Advertisement

ޝުކުރުވެރިވުމާ ބެހޭ ގޮތުން މީހުން ބުނެފައި ހުންނަ ބައެއް ވާހަކަތައް

13 Nov 2023 | 11:18
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1. ޝުކުރުވެރިކަމުގެ އިހުސާސަކީ އިލާހީ މާތް އިހުސާސެކެވެ. ފުދި ރުހިފައިވާ ހިތަކަށް ޝުކުރުވެރިވާން ފަސޭހަވެއެވެ. ޝުކުރުވެރިކަމުން ހިތް ފުރައިލިކަމުގައި ވިޔަސް، ހިތް ފަޅައިގެންނެއް ނުދެއެވެ. އެކަމުގެ ސަބަބުން، ހިތަށް ހޫނުކަމާއި ދިރުން ލިބެއެވެ.

2. އަބަދުމެ މި ދުއާކުރުން މަތީ ދެމިހުންނާށެވެ. "އޭ އަޅުގެ ސާހިބުވަންތަ ރަސްކަލާކޮ! އަޅާއަށް ދިރުން ދެއްވިފަދައިން ޝުކުރުވެރި ހިތެއް ވެސް މި އަޅާއަށް ދެއްވާނދޭވެ!"

3. ޝުކުރުވެރިވާން ހަނދާން ނެތިއްޖެ މީހާ، ހަޔާތުގެ ދަތުރުގައި ނިދައިފިއެވެ.

4. ޝުކުރުވެރިވުމަކީ އުފާވެރިކަމަށް ގެންގޮސްދޭ އެންމެ ކުރު މަގެވެ.

5. ކަލޭގެ ހަޔާތް ހެޔޮ މަގަށް އަނބުރައިލާން ބޭނުން ނަމަ، ޝުކުރުވެރިވެވޭތޯ މަސައްކަތްކުރާށެވެ! ޝައްކެއްނެތް ގޮތުގައި، ވަރަށް ވެސް ބޮޑު ހެޔޮ ބަދަލެއް ކަލޭގެ ހަޔާތަށް އެ ކަން ގެނެސްދޭނެއެވެ.

6. ކިތަންމެ ކުޑަ ހެޔޮ ކަމެއް ކަލެއަށް ލިބުނު ކަމުގައި ވިޔަސް، އެ ކަމަށް ޝުކުރުވެރިވުމުގެ އާދަ ހިފޭތޯ މަސައްކަތްކޮށް، އަބަދުވެސް، ޝުކުރުވެރިވާން ދަސްކުރާށެވެ! ކަލޭގެ ކުރިއެރުމަށް އެތައް ކަމެއް މެދުވެރިވެފައި އޮތް އިރު، އެ ކަމުގެ ހައްގު ފަރާތްތަކަށް، އެ ހުރިހާ ކަމެއް ލިބިދިންކަމަށް ޓަކައި ޝުކުރުވެރިވާން ޖެހެއެވެ.

7. އިރު އޮއްސުމުގެ ކުރީން، ޝުކުރުއަދާކުރާނޭ ކޮންމެ ވެސް މީހަކު ހޯދާށެވެ. ދުނިޔަވީ ހަޔާތުގައި، އެހެން މީހެއްގެ އެހީއާ ނުލައި އެއްވެސް މީހަކަށް ކުރިއަށް ދެވޭކަށް ނޯވެއެވެ.

8. ކަލެއަށް ލިބިފައި އޮތް ނިއުމަތްތަކާ މެދު ވިސްނައި ފިކުރުކޮށްލާށެވެ. ހަމަ ޔަގީނުން ވެސް، ކޮންމެ މީހަކަށް ވެސް ކޮންމެ ވެސް ނިއުމަތެއް ނުވަތަ ނިއުމަތްތަކެއް، ލިބިފައި އޮންނާނެއެވެ. މިއާ ޚިލާފަށް ކުރިމަތިވާ ބަދުނަސީބު ގޮތްތަކާ މެދު މާ ބޮޑަށް ވިސްނައި ފިކުރު ނުކުރާށެވެ. ޝައްކެއްނެތް ގޮތުގައި ބަދުނަސީބު ހާލަތްތަކާ ކުރިމަތިލާން ޖެހޭ ބައެއް ވެސް އުޅެއެވެ.

9. ހަޔާތުގެ މަގުގައި ހިނގަމުންދާ އިރު، ދޭތެރެދޭތެރެއިން މަޑުޖައްސައިލާން ޖެހެއެވެ. އަހަރުމެންނަށް އެހީވި މީހުންގެ މަތީން ހަނދާންކޮށް އެ މީހުންނަށް ޝުކުރުއަދާކުރުމަށް ޓަކައެވެ.

10. ޝުކުރުއަދާކުރާ ހިތަކީ އުފާވެރި ހިތެކެވެ. އެހެނީ، ޝުކުރުވެރިކަމާއި ހިތާމަވެރިކަމުގެ އިހުސާސު، އެއްފަހަރާ އަހަރުމެންނަކަށް ނުކުރެވެއެވެ.

11. ނަބަވީ އިރުޝާދެއްގައި އޮވެއެވެ: "މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހާ މާތްﷲއަށް ވެސް ޝުކުރުވެރި ނުވެއެވެ."

އެހެންވީމާ، މާތްﷲއަށް ޝުކުރުވެރިވާން އެދޭ ނަމަ، މީސްތަކުންނަށް ވެސް ޝުކުރުވެރިވާށެވެ.

______________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް