Advertisement

ފަލަސްތީނުގެ މިހާރުގެ ހާލަތު އެނގޭތަ؟ އެންމެ ތެޔޮ ލޯރިއަކަށް ޣައްޒާއަށް ވަދެވިއްޖެއެވެ.

15 Nov 2023 | 09:05
ޣައްޒާއަށް ތެޔޮ ލޮރީ ވަންނަނީ

ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މެދު ނުކެނޑި ޙަމަލާދީ ރައްޔިތުން އެއްވެސް ޙައްޤަކާ ނުލައި ޝަހީދުކޮށް ފަލަސްތީނުގެ ބިންތައް ފޭރެމުން ގެންދާތާ 75 އަހަރު ވެއްޖެއެވެ. މިއީ އާންމުކަމަށް ވުމުން އެއީ ދުނިޔޭގެ މީޑިއާ ސަމާލުކަން ދޭކަމަށް ވެސް ފަހުންފަހުން އައިސް ނުވެއެވެ. އެހެންކަމުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށް ވާ ޙަމާސް ޖަމާޢަތުން ވަރަށް ތައްޔާރުވެގެން މި ދިޔަ އޮކްޓޫބަރު މަހު ހަތެއްގައި ވަރުގަދަ ރައްދު ހަމަލާއެއް އިސްރާއީލަށް ދިނެވެ.

މި ޙަމަލާއާ ގުޅިގެން ޔަހޫދީ ދައުލަތުގެ އާރާއި ބާރާ މެދު އެބައިމީހުންގެ ރައްޔިތުންނާއި ދުނިޔޭގެ ކަންކޮޅުތަކުން ސުވާލު އުފައްދާން ފެށިއެވެ. ނަތީޖާއަކަށް ހެދީ ޔަހޫދީންނަށް މި ލިބުނު ސިހުމާއި ގަތް ލަދުގެ ސަބަބުން ރުޅިވެރިކަން ބާލާން ފެށީ ޙަމާހަކަށް ނޫނެވެ. ހަތިޔާރެއް ނެތް މަޢުޞޫމު ރައްޔިތުންނަށެވެ. އެ ދުވަހުން ފެށިގެނ ފަލަސްތީނުގެ ރައްޔިތުން އެކީއެކަށް ނައްތައިލުމަށް ޓަކައި އެމެރިކާގެ މަދަދާއި ފުރިހަމަ ބައިވެރިވުމާއި ތާއީދާއެކު، އަދި އިނގިރޭސީންގެ ތާއީދާއި ބައިވެރިވުމާއެކު، ފަލަސްތީނުގެ ކުށެއް ނެތް، އެބައިމީހުންގެ އަތުގައި ހަތިޔާރެއް ނެތް، ރައްޔިތުންނާ ދެކޮޅަށް ޖަމާޢީ ގޮތެއްގައި ޢުދުވާނީ ޙަމަލާ ދޭން ފެށިއެވެ. އެންމެ ޒަމާނީ އާލަތް ބޭނުންކޮށްގެންނެވެ. އަދި ވިހަ ހަތިޔާރެއްކަމަށްވާ ހުދު ފޮސްފަރަސް ވެސް ފަލަސްތީނާ ދެކޮށް ގެންދަނީ ދެމުންނެވެ. 12 ހާހާ ކައިރިކުރާ ޢަދަދަކަށް މީހުން ޝަހީދުކޮށްލައިފިއެވެ. ބިނާރުތަޅައި ސުންނާފަތިކޮށްލައިފިއެވެ. 35 ހޮސްޕިޓަލްގެ ތެރެއިން 20 ހޮސްޕިޓަލް ސުންނާފަތިކޮށްލައިފިއެވެ. އަދި މިއީތޯއެވެ! ކާނާއާއި ފެނާއި ބޭހާއި ތެލާއި މި ނޫނަސް ޒަރޫރީ ހުރިހާ އެއްޗެއް ޣައްޒާއަށް ލިބޭނެ ހުރިހާ މަގެއް ބަންކޮށްލީއެވެ. ކަރަންޓާއި އިންޓަރނެޓާއި މުވާސަލާތީ ނިޒާމު ވެސް މެދުކަނޑައިލީއެވެ.

މުޅީން ހަލާކުނުވެ ހުރި ހޮސްޕިޓަލްތަކުގައި ވެސް ބޭހާއި އޮކުސިޖަނާއި ފަރުވާދެވޭނެ ވަސީލަތްތައް ނެތިގެން އައިސީޔޫގައި ތިބި ހުރިހާ ބަލި މީހުން އެއް ފަހަރާ ޝަހީދުވެއްޖެއެވެ.

މިއީ ޣައްޒާގެ އަދުގެ ޙާލަތުގެ ކުޑަ ތަސްވީރެވެ. މި ޙާލަތުގައި 38 ދުވަސް ވީ ފަހުން، އިންޖީނުތަކަށް އަޅާން ބޭނުންވާ ތެލުގެ ކުޑަ މިންވަރެއް ލިބޭނެ މަގު ހަމަޖެހިއްޖެއެވެ. އަލްޙަމްދު ލިﷲއެވެ. ތެޔޮ ހިފައިގެން ދިޔަ ފުރަތަމަ ތެޔޮލޯރި، ރަފަޙު އިންސަރަހައްދު ހުރަސްކޮށް ޣައްޒާއަށް ރޭގައި (އަންގާރަދުވަހުގެ ރޭ) ވަދެއްޖެކަމަށް މިސްރުގެ ރަތް ހަނދުފަޅިގެ އޮފިޝަލަކު ޚަބަރު ދީފިއެވެ.

ނަމަވެސް މި ތެޔޮ، ފަލަސްތީނަށް ލިބުނުކަމެއް، މި އެހީތައް ފަލަސްތީނުން ބަލައިގަންނަ ފަލަސްތީނު ރަތް ހަނދުފަޅީގެ ފަރާތުން އަދި މީޑިއާއަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޙަމާސުން ހަނގުރާމައިގެ ބޭނުންތަކަށް ބޭނުންކޮށްފާނެކަމުގެ ބަހަނާގައި ޣައްޒާއަށް ތެޔޮ އެތެރެކުރުމަށް، މި ދިޔަ އޮކުޓޫބަރު ހަތެއްގައި އިސްރާއީލުން ޢުދުވާނު ފެށިފަހުން، ވަނީ ހުރަސްއަޅައިފައެވެ.

އދ.އިން ބުނެފައިވަނީ އެ ޖަމާޢާތުގެ ޒަރޫރީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަށް ޓަކައި ވަނީ ތެލަށް ވަނީ ނިހާޔަތަށް ބޭނުންޖެހިފައިކަމަށެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޚަބަރު ދޭ ގޮތުގައި އިއްޔެއާ ހަމައަށް 11 ހާސް 200 މީހުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި 4630 ކުޑަކުދީން ހިމެނެއެވެ. ޞިއްޙަތާ ބެހޭ ވުޒާރާއިން ޚަބަރުދޭ ގޮތުގައި 60 އެމްބިޔުލާންސަކަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ޢުދުވާނުގައި 55 އެންބިޔުލާންސް ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުކޮށްލައިފައެވެ.

ދައްޗާއި އުނދަގުލުގައި ޣައްޒާއަށް ފޯރުކޮށްދެވޭ އެހީގެ ތަކެތީން ކިރިޔާ ފުދޭހައި ވަނީ ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެންމެ ހަތަރު އިންސައްތަ މީހުންނަށެވެ.

ރޭ މާލޭގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި ހިންގައިލުން ނިންމައިލުމަށްފަހު ހެދިގޮނޑުދޮށުގައި ޣައްޒާގެ ޙަލަތު ދައްކުވައިދޭ ވީޑިއޯ ޝޯ ބަލާން ޖަމާވެފައި (ފޮޓޯ: ފަރަގު)<br>

އަނެއްކޮޅުން ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލުގެ ޢުދުވާނު ހުއްޓައިލުމަށް ގޮވައިލައި ދުނިޔޭގެ ކަންކޮޅުތަކުގައި މުޒާހަރާތަކާއި އެއްވުންތައް ސިލްސިލާ ގޮތެއްގައި ބާއްވަމުން އެބަ ގެންދެއެވެ. އެންމެ ފަހުން ރޭގައި ދިވެހިރާއްޖޭގައި ވެސް މި ފަދަ ޙަރަކާތެއް ޒުވާނުން އިސްނަގައިގެން ވަނީ ބާއްވައިފައެވެ. ރަސްފަންނުން ފެށި މި ހިނގައިލުން ނިންމައިލީ ހެދިގޮޑުދޮށުށު ސަރަހައްދުގައި ބޭއްވި ޝޯއަކަށް ފަހުގައެވެ. އެ ޝޯގައި ޣާއްޒާގެ އަދުގެ ޙާލަތު ދައްކައިދޭ ވީޑީއޯތައް ދައްކައި ތަފާތު މުގައްރިރުން ތަގުރީރުކުރިއެވެ.

މިހާރު މި މައްސަލައަކީ އެމެރިކާއާއި އިނގިރޭސިވިލާތުގައި ބޮޑު ސިޔާސީ މައްސަލަގަނޑަކަށް ވެއްޖެއެވެ. އެމެރިކާގެ ރައީސާއި ދެ ވަޒީރަކާ ދެކޮޅަށް މިހާރުވަނީ ގަތުލުއާންމު ހިންގުމުގައި އހީތެރިވިދިންކަމުގެ ކުށުގައި ކޯޓުގައި ދަޢުވާކޮށްފައެވެ. މި ދަޢުވާ އުފުލައިފައިވަނީ އިންސާނީ ހައްގަށް ޓަކައި މަސައްކަތްކުރާ ޖަމާޢާތަކުންކަމަށް ޚަބަރު ލިބެއެވެ.

ޙަވާލާ: /www.thenationalnews.com/mena/

Advertisement

ކޮމެންޓް