Advertisement

ދިވެހިރާއްޖޭގައި އިނގިރޭސިބަހުން "އިސްލާމް" ކިޔަވައިދިނުން: ނަތީޖާއަކީ ކޮބާ؟

07 Sep 2023 | 12:36
Al barakah books

ޑރ. ޢަބްދުﷲ ފާރޫޤު އިބްރާހީމް

الحمد لله، والصلاة والسلام على رسول الله محمد وآله وصحبه، وبعد:

އިސްލާމީ ޙަޟާރަތަށް އަލިއަޅުވައިލުން މުހިންމުވެއްޖެއެވެ. ސަބަބަކީ ޚާއްސަކޮށް ތަޢުލީމީ ދާއިރާގައި އަދި އާންމުކޮށް ދިވެހި މުޖުތަމަޢުގައި ފަރަންޖީންގެ ޙަޟާރަތްތަކުގެ ތަނބުތައް ޖަހާން، ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ މަރުޙަލާގައި ވާހަކަދައްކާން ފަށައިފައިވާތީއެވެ. އަދި ދޮން މީހުންގެ ސަގާފަތަކީ ކުރިއެރުމެއްކަމުގައި ވަކާލާތުކުރާ ބަޔަކު މި މުޖުތަމައުގައި މަދުން ނަމަވެސް އުޅޭތީއެވެ. ދިވެހީންގެ ގައުމީ އަދި މާދަރީ ބަސްކަމުގައިވާ ދިވެހިބަސް ދޫކޮށް ނުވަތަ ދިވެހިންނާ ދީނީ ގޮތުން ގުޅުން އޮންނަ ޢަރަބި ބަސް ދޫކޮށް ދިވެހި އިސްކޫލުތަކުގައި އިސްލާމް މާއްދާ ފަރަންޖީ ބަހަކުން ކިޔަވައިދިނުމަކީ އެ ކަމުގެ ނޭދެވޭ އަސަރުތައް ދުރު މުސްތަގުބަލުގައި ކޮށްފާނެ ކަމެކެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިސްލާމީ ޙަޟާރަތަށް އިސްކަންދޭން، ދިވެހި މުސްލިމު މުޖުތަމައަށް ގޮވައިލުމަކީ ކޮންމެހެން ވެސް ބޭނުންތެރިކަމެކެވެ.

ޢަރަބި ބަހުގައި، ޙަޟާރަތުގެ މާނައަކީ ރަށްފުށުގެ އިދިކޮޅު މާނައެވެ. އެހެންކަމުން އޭގެ މުރާދަކީ ތަރައްގީއާއި ތަހުޒީބެވެ. އިސްލާމީ ޙަޟާރަތޭ ބުނެވިއްޖެ ނަމަ، އޭގެ މާނައަކީ އަޚުލާޤާއި ޢަޤީދާއާއި އިންސާނީ މާތް ސިފަތަކާއި އިންސާނިއްޔަތުގެ އެކި ދާއިރާތަކުން އިސްލާމްދީން ހޯދި ކުރިއެރުންތަކެވެ.

އިސްލާމީ ޙަޟާރަތުގައި މުސްލިމުން އުޅެމުން ދިޔައީ ޢިލްމީ ޖައްވެއްގައެވެ. މުސްލިމުންގެ ޙަޟާރަތު ފެށިގެން އައީ ވެސް ޢިލްމުންނެވެ. އެހެންކަމުން މުސްލިމުން ވެގެންދިޔައީ ޢިލްމީ ގޮތުން ތާރިޚަށް އާ ޞަފުޙާއެއް ހުޅުވައިދިން ބަޔަކަށެވެ. ޢިލްމު ހޯދުމަށާއި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅައިފައިވެއެވެ. ޢިލްމުގެ މަގުސަދަކީ اللهގެ އަމުރުފުޅުތައް މަޢުރިފާކޮށް ދެނެގަތުމެވެ. ޢިލްމުގެ މާތްކަން ބަޔާންކުރައްވައި މާތް الله سبحانه وتعالى ވަޙީކުރެއްވިއެވެ. ﴿ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ ٩﴾ މާނައަކީ: ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟" (الزمر:9) . رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ. .... ومَنْ سلَك طرِيقاً يَلْتَمِسُ فِيهِ عِلْماً ، سهَّلَ اللَّه لَهُ بِهِ طَرِيقاً إلى الجَنَّةِ (رواهُ مسلمٌ). މާނައީ:"މީހަކު ޢިލްމު ހާސިލްކުރުމުގެ މަގުގައި ނިކުމެއްޖެ ނަމަ، އެ މީހަކަށް الله سبحانه وتعالى ސުވަރުގެއަށް ދިޔުމަށް މަގެއްފަހިކޮށްދެއްވައެވެ." އަދި ދަނެއު، ޢިލްމުގެ މުހިންމުކަން رسول الله صلى الله عليه وسلم ބަޔާންކޮށްދެއްވިއެވެ. ޙަދީސުކުރެއްވިއެވެ. طلب العلم فريضة على كل مسلم މާނައީ "ޢިލްމު އުގެނުމަކި ކޮންމެ މީހެއްގެ މައްޗަށްވާ ފަރުޟެކެވެ."

އިސްލާމީ ޙަޟާރަތު، ޢިލްމަށް ދެއްވި އިސްކަމުމުގެ ސަބަބަބުން ނުކުތް ހެޔޮ އެއް ނަތީޖާއަކީ ޢިލްމުގެ އެކި ދާއިރާތަކުން ތަޚައްޞުޞްވެވަޑައިގެންފައިވާ އެތައް ބޭކަލުންނެއް އެ ޙަޟާރަތުގައި އުފެދުމެވެ. މިސާލަކަށް ބަލާ ނަމަ، މުޢާޛު ބިން ޖަބަލު ވެވަޑައިގަތީ ޙަރާމް ޙަލާލު ވަކިކޮށްދެއްވުމަށް އެންމެ މޮޅު ބޭކަލަކަށެވެ. ޢަބްދުﷲ ބިން ޢައްބާސް ވެވަޑައިގަތީ ތަފްސީރު ޢިލްމުގައި އެންމެ އަރައި ހުންނެވި ދަންނަބޭކަލަކަށެވެ. ޒައިދު ބިން ޘާބިތު ވެވަޑައިގަތީ ތަރިކަ މުދަލާ ބެހޭ ޢިލްމުގައި އެންމެ މޮޅު ބޭކަލަކަށެވެ. އެންމެ މޮޅު ޤާރީވެރިޔެއްގެ ގޮތުގައި އުބައްޔު ބިން ކަޢުބު ފާހަގަކޮށްލެވެއެވެ. ޚާލިދު ބިން ވަލީދަކީ ޢަސްކަރީ ކޮމާންޑަރެކެވެ. ޢުންމުލްމުއުމިނީން ޢާއިޝަތުގެފާނަކީ ޢިލްމުވެރި ބޭކަނބަލެކެވެ. އަދި ބައެއް ބޭސްވެރިކަމާއި، ފަރުވާކުރުމާއި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާތަކާއި މި ފަދަ އެތައް ދާއިރާއަކުން އަޞްހާބު ބޭކަލުން ޢިލްމު ޙާޞިލުކުރެއްވިއެވެ. ޢިލްމީ ޙަޟާރަތު ކުރިއަރައިގެން ގޮސް އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގައި އިސްލާމީ އުންމަތް އެެހެނިހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދިއެވެ. އަދި ޚަލީފާ މައުމޫނުއްރަޝީދުގެ ދުވަސްވަރުގައި "ބައިތުލްޙިކުމާ" ރިސާރޗް އެކަޑަމީއެއްގެ ގޮތުގައި އުފައްދަވައި އެހެނިހެން ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރުމުގެ ބޮޑު މަޝްރޫޢެއް ފެއްޓެވިއެވެ. ނަތީޖާއަކަށް ވީ އިސްލާމީ އުންމަތުގެ ދަރީންނަށް އިތުރު ދޮރުތައް ހުޅުވި އެތައް ޢިލްމެއްގެ މުއައްސިސުންނަށް، މުސްލިމު ސައިންސްވެރިންނަށް، ވެވަޑައިގަތުމެވެ. ބޭސްވެރިކަމާއި ފަލަކީ ޢިލްމާއި ޙިސާބު ޢިލްމާއި ޖޯގުރަފީއާއި ތާރީޚާއި މި ފަދަ އެތައް ދާއިރާއަކުން މުސްލިމުން ކުރިހޯދިއެވެ. އަދި ޔުނިވަރސިޓީތައް ވެސް އުފައްދައި ގިނަ ގޮތްގޮތުން މުސްލިމުން މުޅި ދުނިޔެއަށް އިލްމު ފޯރުކޮށްދިނެވެ. އިސްލާމީ މި ޙަޟާރަތް ވެގެން ދިޔައީ ޢިލްމާއި ފިކުރުގެ މައްޗަށް ޤާއިމުވެގެން ދިޔަ ޙަޟާރަތަކަށެވެ.

ތަޢުލީމީ މުއައްސާތައް ތަރައްޤީވުމުގައި އެންމެ ފުރަތަމަ މަޝްހޫރުވީ (خان-ޚާނާ)ގެ ނަމުންނެވެ. ދެން އެއަށްފަހު (مجمع)ގެ ނަމުންނެވެ. އެއީ ގަތްގަޑަކަށް ހިޖުރައިން ހަތަރުވަނަ ޤަރުނު ހިސާބުގައެވެ. އަދި އެ ދުވަސްވަރުގައި ޢާންމު ފޮތްކާލިތަކާއި ޚާއްޞަ ފޮތްކާލިތައް ވެސް ތަޢާރަފުވެގެން ދިޔައެވެ. ދުވަސްކޮޅެއް ވީތަނާ ބަޣުދާދުގައި "مدرسة ومشهد أبي حنيفة" ގެ ނަމުން ތަޢުލީމީ މުއައްސަސާއެއް އުފެދުނެވެ. އެއަށްފަހު އެއް ދައުރުން އަނެއް ދައުރަށް ތަޢުލީމީ މުއައްސަސާތައް ކުރިއަރަމުން އައިސް މިއަދުގެ ތަޢުލީމީ ނިޒާމާ ހަމަޔަށް މި ވަނީ ވާސިލުވެވިފައެވެ.

އިސްވެ ދެންނެވުނު ޢިލްމީ ކުރިއެރުންތަކުގެ ސިއްރަކީ މުސްލިމުން އެ މީހުންގެ އަގީދާއި ސަގާފަތުގައި ވަރުގަދައަށް ހިފެހެއްޓުމުގެ ނަތީޖާއެވެ. ނަމަވެސް ހިތާމައަކީ މިއަދު މަދު ބަޔަކު ނަމަ ވެސް މި އުޅެނީ އިސްލާމީ އަގީދާއި ސަގާފަތް ފަރަންޖީންގެ ސަގާފަތަށް ބަދަލުކޮށްލެވޭތޯއެވެ!

އިސްލާމީ ޙަޟާރަތް ވެއްޓިގެން ދިޔަ ސަބަބުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި އަޚްލާޤު ފާސިދުވުން ހިމެނެއެވެ. އަދި އެ ސަބަބުގެ އިތުރަށް ޢިލްމާ ދުރުވުން ހިމެނެއެވެ. އަދި އިސްލާމީ ޙަޟާރާތް ވެއްޓިގެން ދިޔަ ސަބަބެއްގެ ގޮތުގައި ފިކުރީ ހަނގުރާމަ ވެސް ފާހަގަކޮށްލެވެއެވެ. އަދި އޭގެ އިތުރަށް މުސްލިމުން އެ މީހުންގެ މާޒީ ހަނދާން ނައްތައިލުމާއި ސަގާފަތާއި އާދާކާދަ ދޫކޮށްލުން ވީ، އެ މީހުންގެ ކިބައިގައި އޮތް އިސްލާމީ ވަރުގަދަ ޙަޟާތަރް ވެއްޓޭން ދިމާވި ސަބަބަކަށެވެ.

ދިވެހީންނަށް ލިބިފައިވާ ކުރިއެރުމާއި ތަހުޒީބާއި ތަމައްދުނުގެ އަސްލަކީ އިސްލާމް ދީނާއި ދިވެހި ބަސްމޮށުންތެރިކަމެވެ. ދިވެހީންގެ އެހާރާއި މިހާރު އެނގޭން އޮންނަ ވަސީލަކީ ދިވެހިބަހެވެ. ބަސް ހަރުދަނާ ކުރެވޭ އެއް ދޮރަކީ ތަޢުލީމީ މަންހަޖެވެ. ބަހުގެ ހަމަތަކަށް ތަބާވެ ކުރީއްސުރެން ދިވެހިބަސް ބޭނުންކުރަމުން އައިސްފައިވާ ހަމަތަކާއި އުސޫލުތަކަށް ތަބާކުރުވުމަށް ހުޅުވައިލެވޭ ދޮރަކީ ތައުލީމީ ދޮރެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކަށް ތަބާކުރުވުމަށް ހުޅުވައިލެވިފައި އޮންނަ ހަނި ދޮރަކީ ހަމައެކަނި "ދިވެހި" މާއްދާއި "އިސްލާމް" މާއްދާގެ ދޮރެވެ. އެ ދޮރުން ދިވެހިބަހުގެ ގަވާއިދުތަކާއި އުސޫލުތައް ނިކުމެގެން ގޮސް އޭގެ ބަދަލުގައި އެހެން ބަހެއް އެ ތަނަށް ވައްދައިފި ނަމަ، ދިވެހިބަސް ނެތިގެން ހިގައިދާނެކަމުގެ ބިރު ހީވެއެވެ. އެއީ ކޮޅެއް ނެތް ފަދަ ހިތާމައެވެ. އެއީ ދިވެހި ޤައުމިއްޔަތުގައި އަޅާ ވަރަށް ބޮޑު ރެނދެކެވެ.

سامي الصلاحات، دور الوقف في التعليم العالي في الجامعات الإسلامية، ص11، نقلا عن جورج المقدسي، نشأت الكليات، معاهد العلم عند المسلمين وفي الغرب (جدة، جامعة الملك عبد العزيز، ط1، 1994)، ص 31 تم استرجاء المقالة بتاريخ:21-03-2019م، على الرابط التالي: http://waqef.com.sa/upload/zM7sTpsKbk17.pdf

ދިވެހީން އެއް ބަޔެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ޒަމާނެއްސުރެން ހިފެހެއްޓިފައިވަނީ ދީނީ އެއްބައިވަންތަކަމާއި މާދަރީ ދިވެހިބަހުގެ ސަބަބުންނެވެ. އެ ބަސް ދޫކޮށް އެހެން ބަހަކަށް މަގުފަހިކުރުމަކީ ދިވެހި ގައުމިއްޔަތާ ކުޅެލުން ފަދަ ކަމެކެވެ. އެއީ ގައުމިއްޔަތަށް ފުރައްސާރަކުރުމެވެ. މިހާ ހަރުކަށި ރާގަކަށް މި ވާހަކަ ދެއްކެނީ އިނގިރޭސި ބަހުން އިސްލާމް ދީން ކިޔަވައިދިނުމަށް ޓަކައި ކުރެވޭ ބަހުސުތައް ގިނަވެ ކޮންމެ ގޮތެއް ވެސް ރަނގަޅުވާނެކަމަށް ޚިޔާލު ފާޅުކުރެވޭތީ އެ ކަމާ ދެރަވެގެންނެވެ. ދިވެހިވަންތަކަން ފަރަންޖީންގެ ސަގާފަތަށް މަގުފަހިވާ ގޮތަށް ކޮށައި މަށައި، އެ މީހުންގެ ބައްޓަމަށް ބަދަލުކުރުމަށް ބަޔަކު މަސައްކަތްކުރާތީ އެ ކަމާ އަސަރުކޮށްގެންނެވެ. އެކަމުގެ ސަބަބުން ދިވެހީންގެ ހަމަތައް ގެއްލި އަސްލު އުސޫލުތައް އޮޅިދާނެތީ އެ ކަމާ ކަންބޮޑުވެގެންނެވެ.

އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަށް ކުރެވޭ ބަހުސުގައި ދިވެހިބަސް ދިރުވައި އާލާކުރުމަށް ޓަކައި އުފެދިފައިވާ ވިދާރާގެ ޝުޢޫރު ފާޅުވެފައި ނުވާތީ އެ ކަމާ ވެސް ކަންބޮޑުވަމެވެ. ދިވެހިބަހުގެ ކުރި، ބިމުގައި ޖެހިއްޖެ ނަމަ، ޒިންމާ އުފުލާންޖެހޭ އެއް ބަޔަކީ ދިވެހިބަސް ދިރުވައި އާލާކުރުމަށް އުފެދިފައިވާ ގާނޫނި ވިދާރާއެވެ. ދިވެހިބަހުގެ ބަދަލުގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމަށް ކުރެވޭ ބަހުސަށް ވެވުނު ވަރަކުން އިންކާރުކޮށް ބަހުގެ ދަރަޖާއި ގަދަރު ވެއްޓުނަނުދީ ހިފެހެއްޓޭތޯ މަސައްކަތްކުރުމަކީ އެންމެންގެ، މުޅި މުޖުތަމަޢުގެ މަސްއޫލިއްޔަތެކެވެ. އެ ވިދާރާއިން ވެސް އެ ކަމާ ކަނބޮޑުވާކަން ހާމަކުރައްވައި ކަމާ ބެހޭ މުއައްސާތަކަށް ޝަކުވާ ހުށަހެޅުއްވިކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ފަހި އިޖާބައެއް ލިބުނުކަމުގެ މައުލޫމާތެއް ނުލިބެއެވެ. ދުއާއަކީ، ބަހުގެ މައްޗަށް ދޭންވާ އިހުތިރާމާއި ގަދަރު ލިބޭނެ ދޮރުތައް ހުޅުވައިދެއްވުމެވެ.

وصلى الله على محمد وعلى آله وصحبه وسلم.

___________________

ޙަވާލާ:

އަލްވަޢީ، ތައުފީޤު ޔޫސުފު، އަލްޙަޟާރަތުލްއިސްލާމިއްޔާ (ދާރުލްވަފާ، ޤާހިރާ، ޗާޕް؛1، އަހަރު: 1988މ، ސ 50

2 سامي الصلاحات، دور الوقف في التعليم العالي في الجامعات الإسلامية، ص11، نقلا عن جورج المقدسي، نشأت الكليات، معاهد العلم عند المسلمين وفي الغرب (جدة، جامعة الملك عبد العزيز، ط1، 1994)، ص 31 تم استرجاء المقالة بتاريخ:21-03-2019م، على الرابط التالي: http://waqef.com.sa/upload/zM7sTpsKbk17.pdf

އެޑިޓަރުގެ ނޯޓް
ޑޮކްޓަރ ޢަބްދުﷲ ފާރޫޤު އިބްރާހީމަކީ ބެޗްލާރ އޮފް ޝަރީޢާ، އިސްލާމިކް ސްޓަޑީޒުން މާސްޓާސް އަދި ފިޤުހާއި އުޞޫލުލްފިޤުހުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި ދީނީ އަދި އިޖުތިމާޢީ މައުޟޫޢުތަކަށް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. "ރިޔާޟުއްޞާލިޙީން" ނަމަކަށް ކިޔުނު ޙަދީޘް ފޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރުޖަމާކުރައްވައި ބޭނުން މީހަކަށް އޮންލައިނުކޮށް ހިލޭ ލިބޭ ގޮތަށް އިންޓަނެޓަށް ދޫކުރެއްވިއެވެ. ރާއްޖޭގައި އެ ފޮތް އެހެން ބޭފުޅަކު ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވީ މާ ފަހުންނެވެ.

Advertisement

ކޮމެންޓް