Advertisement

ބުއްދިވެރި ބަސްކޮޅެއް: ތައުރީފުގެ ބަސްތަކަކީ މީހުން ހަލާކުކޮށްލާ އެއްޗެކެވެ.

18 Nov 2023 | 21:53
ފައިދިގުމަކުނަކާއި ގުއިވަޅު މެއްސެއް (ފައިލް ފޮޓޯ)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1. ތައުރީފުގެ ބަސްބަހަކީ މާމުއި ފަދަ ފޮނި މީރު އެއްޗެކެވެ. ނަމަވެސް، މާ ގިނައިން އެ ފަދަ ފޮނި އެއްޗެހި ބޭނުން ކޮށްފި ނަމަ ބަނޑު ގޯސްކޮށްލައެވެ.

2. ތައުރީފުގެ ބަސްތަކަކީ މީހުން ހަލާކުކޮށްލާ އެއްޗެކެވެ. އެއާ ޚިލާފަށް ބިނާކުރަނިވި ފާޑުކިޔުމަކީ މީހުން ހަމަ މަގަށް އަޅުވައި ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭ އެއްޗެކެވެ.

3. ނަފުރަތު ކުރުމަކީ ވެސް، ބައެއް ފަހަރު، ތައުރީފުކުރުމުގެ އެންމެ އިޚުލާސްތެރި ގޮތްކަމުގައި ވެސް ވެއެވެ. އެހެނީ، ނަފުރަތުކުރުމުގެ ސަބަބުތަކުގެ ތެރޭގައި ތިމާގެ އަމިއްލަ ނަފްސުގައި ނެތް ރަނގަޅު ސިފަތަކެއް ތިމާގެ ޚަސްމުގެ ކިބައިން ފެނުން ހިމެނެއެވެ. މިހެން ވުމުން، ނަފުރަތުކުރުން ވެގެން ދަނީ ތިމާގެ ޚަސްމުގެ ކިބައިގައި ރަނގަޅު ރީތި ސިފަތަކެއް ހުރި ވާހަކަ، ނުސީދާ ގޮތެއްގައި، ބުނެވޭ ބުނުމަކަށެވެ. އާދޭހެވެ! ތައުރީފުކުރުމަކަށެވެ.

4. ތައުރީފުކުރުމަކީ ބޭނުންތެރި ކަމެކެވެ. އިންޖީނުތައް، އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރެވި ދިޔުމަށް ޓަކައި، އެއަށް ގިރިސް އަޅާން ބޭނުންވާ ފަދައިންނެވެ. ނަމަވެސް، މާ ގިނަވެ، އޭގެ ހައްދުން ބޭރުވެއްޖެ ނަމަ، އެއިން ލިބޭން އޮތް ފައިދާ ނެތިގެން ހިނގައިދާނެއެވެ.

5. ހެޔޮ އަމަލުތަކުގެ ފެށުމަކީ ހެޔޮ ބަސްތަކަށް ވެދާނެއެވެ. ނަމަވެސް، ހެޔޮ ބަސްތަކަކީ ހެޔޮ އަމަލުތައްކަމުގައި ހަދައި، ހެޔޮ ބަސްތަކަކުން ހެޔޮ އަމަލުތައް ކުރެވުނީކަމަށް ދެކޭ ގޮތަށް ވާހަކަދެއްކުމާ ދުރަށް ދާން މަސައްކަތްކުރާން ޖެހެއެވެ.

6. މީސްތަކުންގެ ކުރިމަތީގައި ތައުރީފުކުރުން ގިނަ މީހާ، އެ މީސްމީހުންނަށް އެ މީސްމީހުންގެ ފުރަގަހުގައި ބަދުބަސް ބުނެ އެއްޗެހި ކިޔާން ވެސް ކެރޭނެއެވެ.

7. ކުއްތާއާއި ބުޅަލަކީ ވެސް، އިންސާނުން ފަދައިން، އެ އެއްޗެހީގެ ސާހިބާއަށް، ނުވަތަ އެ އެއްޗިއްސަށް އެއްޗެއް ދިއްކޮށްލި މީހަކަށް ތައުރީފުކޮށް އަޅުވެތިވާ އެއްޗިއްސެވެ.

8. ބައެއް ފަހަރު، ތައުރީފުކުރުމަކީ ތައުރީފު ލިބޭ މީހާގެ ހިތަށް ވާސިލުވުމަށް ކޮށޭ މަގެކެވެ.

9. ޚުޝާމަދުކޮށް ދޮގު ތައުރީފުކުރާ މީހާ ދަންނާން ޖެހޭ ހަގީގަތެއް އޮވެއެވެ. އޭނާ އެ ކުރަނީ ޚުޝާމަދުކަން އެ ރައްދުވާ މީހާއަށް ވެސް އެނގިދާނޭކަމެވެ. އެއީ އެ ލިބޭ މީހަކީ ހަމަ ބުއްދީގެ މީހަކަށްވާ ނަމައެވެ. މި ކަހަލަ މަންޒަރެއް ދާދި ފަހުން ފެނުނެވެ. އިންޑިޔާގެ ނޫސްވެރިޔަކު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައި ޚަބަރުތައް ރިޕޯޓުކުރަމުން، މާ ބޮޑަށް ޖޯޝާއެކު، އިޒުރޭލު ކޮޅަށް ޖެހި، އޭނާގެ އަޑު ގަދަވުމުން، އިޒުރޭލުގެ ސިފައިންގެ މީހަކު، އޭނާގާތު އަޑު މަޑުކުރާން ބުނާ އިރު، މި ހެން ބުނި ސިފައިންގެ މީހާގެ މޫނުމަތީން މި ކަން ފެންނާން ހުށްޓެވެ!

10. ފައިދިގު މަކުނު، ގުއިވަޅު މެއްސާ މުޚާތަބުކޮށް ބުންޏެވެ. "ކަލޭ ހާދަހާ ނަލަވެފައި ރީއްޗެވެ. ކަލޭގެ ބޮލުގައި އަޅައިފައި ތިޔަ އޮތް ފަގުޑި، ކަލެއަށް ހާދަ ހެޔޮވަރެވެ. އަދި، ދިހުން އަރުވައިލައިފައި ހުރި، އޭގެ ކުލަ ބަލައިލާން ހާދަހާ ފަސޭހައެވެ. މީގެ އިތުރަށް، ކަލޭ ކޮޅުކޮޅަށް ފަރިކަމާ އެކު އުދުހިލާ އިރު، ތިޔަ ކިޔަމުން ގެންދާ ލަވައަށް ވުރެ ރީތި ލަވައެއް އޮވެދާނެކަމަކަށް އަހަރެންނެއް ނުދެކެވެ. އަޅެ، އަހަރެންގެ ގެއަށް އައިސް، އަހަރެންގެ ކާމޭޒު ދޮށުގައި އިނދެ އަހަންނަށް ލަވައެއް ކިޔައިދީ ސައިތައްޓެއް ބޮލާން ހަމަ ނާންނާނަންހެއްޔެވެ؟

ދެން، ލަދުރަކި ގޮތަކަށް ގުއިވަޅު މެހި ހީނލިއެވެ. އަދި، ހިތާހިތާ އޭގެ ރީތިކަން އެއަށް ވެސް ވިސްނި ޔަގީންކުރެވުނެވެ. އަދި، ފައިދިގު މަކުނުގެ ބަސްކޮޅުގެ ޖާދޫގައި ޖެހި، އޭތީގެ ދައުވަތު ގަބޫލުކޮށް، ފައިދިގު މަކުނުގެ ގެއަށް، ގުއިވަޅު މެހި ވަނެވެ.

ނަމަވެސް، އަދި އަދަށް ދާންދެން ވެސް ގުއިވަޅު މެހި، ފައިދިގު މަކުނުގެ ގެއިން ނިކުތް ޚަބަރެއް ނުލިބެއެވެ. މީހުން ބުނާ ގޮތުގައި، ގުއިވަޅު މެހި ވެސް، ފައިދިގު މަކުނުގެ ޚުޝާމަދުގެ ޝިކާރައަކަށްވެ، ނިމި ދިޔައީއެވެ.

________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް