ވޯޓުދިނުމުގައި އުނދަގޫ އުފުއްލާން ޖެހިގެނެއް ނުވާނެއެވެ.
އެކި އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްގު ލިބިފައި ތިބޭނީ ފޮތާއި ގަލަމަށް ފަރިތަ މީހުން އެކަންޏެއް ނޫނެވެ. ޒުވާނުންނާއި މުސްކުޅީންނާއި (މީގެ ތެރޭގައި ލިޔާންކިޔާން ދަންނަ މީހުންނާއި ލިޔާން ކިޔާން ނުދަންނަ ދެ ޖިންސްގެ މީހުން ހިމެނޭހެން) އެކި ގިންގީގެ އެކި ފަންތީގެ ދެ މިންތީގެ އެތައް ބަޔަކަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވެއެވެ. ނަމަވެސް މި އެންމެންނަކީ ލިޔެކިޔުމަށް ހުނަރުވެރި، ގަލަމަށް ފަރިތަ މީހުންނަށް ވުމެއް ލާޒިމެއް ނޫނެވެ. އެހެންކަމުން ވޯޓު ދޭ މީހުންނަށް ފަސޭހަކަމާއެކު ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހޭނެ ގޮތަށް މަގުފަހިކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެމެވެ.
ރިޔާސީ އިންތިޚާބު 2023ގައި ވޯޓު ދޭން ހަމަޖައްސަވައިފައިވަނީ ތަފާތު ގޮތަކަކަށެވެ. ކަރުދާސްކޮޅުގައި ފާހަގަޖަހާ ތަން ފަހަތުން ފެންނާނެ ގޮތަށް މި އިންތިޚާބުގައި އިންތިޒާމުކުރެވިފައިވާކަން ފާހަގަކުރެވިއެވެ. މިއީ، ބައެއް މީހުން ހިތްހަމަނުޖެހުނު ކަމެއް ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެއީ މީސްމީހުންގެ ޢަމަލުތަކަށް ބަލާ އިރު، ރަނގަޅު ފިޔަވަޅެކެވެ. އެހެނީ ޖީބުން އެކި އެއްޗެހި ނަގައި އިންތިޚާބާ ނުގުޅޭ އެކިއެކި ކަންކަން ކުރުމުގެ ފުރުޞަތު މި ފިޔަވަޅުގެ ސަބަބުން ނެތިގެންދާނެއެވެ. އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް ބައެއް ނޫސްވެރީން ތުހުމަތުކުރާ ފަދައިން ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ކެމެރާ ހަރުކޮށްފައި ވާ ނަމަ، އެއީ މައްސަލައެކެވެ. އަދި ކުރީން ހަރުކޮށްފައިވާ ސަލާމަތީ ކެމެރާތަކަށް ފަހިވާ ގޮތަށް ވޯޓު ބޫތު ބަހައްޓައިފައިވާ ނަމަ، އެއީ ވެސް މައްސަލައެކެވެ. އެހެން ނޫންނަމަ އެއީ ރަނގަޅު ކަމެކެވެ. ހެޔޮ ފިޔަވަޅެކެވެ.
އިސްވެ ދެންނެވުނު ގޮތުގެ މަތީން ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވާ އިރު، ވޯޓުދޭ މީހުން ވޯޓު ދޭން ފާހަގަލާ ކަރުދާސްކޮޅު (ވޯޓު ކަރުދާސްކޮޅު) ބާއްވާންޖެހޭ ތަން އިސްލާޙުކުރާން ޖެހެއެވެ. މި އިންތިޚާބުގައި، ވޯޓު ބޫޓުގައި ވޯޓު ކަރުދާސްކޮޅު ބާއްވާން ޖެހެނީ، ތަންކޮޅެއް ބާރަށް ގަލަން ޖައްސައިލައިފި ނަމަ ގަލަން ވަދެގެން ދާ ފަދަ ތަނެއްގައެވެ. އެއީ، މެދުގައި ރޫޖައްސައި ދެ ފަރާތުގައި ދެ ހަމަފަށް އަޅައިގެން ޕުލާސްޓިކުން ނުވަތަ ނައިލޯނުން ހަދައިފައިވާ ކަރުދާސްގަނޑެކެވެ. އެހެންކަމުން އަޅުގަނޑުމެން ފަދަ ގަލަމަށް ނުފަރިތަ، ލިޔާންކިޔާން ކިރިޔަކިރިޔާ އެނގޭ މީހުންނަށް ކެއްސެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެނީ ގަލަން ބާރަށް ޖައްސައިލެވިއްޖެ ނަމަ، ގަލަން ކައްސައިގެންދާނެއެވެ. ނުވަތަ ކަރުދާސްގަނޑަށް ވަންނާނެއެވެ. އެ މީހަކު ޖެހޭނީ ގަލަން ނަގައިފައި އަލުން ފާހަގަލާށެވެ. ވޯޓު ގުނާ މީހުން ބަލާނީ މިއީ ފަވައިފައިވާ ފާހަގައެއް ކަމަށެވެ. އިންތިޚާބުގެ ގަވާއިދުގައިވާ ގޮތުން މިއީ ބާޠިލު ވޯޓެއްކަމަށް ގުނުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ވީމާ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ބާޠިލު ވޯޓު އިތުރުވުމުގެ ފުރުޞަތު ބޮޑެވެ. މި ކަމުގެ ސަބަބުން އެންމެ ތާއީދު ބޮޑު ދެ ކެންޑިޑޭޓުންނަށް ޚާއްޞަކޮށް، އަދި އާންުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބޭނެ ގެއްލުން ވަރަށް ބޮޑުވެދާނެއެވެ.
ކުރިއަށް ހުރި ހުރިހައި އިންތިޚާބެއްގައި ވެސް މި ކަމަށް ހައްލެއް އަންނާނެކަމަށް އުންމީދުކުރަމެވެ. އެ ފަދަ ބައެއް ހައްލުތަކަކީ ސެކިޔުރިޓީ ކެމެރާތަކަށް ފަހިވާ ގޮތަށް ވޯޓު ބޫތު ނުބެހެއްޓުމެވެ. ގަލަން ވަންނަ ފަދަ މަޑު އެއްޗެއްގެ މަތީގައި ވޯޓުކަރުދާސް ބާއްވައިގެން ފާހަގަލާން ނުޖެހޭ ގޮތަކަށް އިނތިޒާމު ހަމަޖެއްސުމެވެ. ވޯޓުކަރުދާސް ބާއްވާންޖެހޭ ތަނަކީ ގަލަން ނުވަންނަ ފަދަ ހަރުއެއްޗަކަށް ވުމެވެ.
އިންސާނުންނަށް ކަންކަން ރަނގަޅުކުރެވޭނީ ދިމާވާ ކަންކަމާއި ތަޖުރިބާތަކަށް ބަލައިގެންނެވެ. އެހެންކަމުން މި ފަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުން ލިބުނު ތަޖުރިބާ ބޭނުންކުރައްވައިގެން މި އިންތިޚާބުގެ (ދެވަނަ ބުރެއް ބާއްވާން ޖެހިއްޖެ ނަމަ) ދެވަނަ ބުރުގައި މި ކަންކަން ރަނގަޅުކުރައްވާނޭކަމަށް އުންމީދުކުރަމެވެ. އަދި ދެން ކުރިއަށް އޮތް "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024އާއި ކުރިއަށް ހުރި ހުރިހާ އިންތިޚާބެއްގައި ވެސް މި ކަންކަން އިޞްލާހުކުރެވިފައިވާނެކަމަށް އުންމީދުކުރަމެވެ.
ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެންމެން ވޯޓު ދިނުމަކީ މުހިންމު ކަމެކެވެ. އެއީ ރައްޔިތުންނަށް ޑިމޮކްރެސީ ކަށަވަރުކޮށްދީފައިވާ އެންމެ ބޮޑު ހައްގެވެ. އަޅުގަނޑުމެންގެ މައްޗަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު އަމުރު މައުރޫފު ހިންގުމުގެ ބާރު ލިބޭ ރައީސުލްޖުމްހޫރިއްޔާއަކަށް ރަނގަޅު މީހަކު ހޮވާން ވޯޓު ދިނުމަކީ ކޮންމެ މީހަކު ވެސް އިޚުލާސްތެރިކަމާއެކު އަދާކުރާންޖެހޭ ހައްގެކެވެ.