Advertisement

މުޙަންމަދު ޝަމްޢާން ވަޙީދުގެ ކޮމިޝަނަރ ޖެނެރަލްކަމުގެ ދަށުން ފުރަތަމަ ދުވަހު ވެސް ރައްޔިތުންނަށް ލުއިފަސޭހަކަން

21 Nov 2023 | 19:00
ކޮމިޝަނަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙަންމަދު ޝަމްޢާން ވަޙީދު އިމިގްރޭޝަން އޮފިސަރުންނާއެކު (ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން)

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާރ ޖެނެރަލްގެ މަގާމަށް ޑރ. މުޢިއްޒުގެ ސަރުކާރުގައި ވަރަށް ޒުވާން ބޭފުޅަކު ހަމަޖެހުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ދިވެހިރާއްޖޭގެ އިންސަރަހައްދުގެ ހިމާޔަތާއި ރައްކާތެރިކަން ބަލަހައްޓާން އެހާ ޒުވާން "ކުއްޖަކާ" ޙަވާލުވުމަކީ ރަނގަޅު "ޗޮއިސް"ތޯ ބައެއް މީހުން ސުވާލުކުރިއެވެ. ނަމަވެސް މުޙަންމަދު ޝަމްޢާން ވަޙީދު އޮފީހަށް ނުކުމެވަޑައިގަތް ފުރަތަމަ ދުވަހު ވެސް ދިވެހި ރައްޔިތުންނަށް ފަސޭހަވާނޭ ފިޔަވަޅުތަކެއް އަޅުއްވައިދެއްވިކަމީ މި ސުވާލުގެ ޖަވާބު ލިބުނު ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އާދޭހެވެ! ޒުވާން ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން، މަގާމާ ޙަވާލުވެވަޑައިގެން ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންނާއި ރާއްޖެއަށް ބޭރުން އަންނަ ދިވެހީންނަށް "ޓްރެވެލަރ ޑެކްލެރޭޝަން" ފޯމު (ނުވަތަ އިމުގާ ފޯމު) ފުރާން ނުޖެހޭ ގޮތަށް ހަމަޖެއްސެވުމެވެ.

އިމިގްރޭޝަނުން ނެރުއްވި ނޫސްބަޔާނުގައި ބަޔާންކުރައްވައިފައިވާ ފަދައިން މުޙަންމަދު ޝަމްޢާން ވަޙީދު ރަސްމީކޮށް ވަޒީފާގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް އެ ވަނީ އާންމުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެއްވާން ފައްޓަވައިފައެވެ.

2023 ނޮވެންބަރު 20ން ފެށިގެން ރާއްޖެ އަންނަ ދިވެހީންނާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންނަށް އިމުގާ ފޯމް ފުރިހަމަކުރާން ނުޖެހޭނެ ގޮތް ހައްދަވައި، ޒުވާން ކޮންޓްރޯލަރ އެ ވަނީ ރައްޔިތުންނަށް ލުއިތަކެއް ދެއްވައިފައެވެ. މަގުޞަދަކީ ދަތުރުފަތުރުކުރުމުގައި ވީހާ ވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ދިވެހި ރައްޔިތުންނަށް ހަމަޖައްސަވައިދެއްވުންކަމަށް އިމިގްރޭޝަނުން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ޓްރެވެލަރ ޑެކްލެރޭޝަން ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރާން ނުޖެހޭ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙަންމަދު ޝަމްޢާން ވަޙީދު ނިންމެވީ މި ފޯމު ފުރާން ޖެހުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ގިނަ ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލާން ޖެހި، އެ ކަމުގެ ޝަކުވާ ބޮޑުވެފައި ވާތީކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖެއަށް އަންނަ ދިވެހީންނާއި ރާއްޖެއިން ބޭރަށް ދާ ދިވެހީންގެ އިތުރަށް ބިދޭސީންނާއި ފަތުރުވެރީންނަށް ވެސް މި ފޯމު ފުރާން ޖެހެއެވެ.

އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 ޢާލަމީ ވަބާއާ ގުޅިގެން، އެ ދުވަސްވަރު، ރާއްޖޭގެ އިމުގެ ސަރަހައްދު ބެލެހެއްޓުމުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން 2020 ޖުލައި 15ގައެވެ. އޭގެ ފަހުން 2021 މާޗު 14ން ފެށިގެން މި ފޯމު އޮންލައިނުކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަބަދު ވެސް ޚިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް މުޙަންމަދު ޝަމްޢާން ވަޙީދުގެ ކޮމިޝަނާރ ޖެނެރަލްކަމުގެ ދަށުން ފުރަތަމަ ނެރުއްވި ނޫސްބަޔާނުގައި ބަޔާންކުރައްވައިފައިވެއެވެ.

ރާއްޖޭގައި ހަވާސާ ވެފައިވާ ޒުވާނުންތަކެއް ތިއްބަސް ޒުވާން ޤާބިލު ކަށަވެތި ޒުވާނުން އެބަ ތިއްބެވެ. އެ ފަދަ ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދެވިއްޖެ ނަމަ، ހެޔޮ ނަތީޖާ ފެންނާނެއެވެ. ޝަމްޢާންގެ ޤިޔާދަތުގެ ދަށުގައި އިމިގްރޭޝަނަށް ހެޔޮ ބަދަލުތަކެއް ގެނެވި، ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބުމަކީ ރައްޔިތުންގެ އުންމީދެވެ. އަދި ރާއްޖޭގައި އުޅޭ އަދި އާއްޖެއަށް ވަލު ދޮރޯށީން އެތެރެވާ ބިދޭސީންގެ މައްސަލަ ވެސް އޮމާންކަމާއެކު ޙައްލުކުރައްވާނޭކަމަށް ވެސް އުންމީދުކުރަމެވެ.

_______________________________

ލަފުޒެއްގެ މާނަ:

ކަށަވެތި  ނއ.  ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި

Advertisement

ކޮމެންޓް