Advertisement

ދެންނެވުމާއި ވިދާޅުވުން: ތަފާތަކީ ކޮބާ!!؟

.

ކަންކަމާމެދު ވިސްނޭނީ އެ ކަމެއް އެނގޭނަމައެވެ. ކަމެއް އެނގިފައި އޮތުމަކީ ބައެއް ފަހަރު ހާދަހާ ހިތަށް ތަދުވާކަމެކެވެ. ކަމެއްގެ އެކޮޅުމިކޮޅު އެނގިފައިވާ މީހަކަށް އެ ކަމެއް ނުބައި ކޮޅަށް ދާން ފެށީމާ ވަރަށް ދެރަވާނެއެވެ. ބޮލަށް އުނދަގޫވާނެއެވެ. ހިތަށް ތަދުވާނެއެވެ. ނޭނގޭނަމަ ދެރަވާކަށް ވެސް ލަދުގަންނާކަށް ވެސް ނޭނގޭނެތާއެވެ. މިއަދު އަޅުގަނޑު މި އުޅޭނީ އެ ފަދަ ވާހަކައަކަށް އިންސާފުކުރެވޭތޯއެވެ.

މީގެ ތަންކޮޅެއް ކުރީން އެއް ދުވަހަކު ރައްޓެއްސަކު ފޭސްބުކުން ބައްދަލުވެގެން ވިދާޅުވެފައި ވެއެވެ. ދެންނެވުމާއި ވިދާޅުވުގެ މައްޗަށް އަޒީ އަދި ލިޔެފައެއް ނެތެވެ. އެ މައުޟޫޢަށް ލިޔެލާންވީ ނޫންހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. ކިތަންމެ ފަހަރަކު ތިޔަ މައުޟޫޢަށް ލިޔެފީމެވެ. (އަޅުގަނޑު އެހެން ދެންނެވީ އެ މައުޟޫޢަކީ އަޅުގަނޑު ވަރަށް ގިނައިން ވާހަކަދައްކައި، ކިޔައިދީ، ކިޔަވައިދީ، ބަހުސްކޮށްފައިވާ މައުޟޫޢަކަށްވާތީއެވެ. އެކަމަކު، ލިޔެވުނީ ކިތައް ފަހަރު ކޮންކޮން ނޫސްތަކެއްގައިކަމެއް މާރަނގަޅަކަށް މިހާރަކު ހަނދާނެއް ނެތެވެ.) އެ ބޭފުޅަކު ވިދާޅުވިއެވެ. ތިމަން ތިޔަ ލިޔުމެއް ދެކެވަޑައެއް ނުގަންނަވަމެވެ.

މިއީ މީހުން މާ އާންމުކޮށް ނުބައިކޮށް ބޭނުންކުރާ ދެ ލަފުޒުކަމަށް ވާތީ އަޅުގަނޑު މި ދެންނެވި ބޭފުޅެއްގެ އިސްތަށިފުޅަށް އުނދަގޫފުޅުވީ، މާ ވަރަކަށެވެ. އަދި ގާތް މީހަކު ނުވަތަ ތިމާ އިޙުތިރާމްކުރާ މީހަކު އެ ލަފުޒުތައް ނުބައިކޮށް ބޭނުންކުރާ ނަމަ، އެހާ ވަރަށް ލަދުފުޅު ވެސް ގަންނާނެތާއެވެ. އެއީ އެ ކަމުގެ ރަނގަޅާއި ނުބައި އެނގިވަޑައިގަންނަވާ ބޭފުޅަކަށްވާތީއެވެ. ނުދަންނަ މީހާއަށް ލަދުގަންނާކަށް ނޭނގޭނެތާއެވެ.

ކޮންމެއަކަސް މިއަދު އެ މައުޟޫޢާށް ލިޔާން އަޅުގަނޑު ވަޢުދުވީމެވެ. އެހެންވެ ރޭގަނޑު ބަތްކައިގެން އައިސް މި އިށީނީއެވެ. ވަޢުދު ފުއްދުމަށްޓަކައެވެ.

އާދޭހެވެ! ދެންނެވުމާއި ވިދާޅުވުމަކީ ދިވެހިބަހުގެ އެންމެ މާތް ދަރަޖައިން ވާހަކަދެއްކުމުގައި ބޭނުންކުރާ ދެ ލަފުޒެވެ. ފުރަތަމަ އަންނަނިވި ހޫލަ ބައްލަވައިލައްވާށެވެ!

 އެންމެ މާތް ބަހުން ވާހަކަދެއްކުމުގައި މި ދެ ލަފުޒާއި، މި ދެ ލަފުޒުން އުފެދޭ އެހެން ލަފުޒުތައް ބޭނުންކުރަނީ އާދައިގެ ބަހުން ވާހަކަދެއްކުމުގައި ބުނުމާއި، ކިއުމާއި، އެންގުމާއި، ގޮވުމާއި، މި ލަފުޒުތަކުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ. އަދި މާތް ބަހުން ވާހަކަދެއްކުމުގައި ބުނުއްވުމާއި، ކިއުއްވުމާއި، ގޮވައިލެއްވުމާއި، ނަންގަތުމާއި، މި ފަދަ ލަފުޒުތަކުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ.

އެންމެންނާ ވެސް އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، މި ދެ ލަފުޒުގެ ތެރެއިން، ދެންނެވުން  ބޭނުންކުރާނީ، ތިމާ ދައްކާ ވާހަކައަށް ނިސްބަތްކޮށެވެ. ހަނދުމަފުޅުބަހައްޓަވާންވީ އަބަދު ވެސް ތިމާ މުޚާޠަބުކުރާ ދެވަނަ މީހާއަށް ތިމާ އަބަދު ވެސް ދަންނަވާނީކަމެވެ. ތިމާއާ މުޚާޠަބުކުރާ މީހާ އަބަދު ވެސް ތިމާއާ މުޚާޠަބުކޮށް ވިދާޅުވާނީކަމެކެވެ. ހަމަ އެކަނި މި މިންވަރަށް ހަނދުމަފުޅު ބެހެއްޓެވިޔަސް ދެންނެވުމާއި ވިދާޅުވުން އޮޅިވަޑައެއް ނުގަންނަވާނެއެވެ. އާދޭހެވެ! ވިދާޅުވުން ބޭނުންފުޅުކުރައްވާނީ، ކަންކުރާ (ބުނާމީހާ، ނުވަތަ ކިޔާމީހާ، ނުވަތަ ގޮވާމީހާ)އަކީ ދެވަނަމީހާ (އިނބަ) ނުވަތަ ތިންވަނަމީހާ (އޭނާ / މީނާ) ކަމަށް ވާ ނަމައެވެ. އެންމެ މާތް ބަހުން ވާހަކަފުޅުދައްކަވާނަމަ، ތިމާ (ވާހަކަދައްކާ ފުރަތަމަ މީހާ) އަބަދު ވެސް (އަނެކާއަށް) ދަންނަވާނީއެވެ.

އަނެކާއާ މުޚާޠަބުކޮށް ތިޔަ ދެންނެވީއޭ ވިދާޅުވީމާ ހަގީގަތުގައި އެ ކުރެއްވޭ ކަމަކީ އަނެކާއަށް އަދަބުކުޑަކޮށް ތިމާ އަމިއްލަޔަށް ތިމާއަށް މާތްކޮށް ވާހަކަދެއްކެވެނީއެވެ. މި ކަމުގެ ސަބަބުން މީސްތަކުންގެ މަލާމާތް ތިމާއަށް ރައްދުވާނެއެވެ. މިސާލަކަށް ދެންމެ އަޅުގަނޑު ދެންނެވީ މިވެނިހެންނޭ، އެކަމަކު މަނިކުފާނު ވިދާޅުވީ އެހެންނެއް ނޫނޭ ފަދަ ގޮތަކަށް ބޭނުންފުޅުކުރައްވާށެވެ.

އަދި އެއް ކަމެއް ފާހަގަ ކޮށްލާނަމެވެ. ގިނަ ބަޔަކު ތިބި ތަނެއްގައި ތިމާ ނޫން އެހެން ދެ ބޭފުޅުންނާ ނުވަތަ ދެތިން ބޭފުޅަކާ ނިސްބަތްކޮށް ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވިދާޅުވާނީއެވެ. (މިސާލަކަށް: ދެންމެ ހަސަން ވިދާޅުވި ގޮތާއި ޢަލީ ވިދާޅުވި ގޮތާ ވެސް ވަރަށް އެއް ގޮތް.) ވާހަކަދެކެވޭ ފަރާތް (ދެވަނަ މީހުން)ގެ ތެރެއިން އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކަށް ދަންނަވަނީއްޔޭ ވިދާޅުވެއްޖެ ނަމަ، އެކަކު އަނެކަކަށްވުރެ ދަރަޖަ ދަށްކުރެވެނީއެވެ. މިސާލަކަށް: މަތީފެންވަރުގެ ބޭފުޅުން ތިއްބަވާ ޖަލްސާ އެއްގައި ނަމަ، އެކަކު އަނެކަކަށް ވިދާޅުވާނީއެވެ. ދަންނަވާނީ ތިމާ އެކަންޏެވެ.

މިއީ ވާހަކަދައްކާން އެއްވެސް ޝައުޤުވެރިކަމެއް ނެތް ފޫހި މައުޟޫޢެކެވެ. މައުޟޫޢުގެ ބާކަމުންނެވެ. ދެންނެވުމާއި ވިދާޅުވުމަކީ ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކަށް ލޯބިކުރައްވާ ބޭފުޅަކަށް އޮޅިވަޑައިގަންނަވާންޖެހޭ ވަރަށް ވުރެ މާ އާންމު، ހާމަކަން ބޮޑު އުޞޫލެކެވެ. ނަމަވެސް މި މައުޟޫޢުގައި ކޮންމެވެސް އެއްޗެއް ލިޔެލާން ވަޢުދުވެވުނީތީ ލިޔެލީއެވެ.

___________________________

Advertisement

ކޮމެންޓް
ނިޢުމާ
ވަރަށް ކިޔާލަން ބޭނުންވެފައި އޮތް މައުޟޫއެއް. ޝުކުރިއްޔާ ވަރަށް ބޮޑަށް.
20 Nov 2023
ޙަppy
ވަރަށް މުހިއްމު ލިޔުމެއް.
20 Nov 2023