Advertisement

ހިނިތުންވުމާއި އޭގެ މުހިންމުކަން

11 Nov 2023 | 22:05
ހިނިތުންވުމަކީ ޞަދަޤާތެކެވެ. (ޙަދީޘް)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1.     ރަބީއު މޫސުމަކީ، ތަބީއަތް އޭގެ ހިބަކުރުންތަކުގެ ކުރީން، ހިނިތުންވެލާ ހިނިތުންވެލުމެކެވެ. އެހެނީ، އެއްވެސް އެއްޗެއް ހިބަކޮށް، ދިނުމާ އެކުގައި ރުހުމުގެ ހިނިތުންވެލުމެއް ނުވާ ނަމަ، އެ ދިނުމުގައި އޮންނާނީ ކޮން އަގެއްހެއްޔެވެ؟

2.     އެހެންވެ، ތަބީއަތުގެ މި ސިފައިން ފިލާވަޅު ލިބިގަނެ، ރުހުމުގެ ހިނިތުންވުމަކުން ހިނިތުން ވެލައި، ސަދަގާތް ކުރާށެވެ!

3.     ތިން ކަމަކާ މެދު ސަމާލުވެ، ރައްކާތެރިކަން ހޯދައިގެން އެ ކަންކަމާ ދުރުގައި ހުރުން ބުއްދިވެރިއެވެ. ނައަމްސޫފިތަކުގެ ދަޅުންނާއި އަހުގެ މޮށްގަޑުންނާއި ސިޔާސީ މުނާފިގުންގެ ހިނިތުންވުމުންނެވެ.

4.     ހިނިތުންވެލުން ގަނޑުފެންގަޑު ވެސް ވިރުވައިލައެވެ. ހިތްހަމަޖެހުން ގެނެސް ފަތުރައިލައެވެ. ޒަޚަމްތައް ފަސޭހަކޮށްލައެވެ. އިންސާނީ ސާފު ތެދުވެރި ގުޅުންތައް ހުޅުވައިލަދޭ ރަން ތަޅުދަނޑިއަކީ ހިނިތުންވެލުމެވެ.

ހިނިތުންވުމަކީ ޞުލްޙައިގެ ތަޅުދަނޑިއެކެވެ.<br>

5.     ބައެއް ފަހަރުފަހަރު، ހިނިތުންވެލުމުގެ ސަބަބަކަށް ވަނީ އުފާވުމެވެ. ނަމަވެސް، އަނެއް ބައިފަހަރު ހިނިތުންވެލުމަކީ އުފާވުމުގެ ސަބަބަކަށް ވެސް ވެދެއެވެ.

6.     ކޮންމެ މީހަކާ ބައްދަލުވާ ބައްދަލުވުން ހިނިތުންވުމަކުން ފެށުން ރިވެތި އަޚުލާގުގެ ތެރެއިން ހިމެނެއެވެ. ހަމަ އެހެންމެ، ބައްދަލުވުން ނިމި، ވަކިވެލާއިރު، ހިނިތުންވެލުން، އެ ބައްދަލުވުމުގެ އެންމެ ފަހުގެ ހަނދާނަށްވެ، އެ ބައްދަލުވުމަށް އިތުރު ފުރިހަމަކަމެއް ގެނެއެވެ.

7.     ހަޔާތަކީ ލޯނގަޑެއް ފަދަ އެއްޗެކެވެ. ލޯގަނޑެއްގެ ކުރިމަތީ ހުއްޓި ހުރެ ހިނިތުންވެލުމުން، އިނބަގެ އެންމެ ހިތްގައިމު ސޫރަ ފެންނަ ފަދައިން، ހަޔާތް މެދުވެރިކުރުވާ ކަންކަމާ، ހިނިތުންވެ ކުރިމަތި ލުމުން، އެންމެ އެކަށީގެންވާ ހެޔޮ ނަތީޖާ ފެންނަ ގޮތް ވެއެވެ.

8.     ހިނިތުންވާން ނޭނގޭ ނަމަ، ފިހާރައެއް ހުޅުވާން ގަސްތު ނުކުރާށެވެ.

ހިނިތުންވުމަކީ ހިތްހަމަޖެހުމުގެ ރަމްޒެކެވެ.<br>

9.     އިނބަގެ ނުރައިގެ ވިދުމާ މެދު ކަނބޮޑު ނުވާށެވެ. އެހެނީ އެ ވިދާ ވިދުމަކީ އިނބަށް ހެޔޮ ރައުޔާއި އަދަބުވެރިކަމުގެ ރީތި ސިފަތައް ލިބިގެންވާ ކަމުގެ ނިޝާނެކެވެ.

10.  އިނބަގެ ތުންފަތް ހިނިތުންވެލާ އިރު، އިނބަގެ ހިތް ވެސް ހިނިތުންވެލިޔަ ދޭށެވެ!

11.  ދުނިޔެއަކީ ކެމެރާއެކެވެ. އެ ކެމެރާ ކުރިމަތީ ހިނިތުންވެލައިގެން ހުންނާށެވެ!

12.  ދެރަވެ، ހިތާމަކުރާ ވަގުތުގައި ވެސް ހިނިތުންވެލަން ހަނދާންކުރާށެވެ! އެހެނީ، އެ ހިނިތުންވެލުން އެހެން މީހަކަށް ފެނި، އޭނާގެ ހިތަށް ހަމަޖެހުން އެ ކަމުން ލިބިދިނުމަށެވެ.

13.  ނަބަވީ އިރުޝާދެއްގެ މާނައިގައި އޮވެއެވެ. އެއްވެސް ހެޔޮ އަމަލަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ! އެހެން މީހަކާ ބައްދަލުވާ ހިނދު ހިނިތުންވެލުމަކީ ވެސް ސަދަގާތެކެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް