Advertisement

ވުޒާރާތަކުގެ ނަންތައް މައް ދިވެހިބަހުން ހުއްޓައި ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ. ތަހުނިޔާއެވެ.

19 Nov 2023 | 13:34
ވެލާނާގެ ޢިމާރާތް: މި ޢިމާރާތުގައި ދައުލަތުގެ ގިނަ އިދާރާތަކެއް ހިންގައެވެ.

ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެން އެންމެ އުފާވި ދުވަހަކީ މިއީއެވެ. ދިވެހީންގެ ވެސް މުއްސަނދި، ހަރުދަނާ ބަހެއް އޮތްކަމުގެ އިޙުސާސްކުރެވުނީމައެވެ. ކަމަކަށް އެދި މި ދިޔަ ހަފުތާގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ފޯމެއް ހުށަހެޅުމުން ފޯމާއެކު ހުށަހަޅާންޖެހޭ ބައެއް ތަކެތި މަދުކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ދިޔަ ބުރާސްފަތި ދުވަހަކާއި ހުކުރާއި ހޮނިހިރު ދުވަހު އަޅުގަނޑުމެން އުޅުނީ އެ ތަކެތި ހަމަކުރާށެވެ. ފުލުސް ރިޕޯޓަކާއި ސިޓީއަކާއި ރަޖިސްޓަރީއެއްގެ ކޮޕީއަކާއި މި ބާވަތުގެ ބައެއް ތަކެއްޗެވެ.

ކޮންމެއަކަސް ވިދާޅުވި އެއްޗެއް ހުށަހަޅައިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނުވާނެތީ، ވިދާޅުވި ތަކެތި ހިފައިގެން އާދީއްތަ ދުވަހު 10 ޖަހާ އެހާކަންހާއިރު އެ މިނިސްޓްރީއަށް ދިޔައިރު އެ ތާނގައި ހުރީ އެހެން ނަންބޯޑެކެވެ. ނަންބޯޑުގެ އެންމެ މަތީގައި ފަލަ އަކުރުން ތާނައިން، ދިވެހިބަހުން އޮތީ "ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ"އެވެ. އޭގެ ތިރީގައި އިނގިރޭސިބަހުން ތަންކޮޅެއް ކުޑަ އަކުރަކުން "Ministry of Homeland Security & Technology" މިހެން ލިޔެފައި އޮތެވެ. އެކަމަކު ކޮށިގަނޑުގައި ތިއްބެވީ ހަމަ ކުރީ ދުވަހު ވެސް އަޅުގަނޑުމެން ގެންދިޔަ ތަކެތި ބަލައިގަތް މުވައްޒަފުންނެވެ. އަހައިލީމެވެ. އަނެއްކާ މިހާރު މި ކަންކަން ކުރައްވަނީ މި ވުޒާރާއިންތޯއެވެ؟

ކޮންމެއަކަސް ތަކެތި ހަމަކަމަށް އެ ވުޒާރާއިން ވިދާޅުވުމުން ތަކެތި ހަވާލުކުރުމަށް ފަހު، އަޅުގަނޑުމެން އެ އިމާރާތުގެ ތެރޭގައި އެކި ތައްޓުތަކަށް އަރައި އެކި ބައިބައި ބަލައި ހެދީމެވެ. ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނު ތަންފީޒުވާން ފަށައިފިކަމުގެ އިޙުސާސްކުރެވުނެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް މި އޮތް ހުރިހާ ދުވަހު ބަންޑާރަނައިބުގެ އޮފީހަށް ނަންކިޔައިގެން އުޅުނުއުޅުން ނިމުމަކަށް އައިސް، އެ އޮފީގެ ނަން ވެސް ފަލަކޮށް "ބަންޑާރަނައިބުގެ އޮފީސް" މިހެން ލިޔެފައި އޮއްވައި ފެނުނެވެ. އުފާވިއެވެ. ދެން އަޅުގަނޑުމެން އެކި އިދާރާތައް ހުންނަ އޮފީސް އިމާރަތްތަކަށް ޒިޔާރަތްކޮށްލީއެވެ. ނަންބޯޑުތައް ބަލައިލުމުގެ ބޭނުމުގައެވެ. މި ކުރެވުނު ޒިޔާރަތުގައި އަޅުގަނޑުމެންގެ ލޮލުގައި މިއަދު އަޅައިގަތް، ދައުލަތުގެ ހުރިހާ ވުޒާރާތަކެއްގެ ނަންބޯޑު ވެސް ހުރީ ގާނޫނުއަސާސީއާއި ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތީންނެވެ. ނަންބޯޑުގައި މަތީގައި ފަލައަކުރުން ދިވެހިބަހުން ތާނައިން، އޭގެ ތިރީގައި އެއަށް ވުރެ ކުޑަ އަކުރަކުން އިނގިރޭސިބަހުން ލެޓިން އަކުރުން ނަމުގެ މާނަ ލިޔެފައި އޮވެއެވެ. ކިހާ އުފާވެރިތޯއެވެ!

އެކަމަކު "ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ"ގެ މާނަ އިނގިރޭސިބަހުން ލިޔެފައި އޮތް ގޮތާ މެދު، އަޅުގަނޑުމެންނަށް ސުވާލު އުފެދުނެވެ. "ސަލާމަތް" މި ލަފުޒާއި "ސަލާމަތްތެރިކަން" މި ލަފުޒާއި، "ރައްކާތެރިކަން" މި ލަފުޒުތަކުން ދޭހަވާ މާނައާއި އިނގިރޭސި ނަމުގައި އޮތް "ސެކިޔުރިޓީ"އާ ގުޅެނީ ދިވެހިބަހުން ކޮން ލަފުޒެއްތޯ އަޅުގަނޑުމެން އަމިއްލައަށް ބަހުސްކުރީމެވެ. އަދި ކުރީ ޒަމާނުގައި "މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ" ކިޔާ ވުޒާރާއެއް ހުރިކަން ތާރީޚުން ފެންނާން އޮތީމާ "ސޭފްޓީ" މި ލަފުޒާ މެދު ވެސް ވިސްނީމެވެ. މާފުކުރައްވާށެވެ! ދިވެހި ނަންތަކާއި އެ ނަންތަކުގެ ތަރުޖަމާ ލިޔުއްވައިފައި ހުންނާނީ އަޅުގަނޑުމެން ފަދަ އާދައިގެ މީހުނެއް ނޫންތާއެވެ. މާ ޢިލްމީ، މާ ޤަބިލު ބޭފުޅުންތާއެވެ! އެހެންކަމުން އެ ކަމާ ވިސްނާކަށް މާ ގިނަ ވަގުތެއް ހޭދައެއް ނުކުރަމެވެ. އޮންނާނީ ރަނގަޅަށްކަމަށް ވިސްނުނީތީއެވެ.

ކޮންމެއަކަސް ދައުލަތުގެ ވުޒާރާތަކުގެ ނަންތައް ދިވެހިބަހުން ތާނައިން ހުރި ތަން ފެނުމުން އަޅުގަނޑުމެންނަށް ދެ އުފަލެއް ލިބުނެވެ. އެއީ ވަޠަނީ ގޮތުން ލިބުނު ހިތްހަމަޖެހުމަކާއި "ފަރަގު" ޓީމުގެ ފަރާތުން ތަޖުރިބާކުރާ އުފަލެކެވެ. ސަބަބަކީ މި ވުޒާރާތަކަށް ނަން ކިޔުމުގައި މި ޓީމުގެ މެންބަރަކު ވެސް ކޮންމެވެސް ދައުރެއް (އިސް ދައުރެއް ނޫނަސް) އަދާކޮށްފައިވާތީއެވެ. މީގެ އިތުރަށް "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު"، ސައްތައިން ސައްތަ ތަންފީޒުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ރިޔާސަތާ ޙަވާލުވެވަޑައިގަތުމުގެ ކުރީން ވިދާޅުވެފައިވާތީ އެ ވިދާޅުވުން ތަނފީޒުކުރައްވާން ފެއްޓެވީތީ ވީ އުފާ ވެސް ވަކި ކުޑައެއް ނޫނެވެ. 

ދެން މި ދަންނަވައިލަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިތުރަށް އަޅުގަނޑުމެންނަށް މިއަދު ފެނުނު ނަންބޯޑުތަކުގައި ހުރި ވުޒާރާތަކުގެ ނަންތަކެވެ.

1. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

2. ބަންޑާރަ ނައިބުގެ އޮފީސް

3. ދިފާޢީ ވުޒާރާ

4. ތަޢުލީމީ ވުޒާރާ

5. ފަތުރުވެރިކަމާ ބެހޭ ވުޒާރާ

6. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

7. ޚާރިޖީ ވުޒާރާ

8. މާލީ ވުޒާރާ

9. ޞިއްޙީ ވުޒާރާ

10.  އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ 

11.  އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

12.  ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

13.  މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

14.  ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

15.  ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

16.  ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

17.  ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

18.  މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

19.  ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

20.  އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

21.  ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ކޮންމެއަކަސް މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ މީހުންގެ ހިތްތަކަށް ފިނިކަން ލިބުނު ކަމެކެވެ. ނަމަވެސް އިސްލާހުކުރާންޖެހޭ ކަމެއްކަމަށް "ފަރަގު" ޓީމުން ދެކޭ ކަމެއް އެބަ އޮތެވެ. މިހާރު ހައްދަވައިފައި އޮތް ގޮތަކީ ވުޒާރާތަކަށް އިނގިރޭސި ބަހުން ނަން ކަނޑައެޅުއްވައި ވަޒީރުންނަށް އިނގިރޭސިބަހުން ވަޒީރުގެން މަގާމުގެ ނަން ކަނޑައެޅުއްވުމަށް ފަހު، އެ ނަންތަކުގެ ދިވެހި ތަރުޖަމާ ފަހުން ހަމަޖެއްސެވުމެވެ. ނަމަވެސް އޭގެ ބަދަލުގައި ހައްދަވާން ޖެހޭ ގޮތްކަމަށް އަޅުގަނޑުމެން ދެކެނީ ދިވެހިރާއްޖޭގެ ސަރުކާރަށް ބޭނުންވާ ވުޒާރާތަކުގެ ނަންތައް އެ ތަންތަނުން ދެއްވާން ބޭނުންފުޅުވާ ޚިދުމަތްތަކާ ގުޅޭ ގޮތުން ކަނޑައެޅުއްވުމަށް ފަހު، އެ ނަންތައް އިނގިރޭސި ބަހުން ނުވަތަ އެ ނޫން ވެސް ބޭރު ބަހަކުން ކިޔާނެ ގޮތް (ތަރުޖަމާކުރައްވައިގެން) ކަނޑައެޅުއްވުމެވެ. އެހެން ގައުމުތަކުގައި ކަންތައް ކުރަނީ އެ ގޮތަށެވެ.

މިސާލަކަށް: ތަޢުލީމާ ބެހޭ ވުޒާރާއަށް މެލޭޝިއާގައި ކުރީން ކިޔަމުން އައީ "ކަމަންތަރިއާން ޕްލާޖަރާން" އެވެ. އޭގެ މާނައަކަށް އިނގިރޭސިބަހުން ލިޔެފައި އޮންނަނީ "މިނިސްޓްރީ އޮފް އެޑިޔުކޭޝަން"އެވެ. ނަމަވެސް ހަގީގަތުގައި "ޕްލާޖަރާން"ގެ މާނައަކީ ތަޢުލީމެއް ނޫނެވެ. ކިޔެވުމެވެ. އުނގެނުމެވެ. އެހެންކަމުން ފަހުން އެ މިނިސްޓްރީގެ ނަން "ކަމަންތަރިއާން ޕެންޑިޑިކަން"އަށް ބަދަލުކުރެއްވީއެވެ. ތަޢުލީމަށް ނިސްބަތްކޮށެވެ.

މި ގެންނެވި ބަދަލުތައް އެހެން އިދާރާތަކާއި މިނިވަން މުއައްސަސާތަކަށް ކިޔާ ނަންތައް ވެސް (ގާނޫނަށް ބަދަލު ގެންނަވައިގެން)، ގެންނަވާނޭކަމަށް އުންމީދުކުރަމެވެ. ކުރީން މި ފަދަ ނަންތައް ކިޔައިފައި އެބަ ހުއްޓެވެ. މިސާލަކަށް "ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު"، މުދައްރިސުންގެ ތަޢުލީމީ މަރުކަޒު، ސަރަހައްދީ ތަރައްގީގެ އޮފީސް، އަރުވައިލި މީހުން ބަލަހައްޓާ އޮފީސް ފަދަ ނަންތައް ކިޔައިފައި އެބަހުށްޓެވެ. މި ކަމުން ދޭހަވަނީ ދިވެހިބަހަކީ ވެސް ފުދުންތެރި، މުއްސަނދި ބަހެއްކަމެވެ. މި މުއްސަނދިކަމާއި ފުދުންތެރިކަން ނެތީ އަޅުގަނޑުމެންގެ ވިސްނުމުގައެވެ. މަގާމުތަކުގެ ނަތްތައް ވެސް ދިވެހިބަހުން ކިޔޭނެއެވެ. އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ، އޯޑިޓު އޮފީހުގެ ވެރިޔާ، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ، ޚާއްޞަވަކީލު ފަދަ ނަންތައް ފެންނާން އެބަހުއްޓެވެ. އޭގެ މާކުރީން، ފުރަދާނަ، ދޮށިމޭނާ، ފާމުލަދޭރި، މީރުބަހުރު ފަދަ ނަންތައް ވެސް ތާރީޚުން ފެނެއެވެ.

ކޮންމެއަކަސް ވުޒާރަކުގެ ނަންތަކަށް މި ގެންނެވި ބަދަލަކީ ހިތްހަމަޖެހޭ ބަދަލެކެވެ. މިއީ އާ ކަމެއް ވެސް ނޫނެވެ. މިއީ ތަންފީޒުނުކޮށް އޮތް ގާނޫނެއް ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވާން ފެށްޓެވީއެވެ. މިއީ އަދުގެ ސަރުކާރުން ޤާނޫނު ތަންފީޒުކުރައްވާށާއި ގައުމިއްޔަތަށް އިސްކަންދެއްވާކަމުގެ ދަލީލެކެވެ. އެކަމަކު މި ކަން ހިމެނިގެންދާނީ ހަމައެކަނި ޤާނޫނު ތަންފީޒުކުރެއްވި ކުރެއްވުމެއްކަމުގައި އެކަންޏެއް ނޫނެވެ. މިއީ ތާރީޚީ ގޮތުން ވެސް ވެރަށް ބޮޑު ބަދަލެކެވެ. އެހެނީ ކުރީ ޒަމާނުގައި ވަޒީރުންނަށް ދިވެހި ނަންތައް ކިޔައިފައި ހުއްޓަސް އޭރަކު ވުޒާރާތަކެއް ނުހުރެއެވެ. ފަހުން 1932ގައި ފުރަތަމަ ޤާނޫނުއަސާސީއެއް އުފަންވުމަށް ފަހު ވެސް ވުޒާރާތަކަށް ކިޔައިފައި ހުރީ ޢަރަބި ނަންނަމެވެ. ވުޒާރަތުލްއަޝްޣާލު، ވުޒާރަތުލްޚާރިޖިއްޔާ ފަދަ ނަންނަމެވެ. މިއީ ދިވެހި ތާރީޚުގައި ވެސް ވުޒާރާތަކުގެ ނަން ދިވެހިބަހުން ލިޔެފައި ނަންބޯޑުތަކުގައި ހުއްޓައި ފެނުނު ފުރަތަމަ ފަހަރެވެ. ޑރ. މުޢިއްޒުގެ ސަރުކާރަށް އުފަލާއެކު ތަހުނިޔާ ދަންނަވަމެވެ.

_____________________________________________

އެޑިޓަރުގެ ނޯޓް
.

Advertisement

ކޮމެންޓް
އަޅޭ
ކޮންމެ ވުޒާރާއެއްގައި “ބެހޭ” ނުބެހި ވާނެ ގޮތެއް ނޯންނާނެބާ؟
21 Nov 2023