Advertisement

ވޭތުވެދިޔަ 50 ދުވަހުގެ ތެރޭގައި ފުރަތަމަ އިވުނު ރަނގަޅު ޚަބަރު: ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓައިލައިފި!

23 Nov 2023 | 17:11
ހަނގުރާމަ ހުއްޓައިލުމުން ޣައްޒާއަށް ޒަރޫރީ އެހީ ހިފައިގެން ލޯރިއެއް ވަންނަނީ. (ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް)

ޣައްޒާ ސުންނާފަތިކޮށްލުމަށް ފަހު، އެންމެ ފަހުން ވަގުތީ ގޮތުން ހަމަލާތައް ހުއްޓައިލާން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެކި މަޞްދަރުތަކުން އެބަ އަޑުއިވެއެވެ. ޤަޠަރު، މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޙަމާސާއި އިސްރާއީލާ ދެމެދު ދެކެވުނު ވާހަކަތަކުން އެއްބަސްވުމަކަށް އާދެވިފައިވަނީ ދެ ފަރާތުން ހިފަހައްޓައިފައިވާ އަސީރުން ދޫކޮށްލުމަށް ޓަކައި ވަގުތީ ގޮތުން "ހަނގުރާމަ" (އިސްރާއީލުގެ ޢުދުވާނީ ޙަމަލާ) ހުއްޓައިލާށެވެ. އަލްޖަޒީރާއާ ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ލުބުނާނުގެ ޙިޒުބުﷲ ވެސް ހިމެނޭނެކަމަށް އުންމީދުކުރެވޭކަމަށެވެ. މި ޑީލަކީ ހުޅަނގާއި ޢަރަބި ބައެއް ގައުމުތަކުން ހުށަހެޅި ޑީލެކެވެ. މި ޑީލުގެ ދަށުން މިއަދު (ބުރާސްފަތި ދުވަހު) މެންދުރުކުރީ 10:00ގައި ހަމަލާތައް ހުއްޓައިލާން ޖެހެއެވެ. އެހެން މަޞްދަރަކުން ޚަބަރު ލިބުނު ގޮތުގައި އެ އެއްބަސްވުން އަސަރުވެރިވާނީ ހުކުރުދުވަހު ހެނދުނު ހަތެއްޖަހާއިރުއެވެ. އެ މީހުން ބުނެފައިވާ ގޮތުގައި ވަގުތީ ގޮތުން މި އެއްބަސްވެވުނު އެއްބަސްވުމަކީ ދާއިމީ ގޮތުން ޙަމަލާތައް ހުއްޓައިލާ ހުއްޓައިލުމަކަށް ވާން ޖެހޭނެކަމަށް އެ ޑީލު ހުށަހެޅި ފަރާތުން ބުނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓައިލި ހުއްޓައިލުން މިއަދު ޣައްޒާ ގަޑިން 10 ޖެހި އިރު އަސަރުވެރިވެފައި ވާ ކަމަށް އިސްރާއީލާއި ޤަތަރާއި ޙަމާސުން ވެސް ބުނެއެވެ. މިއީ ހުށަހެޅުނު ޑީލުގެ ބައެއްކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ. މި ޑީލު ބުދަދުވަހު ވަނީ އިސްރާއީލުން ވެސް ކަށަވަރުކޮށްދީފައެވެ.

މި އެއްބަސްވުމުގެ ދަށުން ޙަމާސުން ދޫކުރާނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އަސީރުން ދޫކުރާ އަސީރުންގެ ވަކި ރޭޝިއޯއަކާ އެއް ވަރަށް، ޣައްޒާގައި ހިފަހައްޓައިފައިވާ އަސީރުންގެ ތެރެއިން 50 އަންހެނުންނާއި ކުޑަކުދީންނެވެ.

މި އެއްބަސްވުން ނިހާއީކުރުމަށް ޓަކައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ދާއޫދު ބަރްނީލް އިއްޔެ (ބުދަދުވަހު) ޤަތަރުގެ ވެރިރަށް ދޯހާއަށް ޒިޔާރަތްކުރިއެވެ. އިސްރާއީލުން މިހާރު އިޢުލާނުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި އަސީރުންގެ ތެރެއިން މިނިވަންކުރާން ފަލަސްތީނުން ބޭނުންވާ މީހުންގެ ލިސްޓް މިހާރު ވަނީ އިސްރާއީލަށް ލިބިފައެވެ.

ޣައްޒާއަށް ދެމުން ގެންދިޔަ ޙަމަލާތައް ޣައްޒާ ސުންނާފަތިކޮށްލުމަށް ފަހު ހުއްޓައިލައިފި. (ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް)<br>

މި ޑީލުގެ ދަށުން އަސީރުން ދޫކުރާން އެއްބަސްވެވިފައިވަނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނު އަސީރުންގެ ތެރެއިން މިނިވަންކުރާ ކޮންމެ 150 މީހަކަށް 50 ޔަހޫދީން ޙަމާސުން ދޫކުރާ ގޮތަށެވެ. މީގެ އިތުރަށް ޔަހޫދީ ޖަލުތަކުން މިނިވަންކުރާ ފަލަސްތީނުގެ 10 މީހަކަށް ހަމާސުން ޔަހޫދީއަކު ދޫކުރާނެއެވެ. ހަތަރު ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓައިލާން އެއްބަސްވެފައިވާ މި އެއްބަސްވުން ގިނަވެގެން 10 ދުވަހަށް އިތުރުކުރެވޭނެކަމަށް އެނގިފައިވެއެވެ. ޙަމާސުން ބުނެފައިވަނީ މީ ޑީލުގައި އެއްބަސްވެވިފައިވަނީ ދެކުނު ޣައްޒާއަށް ވައިގެ މަގުން ދޭ ޙަމަލާތައް ހުއްޓައިލުމާއެކު އުތުރު ޣައްޒާއަށް ދޭ ޙަމަލާތައް ދުވާލަކު ހަ ގަޑިއިރަށް މެދުކަނޑައިލާ ގޮތަށެވެ. ޙަމާސުން ބުނެފައިވާ ގޮތުގައި ޙަމަލާތައް ހުއްޓައިލައިފައި އޮންނަ ވަގުތުތަކުގައި އެހީގެ ތަކެތި ހިފައިގެންދާ 300 ލޯރި ޣައްޒާއަށް ވަންނާން ހުއްދަ ދޭނެއެވެ. ވިލާތުގެ އިއްތިޙާދުން ވެސް ބުނެފައިވަނީ ތަޅައިފޮލުން ހުއްޓިފައި އޮންނަ ވަގުތުތަކުގައި ޣައްޒާއަށް ދޭ އެހީ އިތުރުކުރާނެކަމަށެވެ.

ބުދަ ދުވަހު ހެނދުނު އިސްރާއީލްގެ އަދުލުއިންސާފާ ބެހޭ ވުޒާރާއިން ވަނީ މި ޑީލުގެ ދަށުން ޖަލުން މިނިވަންކުރެވިދާނެ 300 މީހެއްގެ ނަން ޝާއިޢުކޮށްފައެވެ. މި ޑީލުގެ ދަށުން ސަލާމަތީ ސަބަބުތަކަށް ޓަކައި ދޫކޮށްގެން ނުވާނެކަމަށް ވަކި ބަޔަކު ކަނޑައަޅައި ހުށަހެޅި ޕެޓިޝަން އިސްރާއީލުގެ ހައިކޯޓުން ބުދަދުވަހު ވަނީ ބަލައިނުގެންފައެވެ. ހިޒުބުﷲގެ އަމީން ޢާންމު ޝައިޚު ޙަސަން ނަޞްރުﷲ ވަނީ ޙަމާސްގެ އިސް އިސްވާރުންނާ ލުބުނާންގައި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމާ ގުޅިގެން ޙިޒުބުﷲގެ މަސްދަރަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޙަމަލާ ހުއްޓުމުގެ އެއްބަސްވުމުގައި އެ ޖަމާޢަތުން ވެސް ބައިވެރިވާނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބުނެފައިވަނީ ހަމަލާތައް ހުއްޓައިލާން އެއްބަސްވެފައިވާ ވަގުތުތަކަށް ފަހު، "ހަނގުރާމަ"(ޢުދުވާނީ ޙަމަލާ) ހުއްޓައިނުލާނެކަމަށެވެ. ޙަމާސުން މިނިވަންކުރާ އަސީރުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ޓަކައި އިސްރާއީލުގެ ހަ ހޮސްޕިޓަލެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. އެހެން ބަލިމީހުންނާ ދުރުގައި އެ މީހުންނަށް ޚާއްޞަކޮށްގެން ފަރުވާ ދެވޭނެ ގޮތަކަށެވެ. އިސްރާއީލު ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޖަލުން މިނިވަންވާ ފަލަސްތީނީން މިނިވަންވާކަމަށް ޓަކައި އުފާ ފާޅުނުކުރާން އިސްރާއީލު ފުލުހުން އަސީރުންނަށް އަންގާނެކަމަށް އިސް އޮފިސަރުން ބުނެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ހަމަލާތައް މެދުކަނޑައިލާން އެއްބަސްވި އެއްބަސްވުމަށް މަރުޙަބާކިޔައި ޤަތަރާއި މިސްރުގެ އިސްވާރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޢަރަބި ޚާރިޖީ ވަޒީރުން ވެސް ވަނީ މި ޑީލުގެ ދަށުން ޙަމަލާތައް ހުއްޓައިލި ހުއްޓައިލުމަށް މަރުޙަބާ ވިދަލުވެފައެވެ. އޭގެ އިތުރަށް އެ ބޭފުޅުން ވިދާޅުވަނީ ސުލްހައިގެ މުއްދަތު ދިގުކުރާން ޖެހޭނެކަމަށާއި، މިއީ ހަމަލާތައް މުޅިން ހުއްޓައިލުމުގެ ފުރަތަމަ ފިޔަވަޅުކަމަށެވެ.

ރޫސީވިލާތުން މި ކަމަށް މަރުޙަބާ ކިޔަމުން ބުނެފައިވަނީ މިއީ މި ހަމަނުޖެހުން ފެށުނު ފަހުން ފުރަތަމަ އިވުނު ރަނގަޅު ޚަބަރުކަމަށެވެ.

_______________________________________

ބައެއް ލަފުޒުގެ މާނަ:

ޑީލު   ނ.      ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

އަސަރުވެރި ނއ.  (1) ކަމަކުން ހާސިލުކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ނަތީޖާ ނުކުންނަ. (2) ކަމެއްގެ އަސަރު ފޯރަނިވި.

ނިހާއީ   ނއ.   ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ.

Advertisement

ކޮމެންޓް