Advertisement

"މިހާރު ޣައްޒާއެއް ނެތެވެ. އެއީ ވީރާނަވެފައިވާ އާސާރެކެވެ."

21 Nov 2023 | 08:35
އިސްރާއީލުގެ ޓޭންކްތަކުން މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް ބިން ސާފުކުރަނީއެވެ. (ފޮޓޯ: އަލްޖަޒީރާ)

"ޑޮކްޓަރސް ވިތައުޓް ބޯޑަރސް" (އެމްއެސްއެފް)އިން ބުނަނީ އިސްރާއީލުގެ ޙަމަލާތަކާ ހުރެ، އައްޝިފާ ހޮސްޕިޓަލުން އަދި ވެސް މުވައްޒަފުން ހުހެއް ނުކުރެވޭކަމަށެވެ؛ އެތައް ސަތޭކަ ބަޔަކު، ޣައްޒާގެ އިންޑޯނޭޝިއަން ހޮސްޕިޓަލުގައި ނުނުކުމެވި ބަންދުވެފައި އެބަތިބިކަމަށެވެ. މިހެން ސަލާމަތް ވާނެ ގޮތެއް ނެތިފައި ތިއްބައި އިއްޔެ ވަނީ އިސްރާއީލުން ޙަމަލާދީ 12 މީހަކު ޝަހީދުކޮށްލައިފައެވެ.

ރޭ ހަތަރުދަމު ވެސް އިސްރާއީލުގެ ބޮމުގެ ހަމަލާތައް ކުޑަކޮށް ވެސް މަޑުޖައްސައިލުމެއް ނެތި، ދެމުން ގެންގޮސްފައިވެއެވެ. ރޭ ޙަމަލާތައް ދިން ސަރަހައްދުތަކުގެ ތެރޭގައި އަލްބުރައިޖު ކޭންޕާއި ރަފަޙާއި ޣައްޒާ ސިޓީ ހިމެނެއެވެ.

ޣައްޒާގައި އަސީރުކޮށްފައި ތިބި ޔަހޫދީން ސަލާމަތްކުރުމަށް ޓަކައި ދެކެވޭ ވާހަކަތަކަށް ކުރިއެރުން ލިބެމުން އަންނަކަމަށް އެމެރިކާއިން ބުނެފައިވެއެވެ. މިހާރު އެ ވާހަކަތައް އުޅެނީ ނިމުމާ ހަމައިގައިކަމަށާއި ނަމަވެސް އެއްވެސް ކަމެއް އަދި ނިހާއީ ނުވާކަމަށް ވެސް އެމެރިކާއިން ބުނެއެވެ.

އަސީރުންގެ ތިމާގެ މީހުން އިސްރާއީލްގެ ކަނާތުފިޔައިގެ ސިޔާސީންނަށް އިލްތިމާސްކުރަމުން ގެންދަނީ ހަމާސްގެ އަސީރުންނަށް ދަޢުވާކުރުމުގެ ވާހަކަ އިހަށް ނުދެއްކުމަށާއި އޭގެ ސަބަބުން އިތުރަށް [މަސްރަޙު] ނުރައްކާވާނެކަމަށެވެ.

އިސްރާއީލުގެ ނިރުބަވެރި ރަޙުމެއް ނެތް ވެރީންނާއި ސިފައިން ފަލަސްތީނު ރައްޔިތުންނަށް ނިސްބަތްކޮށް ކިޔަނީ އެއީ "ޖަނަވާރު އިންސާނުން" ކަމަށެވެ. އަދި މުޅި ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ މިލްކެއްކަމަށް އެ ބައިމީހުން ނުހައްގު ދައުވާކުރެއެވެ. އެހެންކަމުން އިސްރާއީލުގެ ޢުދުވާނަކީ ނަސްލު ނައްތައިލުމާއި ބިން ފޭރުމުގެ ނިޔަތުގައި ހިންގާ ޖަރީމާއެއްކަން ވަރަށް ސާފެވެ. ނަމަވެސް އދ.އަކީ ވެސް އަދި މުޅި ދުނޔެއަކީ ވެސް އިސްރާއީލުގެ ކުރިމަތީގައި ދަތް ނެތް ސިންގާއެކޭ ތަފާތެއް ނެތެވެ.

ޣައްޒާ މިހާރު އޮތް ގޮތް (ފޮޓޯ: ނިއުޢަރަބު)<br>

އޮކުޓޫބަރު 7ގައި އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ 13 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެ، 30 ހާހަށް ވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ. ޝަހީދުވީ ޢަދަދުގެ ތެރޭގައި 5000 ކުޑަކުދީން ހިމެނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ގޮތުން މިހާރު ނުކުޅެދުންތެރިވެފައިވާ މީހުންނެވެ.

1.6 މިލިއަން މީހުން ގަދަކަމުން ރަށުން ބޭރުކުރެވި ވިއްސިވިހާލިވެއްޖެއެވެ. އެއީ މުޅި އާބާދީގެ 70 އިންސައްތައެވެ.

38 ނޫސްވެރީން ހިމެނޭ ގޮތަށް މީޑިއާގައި މަސައްކަތްކުރާ 51 މީހުން މަރުވެ، ނުވަތަ ޝަހީދުވެފައިވާ ކަމަށް މެދުއިރުމަތީން ޚަބަރު ލިބުނެވެ.

ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ތެރެއިން 3750 މީހުން މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

އިސްރާއީލުގެ ޢުދުވާނު ފެށި ފަހުން އދ.ގެ 104 މުވައްޒަފަކު މިހާތަނަށް މަރައިލައިފިއެވެ.

ޣައްޒާގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރީންގެ 202 މީހުން ޔަހޫދީންގެ ޙަމަލާތަކުން ޝަހީދުކޮށްލައިފައި ވެއެވެ.

ހަގީގަތަކީ މިއަދު ޣައްޒާއެއް ނެތްކަމެވެ. އެތައް ޒަމާނެއްގެ ވަންދެން އެތައް ބަޔަކު އެތައް ޤުރުބާނީތަކަކާއެކު ބިނާކޮށްފައިވާ ސިޓީއެއް ތަޅައި ސުންނާފަތިކޮށްލީއެވެ. މުޅި ސިޓީގެ ބިނާރުގެ 80 އިންސައްތަ ވަނީ ވީރާނާވެފައެވެ. އާބާދީގެ 70 އިންސައްތަ ވަނީ ފައްސައި ބޭރުކޮށްލައިފައެވެ. (މައުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް