Advertisement

އެންމެ ފަހުން ގަރާރެއް ފާސްކުރީތާއެވެ! އދ.ގެ "ބާރެއް ނެތް" ޤަރާރުން އިސްރާއީލުގެ ޢުދުވާނަށް ހުއްދަ ދިނީކީ ނޫންހެއްޔެވެ!

އދ.ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާ: މި ޖަލްސާގައި ފާސްކުރި ގަރާރުގައި ޢުދުވާނު ހުއްޓައިލުމާ މެދު ބަހެއް ބުނެފައެއް ނެތެވެ.

އދ.ގެ ތަފާސްހިސާބުތައް ބުނާ ގޮތުން، މި ދިޔަ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް އިންސާނިއްޔަތާ ޚިލާފު ޢުދުވާނުތައް ދޭން ފެށި ފަހުން ޣައްޒާއިން އެކަނި ވެސް 11 ހާސް ފަލަސްތީނީން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 4506 ކުޑަކުދީން ހިމެނެއެވެ. ގާތްގަނޑަކަށް 2700 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ނުވަތަ ފުނޑުފުނޑުވެފައިވާ އިމާރަތްތަކުގެ ދަށުގައި ތާށިވެފައެވެ. އަދި ޣައްޒާގެ ތެރޭގައި 1.5 މިލިޔަން މީހުން ވަނީ އެތަންމިތަނަށް ވިއްސިވިހާލިވެފައެވެ. (ހަގީގަތުގައި މި ޢަދަދުތައް މިއަށް ވުރެ މާ އިތުރުވާނެއެވެ.)

އަނެއްކޮޅުން އދ.ން ވަނީ ޢުދުވާނު ހުއްޓައިލާން ތަކުރާރުކޮށް ގޮވައިލައިފައެވެ. ނަމަވެސް އިސްރާއީލާއި އިސްރާއީލުގެ ބައިވެރީންކަމަށްވާ އެމެރިކާ ފަދަ ގައުމުތަކުން އެ ކަމަށް އިންކާރުކުރުމުގެ ސަބަބުން މި ފަދަ ގޮވައިލުންތަކަށް ވަނީ އަމަލުކުރެވޭ ގޮތް ނުވެފައެވެ. އިސްރާއިލުގެ ހައްދުފަހަނަޅައިފައިވާ ނިރުބަވެރި ބޮޑުވަޒީރު ބުންޔަމީން ނަތަންޔާހޫ ބުނަމުން ގެންގޮސްފައިވަނީ "ހަނގުރާމަ"ހުއްޓައިލުމާ މެދު ވިސްނާނީ ވެސް އޮކްޓޫބަރު 7ގައި ޙަމާސުން އަސީރުކޮށްފައިވާ 240 މީހުން ދޫކޮށްލި އިރަކުންކަމަށެވެ.

އިސްރާއީލުގެ ދާއިމީ އަނިޔާވެރިކަމަށް ރައްދުދިނުމުގެ ގޮތުން ޙަމާސުން އޮކްޓޫބަރު ހަތެއްގައި އިސްރާއީލަށް ދިން ރައްދު ޙަމަލާއާ ވިދިގެން އިސްރާޢީލުން ޣައްޒާއަށް އަނިޔާވެރި ޙަމަލާތައް ދޭން ފެށި ފަހުން އދ.ން ހަތަރު ޤަރާރެއް ފާސްކުރާން މަސައްކަތްކޮށްފިއެވެ. ބޭނުންވާ ވަރަށް ވޯޓު ހަމަނުވެގެން ރޫސީންނަށް ދެ ފަހަރު ނާކާމިޔާބު ވެފައިވާއިރު، ބްރެޒިލުން ހުށަހެޅި ޤަރާރު އެމެރިކާއިން ވީޓޯކުރީއެވެ. އެމެރިކާއިން ހުށަހެޅި ޤަރާރު ޗައިނާއިން ވީޓޯކުރީއެވެ.

މި ކަން މި ހެން އޮއްވައި، އިއްޔެ މި ވަނީ "އިންސާނީ އެހީދޭ ވަގުތު އިތުރުކުރުމަށް ގޮވައިލައި" އދ.ން ޤަރާރެއް ފާސްކޮށްފިއެވެ. ޢުދުވާނު ހުއްޓައިލާން ގޮވައިނުލައި ހަނގުރާމަ މެދުކަނޑައިލާ ވަގުތު އިތުރުކުރާން ގޮވައިލުމުން އަޅުގަނޑަށް މާނަކުރެވެނީ އިސްރާއީލުގެ ޢުދުވާނަށް ޤާނޫނީ އިޢުތިރާފެއް ވެވުނުކަމުގައެވެ. ޙަމަލާ ދޭ ވަގުތު އިތުރުކުރާން އެންގުމުން ނުސީދާކޮށް އެ ބުނެވެނީ ޙަމަލާތައް މުޅީން ހުއްޓައިލނުލިޔަސް އެންމެ ރަނގަޅޭ ނޫންހެއްޔެވެ! އެއީ ނުސީދާކޮށް ޢުދުވާނީ ޙަމަލާތައް ކުރިއަށް ގެންދާށޭ ބުނުން ނޫންހެއްޔެވެ! މައާފުކުރައްވާށެވެ! މިއީ އަޅުގަނޑަށް މާނަކުރެވުނު ގޮތެވެ. އިއްޔެ ފާސްކުރި ޤަރާރާ އެއްކޮޅަށް ސަލާމަތީ މަޖިލީހުގެ 12 މެންބަރުން ވޯޓުދިނެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ރޫސީވިލާތުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.

މޯލްޓާގެ ފަރާތުން ހުށަހަޅައިގެން އިއްޔެ ފާސްކުރި، މެންބަރު ހުރިހާ ގައުމަކުން ޢަމަލުކުރާން ލާޒިމުވާ، މި ޤަރާރުގެ ގާތްގަނޑަކަށް ކޮންމެ ޕެރެގުރާފެއްގައި ވެސް "މަދަނީންނާއި، ޚާއްސަކޮށް ކުޑަކުދީންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމުގެ ގޮތުން" މި ގަރާރަށް ޢަމަލުކުރުން ހުރިހާ ފަރާތްތަކަކަށް (އިސްރާއީލުގެ ބައިވެރީންނާއި ހަމާސަށް) ލާޒިމުވާނެކަމަށް ފާހަގަކޮށްފައި އޮވެއެވެ.

އދ.ގެ އަމީންއާންމު އަލްފާޟިލް އެންތޯނިއޯ ގުތަރޭސް<br>

މި ގަރާރަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް ޣައްޒާއަށް ބޮމުގެ ވާރޭވެއްސާން ފެށި ފަހުން މި ކަމާ ގުޅިގެން އދ.ން ފާސްކުރި ފުރަތަމަ ޤަރާރެވެ. މި ޤަރާރުގައި ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަ ހިމަނައިފައެއް ނެތެވެ. ނަމަވެސް "އެކަށީގެންވާ މުއްދަތަކަށް ހަމަލާތައް މެދުކަނޑައިލައި އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް ޓަކައި ޣައްޒާއަށް ވަންނާން މަގު ހުޅުވައިދިނުމަށް" ގޮވައިލައިފައިވެއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ގަދަކަމުން ބާރުގެ ބޭނުންކޮށްގެން ވިއްސިވިހާލިކޮށްލައިފައިވާ މަދަނީ އާބާދީއާއި ޚާއްޞަކޮށް ކުޑަކުދީން ހިމެނޭ ހެން، ޙަމާސްގެ މުޖާހިދުންނާއި އެހެން ފަރާތްތަކުން [ނުސީދާކޮށް މި ބުނަނީ އިސްރާއީލުގެ ވާހަކައެވެ.] ހިފަހައްޓައިފައިވާ އަސީރުން އެއްވެސް ޝަރުޠެއް ނެތި މިނިވަންކުރާން މި ޤަރާރުގެ ޢިބާރާތުގައި ހިމަނައިފައިވެއެވެ.

އެކުވެރި އިމާރާތުން އދ.އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ލަނާ ނުސައިބާ ފާހަގަކުރެއްވި ގޮތުގައި މި ޤަރާރު ފާސްވުމަކީ މިއީ "އަދި ކިރިޔާ މި ހަނގުރާމައަށާއި މި މުސީބާތާ ގުޅިގެން އަހަރެމެން ދޭ އިޖާބައިގެ ފެށުން"ކަމުގައެވެ. "ވަރަށް ގިނަ ދުވަސް ފާއިތުވެއްޖެއެވެ. ވަރަށް ގިނަ ބަޔަކު ޝަހީދެވެއްޖެއެވެ. އެތައް ބައިވަރު ބިނާރެއް ފަނާކޮށް ނައްތައިލައިފިއެވެ."  ނުސައިބާގެ ވާހަކައަށް އިތުރުކޮށްލިއެވެ.

ނުސައިބާ ވިދާޅުވާ ގޮތުގައި ޣާއްޒާގައި ޙަމާސް ޙަރަކާތްތެރިވަނީކީ ނޫނެވެ. ފަލަސްތީނުގެ މައުސޫމު ރައްޔިތުން ޝަހީދުކޮށްލެވެނީ ފަލަސްތީނު ރައްޔިތުންމުސްތަގުބަލުގައި ދައުލަތެއް ބިނާކުރާން ބައިނަލްއަގުވާމީ ގޮތުން ވެސް އެއްބަސްވެފައިވާ ބިމުގައި ދިރިއުޅެއުޅެ ތިއްބައެވެ. [ހަނގުރަމައިގެ މައިދާނަކުންނެއް ނޫނެވެ.] އިއްޔެ އިސްރާއީލުގެ އަސްކަރީން، އައްޝިފާ ހޮސްޕިޓަލް ރޭޑުކޮށް ޞިއްހީ އާލަތަށް ދިން ގެއްލުން ވެސް ނުސައިބާ ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި އިއްޔެ ފާސްކުރި ޤަރާރުން "މި ބާވަތުގެ ޢަސްކަރީ ޙަރަކާތްތަކަށް އިންކާރުކުރެއެވެ.

ހޮސްޕިޓަލްތަކަކީ ޙިމާޔަތްކުރާންޖެހޭ މުޤައްދަސް ތަންތަނެވެ." ނުސައިބާ ބާރުލައްވައި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް