ކިއައިގެން އިލްމީ ސަގާފަތުގެ އަހުލުވެރި ބަޔަކަށް ވުމާއެވެ. އެހެންވެ، ކީރިތި ގުރުއާން ބާވައިލެއްވުނީ ފެށުނީ އިޤްރައު، މި ފަދައިން އަމަރުކުރެވި، ކިއުމަށް ގޮވައިލައްވައި [އެ ކަމަށް] ބާރުއެޅިގެންނެވެ.

______________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް