Advertisement

ޣައްޒާ މިއަދު: އެންމެ ފަހުގެ އަދާހަމަ

20 Nov 2023 | 16:49
އިސްރާއީލުން "ޖަނަވާރު އިންސާނުން"ގެ ގޮތުގައި މުޚާތަބުކުރާ މަޢުޞޫމު ފަލަސްޠީނީން މިއަދު ތިބީ އެތައް މުޞީބާތެއްގައި ފިތިފައެވެ. މުސްލިމުން ލަދުގަންނާކަށް ނުވޭހެއްޔެވެ؟

· އޮކުޓޫބަރު 7ގައި އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ 13 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެ، 30 ހާހަށް ވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ. ޝަހީދުވީ ޢަދަދުގެ ތެރޭގައި 5000 ކުޑަކުދީން ހިމެނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ގޮތުން މިހާރު ނުކުޅެދުންތެރިވެފައިވާ މީހުންނެވެ.

· 1.6 މިލިއަން މީހުން ގަދަކަމުން ރަށުން ބޭރުކުރެވި ވިއްސިވިހާލިވެއްޖެއެވެ. އެއީ މުޅި އާބާދީގެ 70 އިންސައްތައެވެ.

· 38 ނޫސްވެރީން ހިމެނޭ ގޮތަށް މީޑިއާގައި މަސައްކަތްކުރާ 51 މީހުން މަރުވެ، ނުވަތަ ޝަހީދުވެފައިވާ ކަމަށް މެދުއިރުމަތީން ޚަބަރު ލިބުނެވެ.

· ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ތެރެއިން 3750 މީހުން މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

· އިސްރާއީލުގެ ޢުދުވާނު ފެށި ފަހުން އދ.ގެ 104 މުވައްޒަފަކު މިހާތަނަށް މަރައިލައިފިއެވެ.

· ޣައްޒާގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރީންގެ 202 މީހުން ޔަހޫދީންގެ ޙަމަލާތަކުން ޝަހީދުކޮށްލައިފައި ވެއެވެ.

· އިސްރާއީލްގެ މުދާ އުފުލާ ބޯޓެއް ރަތްކަނޑު ސަރަހައްދުން ހިފެހެއްޓިއްޖެކަމަށް ޔަމަންގެ ހޫތީ ސަރުކާރުން ބުނެއެވެ. އަދި ދެ ޑަރުޖަނުގެ މީހުން އަސީރުކޮށްފައި އެބަ ތިބިކަމަށް ވެސް އެބައިމީހުން ބުނެއެވެ.

· ދުވަސް ނުފުރައި އުފަންވި 31 ކުއްޖަކަށް އައްޝިފާ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުން ގެންދަނިކޮށް ޣައްޒަގެ ދެކުނަށް ރަފަޙު ސަރަހައްދަށް އެ ކުދީން ބަދަލުކޮށްފިއެވެ.

ޣައްޒާގެ އަދުގެ ޙާލަތު: (ފޮޓޯ: އަލްޖަޒީރާ)

· ޔަހޫދީން އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ، ބިންމަތީން ޙަމަލާތައް ދޭން ފެށި ފަހުން އެ މީހުންގެ ސިފައިންގެ ތެރެއިން 61 މީހަކު ފަލަސްތީނުގެ މުޖާހިދުން މަރައިލައިފައި ވެއެވެ.

· ފަލަސްތީނުގެ މުޖާހިދުންގެ ޖަމާޢަތެއްކަމަށް ވާ އަލްޤައްސާމް ބްރިގޭޑުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްރާއީލުގެ ޓޭންކަކަށް އެ މީހުން ހަމަލަދީ ރޯކޮށްލިއެވެ.

އައްޝިފާ ހޮސްޕިޓަލް ހަލާކުކޮށްލުމަށް ފަހު އިންޑޮނޭޝިއަން ހޮސްޕިޓަލަށް މިއަދު ހެނދުނުއްސުރެ ޙަމަލަދޭން ފެށީއެވެ. އެ ތަނުން ވެސް 12 މީހުން ޝަހީދުކޮށްލިއެވެ. (ފޮޓޯ: އަލްޖަޒީރާ)

· އިސްރާއީލުން ހާމަކުރި ވީޑިއޯއަކުން އައްޝިފާ ހޮސްޕިޓަލުގެ އަޑީގައި ހުރި ތަނެއްކަމަށް ބުނާ 10 މީޓަރު ފުޅާ، 55 މީޓަރު ދިގު ބިންގަރާހެއްކަމަށް ބުނާ ވަޅުގަނޑެއްކަމަށް ބުނެ ވަޅުގަނޑެއް ދައްކައެވެ. ނަމަވެސް އަލްޖަޒީރާ ނޫސްވެރީން ބުނާ ގޮތުގައި އެ ދެއްކި ވީޑީއޯއަކީ ޞައްޙަ ވީޑއޯއެއްކަމެއް މިނިވަން ނޫސްވެރީންނަށް ކަށަވަރެއް ނުވެއެވެ.

· ޣައްޒާގެ އައްޝިފާ ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް މަގެއް ހުރިކަމަށް އިސްރާއީލުން ދެއްކި ވީޑިއޯތަކަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން މިއަދު ޚަބަރު ދިނެވެ. އަދި މިނިވަން ނޫސްވެރީން ވެސް ވަނީ ޔަހޫދީންގެ އެ ދައުވާއަކީ ތެދެއްކަން ސާބިތުކޮށްދޭނެ އެއްވެސް ހެތްކެއް ނެތްކަމަށް ބުނެފައެވެ. [އެއީ އެމެރިކާނުން އިރާގަށް އަރާންވެގެން އިރާގުގައި ކެމިކަލް ހަތިޔާރު ހުރިކަމަށް ބުނެ ދެއްކި ވާހަކަތައް ފަދަ ބޮޑު ބުހުތާނެއް ކަމަށް ނޫސްވެރީން ބުނެއެވެ.]

· އިސްރާއީލްގެ ޓޭންކުތަކުން ޣައްޒާގައި ހުންނަ "އިންޑޮނޭޝިއަން ހޮސްޕިޓަލް" ވަށައިލައި ހެންދުނުއްސުރެ އެ ހޮސްޕިޓަލަށް ދޭން ފެށި ވަރުގަދަ ޙަމަލާގައި 12 މީހަކު މިއަދު ވެސް ޝަހީދުކޮށްލިއެވެ.

· ފާޚާނާ ނިޒާމު ހަލާކުކޮށްލުމުގެ ސަބަބުން މުޅި ބިމަށް ނަޖިސް ފެތުރި ތަފާތު ބަލިތައް ޣައްޒާގައި ފެތުރޭން ފަށައިފައިވާކަމަށް ޚަބަރު ލިބުނެވެ.

· ފެނާއި ކާނާގެ މަގުތައް ޔަހޫދީން ބަންދުކޮށްލުމުގެ ސަބަބުން ކަރުހިތްކައިގެންފައިވާ މީހުން މޫދު ލޮނާއި ތަޣައްޔަރުވެފައިވާ ފެން ބޯން މަޖުބޫރުވެފައިވާތީ ބޭރަށް ހިނގުން ފަދަ ރޯގާތައް ޣައްޒާގައި އެބަ ފެތުރެއެވެ. އަދި ހަމުގެ ތަފާތު ބަލިތައް ވެސް އާންމުވާން ފަށައިފައިވެއެވެ. (މައުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް