Advertisement

ލަގަބުތައް ލިޔާންވީ ރަނގަޅު ގޮތަކީ ކޮބައިބާ!!!؟

.

އާދޭހެވެ! ކޭސީއެމްޖީ ފަދަ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ފަދަ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ފަދަ ޝަރަފުވެރި ލަގަބުތައް ދިވެހި ގައުމުގެ އިސް ޚިދުމަތްތެރީންނަށް އެބަ އެރުވެއެވެ. ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ޚިދުމަތުގެ މި ފަދަ ޝަރަފާއި ލަގަބުތައް ކުރީން ބޭނުންކުރެވެމުން އައި ގޮތާއި މިހާރު ބޭނުންކުރެވެމުން އަންނަ ގޮތާ ތަފާތުތަކެއް އެބަ ފާހަގަކުރެވެއެވެ.

އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި އެފަދަ ޝަރަފާއި ދަރަޖައަކީ މަޤާމެއް ނޫނެވެ. ވަޒީފާއެއް ނޫނެވެ. އެއީ ހަމަ ޝަރަފެކެވެ. ދަރަޖައެކެވެ. މި ފަދަ ނަންނަމުގެ ރަމްޒުތައް މާޒީގައި ބޭނުންކޮށްފައި ހުއްޓަތީ ފެނިފައިވަނީ އެފަދަ ބޭބޭފުޅުންގެ ނަންފުޅާ ވިދިގެން ފަހަތުގައެވެ. މިސާލަކަށް، "ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ކޭ.ސީ.އެމްޖީ)" މިފަދަ ގޮތަކަށެވެ. ނަމަވެސް  މިހާރަކަށް އައިސް މި ފަދަ ލަގަބުތައް އެކި މީހުން އެކި ގޮތަށް ވެސް އެބަ ކިޔައެވެ. ލިޔެއެވެ. މިސާލަކަށް "ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ"، "ނިޝާން ޣާޒީ ޢިއްޒަތުގެ ވެރިޔާ"، "ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ" މި ފަދަ ތަފާތު ގޮތްގޮތަށް ވެސް އެބަ ބޭނުންކުރެވެއެވެ. (ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް އެނގިފައި އޮންނަނީ ފަހުން މި ދެންނެވި ގޮތެވެ.)

ކަމެއް އޮންނާން ވީ ގޮތެއް ސާފުކުރާން ނުވަތަ ކަމެއް ހަމަޖައްސައިދޭން އެދި ދައުލަތުގެ އިދާރާއަކަށް އެދޭ އިރު ވެސް އެ އެދޭ އިދާރާއަކަށް ފެންނަ ގޮތެއް ހުށަހެޅުމަކީ އެ ކަން އޮންނަ ޤާނޫނީ ނުވަތަ އިދާރީ އުސޫލެވެ. އަދި މަސައްކަތް ހަލުވިވުމުގެ އެއް މަގެވެ. ވީމާ އަޅުގަނޑަށް ފެންނަ ގޮތް އަޅުގަނޑު ދަންނަވައިލާނަމެވެ.

އަޅުގަނޑުގެ ނަޒަރުގައި އެ ޝަރަފަކީ ނުވަތަ އެ ދަރަޖައަކީ އެ ނަންފުޅެއްގެ ވެރި ބޭފުޅަކަށް އެރުވޭ އެއްޗެކެވެ. ވީމާ އިސްވާންޖެހޭނީ އެ ދަރަޖައެއް އެރުވުނު ބޭފުޅެކެވެ. މިއީ ކުރީން ބޭނުންކުރަމުން އައިސްފައިވާ އުސޫލަށް ރިޢާޔަތްކޮށް އަޅުގަނޑު ފާޅުކުރާ ޚިޔާލެވެ. ނަމަވެސް މިހާރަކަށް އައިސް މިއާ ތަފާތުކޮށް މި ކަން ހިނގަމުން އަންނާތީ، މީޑިއާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް ހަގީގަތުގައި ލިޔުއްވާން ވީ ރަނގަޅު ގޮތް އޮޅިވަޑައިގެންފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ކަމަށް އުސޫލެއް ކަނޑައެޅުމުގެ އެއްވެސް ބާރެއް އޮތް ނަމަ، އަޅުގަނޑު ހަމަޖައްސާނީ ލަގަބާއި ނަންފުޅު ލިޔުމަށް ފަހު، ޤައުސެއްގެ ތެރޭގައި އެ ޝަރަފެއްގެ ރަމްޒުތައް ލިޔުމަށެވެ. އޭރުން ލިޔެކިޔުމަށް ވެސް ފަސޭހަވާނެތީއެވެ. ނަމަވެސް "ރީތި ނަލަ އަޑުފުޅުން" ހާލެއް ގޮވީމާ ނޫނީ އައްޔެއް ނުވިލޭނެތާއެވެ. ދިވެހިބަހުގެ އެކެޑަމީއިން ނުވަތަ ވުޒާރާއިން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ކަމަށް ގޮތެއް ކަނޑައަޅުއްވައި އާންމުކުރެއްވީމާ ނޫނީ އެ މީހަކު ލިޔާނީ އެ މީހަކު ހިތަށް އެރި ގޮތަކަށް ތާއެވެ.

ވަކި ގޮތަކަށް ލިޔާން އަޅުގަނޑު ބާރުއަޅަނީކީ ނޫނެވެ. ބާރެއް ނުވެސް އެޅޭނެއެވެ. އަދި ވަކި ގޮތެއް ގޯހޭ ދަންނަވަނީކީއެއް ވެސް ނޫނެވެ. ގޯހެކޭ ނުވެސް ދެންނެވޭނެއެވެ. އަޅުގަނޑު ހަމައެކަނި މި ދަންނަވަނީ މި ކަން ވެސް ވަކި ހަމައަކުން ވަކި އުޞޫލަކުން ބައްޓަންކުރެވިފައި އޮތުން މުހިންމު ވާހަކައެވެ. ކަމާބެހޭ އިދާރާއަކުން އެ ކަމުގެ އުސޫލު އާންމުކުރެއްވުން މުހިންމު ވާހަކައެވެ. އޭރުން މީހަކު އެ ފަދަ ލަގަބެއް ލިޔުނީމާ ރަނގަޅޭ ވެސް ނުވަތަ ނުބަޔޭ ވެސް ބުނާން އެނގޭނެތާއެވެ.

އަޅުގަނޑަކީ ކުކުޅަށް ވުރެ ބިސް ދޮށިވެގެން އުޅޭ މީހެކޭ ހީފުޅު ނުކުރައްވާނެކަމަށް އުންމީދުކުރަމެވެ. ދިވެހިބަހާއި ބަހުގެ އަދަބާއި އިޖުތިމާޢީ ގުޅުންތަކަށް އަޅުގަނޑަށް ދެވޭ އިޙުތިރާމެއްގެ ބޮޑުކަމުން މި ކަހަލަ ކަންކަމާ ބެހެވެނީއެވެ. އަނގަދަކުރެވެނީއެވެ. ކާޅު ކެޔަސް ސޮއް ނުގޮވައި ނުހުރެވެނީއެވެ. މާފެވެ. ތުތްކެވެ. މި ޒަމާނުގެ ބަހުރުވައިންނަމަ ސޮރީއެވެ.

____________________________________________

އެޑިޓަރުގެ ނޯޓް
.

Advertisement

ކޮމެންޓް