Advertisement

އާ ފެށުމާ ބެހޭ ގޮތުން މީސްމީހުން ބުނާ ވާހަކަކޮޅެއް

16 Nov 2023 | 17:00
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1. ފޭލިވުމަކީ އަލުން ފަށަން ލިބޭ ފުރުސަތެކެވެ. ދެން، އަލަށް ފަށާ ފެށުމުގައި ލޯ ރަނގަޅަށް ހުޅުވައިގެން، ކުރިއަށް ވުރެ ބޮޑަށް ވިސްނައިގެން، ގަދައަށް މަސައްކަތްކޮށް ބޭނުންވާ އަމާޒުފަތްގަނޑާ ދިމާއަށް ދަތުރު ފަށަން ޖެހެއެވެ.

2. މުސްތަގުބަލު އޮންނަން ޖެހޭ ގޮތް މާޒީއެއް ކަނޑަނާޅައެވެ. ނަމަވެސް، މުސްތަގުބަލު އޮންނަން ޖެހޭ ގޮތް ކަނޑައެޅުމަށް މާޒީ އެހީވެދެއެވެ. މާޒީއަށް ބަލައި، މާޒީގައި ހެދުނު ގޯސްތައް ހަނދާނުގައި ބަހައްޓައިގެން، އެ ގޯސްތައް ތަކުރާރު ނުކޮށް ކުރިއަށް ދިޔުމުގައެވެ.

3. ކޮންމެ އިރު އޮއްސުމަކީ އާ ފެށުމަކަށް މަގު ހުޅުވާލަދޭ ކަމެކެވެ. ކޮންމެ އިރު އެރުމެއް، އިންސާނާއަށް، އާ ދެ ލޯ ހަދިޔާކުރެއެވެ. މިއަދު މީ އިރެއް އޮއްސޭ ދުވަހެކެވެ. މާދަމާއަކީ އިރެއް އަރާ ވެސް ދުވަހެކެވެ. މިއަދުގެ އިރު އޮއްސޭ އިރު، ހުޅުވިގެންދާ އާ މަގަށް، މާދަމާގެ ނަޔާ އިރު އަރާ އިރު ހިބަކޮށްދޭ އާ ދެލޮލުން، ރަނގަޅަށް ބަލައި، ކުރިއަށް ހިނގަން ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަނެ އެ ގޮތުގައި ހިފެހެއްޓުން ޚިޔާރުކުރަން ޖެހެއެވެ.

4. ކޮންމެ އާ ފެށުމަކީ ހުސް ސަފުހާއެއް ކަހަލަ އެއްޗެކެވެ. އެ ފެށޭ ފެށުން، ކާމިޔާބާއެކު ނިންމާލަން އެދެންޏާ އެ ހުސް އާ ސަފުހާގައި އެންމެ ރީތި ވާހަކަ ލިޔެލަން ޖެހެއެވެ.

5. ވަގުތާ ބެހޭ އެންމެ ރީތި އެންމެ ހިތްގައިމު ކަމަކީ ފައިސާ ނެތިސް، ކުރެޑިށް އެއްޗިއްސާއި ޚިދުމަތްތައް ލިބިގަނެ، ފައިސާ ބޭކާރު ކުރެވޭ ފަދައިން ކުރިއަށް އަންނަން އޮތް ވަގުތުތައް ބޭކާރު ނުކުރެވޭ ކަމެވެ. އަދި، ކިއެއް ހެއްޔެވެ؟ ކުރިއަށް އޮތް ވަގުތުތަކަކީ އެއްވެސް ގޮތަކަށް، ކިލަނބު ނުވެ، ބޭކާރުކޮށް ނުލެވި، އާރޯތާނާކޮށް އޮތް އެއްޗެކެވެ. އެ ވަގުތު ބޭކާރުކޮށްލެވި ދިޔަ ވަގުތުތަކާ މުޅިން ޚިލާފަށް، އާ ފެށުމެއް ފަށައި މުޅިން ހެޔޮ ގޮތުގައި، ފައިދާ ހުރި ގޮތުގައި ބޭނުން ކުރެވެން އޮތް އެއްޗެކެވެ.

6. އާ ފެށުމެއް އާ ހަކަތައާއި އާބާރެއް ގެނެސް ދެއެވެ. އެ އާހަކަތައާއި އާބާރު ބޭނުންކޮށްގެން ކުރިއަށް ދިޔުމަށެވެ.

7. ބަދަލުވުމަކީ ހަޔާތުގެ ގާނޫނެވެ. މިކަން އެންމެ ސާފުކޮށް ފެންނަނީ އިންސާނާގެ ކިބައިންނެވެ. އޭނަގެ ހަޔާތުގެ ދައުރުތަކަށް ބަލާލުމުން، އޭނައަށް އަންނަ ބަދަލު ފެނެއެވެ. މި ބަދަލުވުމަކީ އޭނާގެ އަތްމަތީ އޮންނަ ކަމެއް ނޫނެވެ. އޭނަ ބޭނުން ވިޔަސް ނުވިޔަސް، މި ބަދަލު އޭނަގެ ސިފައަށް އާދެއެވެ. ތުއްތު ކުއްޖެއްގެ ގޮތުގައި އުފަންވެ، ބޮޑުވެ، މުސްކުޅިވެ، ދުނިޔެ ދޫކޮށް އޭނައަށް ދާން ޖެހެއެވެ. ނަމަވެސް، އުއްމަތްތަކަށް އަންނަ ބަދަލަކީ އެ އުއްމަތުގެ އަފުރާދުންގެ އަތް މަތީ އޮންނަ ކަމެވެ. އެ މީހުން ބޭނުން ނަމަ، ހެޔޮ ގޮތުގައި އުއްމަތްތައް ބަދަލުކޮށްލެވެއެވެ. މިފަދަ ގޮތެއްގައި އުއްމަތްތައް ބަދަލުކޮށްލުމަށްޓަކައި ގުދުރަތުން އުއްމަތްތަކަށް، ދޭތެރެ ދޭތެރެއިން، އޭ ފެށުމެއް ހަދިޔާކުރެއެވެ.

8. ހެޔޮ ބަދަލެއް އުއްމަތްތަކަށް ގެންނަން އެދޭ ނަމަ، އެންމެ ފުރަތަމަ ހަނދާންކުރަން ޖެހެނީ، އަހަރުމެން ތިބި ގޮތުގައި ތިބެގެން އަހަރުމެން ވާން އެދޭ ގޮތެއް ހާސިލު ނުވާނޭ ކަމެވެ. އަދި، ހަމަ އެހެންމެ، އަހަރުމެން ދޭން އެދޭ މަންޒިލަށް ވާސިލުވެވޭނީ އެ މަންޒިލަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅިގެންނެވެ.

އުއްމަތްތައް ކުރިއެރުމުގެ މަންޒިލަކަށް ވާން ޖެހޭނީ އެ އުއްމަތުގެ ހުރިހާ އަފުރާދުންނަށް ވެސް ފަސޭހަ ދިރިއުޅުމެއް ލިބުމެވެ. އެކަން ހަމަޖެހޭނީ އުއްމަތުގެ ޚައިރާތުތައް، އަދުލުވެރި ގޮތެއްގައި، އެ އުއްމަތުގެ އަފުރާދުންގެ މައްޗަށް، އެމީހުންނަށް ލިބޭ އާމްދަނީއާއި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ޒަރިއްޔާއިން، ބެހިގެންދާނޭ ރަނގަޅު ނިޒާމެއް ގާއިމު ކުރެވިގެންނެވެ. އުއްމަތްތަކަށް ލިބޭ ކޮންމެ އާ ފެށުމަކީ މި ނަންގަތް މަންޒިލާ ހަމައަށް ވާސިލުވުމުގެ މަގު ކޮށާލުމުގެ ފެށުން މެދުވެރިކުރުވާ ފުރުސަތެކެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް