Advertisement

ކުދީންނަށް ގޭގައި ކިޔަވައިދިން ޓީޗަރަކަށް އިނާމެއްގެ ގޮތުގައި އެއް މިލިޔަން ޑޮލަރު

17 Nov 2023 | 20:28
ޕާކިސްތާނީ ޓީޗަރ ރިފްޢަތު ޢާރިފް (މަޝްހޫރު ނަމުންނަމަ، ޒެފް ދައްތަ)، "ދުނިޔޭގެ މުދައްރިސް"ގެ އިނާމު، ފަރަންސޭސި ވިލާތުގައި ބޭއްވި ޙަފުލާއެއްގައި ލިބިގަންނަނީ)

ޒެފް ދައްތަ ތަދުބީރުކޮށްފައިވަނީ މުޅީން އައު އިސްކޫލަކާއި ޔަތީމްކުދީންނަށް ޓަކައި ހިޔާވަހިކަން ބިނާކޮށްދޭން

އިޚުލާޞްތެރިކަމާއެކު ހެޔޮ ނިޔަތުގައި ﷲއަށް ޓަކައި ކުރާ ކޮންމެ ޢަމަލަކީ ހެޔޮ ޢަމަލެއްކަމާ މެދަކު ޝައްކެއް ނެތެވެ. މި ފަދަ ޢަމަލުތަކަށް ގިނަގުނަވެގެންވާ ދަރުމަ، ޤިޔާމަތް ދުވަހުން ދީލަތަވަންތަ ﷲ އެ މީހަކަށް ދެއްވާނެއެވެ. އަދި ވަރަށް ގިނަ ފަހަރަށް ދުނިޔެމަތީގައި ވެސް އެ ފަދަ މީހުންނަށް ކާމިޔާބީއާއި ގިނަގުނަ އެހެން ނިޢުމަތްތައް އޯގާވަންތަ މާތް ﷲ މިންވަރުކޮށްދެއްވައެވެ.

އޭނާގެ ފުރާވަރު އުމުރުގައި ނިކަމެތި ކުދީންނަށް ޓަކައި އަމިއްލަ ގޭގައި އިސްކޫލެއް ހެދި ޓީޗަރަކަށް އެއް މިލިއަން ޑޮލަރާއެކު "ދުނިޔޭގެ ޓީޗަރު"ކަމުގެ އިނާމު ލިބުމަކީ ކޮން ފަދަ ޝަރަފެއްތޯއެވެ! ކިހައި ބޮޑު ނިޢުމަތެއްތޯއެވެ! މި މަތިވެރި ނިޢުމަތާއި މި ބޮޑު ޝަރަފު، މި ފަދަ ޓީޗަރަކަށް މި މަހުގެ ތެރޭގައި ވަނީ ލިބިފައެވެ.

އާދޭހެވެ! ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ ރިފުޢަތު ޢާރިފު (ދަރިވަރުންގެ މެދުގައި މަޝްހޫރު ނަމުންނަމަ، "ޒެފް ދައްތަ") އޭނާގެ އުމުރުން އެންމެ 13 އަހަރުގައި، އޭނާގެ ގޭގެ ގޯތި ތެރޭގައި އިސްކޫލެއް [ފަދަ ތަނެއް] ހަދައިގެން ކިޔަވައިދޭން ފެށީ ދަރީން އިސްކޫލަށް ފޮނުވައިގެން ކިޔަވައިދޭން އުޅެވޭ ވަރަށް ވުރެ ނިކަމެތި ބެލެނިވެރީންގެ ކުދީންނަށް އެހީތެރިވެ ދިނުމަށް ޓަކައެވެ.

އޭނާ ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރުމަށް ފަހު ކުދީންނަށް ކިޔަވައިދިނުމުގައި ހަތަރު ގަޑި އިރު ހޭދަކުރިއެވެ.

ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ ޒެފް ދައްތަ އޭގެ ސައްބީސް އަހަރު ފަހުން ވަކި އާ އިމާރަތެއް ހަދައިގެން އެންމެ ފަގީރު 200އަށް ވުރެ ގިނަ ކުދީންނަށް ހިލޭ ކިޔަވައިދޭން ފެށީއެވެ.

އެތައް ދަހަރެއް ވަންދެން ޒެފް ދައްތަ މި ކުރި މަތިވެތި ޚިދުމަތުގެ އަގު ވަޒަންކޮށް ދުނިޔޭގެ ޓީޗަރުގެ އިނާމު އޭނަށް ވަނީ ލިބިފައެވެ. ވާރކީ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ފަރަންސޭސި ވިލާތުގައި މި ނޮވެންބަރު މަހު 10ވަނަ ދުވަހު ބޭއްވި ޙަފުލާއެއްގައި އޭނާއަށް ލިބުނު އެއް މިލިއަން ޑޮލަރު އޭނާ ހޭދަކުރާން ތަދުބީރުކޮށްފައިވަނީ އެންމެ ފަގީރު ކުދީންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ކިޔަވައިދޭނެ ވަކި އާ އިސްކޫލެއް ބޮޑު ސަރަހައްދެއްގައި ބިނާކުރާށެވެ.

ޒެފް ދައްތަ ތަދުބީރުކޮށްފައިވާ އަނެއް ކަމަކީ ޔަތީމު ކުދީން ދިރިއުޅުމަށް ޓަކައި ހިޔާވަހިކަން ފޯރުކޮށްދޭށެވެ. އަދި އެތަނުން ކާބޯތަކެތި ވެސް ލިބޭ ގޮތަށް އެ ގައުމުގެ އެކި ކަންކޮޅުތަކުން ކުލާސްތައް ނަގައިދޭން ދަޢުވަތު ދެވޭ ޓީޗަރުން އައިސް ތިބެވޭ ކަހަލަ އިންތިޒާމެއް ވެސް ކުރުމަށެވެ.

ދުނިޔޭގެ ޓީޗަރު އިނާމު ޙާޞިލުކުރެއްވި ޒެފް ދައްތައަށް ފަރަންސޭސި ރައީސް އެމަނުއަލް މެކްރޯން "އެލީސީ"ގައި ތަހުނިޔާ ވިދާޅުވަނީ (ފޮޓޯ: ގްލޯބަލް ޓީޗަރ ޕްރައިޒް)

ޒެފް ދައްތަ ދުނިޔޭގެ ޓީޗަރުގެ އިނާމު ޙާސިލުކުރުމުން ޔުނެސްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ސްޓެފާނިއާ ޖަންނީނީ ވަނީ ތަހުނިއާ އަދާކުރައްވައިފައެވެ. "ދުނިޔޭގައި ފެންވަރު ރަނގަޅު ޓީޗަރުންގެ މަދުކަމާ ހުރެ، ދުނިޔޭގެ ތަޢުލީމަށް ޓަކައި ވަރުގަދަ ކަށަވެތިކަމެއް ގެންގުޅޭ މި ފަދަ އިލްހާމީ ޓީޗަރުންގެ ޚިދުމަތް ފާހަގަކުރުމަކީ އެ ފަދަ ޓީޗަރުންނަށް ލިބިދޭން ޖެހޭ ހައްގެކެވެ." މިސް ޖަންނީނީ ވިދާޅުވިއެވެ. "ޓީޗަރުންގެ ޚިދުމަތް ފާހަގަކުރާންޖެހެއެވެ. ދުވަހަކު ވެސް މުހިންމު ނުވާ ވަރަށް ޓީޗަރުންގެ ޚިދުމަތް މިހާރު ދުނިޔެއަށް މުހިންމެވެ. އަޅުގަނޑުމެން ޓީޗަރުންނަށް ތާއީދުކޮށް އެ މީހުންނަށް ޝަރަފު ދެނީ ހަމަ އެކަނި އަންނާން އޮތް ޖީލުތައް އެ މީހުން ބައްޓަން ކުރާތީއެއް ނޫނެވެ. އަހަރެމެން ގެ އަދުގެ މުޖުތަމަޢުގެ ކުރިމަގު ވެސް އެ މީހުން ބައްޓަންކުރާތީއެވެ."

ޕާކިސްތާނުގެ ޕަންޖާބުގެ ގުޖްރަންވާލާއަށް އުފަން ރިފްޢަތު ޢާރިފު (ޒެފް ދައްތަ)އަށް ދުނިޔޭގެ ޓީޗަރުގެ ޝަރަފު މި އަހަރު މި ލިބުނީ މި އިނާމަށް ހުށަހެޅުނު 7000 (ހަތް ހާސް) ކެންޑިޑޭޓުންގެ ތެރެއިންނެވެ. ޒެފް ދައްތަ ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި އިނގިރޭސިއާއި އުރުދޫއާއި އެކި އަގީދާތަކުގެ މެދުގައި އޮންނާންވާ ހަމަޖެހުމާއި، މޫސުމަށް އަންނަ ބަދަލުތައް ފަދަ މާއްދާތައް ހިމެނެއެވެ.

މީގެ އިތުރަށް އަމިއްލަ ނަފުސު ދިފާޢުކުރާން ދަސްކޮށްދޭ ކުލާސްތަކެއް ވެސް އަންހެންކުދީންނަށް ޚާއްޞަކޮށްގެން އޭނާ ހިންގައެވެ. އަދި ފަގީރު އާއިލާތަކަށް ދެ އިޚުތިޔާރެއް ދީގެން އެއިން އެމީހަކު އިޚުތިޔާރު ކުރާ ކަމެއްގައި މާލީ އެހީތެރިކަން ވެސް އޭނާ ފޯރުކޮށްދެއެވެ. އެއީ އެ ފަދަ ޢާއިލާތަކުގެ ކުދީންނަށް ކިޔަވައިދިނުމާއި އެ މީހުންގެ ބިލުތައް ދައްކައިދިނުމާ ދެ ކަމުން ކުރެ ކޮންމެވެސް އެއް ކަމެއްގައި އެހީތެރިވެދޭ ގޮތަށެވެ.

މީގެ އިތުރަށް މަސައްކަތްތެރިކަމުގެ ތަޢުލީމު ދޭ މަރުކަޒުތަކެއް ވެސް ޒެފް ދައްތަ ހިންގައެވެ. މި ޚިދުމަތުގެ ސަބަބުން ހައެއްކަ ހާސް އަންހެނުންނަށް މިހާތަނަށް ވަނީ ކޮންޕިޔުޓަރުގެ ހުނަރާއި ފޭރާމާ ގުޅޭ މަސައްކަތްތަކާއި އިނގިރޭސި ބަސް ވެސް އުނގަންނައިދެވިފައެވެ.

ވާރކޭ ފައުންޑޭޝަންގެ ފަރާތުން ދުނިޔޭގެ ޓީޗަރުންގެ އިނާމު ދެމުން އަންނަތާ މިއީ އަށްވަނަ އަހަރެވެ. ބޭނުމަކީ ކިޔަވައިދިނުމުގެ ދަންނުގައި އާދަޔާ ޚިލާފަށް [މޮޅަށް] ޚިދުމަތްކުރާނެ ދާރިސުން ނުވަތަ އެޑިޔުކޭޓަރުން އުފެއްދުމެވެ.

ހެޔޮ ނިޔަތުގައި އިޚުލާސްތެރިކަމާއެކު މުޖުތަމަޢަށް ޚިދުމަތް ފޯރުކޮށްދޭ މީހުންނަށް މާތްﷲ ތައުފީޤު ދެއްވާކަން މި ކަމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ކީރިތިވަންތަ މާތް ﷲ ޒެފް ދައްތައަށާއި ހެޔޮ ޢަމަލުތައް ކުރާ އެންމެހައި މުސްލިމުންނަށް ގިނަގުނަވެގެންވާ އަޖުރުދެއްވާށިއެވެ! އާމީން!

Advertisement

ކޮމެންޓް