Advertisement

ޢަރަބި ލީގާއި އޯއައިސީގެ ކުއްލި އަދި އާދަޔާ ޚިލާފު ސަމިޓުން ފާސްކުރި ޤަރާރު

12 Nov 2023 | 23:27
ސަމިޓްގައި ޤަރާރު ފާސްކުރަނީ (ފޮޓޯ: ސަޢޫދީ ޕްރެސް އެޖެންސީ)

އެނގިވަޑައިގަންނަވާނޭ ފަދައިން އިއްޔެ، (ހޮނިހިރު ދުވަހު) ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ވަނީ ޢަރަބި-އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރީން ބައިވެރިވެވަޑައިގެން ބޭއްވެވި ގުޅިފައިވާ ސަމިޓެއްގައި ޚާއްޞަ ޤަރާރެއް ފާސްކުރައްވައިފައެވެ. އެ ޤަރާރުގެ ނުރަސްމީ އަވަސް ތަރުޖަމާއެއް "ފަރަގު"ގެ ކިޔުންތެރީންނަށް ގެނެސްދެވޭތޯ "ފަރަގު" ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ތިރީގައި މި ވަނީއެވެ. އާދޭހެވެ! މި ގެނެސްދެނީ އެ މުހިންމު މުޅި ޤަރާރުގެ މާނައިގެ އަވަސް ތަރުޖަމާއެކެވެ.

ދީބާޖާ:

އަހުރެމެން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި "ލީގް އޮފް އަރަބް ސްޓޭޓްސް"ގެ ފަރާތުން، ބާއްވާން ނިންމި ދެ ސަމިޓް އެއްކޮށްލައި އެއް ސަމިޓެއްގެ ގޮތުގައި ބާއްވާން ވަނީ ނިންމައިފައެވެ. މިއީ ސައުދީ އަރަބިއްޔާ (ދެ ސަމިޓުގެ މުގައްރިރު)އާއި ފަލަސްތީނުގެ ދައުލަތުން ދެއްވި އޯގާތެރި ދައުވަތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ. އަލްޤުދުސުއްޝަރީފް ހިމެނޭ ގޮތަށް ޣައްޒާގެ ސަރަޙައްދާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރިކަން ކުށްވެރިކުރުމުގައި އަހުރެމެން ގުޅިގެން އެއް ނިންމުމެއް ނިންމައި އެ ގޮތުގައި ސާބިތުވެތިބީމުއެވެ. މި އަނިޔާވެރިކަމާއި، އެ ކަމުގެ ސަބަބުން ކުރިމަތިވާ އިންސާނީ މުސީބާތްތަކަށް ގުޅިގެން ކުރިމަތިލައި މި ކަން ޙައްލުކުރުމުގައި ސާބިތުވެ ތިބިކަން އަހުރެމެން ކަށަވަރުކޮށްދެމެވެ. އަހުރެމެން މި ބަލަނީ އިސްރާއީލުގެ ޣައިރުޤާނޫނީ ހުރިހާ އަމަލުތަކެއް، ޚާއްޞަކޮށް އިސްރާއީލުން ޣައިރު ގާނޫނީ ގޮތުން ފަލަސްތީނުގެ ބިންތައް އިސްތިޢުމާލުކުރުމަށް ކުރަމުން ގެންދާ ޢަމަލުތައް، ހުއްޓައިލައި، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށާއި، އެބައިމީހުންގެ ސިޔާދަތީ ދައުލަތެއް އެބައިމީހުންގެ އަމިއްލަ ގައުމީ ބިމުގައި ގާއިމުކުރާން ދެކޮޅުހަދާ ދެކޮޅުހެދުން ނިމުމަކަށް ގެނައުމަށެވެ.

ސުޢޫދީ ޢަރަބިއްޔާގެ ފަރާތުން އަހުރެމެންނަށް ދެއްވި ފުރިހަމަ މެހުމާނުދާރީއަށް ޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޚާދިމުލްޙަރަމައިނިއްޝަރީފައިނި އަލްމަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސުއޫދާއި، ވަލީޢަހުދު އަދި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސުޢޫދަށް އަހުރެމެން ޝުކުރު އަދާކުރަމެވެ. އަދި ފަލަސްތީނުގެ މައްސަލައާއި، ހިފައިފައިވާ ހުރިހާ އަރަބި ސަރަޙައްދުތަކާ ގުޅޭ ގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާއި އަރަބި ލީގުން ފާސްކޮށްފައިވާ ހުރިހާ ޤަރާރުތަކެއް އަހުރެމެން އަލުން ކަށަވަރުކޮށްދެމެވެ.

ފަލަސްތީނުގެ މައްސަލައާއި، އިސްރާއީލުން ފަލަސްތީނު ބިންތައް އިސްތިޢުމާރުކުރުމުގެ ގޮތުން ހިންގައިފައިވާ ޖަރީމާތަކަށް ފިޔަވަޅުއަޅައި، 1967 ވަނަ އަހަރުން ފެށިގެން ހިފައިފައިވާ އަދި ހަމައެކަނި ޖުޣުރާފީ ފަލަސްތީނުގެ ހުރިހާ ސަރަޙައްދެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮންނާން ޖެހޭ މިނިވަންކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް އދ.އަށާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލަމެވެ. މި ކަމާ ގުޅޭ ގޮތުން 2023 އޮކްޓޫބަރު 26ގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ދިހަވަނަ ކުއްލި ޖަލްސާއިން ފާސްކުރި ގަރާރު ނަންބަރު A/ES-10/L.25އަށް އަހުރެމެން ތާއީދުކޮށް މަރުހަބާކިޔަމެވެ. 

ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ޙައްގަށް ޓަކައި ކުރާ މަސައްކަތުގެ މުހިންމުކަމާއި، އަޚުވަންތަ ފަލަސްތީނުގެ ރައްޔިތުން، އެ މީހުންގެ އަތުން އިސްރާއީލުން ހިފައިފައިވާ ހުރިހާ ސަރަޙައްދެއް މިނިވަންކޮށް، އެ މީހުންގެ އަމިއްލަ ސިޔާދަތީ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ތާއީދުކުރުމުގައި އަހުރެމެން ސާބިތުވެ ތިބިކަން އަހުރެމެން ކަށަވަރުކޮށްދެމެވެ. މީގެ ތެރޭގައި އެ މީހުންގެ ކަންކަން އެ މީހުން އަމިއްލައަށް ނިންމުމުގެ ހައްގާއި، 1967 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް ފަލަސްތީނަށް އޮތް ބިމުގައި، އަލްޤުދުސުއްޝަރީފް އެއީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން އެމީހުންގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއްގައި ދިރިއުޅުމުގެ ހައްގު ހިމެނެއެވެ. އަހުރެމެން އަލުން މި ކަށަވަރުކޮށްދެނީ، އިސްތިރާޖީ ޚިޔާރެއް ކަމަށްވާ، އިންސާފުވެރި، ދެމި އޮންނަނިވި އަދި ފުރިހަމަ ސުލްހައަކީ، މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް ސަލާމަތާއި ހަމަޖެހުން ގާއިމްކޮށް، އަނިޔާވެރިކަމާއި ހަނގުރާމައިގެ ދައުރުތަކުން ރައްކާތެރިކުރެވޭނެ ހަމައެކަނި ގޮތެވެ. އަހުރެމެން ފާހަގަކުރާ ގޮތުގައި، އިސްރާއީލުގެ ހިސާރު ނިމުމަކަށް ގެނެސް، ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މައްސަލަ ހައްލުކޮށްގެން ނޫނީ މި މައްސަލައަށް ދާއިމީ ހައްލެއް ޙާސިލެއް ނުވާނެއެވެ.

ޢަރަބި- އިސްލާމީ ސަމިޓްގައި މެލޭޝިއާގެ ބޮޑުވަޒީރު ދާތޫ އަންވަރު އިބްރާހީމް ވާހަކަފުޅުދައްކަވަނީ. (ފޮޓޯ: ބަރްނާމާ މެލޭޝިއާ)<br>

ފަލަސްތީނުގެ މައްސަލައަށް ފަރުވާކުޑަކޮށްގެން ނުވަތަ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަޅައިނުލައި ތިބެގެން ސަރަހައްދީ ސުލްހަ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫންކަން އަހުރެމެން ކަށަވަރުކޮށްދެމެވެ. އަހުރެމެން ފާހަގަކުރަނީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ތާއީދާއެކު، ސުލްހައަށް ޓަކައި ޢަރަބީން މި ނެގި އިސްނެގުމަކީ މި ކަމަށްޓަކައި ކޮންމެހެން ބޭނުންތެރި އިޝާރާތެއް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، މުސްލިމުންނާއި ނަސާރާއީންގެ މުޤައްދަސާތުތަކާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން، ހަމަނުޖެހުންތައް އިތުރުވުމާއި މުޅި މަސްރަޙު އިތުރަށް ގޯސްވުމުގެ ޒިންމާ އުފުއްލާން ޖެހޭނީ އިސްރާއީލުކަމަށް އަހުރެމެން ދެކެމެވެ. މިއީ ވެސް އެގައުމުގެ ނިޒާމީ އުދުވާނީ ސިޔާސަތުތަކާއި އަމަލުތަކުގެ ނަތީޖާއާއި، ހިސާރު ދަމަހައްޓައި، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، އިންސާފުވެރި އަދި ފުރިހަމަ ސުލްހައެއް ގާއިމްވުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އިސްރާއީލުން ހިންގާ ޣައިރުގާނޫނީ ޢަމަލުތަކުގެ ނަތީޖާއެވެ.

އަހުރެމެން މި ކަށަވަރުކޮށްދެނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ހުރިހާ ހައްޤުތަކެއް އަނބުރައި އެ މީހުންނަށް ހޯދައިދީގެން ނޫނީ، އިސްރާއީލާއި، އަދި މި ސަރަޙައްދުގެ އެއްވެސް ޤައުމުތަކަށް ސުލްހައާއި އަމާންކަމެއް ނުލިބޭނެކަމެވެ. އިސްރާއީލުން ފަލަސްތީނު ހިސާރުކޮށްފައި އޮންނަ އޮތުން ދެމެހެއްޓުމަކީ، މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށާއި، ބައިނަލްއަޤްވާމީ ސަލާމަތާއި ސުލްޙައަށް އޮތް ނުރައްކަލެއްކަން އަހުރެމެން ފާހަގަކުރަމެވެ. ހުރިހާ ބާވަތެއްގެ ނަފުރަތާއި ނަސްލީ ތަފާތުކުރުންތަކާއި، ރުޅިވެރިކަމާއި، އަދި ހަރުކަށި ފިކުރު ދަމަހައްޓާ ހުރިހާ އަމަލުތަކެއް އަހުރެމެން ކުށްވެރިކުރަމެވެ.

ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް އިސްރާއީލުން ދޭ ހައިވާނީ ޙަމަލާތަކާއި، ހިންގާ ޢުދުވާނާއި ހަނގުރާމައިގެ ޖަރީމާތަކާއި ހުޅަނގު އައްސޭރިއާއި އަލްޤުދުސުއްޝަރީފުގައި ވެސް ހިންގި ވަލުޖަނަވާރުގެ ނާތަހުޒީބު ޖަރީމާތަކުގެ ސަބަބުން ކުރިމަތިވެފައިވާ މުސީބާތްތަކަށް އަހުރެމެން އިންޒާރުދެމެވެ. އިސްރާއީލުން ހަނގުރާމަ ހުއްޓާން ދެކޮޅު ހެދުމުގެ ސަބަބުން ހަނގުރާމަ ފުޅާވުމުގެ ހަގީގީ ނުރައްކަލާއި، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީސް ނުކުޅެދިފައިވާކަމުގެ އިންޒާރު އަހުރެމެން ދެމެވެ.

ޤަރާރު:

ދެންފަހެ، އަހުރެމެން އިޤުރާރުވެ މި ކަނޑައަޅަނީ.

އިސްރާއީލުން ޣައްޒާއަށް ކުރާ އަނިޔާއާއި ހަނގުރާމައިގެ ޖަރީމާތަކުގެ އިތުރަށް، އިސްތިއުމާރީ ސަރުކާރުން ޣައްޒާއާއި އަދި އިރުމަތީޤުދުސް ހިމެނޭ ގޮތަށް ހިފައިފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބާރުގަދަ، ލާއިންސާނީ އަދި އަނިޔާވެރި ޤަތުލުއާންމުތައް ކުށްވެރިކުރުމާއެކު، [ފަލަސްތީނަށް ދެމުން ގެންދާ] އުދުވާނީ އަމަލު ވަގުތުންވަގުތަށް ހުއްޓައިލުމަށް ގޮވައިލާކަމަށާއި؛

މި ބަދަލުހިފުމުގެ ހަނގުރާމައަކީ އަމިއްލަ ދިފާއުގައި ނުވަތަ އެއްވެސް ބަހަނާއެއްގެ ދަށުން ކުރުމުގެ ހައްގު [އިސްރާއީލަށް] އޮތުމަށް ދެކޮޅުހެދުމަށާއި؛

ޣައްޒާގެ ޙިސާރު ނައްތައިލައި، ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ހިމެނޭ ގޮތަށް [ޣައްޒާއަށް ފޯރުކޮށްދިނުމަށް ޓަކައި] އަރަބި-އިސްލާމީ އަދި ބައިނަލްއަގުވާމީ އިންސާނީ އެހީދޭ ފަރާތްތައް ވަގުތުންވަގުތަށް ޣައްޒާއަށް ވަނުން ލާޒިމުކުރުމަށާއި،

ޢަރަބި އިސްލާމީ ސަމިޓްގެ ތެރެއިން ސުޢޫދީ ވަލީޢަހުދާއި ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް ސަލާމްކުރައްވަނީ (ފޮޓޯ: ސަޢޫދީ ޕްރެސް އެޖެންސީ)

މި ކަމަށް ޓަކައި އެ ސަރަހައްދަށް ވަނުމުގެ މުހިންމުކަމާއި، އެ މީހުންގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ގޮތަށް ޓީމުތައް ހިމާޔަތްކުރުމަށް ޓަކައި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބައިވެރިވުމަށް ގޮވައިލުމާއެކު، އދ.ގެ ރިލީފް އެންޑް ވޯރކްސް ފޮރ ފަލަސްތީން ރެފިއުޖީސް އެޖެންސީ (ޔޫއެންއާރުޑަބްލިޔުއޭ)އަށް އެހީތެރިވުމުގެ މުހިންމުކަން އަހުރެމެން ކަށަވަރުކޮށްދިނުމާއި އިސްރާއީލުން ޣައްޒާއަށް ދޭ އަނިޔާވެރި ޙަމަލުތަކުގެ ނަތީޖާއާ ކުރިމަތިލުމަށް މިސްރުގެ އަރަބި ޖުމްހޫރިއްޔާއިން އަޅާ ހުރިހާ ފިޔަވަޅަކަށް ތާއީދުކުރުމާއެކު، ދެމެހެއްޓެނިވި އަދި އެކަށީގެންވާ ގޮތެއްގައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޓަކައި، ކުރާ މަސައްކަތްތަކަށް އަހުރެމެން ތާއީދުކުރާކަމަށާއި؛

26/10/2023 ގައި އދ.ން ފާސްކޮށްގައިވާ އޭ/އީއެސް-10/އެލް.25ނަންބަރު ގަރާރަށް ޢަމަލުނުކުރުމަކީ ކުށެއްނެތް މީހުންނާއި ކުޑަކުދީންނާއި މުސްކުޅިންނާއި އަންހެނުން މަރައި، ޣައްޒާ ފަނާކޮށްލުމަށް އިސްރާއީލުން ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތަކަށް ފުރުޞަތު ލިބޭ، އަދި އެ އަނިޔާވެރިކަމަށް އެއްބާރުލުން ދިނުންކަމަށް ބެލެވޭކަމަށާއި؛

[އެހެންކަމުން] ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް، އެ މީހުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި އިސްކޫލްތަކާއި މިސްކިތްތަކާއި ނަސާރާ ފައްޅިތަކާއި އެ މީހުންގެ ހުރިހާ ގާބިލްކަމެއް ނައްތައިލާން [އަދުއްވުންގެ] ސިފައިންނާއި ޓެރަރިސްޓު ވަޒަންވެރީން ބޭނުންކުރާ ހަތިޔާރާއި ވަޒަންތައް އެކްސްޕޯޓްކުރުން ހުއްޓައިލާން ގޮވައިލާކަމަށާއި؛

ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ޣައްޒާގެ ހޮސްޕިޓަލްތައް އިސްރާއީލުން ނައްތައިލުމާއި، ބޭހާއި ކާނާއާއި ތެލަށް ހުރަސްއަޅައި، ކަރަންޓާއި ފެނާއި މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓް ފަދަ މުހިންމު ޚިދުމަތްތައް ކަނޑައިލުން ކުށްވެރިކުރާ ގަރާރެއް އަވަހަށް ފާސްކުރާން ސަލާމަތީ މަޖިލީހަށް ގޮވައިލުމަށާއި؛

އެންމެންނަށް ޢަންމުވެގެންދާ ފަދަ ގޮތަކަށް އިޖުތިމާޢީ އަދަބުދިނުމުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށް ކަނޑައެޅުމާއެކު، އަހުރެމެން ބާރުއަޅަނީ، ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވުން ކަށަވަރުކުރުމަށާއި، މި ބާރުގަދަ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ހިންގުން ވަގުތުން ހުއްޓައިލާން އިސްރާއީލުގެ މައްޗަށް މި ޤަރާރު ލާޒިމުކުރުމަށާއި؛

އިސްރާއީލުން އެތައް އަހަރަކުއްސުރެ ޣައްޒާގެ ސަރަހައްދު ޙިސާރުކޮށް ބަންދުކޮށްފައި އޮންނަ އޮތުން އުވައިލުމުގެ މުހިންމުކަން އަހުރެމެން ފާހަގަކުރާކަމަށާއި؛

އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ފަލަސްތީނުން [އިސްރާއީލު] ހިފައިފައިވާ ހުރިހާ ސަރަޙައްދެއްގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމަވެރި ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ތަހުގީގުކުރާން ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލާކަމަށާއި؛ އަދި

މި ތަހުގީގު ތަންފީޒުކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް ބަލައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތައް ފުރޭފުކޮށް ބެލެހެއްޓުމަށް ޓަކައި، މި ކަން މޮނީޓަރުކުރާނެ ގާނޫނީ ޚާއްޞަ ދެ ޔުނިޓެއް އުފައްދާން، އަހުރެމެން، އޯއައިސީއާއި އަރަބި ލީގުގެ އާންމު އިދާރިއްޔަތާ ހަވާލުކުރުމަށާއި މި ފުރޭފުގައި ޣައްޒާއާއި އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް، ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ޚިލާފަށް ހިންގައިފައވާ ހުރިހައި ޖަރީމާތަކެއް ހިމެނޭންވާނެކަމާއި، މޮނީޓަރުކުރާ މިއިން ކޮންމެ ޔުނިޓެއް ވެސް އެކުލަވައިލެވޭތާ 15 ދުވަސް ފަހުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އަރަބި ލީގުގެ ކައުންސިލާއި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލަށް ހުށަހަޅަންވާނެކަމަށާއި އޭގެ ފަހުން ކޮންމެ މަހަކު އެއް ފަހަރު ރިޕޯޓް ހުށަހަޅާން ޖެހޭނެކަމަށާއި؛

އީރާނުގެ ރައީސް އިބްރާހީމް ރައީސީ (ވ) ސުޢޫދީ ވަލީޢަހުދު އަމީރު މުޙަންމަދު ބިން ސަލަމާނާ، ސުޢޫދީ ޢަރަބިއްޔާގައި 2023 ނޮވެންބަރު 11 ގައި ބައްދަލުކުރައްވަނީ (ފޮޓޯ: އީރާނީ ރިޔާސަތު)&nbsp; <br>

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އެ މީހުންގެ ބިންތައް ހިފައިފައި ވާތީ، މި ކަމާ ބެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ފަލަސްތީނުގެ ދައުލަތުގެ ގާނޫނީ އަދި ސިޔާސީ އިސްނެގުމަކަށް ތާއީދުކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، ހިފައިފައިވާ ބިންތަކުގައި ހިންގާ ހުރިހާ ޖަރީމާތައް ފުރޭފުކުރުމަށާއި މޮނިޓަރުކުރާ ދެ ޔުނިޓެއް ގާއިމްކުރުމަށް ޓަކައި، ދެ އިދާރިއްޔަތާ ހަވާލުކުރުމަށާއި؛

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ ފިޔަވަޅެއް އެކަށައަޅައި ދާއިމީ ގޮތެއްގައި މި ކަން ހާސިލްކުރުމަށް ޓަކައި ހަގީގީ ސީރިއަސް ސިޔާސީ ފިއްތުންތައް ކުރިމަތިކުރުމަށް 32ވަނަ އަރަބި އަދި އިސްލާމިކް ސަމިޓްގެ ރިޔާސަތުގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، އުރުދުނާއި، މިސްރާއި، ގަތަރާއި، ތުރުކީއާއި، އިންޑޮނޭޝިއާއާއި، ނައިޖީރިއާއާއި، ފަލަސްތީނުގެ ޚާރިޖީ ވަޒީރުންނާއި، އަދި ޝައުގުވެރިވާ އެހެން ޤައުމުތަކުން [މި ކަންކަން ގާތުން ބަލާން] ދެ ޖަމާއަތުގެ އަމީންއާންމާ ހަވާލުކުރުމާއި، ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ ކަނޑައެޅުންތަކާ އެއް ގޮތަށް ފުރިހަމަ ސުލްޙައެއް ގާއިމްކުރުމަށް ޓަކއި އޯއައިސީއާއި އަރަބި ލީގުގެ މެންބަރު ގައުމުތަކަށް ދިބުލުމާސީ، ސިޔާސީ، އަދި ގާނޫނީ ފިއްތުންތައް ކުރިމަތިކުރުމަށާއި، [ފަލަސްތީނުގެ ބިންތައް ހިސާރުކޮށް] އިސްތިއުމާރުކުރާ ފަރާތްތަކުން އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ކޮންމެވެސް ފިޔަވަޅެއް އެޅުމަށް ގޮވާލުމާއި؛

ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ދެ މިންގަނޑުން ޢަމަލުކުރުން ކުށްވެރިކުރުމާއި، މި ދެ މިންގަނޑުގެ ސަބަބުން ބައިނަލްއަގުވާމީ ޤާނޫނުން އިސްރާއީލު ރައްކާތެރިކޮށް، ޤާނޫނުގެ މައްޗަށް އިސްރާއީލު ބެހެއްޓުމުގެ އިތުބާރާއި، އިންސާނީ އަގުތަކުގެ ނިޒާމު ތަންފީޒުކުރުމުގައި ޚިޔާރުކުރެވޭ ގޮތް ހާމަވެ، ގިނަ ފަރާތްތައް ގުޅިގެން ހިންގޭ ޙަރަކާތްތަކުގެ އިތުބާރަށް ވެސް ވަރަށް ބޮޑަށް ބުރޫއަރާކަމުގެ އިންޒާރު ދިނުމާއި؛

އަދި އަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ މަޤާމުތަކަށް އަސަރުކުރާނީ ޙަޟާރަތްތަކާއި ސަޤާފަތްތަކުގެ މެދުގައި ފާހަގަކުރެވޭ ފަދަ ދެ މިންގަނޑަކުން ޢަމަލުކުރުމުގެ ސަބަބުންކަމަށް ބާރުއަޅައި، ޣައްޒާގެ އުތުރުން ދެކުނަށް ފަލަސްތީނުގެ މީހުން ގެދޮރު ނައްތައިލުމަކީ 1949ވަނަ އަހަރުގެ ހަތަރުވަނަ ޖެނީވާ މުއާހަދާއާއި 1977ވަނަ އަހަރުގެ ޕްރޮޓޮކޯލްގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ކުށްވެރިކުރުމާއި؛

މި ފަދަ ޢަމަލުތައް ޖަމާޢީ ގޮތުން ކުށްވެރިކުރުމަށް މުޢާހަދާގެ ބައިވެރީންނަށް ގޮވާލުމަށާއި، މި ދަށު ދަރަޖައިގެ ލާއިންސާނީ ހަގީގަތް ދެމެހެއްޓުމަށް އިސްތިއުމާރީ ވެރީން ކުރާ މަސައްކަތާ ކުރިމަތިލުމަށް އދ.ގެ ހުރިހާ ޖަމާއަތްތަކަށް ގޮވައިލުމަށާއި؛ އަދި ގެދޮރު ގެއްލިފައިވާ ފަރާތްތައް އެ މީހުންގެ ގެދޮރާއި ސަރަހައްދުތަކަށް އަވަހަށް އަނބުރައި ގެނައުމުގެ މުހިންމުކަމަށް އަލިއަޅުވައިލުމަށާއި؛

ސަމިޓުގައި ތުރުކިޔޭގެ ރައީސް ޠައްޔިބު އުރުދުޣާން ތަޤުރީރުކުރައްވަނީ (ފޮޓޯ:&nbsp; english.news.cn)<br>

ޣައްޒާގެ ތެރޭގައި ވިޔަސް، އަލްޤުދުސް (ޤުދުސް) ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ވިޔަސް، ނުވަތަ އެ މީހުންގެ ސަރަޙައްދުތަކުން ބޭރުގައި ފަލަސްތީނުގެ ރައްޔިތުން ވަކިވަކީން ނުވަތަ ޖަމާޢަތުން މަޖުބޫރުކޮށްގެން ގެދޮރުން ބޭރުކޮށް އަރުވައިލުމަށް ހިންގާ [ނަކުބާގެ] ހުރިހާ ޙަރަކާތަކަށް އެންމެން ދެކޮޅުހެދުމާއެކު، އެއީ [ހުރަސްކުރެވިގެން ނުވާނެ] ރަތް ރޮނގެއްކަމަށާއި ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބަލައިގެން، މަދަނީންނަށް އަމާޒުކޮށްގެން މީހުން މަރާން ދޭ ޢުދުވާނީ ޙަމަލާތައް، އަހުރެމެންގެ އިންސާނީ އަގުތަކުގެ މައްޗަށް ބިނާވެފައިވާ އަދި ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުށްވެރިކޮށް، މި ކަމަށް ޓަކައި ބައިނަލްއަގުވާމީ މުޖުތަމަޢުން އަޅާންޖެހޭ ކުއްލި އަދި އަވަސް ފިޔަވަޅުތަކަށް އަލިއަޅުވައިލުމާއި، ޤައުމިއްޔަތާއި، ނަސްލާއި، ޢަޤީދާގެ މައްޗަށް ބިނާކޮށް ތަފާތުކުރާ ތަފާތުކުރުންތަކާ ދެކޮޅު ހަދައި، ދިރިހުރުމުގެ ހައްގަކީ އެންމެންނަށް އެއްވަރަށް ހަމަހަމަކަމާއެކު ލިބިދޭން ޖެހޭ ހައްގެއްކަމަށް ގޮވައިލުމަށާއި؛

ހުރިހާ ގައިދީންނާއި އާންމުން ދޫކޮށްލުމުގެ މުހިންމުކަން ފާހަގަކޮށް އިސްތިޢުމާރީން ފަލަސްޠީނުގެ އެތައް ހާސް ގައިދީންނާ ދެކޮޅަށް ހިންގާ ނަފުރަތާއި ރުޅިވެރިކަމުގެ ބޮޑެތި ޖަރީމާތައް ކުށްވެރިކުރުމަށާއި؛

އަދި މި ޖަރީމާތައް ހުއްޓައިލުމަށާއި އެ ކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ކަމާބެހޭ ހުރިހާ ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ފިއްތުންތައް ކުރިމަތިކުރުމާ އެކު، ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހިމެނޭ ފަލަސްތީނުގެ ރަށްތަކާއި ސިޓީތަކާއި ރެފިއުޖީ ކޭންޕުތަކުގައި އިސްތިޢުމާރުން ހިންގާ ގަތުލުއާންމުގެ ޖަރީމާތަކާއި އަލްއަޤްސާ މިސްކިތާއި އިސްލާމީ އަދި ހުރިހާ ދީންތަކެއްގެ ހުރިހާ މުޤައްދަސާތުތަކަށް ދޭ ހުރިހާ ހަމަލާތައް ހުއްޓުވުމަށާއ،  އިސްރާއީލުން ކުރިއަށް ގެންދާ ގާނޫނާ ޚިލާފު ހުރިހާ އަމަލުތަކެއް ހުއްޓައިލައި، ޚާއްޞަކޮށް ފޭރިގެންފައިވާ ބިންތަކުގައި ޔަހޫދީންގެ އާބާދީތައް ބިނާކުރުމާއި ފުޅާކުރުމާއި، ބިން އަތުލުމާއި، ފަލަސްތީނުގެ މީހުން އެ މީހުންގެ ގެދޮރުން ގަދަކަމުން ނެރެ ބޭރުކުރުމުގެ ޣައިރުގާނޫނީ ޢަމަރުތައް ހުއްޓައިލުމަށް އިސްރާއީލަށް ބާރުއެޅުމަށާއި؛

ފަލަސްތީނުގެ ސިޓީތަކާއި ރެފިޔުޖީ ކޭންޕުތަކާ ދެކޮޅަށް އިސްތިޢުމާރީ ސިފައިން ފަށައިފައިވާ އަސްކަރީ ޙަރަކާތްތަކާއި ބޯހިޔާވަކިކަމުގެ ނިރުބަވެރިކަން ކުށްވެރިކުރާކަމަށާއި؛

އަދި މި ފަދަ ފަރާތްތަކާއި ޖަމާޢަތްތައް ދުނިޔޭގެ ނިރުބަވެރީންގެ ލިސްޓުގައި ލިސްޓުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އެހެން ހުރިހާ ޤައުމުތަކަށް ލިބިދޭ ހުރިހާ ހައްޤުތަކެއް ލިބިގެންވާނެކަމަށާއި އެމީހުންގެ ބިމުގައި، އެމީހުންނަށް ބައިނަލްއަޤްވާމީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސްކުރާކަމަށާއި؛

ގުދުސްގެ އިސްލާމީ އަދި އެހެން ދީންތަކުގެ މުގައްދަސް ތަންތަނަށް އިސްރާއީލުން ދޭ ހަމަލާތަކާއި އަޅުކަންކުރުމުގެ މިނިވަންކަމަށް ގާނޫނާ ޚިލާފަށް އިސްރާއީލުން އަޅާ ނާޖާއިޒު ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކުރާކަމަށާއި؛

ސަމިޓްގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ތަޤުރީރުކުރައްވަނީ: (ފޮޓޯ: english.news.cn)<br>

މުޤައްދަސް ތަންތަނުގައި މިހާރު އޮތް ގާނޫނީ އަދި ތާރީޚީ ހާލަތަށް އިހުތިރާމްކުރުމުގެ މުހިންމުކަމަށް އަލިއަޅުވައިލުމާއެކު، 144،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ހުންނަ އަލްއަޤްސާ މިސްކިތް/ އަލްޙަރަމުއްޝަރީފަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރާ ތަނެއް ކަމުގައި ފާހަގަކޮށް، އުރުދުންގެ އައުޤާފާއި އަލްއަޤްސާ މިސްކިތާ ބެހޭ ޑިޕާޓްމަންޓަކީ އެ ތަން ބެލެހެއްޓުމުގެ އަހުލިއްޔަތު ޝަރުޢީ ގޮތުން އޮތް، ޒިންމާ އުފުލަންޖެހޭ، ފަރާތްކަށް ކަނޑައެޅުމަށާއި؛

ގުދުސްގެ އިސްލާމީ އަދި ނަޞާރާއިންގެ މުޤައްދަސް ތަންތަން، ތާރީޚީ ހާޝިމީން ބެލެހެއްޓުމުގެ ތެރެއިން، އަލްއަޤްސާ މިސްކިތަށް ވަދެވޭނެ ގޮތް ހަމަޖެއްސުމަށާއި، އަދި އެ ކަން ހިނގާނުހިނގާ ގޮތް ބެލެހެއްޓުމަށާއި، އަދި އަލްޤުދުސް ކޮމިޓީގެ ދައުރާއި، އެ މުޤައްދަސް ސަހަރުގައި އިސްރާއީލުގެ އިސްތިޢުމާރީ އަމަލުތައް ހައްލުކުރުމުގައި އެ ކޮމިޓީންކުރާ މަސައްކަތަށް ތާއީދުކުރުމަށާއި؛

ފަލަސްތީނުގެ ރައްޔިތުންގެ ހަމައެކަނި ޝަރުއީ މަންދޫބަކީ ފަލަސްތީނުގެ ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ކަމަށް ބަލައި ފަލަސްތީނުގެ ހުރިހާ ފިރުޤާތަކަކާއި ޕާޓީތައް އެ ޖަމާއަތުގެ ލީޑަރޝިޕްގެ ދަށުން އެއްބައިވަންތަވެ، ޕީއެލްއޯ އިސްވެ އޮވެ، އެކުލަވައިލެވޭ ގައުމީ އިއްތިޙާދެއްގެ ދަށުން ފަލަސްތީނުގެ ޒިންމާތައް އުފުލުމަށް ޙަވާލުކުރާން ބާރުއެޅުމަށާއި؛

އިސްރާއީލުގެ ހިސާރު ނިމުމަކަށް ގެނެސް ބައިނަލްއަގުވާމީ ޤާނޫނާއި ކަމާބެހޭ ގާނޫނީ ނިންމުންތަކާ އެއްގޮތަށް އަރަބި އިސްރާއީލުގެ ކޯޅުން ހައްލުކުރުމުގެ މަގުސަދުގައި، އިސްތިރާޖީ އިޚުތިޔާރެއްގެ ގޮތުގައި ސުލްޙައަށް ވަޢުދުވުމަށް ބާރުއެޅާކަމަށާއި؛

އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 242 (1967)، 338 (1973)، 497 (1981)، 1515 (2003)، އަދި 2334 (2016) ހިމެނޭ ގޮތަށް؛ އެއްބައިވަންތަ އަރަބި އިއްތިހާދެއްގެ ގޮތުގައި އަދި މެދުއިރުމަތީގައި ސުލްހަ އާލާކުރުމުގެ އެއްވެސް މަސައްކަތެއްގެ ބިންގަލެއްގެ ގޮތުގައި 2002ވަނަ އަހަރުގެ އަރަބި ސުލްހައިގެ އިސްނެގުމުގައި ވާ ކަންތައްތަކަށް މުޅިން ތަބާވުމަށާއި އިސްރާއީލާއެކު ސުލްހަ ގާއިމްކުރުމާއި އާންމު ގުޅުންތައް ގާއިމްކުރުމުގެ ޝަރުޠު ބިނާވެފައިވަނީ ފަލަސްތީނާއި އަރަބި ހުރިހާ ސަރަޙައްދެއް އެ ޤައުމުން ޙިސާރުކުރުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ފޭރިގަނެވިފައިވާ ހައްގުތައް އަލުން ހޯދައިދިނުމާއި،  އަދި ޖޫން 4، 1967 ގައި ކަނޑައެޅިފައި އޮތް ގޮތަށް އެއީ ސަރަހައްދީ އިންކަމަށް ބަލައިގެން އިރުމަތީ ގުދުސް އެއީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނަށް އެ މީހުންގެ ކަންކަން އަމިއްލައަށް ނިންމުމުގެ ހައްގު ހިމެނޭ ގޮތަށް މިނިވަން، ފުރިހަމަ އިސްތިގުލާލީ ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް އިސްކަންދިނުމަށް ކަމަށް ކަނޑައަޅާކަމަށާއި؛ އަދި

ފަލަސްތީނުގެ ރެފިއުޖީންނަށް ބަދަލުދިނުމާއި، އެ މީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހައްގުދީ އެ މީހުންގެ މައްސަލަ އދ.ގެ އާންމު މަޖިލީހުގެ 1948 ވަނަ އަހަރުގެ ގަރާރު 194 ގައިވާ ގޮތުގެ މަތިން އިންސާފުވެރިކަމާއެކު ޙައްލުކޮށްގެންކަމަށް ކަނޑައަޅާކަމަށާއި؛

ޤަޠަރުގެ އަމީރު ޞާޙިބުއްސުމުއްވުލްއަމީރު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ: ޤަޠަރު ނިއުސް އެޖެންސީ)<br>

ފަލަސްތީނުގެ ރައްޔިތުންގެ ހުރިހާ ޝަރުއީ ހައްގުތަކެއް ފުރިހަމަވާ ދެ ދައުލަތުގެ ޙައްލު ގާއިމްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން އަވަސް ސުލްހައިގެ މަރުހަލާއެއް ފަށާން ޖެހޭ ކަމަށް ބާރުއަޅާކަމަށާއި؛ ޚާއްޞަކޮށް 1967 ޖޫން 4ގެ ސަރަހައްދީ އިމުގައި މިނިވަން، އިސްތިޤްލާލީ ދައުލަތެއް އަރަބި ސުލްހައިގެ އިސްނެގުމުގެ ފުރިހަމަ އޮނިގަނޑާ އެއް ގޮތަށް، އިރުމަތީ ގުދުސް އެ ދައުލަތުގެ ވެރިރަށް ކަމުގައި ހިމެނޭހެން [ފަލަސްތީނުގެ ދައުލަތް ގާއިމުކުރުން] ޙަޤީޤަތަކަށް ހަދައިދިނުމުގެ ހައްގު ފަލަސްތީނަށް ލިބިދޭން ޖެހޭކަމަށާއި؛

75 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން، އިސްރާއީލާ އެކު ސަލާމަތާއި ސުލްހަ ގާއިމްކޮށް، ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރެވި އޮތީ، ބައިނަލްއަގުވާމީ ނިންމުމާ އެއް ގޮތަށް އިސްރާއީލު ޢަމަލު ނުކުރާތީއްޔާއި، އިސްރާއީލުގެ އިސްތިޢުމާރުގެ ޖަރީމާތަކަށް ރައްދު ނުދިނުމާއި، އާބާދީ ބިނާކުރުމާއި ފުޅާކުރުމުގެ ތެރެއިން ދެ ދައުލަތުގެ ހައްލަށް ބުރޫއަރާ ސިޔާސަތުތަކާއި، އިސްރާއީލަށް ޝަރުޠެއް ނެތި ކުރާ ތާއީދުގެ ސަބަބުންނާއި، އިސްރާއީލު ޖަވާބުދާރީނުކުރުމުގެ އިތުރަށް މި ޖަރީމާތަކަށް އަޅައިނުލުމުގެ ނުރައްކާތެރިކަމާއި ބައިނަލްއަޤްވާމީ ސަލާމަތާއި ސުލްޙައަށް އެ ކަމުން ކުރާ ނޭދެވޭ އަސަރާ ބެހޭ ގޮތުން މެދުނުކެނޑި ދޭ އިންޒާރުތަކަށް [އިސްރާއިލާއި ހުޅަނގުން] ފަރުވާކުޑަކުރުމުގެ ސަބަބުން ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި؛

އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރިއާއި ޣައްޒާ ވަކިކުރުން ދެމެހެއްޓޭ ކޮންމެ ހުށަހެޅުމަކަށް ދެކޮޅު ހަދައި، ޣައްޒާއާ މެދު ކުރިއަށް އޮތް ތަނުގައި ގެންގުޅޭ ކޮންމެ ނިންމުމެއް ވެސް އޮންނާން ޖެހޭނީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އެއްބައިވަންތަކަން ކަށަވަރުކޮށްދޭ ފުރިހަމަ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ އިމުގެ ތެރެއިން ކަމަށް ބާރުއަޅާން ޖެހޭނެކަމަށާއި؛

ފަލަސްތީނުގެ ދައުލަތް، 1967 ޖޫން 4ގެ އިމުގައި، އިރުމަތީ ގުދުސް އެއީ ވެރިރަށްކަމަށް ކަނޑައެޅިފައިވާ މިނިވަން، ސިޔާދަތީ، އިސްތިގުލާލީ ދައުލަތެއްގެ ގޮތުގައި ޙަޤީޤަތަކަށް ވާންޖެހޭކަމަށާއި؛ [މި ކަމާ ބެހޭ ގޮތުން] ބައިނަލްއަޤްވާމީ ސުލްޙައިގެ މަހާސިންތާއެއް، ވީހާ ވެސް އަވަހަކަށް ބާއްވާން ގޮވައިލުމާއެކު، އެ މަހާސިންތާ މެދުވެރިކޮށް، ބައިނަލްއަޤްވާމީ ޤާނޫނާއި، ޝަރުޢީ ޤަރާރުތަކާއި، ސުލްޙައަށް ޓަކައި [ފަލަސްތީނުން ދޫކޮށްލައިފައިވާ] ބިމުގެ އުސޫލުގެ މައްޗަށް ބިނާކޮށް، ކަނޑައެޅިފައިވާ [ކުރު] މުއްދަތެއްގެ ތެރޭގައި އަދި ބައިނަލްއަޤްވާމީ ކަށަވަރުކުރުމުގެ މައްޗަށް ބިނާކޮށް، އެންމެ ފަހުން1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތަކުން އަތުލައިގަތް ބިންތަކާއި އިރުމަތީ ގުދުސާއި ހިފައިފައިވާ ސީރިއާގެ ގޯލާންގެ އުސް ބިންތަކާއި (ގޯލާންހެއިޓްސް)، ޝެބާ ދަނޑުބިމާއި، ކްފާރު ޝޫބާ ފަރުބަދަތަކާއި، ލުބުނާނުގެ އަލްމާރީ އަވަށުގެ ބޭރު ފަރާތްތައް ހިމެނޭ ގޮތަށް [ފަލަސްތީނުގެ ދައުލަތް ބިނާކުރާންޖެހޭކަމަށާއި]؛

އިސްލާމިކް ސަމިޓް ކޮންފަރެންސްގެ ސަތާރަވަނަ ޖަލްސާއާއި އަރަބި ސަމިޓްގެ ގަރާރުތަކާ އެއްގޮތަށް އަރަބި އަދި އިސްލާމީ މާލީ ރައްކާތެރިކަމުގެ ވިޔުގަ ޙަރަކާތްތެރިކޮށް، ފަލަސްތީނުގެ ސަރުކާރަށާއި އަދި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ޕެލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ) އަށް  މާލީ އެހީތެރިކަމާއި އިގްތިސާދީ، މާލީ، އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި؛

އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓައިލުމާއެކު އެ މީހުންގެ ސަބަބުން ކުރިމަތިވެފައިވާ ފަނާކުރަނިވި ޙާލަތަށް އަވަހަށް ލުއި ދިނުމަށް ޓަކައި ޣައްޒާ އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކެއް ގުޅިގެން އަވަސް ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ބާރުއެޅުމާއި؛

އަރަބި ލީގާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލަށް ވެސް [މި] ގަރާރު ތަންފީޒުކުރުމުގެ ޒިންމާ މަތިކޮށް މި ކަންކަން ގާތުން ބަލައި ބަލަހައްޓައި، އެ ޖަމުޢިއްޔާތަކުގެ ކުރިއަށް އޮތް ޖަލްސާތަކުގައި އެކަމާ ބެހޭ ރިޕޯޓެއް ހުށަހެޅުމަށެވެ. (ނިމުނީ)


އެޑިޓަރުގެ ނޯޓް
މި ގަރާރުގެ ތަރުޖަމާ އިބާރާތްކޮށްފައި މި ވަނީ މުޅި ގަރާރުގެ މަގުސަދާއި މާނަ ނުގެއްލޭ ގޮތަށް ދިވެހި ގަރާރުތަކުގެ ސަގާފަތާއި ތަބީއަތާ އެއް ގޮތަށެވެ. މި ގަރާރު ތަރުޖަމާކުރުމުގެ ބުރަ މަސައްކަތްކޮށްދެއްވިކަމަށް ޓަކައި، ފަރަގު ޓީމަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަނަންނަވަމެވެ. އެޑިޓަރު

Advertisement

ކޮމެންޓް